ޕެނަލްޓީން ގްރީންސްޓްރީޓްސް ބަލިކޮށް މާޒިޔާ ސެމީ އަށް

ގަދަފަދަ މާޒިޔާ ބަލިކޮށް ގްރީންސްޓްރީޓްސް އެފްއޭ ކަޕުގެ ސެމީ ފައިނަލުން ޖާގަ ހޯދުމާ ސިކުންތުކޮޅަކާ ގާތުގައި އޮއްވާ މާޒިޔާ އިން 2-2 އިން މެޗު އެއްވަރުކޮށް، ޕެނަލްޓީ އަށް ގޮސް 8-7 އިން މޮޅުވެ މުބާރާތުގެ ސެމީން މިރޭ ފުރުސަތު ހޯދައިފި އެވެ.


ގްރީންސްޓްރީޓްސް ބަލިވި ނަމަވެސް އެ ޓީމުން، ރާއްޖޭގެ ލީގު ޗެމްޕިއަނުންނާ ދެކޮޅަށް ދެއްކީ ތައުރީފް ހައްގު ފަދަ ކުޅުމެކެވެ. ހާއްސަކޮށް އެ ޓީމުގެ ދިފާއީ ފާރުން ވަނީ މާޒިޔާ ހިފެހެއްޓުމުގައި ވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ. މިރޭ ގްރީންސްޓްރީޓްސް ކުޅުނީ އާ ކޯޗު އަލީ ނިސްތާރުގެ ކޯޗުކަމުގަ އެވެ. ފޯކައިދޫގެ ކުރީގެ ކޯޗު ގްރީންސްޓްރީޓްސްއާ ދާދި ފަހުން ހަވާލުވީ އެ ޓީމުގެ ކޯޗު އަލީ ސުޒޭން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަމާ ހަވާލުވުމުންނެވެ.

އަނެއްކޮޅުން މިއީ މާޒިޔާ އިން ހަފުތާއެއްގެ ތެރޭ ޕެނަލްޓީން ކުރި ހޯދަން ޖެހުނު ދެ ވަނަ މެޗެވެ. މިދިޔަ ހަފުތާގެ ބުދަ ދުވަހު އެ ޓީމު އޭއެފްސީ ކަޕުގެ ޕްލޭއޮފުން އިންޑިއާގެ ސުޕަ ލީގު ޗެމްޕިއަން ބެންގަލޫރު އެފްސީ އަތުން މޮޅުވީ ވެސް ޕެނަލްޓީ ޖަހައިގެންނެވެ.

މިރޭގެ މެޗުގައި މާޒިޔާ އަށް ދިމާވި އެންމެ ބޮޑު މައްސަލައަކަށްވީ ފޯވާޑް ކޮލޭނިއަސް ސްޓެވާޓް ނެތުމެވެ. އަސަދުﷲ އަބްދުﷲ އާއި ނާއިޒް ހަސަން (ދާދު) އަނިޔާގައި ހުރުމާ އެކު ސްޓެވާޓުގެ މުހިއްމުކަން ބޮޑުވެފައި އޮއްވާ އޭނާގެ ބޭނުން މިރޭ ހިފޭ ގޮތްނުވީ އަމިއްލަ ކަމެެއްގައި ގައުމަށް ދާން ޖެހުމުންނެވެ.

މުބާރާތުގެ ސެމީގައި މާޒިޔާ ބައްދަލުކުރާނީ ކުއާޓާގައި މާދަމާ ހަވީރު ށ. ފޯކައިދޫ އާއި ދަ ގްރާންޑޭ ކުޅެ މޮޅުވާ ޓީމަކާ އެވެ. އަނެއް ސެމީން ޖާގަ ހޯދާފައިވަނީ މިއަދު ހަވީރު ކްލަބް އޭދަފުށި އަތުން 13-0 އިން މޮޅުވި ޓީސީ އެވެ. އެ ޓީމު ސެމީގައި ވާދަކުރާނީ މާދަމާރޭ އީގަލްސް އާއި ވިލިމާލެ ޔުނައިޓެޑް ކުޅެ މޮޅުވާ ޓީމަކާ އެވެ.

މިރޭގެ މެޗުގެ 14 ވަނަ މިނެޓުގައި ގްރީންސްޓްރީޓްސް އިން ވަނީ އަހުމަދު ރަޝީދު (އައްމަޑޭ) ގެ ގޯލުން ލީޑު ނަގައިފަ އެވެ. އަދި އެއަށް ފަހު ގްރީންސްޓްރީޓްސްގެ ފަރާތުން ބޮޑަށް ފެނިގެން ދިޔައީ ޑިފެންސިވް ކުޅުމެކެވެ. މާޒިޔާ އަށް އެއްވަރުކޮށްދިނީ 61 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ވެސް އެއްވަރުކުރަން ހަމްޕު އަށް ހުސް ފުރުސަތެއް ލިބި ބޭކާރުވި އެވެ.

މާޒިޔާ އިން އެއްވަރުކުރުމާ އެކު ގްރީންސްޓްރީޓްސް ކުރިއަށް ޖެހުނެވެ. އެކަމަކު މެޗުގެ ފަހުކޮޅު އެންމެ ހުސް ދެ ފުރުސަތު ލިބުނީ މާޒިޔާ އަށެވެ. އެ ޓީމުގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އަށް ކޯނަރުން ހުރަސްވި ދެ ބޯޅައެއް ހުސްކޮށް ބޮލަށް އެރި ނަމަވެސް ސީދާކުރެވޭ ގޮތެއް ނުވި އެވެ.

އެ ނަތީޖާގައި އޮވެ ފުރިހަމަ ވަގުތު ހަމަވުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ގްރީންސްޓްރީޓްސް އިން ލީޑު ނެގި އެވެ. މި ގޯލް 96 ވަނަ މިނެޓުގައި ވައްދާލީ ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކެޕްޓަން މުހައްމަދު އުމެއިރެވެ. ކައުންޓާގައި އުފެއްދި ހަމަލާގައި އުމެއިރު އެ ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލީ މާޒިޔާގެ ޑިފެންޑަރު ޕީޓާ ޕްލަނިޗް ކައިރިން ނައްޓާފަ އެވެ. އަދި އެ ބޯޅަ އުމެއިރު، ދެން އެރި ފޯވާޑަށް ދޭނެ ކަމަށް ބަލައި މާޒިޔާގެ އެހެން ޑިފެންޑަރުން ތިބީ އެ ކުޅުންތެރިޔާ އަށް ސަމާލުވެގެންނެވެ.

އިތުރު ވަގުތުގައި މާޒިޔާ އިން ކުޅުނީ އަފްގާނިސްތާން ޑިފެންޑަރު މުހައްމަދު ޝާރިފް މެދުތެރެއަށް އަރުވައިގެން އަދި އަނެއް ޑިފެންޑަރު ޕްލަނިޗް ފޯވާޑަކަށް އަރުވައިގެންނެވެ. އެކަމަކު ވެސް ގްރީންސްޓްރީޓްސްގެ ވަރުގަދަ ޑިފެންސް ލައިން ފޫއަޅުވާލުމުގައި ދިޔައީ ނާކާމިޔާބަވުމުންނެވެ. އެގޮތުގައި ގޮސް ގްރީންސްޓްރީޓްސް މޮޅުވުމާ ސިކުންތުކޮޅަކަށް ގާތްވެފައި އޮއްވާ މާޒިޔާ އަށް އެއްވަރުކޮށްދިނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެވަގުތުކޮޅު ފޯވާޑަކަށް އެރުވި، ސެންޓްރަލް ޑިފެންޑަރު އަމްދާން އަލީ (އެންޑީ) ޖައްސާލި ބޯޅަ ފޭދޫ އިއްބެ ބާރުމިނުގައި ގޯލަށް ފޮނުވާލުމުން ވަނީ ގޯލްލައިން މަތީ ހުރި ގްރީންސްޓްރީޓްސްގެ ޑިފެންޑަރު އެލްސައީދު މަހުމޫދުގެ ފައިގައި ވެސް ޖެހިފަ އެވެ.

އެ ލަނޑާ އެކު ގްރީންސްޓްރީޓްސް ވަރަށް ބޮޑަށް މާޔޫސްވި ނަމަވެސް ޕެނަލްޓީ ޝޫޓްއައުޓުގައި ވެސް އެ ޓީމުން ވަރަށް ރަނގަޅު ވާދައެއް ކުރި އެވެ. ޕެނަލްޓީގައި މާޒިޔާ އިން ހަ ޕެނަލްޓީ އަދި ގްރީންސްޓްރީޓްސް އިން ފަސް ޕެނަލްޓީ ކާމިޔާބުކުރި އެވެ. މާޒިޔާގެ ޕެނަލްޓީތައް ޖެހީ ހަމްޕު އާއި މުހައްމަދު ސާމިރާއި ފޭދޫ އިއްބެ އާއި މުޖުތާޒް މުހައްމަދު (މުޖޭ) އާއި އަހުމަދު އިރުފާން (އިރޭ) އަދި ހުސެއިން ނިހާން (ނިހާޓް) އެވެ. ގްރީންސްޓްރީޓްސްގެ ފުރަތަމަ ފަސް ޕެނަލްޓީ ކާމިޔާބުކުރީ މުހައްމަދު އާރިފް (ބަކާ) އާއި އެލްސައީދާއި މުހައްމަދު ރިސްވާނާއި އަހުމަދު ރަޝީދާއި އަލީ ޝަމާލް އަބްދުﷲ އެވެ. އެކަމަކު އެ ޓީމުގެ ހަ ވަނަ ޕެނަލްޓީ އަލީ ހަމްދާން ޖެހުމުން މާޒިޔާގެ ގޯލްކީޕަރު އަޒީޒީ އޮވޭސް މަތަކުރުމުން މާޒިޔާ މޮޅުވީ އެވެ.

މާޒިޔާގެ ކޯޗު މަރްޖާން ސެކުލޮސްކީ ބުނީ ކުޅުންތެރިންނަށް މަރުހަބާ ކިޔާ ކަމަށާއި ހަފުތާއެއްގެ ތެރޭ ތިން މެޗު ކުޅުން ފަސޭހަ ނުވާނެ ކަމަށެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު އޭއެފްސީ ކަޕުގައި ކުޅެފައި ހޯމަ ދުވަހު ލީގު ކުޅެފައި އަނެއްކާ ބުރާސްފަތި ދުވަހު އެފްއޭ ކަޕް ކުޅެން ޖެހުމުން އުނދަގޫވި ކަމަށް އޭނާ ބުންޏެވެ.

"ހާއްސަކޮށް އަހަރެމެންގެ ފޯވާޑެއް ނެތި ކުޅެން ޖެހޭއިރު. އަހަންނަށް ހީވަނީ ރަނގަޅަށް ޓީމު ކުޅުނިހެން ހަމައެކަނި ނިންމާލުމުގައި މައްސަލަ ދިމާވީ. ގްރީންސްޓްރީޓްސް އިން ގޯލަށް ތިން ބޯޅަ ފޮނުވާލީ. އޭގެ ތެރެއިން ދެ ބޯޅަށް ގޯލަށް ޖެހީ،" ސެކުލޮސްކީ ބުންޏެވެ.

"މިރޭ ނަސީބު ވެސް ރަނގަޅީ. ފަހު މިނެޓުގައި އެއްވަރުކުރެވުނީ. ޕެނަލްޓީ އަކީ ވެސް ޔަގީން އެއްޗެއް ނޫން. މިއަދު ހަމަ ނަސީބު ވެސް އޮތީ އަހަރެމެންނަށް،" ސެކުލޮސްކީ ބުންޏެވެ.

ގްރީންސްޓްރީޓްސްގެ ކޯޗު ނިސްތާރު ނެގީ ރެފްރީގެ މައްސަލަ އެވެ. އޭނާ ބުނީ މެދަށް އަރާ މީހާގެ ރަނގަޅަށް އެސެސްކުރަން ޖެހޭ ކަމަށާއި އޭނާގެ ނިންމުންތަކުގެ ސަބަބުން ކުޅެން އުނދަގޫވި ކަމަށެވެ. އެގޮތުން ތިން ހަތަރު ފަހަރު އޭނާ ނިންމުން ވެސް ބަދަލުކުރި ކަމަށާއި މާޒިޔާ އިން ފުރަތަމަ އެއްވަރުކުރީ ވެސް އޭނާ ގޯލްކުރިމަތިން ދިން ޖެހުމެއް ފަހުން ހިލޭ ޖެހުމަކަށް ބަދަލުކުރުމުން އެ ބޯޅައިން ކަމަށް ނިސްތާރު ބުންޏެވެ. އޭނާ އިތުރަށް ބުނީ ރެފްރީގެ މައްސަލަ މާޒިޔާގެ ކޯޗު ސެކުލޮސްކީ ވެސް ޖެއްސި ކަމަށާއި ރެފްރީގެ ގޯސް ނިންމުންތަކުގެ ސަބަބުން ގޭމް ހަލާކުވެގެންދާ ކަމަށެވެ.