އޮސްކާގެ އިހުތިރާމާއި ތައުރީފް ދިވެހި ފުޓްބޯޅަ އަށް

ފަހަކަށް އައިސް ދިވެހި ފުޓްބޯޅައިން ފެނުނު އެންމެ ކާމިޔާބު އެއް ބިދޭސީ ކޯޗަކީ ނިއު ރޭޑިއަންޓުގެ ކުރީގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޯނެވެ. އެ ޓީމަށް 2017 ގައި ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ގައުމީ މުބާރާތް ކާމިޔާބުކޮށްދީ 2018 ވަނަ އަހަރު މާލޭ ލީގު ކާމިޔާބުކޮށްދިނެވެ. އަދި ފަހު އަހަރު އޭއެފްސީ ކަޕުގެ އިންޓަ ޒޯނަލް ކުއާޓާ ފައިނަލާ ޕޮއިންޓަކާ ގާތަށް ގެންގޮސްދިނެވެ.


ރާއްޖެ ދޫކޮށް ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއާ 2018 ވަނަ އަހަރު ހަވާލުވެ އޮސްކާ އެ ޓީމާ އެކު ވެސް ރަނގަޅު މަސައްކަތްތަކެއް ކުރި އެވެ. އޭނާ މިހާރު ތައްޔާރުވަމުން އަންނަނީ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ މާޒިޔާ އާއި ޓީސީ އަދި އިންޑިއާގެ ޗެންނާއީ ސިޓީ އެފްސީއާ ވާދަކުރުމަށެވެ. މީގެ ތެރެއިން ވެސް މާޒިޔާ އާއި ޓީސީއާ ދެކޮޅަށް ކުޅޭ މެޗުތައް އޮސްކާ އަށް ހާއްސަވާނެ އެވެ. އެ ދެ ޓީމާ ކުޅެން ދެ ފަހަރެއްގެ މަތިން އޭނާ މާލެ އައިސް އަނެއްކާ ވެސް ދިވެހި ފުޓްބޯޅައިގެ ތަޖުރިބާތަކެއް ރާއްޖޭގައި ކުރާނެ އެވެ.

"އެނބުރި ރާއްޖެ ދިއުމަށް މިހިރީ ކެތްތެރިކަންކުޑަވެފައި އަދި އެހާމެ އުފާ ވެސް ވެފައި،" އޮސްކާ "މިހާރު" އަށް ބުންޏެވެ. "މިކޮޅުގެ ހުރިހާ ކަމެއް ވެސް ރަނގަޅު. ޓީމު އަންނަނީ ރަނގަޅަށް މަސައްކަތްކުރަމުން. ގްރޫޕުގެ އެއް ވަނަ އަށް ވާދަކުރުމަށް އުއްމީދު މިކުރަނީ"

ރާއްޖޭގެ ދެ ޓީމެއް މި ފަހަރު ގްރޫޕް ސްޓޭޖުގައި އޮތުމާއި އަމުދުން އޭގެ ތެރެއިން މާޒިޔާ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދީ ބަންގްލަދޭޝްގެ ގަދަބާރެއް ކަމަށްވާ ޑާކާ އަބަހާނީ އާއި އިންޑިއާގެ ސުޕަ ލީގު ޗެމްޕިއަން ބެންގަލޫރު އެފްސީ ކަޓުވާލުމަށް ފަހު ކަމަށްވާތީ ދިވެހި ފުޓްބޯޅައިގެ އަގު ސަރަހައްދުގައި މިވަނީ އުފުލިފަ އެވެ.

އޮސްކާ ބުނީ ކްލަބް ފެންވަރުގައި އަދި ގައުމީ ޓީމުގެ ފެންވަރުގައި ވެސް މި ސަރަހައްދުގައި ދިވެހި ފުޓްބޯޅަ ބަލައިގަންނަ ކަމަށެވެ.

"މިދިޔަ ސީޒަންތަކުގައި ރާއްޖެ އައީ ސަރަހައްދުގެ ގަދަބާރުތަކާ ވާދަކުރަމުން އަދި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރުނު ވެސް މެ. މިސާލަކަށް ބަލަމާ (2018 ވަނަ އަހަރުގެ) ސާފް ޗެމްޕިއަންޝިޕާއި 2018 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ފައިނަލް ސްޓޭޖަށް ކޮލިފައިވުމާ ނުހަނު ގާތަށް ދިޔަ ނިއު ރޭޑިއަންޓް،" އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ ފުޓްބޯޅައިގައި ފެންވަރު ވަޒަންކުރަން ޖެހެނީ ކުޅުންތެރިންގެ އަދަދުން ނުވަތަ ކްލަބްތަކުގެ އަދަދުން ނޫން ކަމަށާއި އެކަމަކު އެ ގައުމެއްގެ އެންމެ މޮޅު ކުޅުންތެރިންގެ ހުނަރާއި ފާހަގަކުރެވޭ ކަންކަމުން ކަމަށެވެ.

"އަހަރެމެންނަށް ރާއްޖޭގެ ކުޅުންތެރިން ފާހަގަކުރެވި ސިފަކޮށްދެވޭ މައިގަނޑު ތިން ކަމަކުން. ހަލުވި، ފުރިހަމަ، ތަފާތު މަގާމްތަކަށް ކުޅެވޭ ކުޅުންތެރިން، ބޯޅަ ހޯދަން އުޅުމުގައި ފިޒިކަލް އަދި ވަރުގަދަ ކުޅުންތެރިން އަދި ހުނަރުވެރި ޓެކްނިކަލް ކުޅުންތެރިންނާއި ޕްލޭމޭކަރުން. ރާއްޖޭގެ ގިނަ ކުޅުންތެރިން އެ ކެޓަގަރީތަކަށް ފެތޭ. އެ ޓީމެއްގައި އަދާކުރާ ރޯލާއި ކުޅޭ މަގާމުގެ ގޮތުން އެ ކުޅުންތެރިން ވަރަށް ޕޮޒިޓިވް ކުޅުމެއް ދައްކާ އަބަދުވެސް،" އޮސްކާ ބުންޏެވެ.

ނިއުގެ ކޯޗު އޮސްކާ ބްރުޒޮން 2017 ވަނަ އަހަރުގެ މެޗަކަށް ފަހު އުފާފާޅުކުރަނީ. –ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޒިޔާ އާއި ޓީސީގެ ބައެއް ކުޅުންތެރިންނަކީ އޮސްކާގެ ކޯޗުކަމުގައި ނިއު އަށް ކުޅުނު ކުޅުންތެރިންނެވެ. ހާއްސަކޮށް ޓީސީގެ އަލީ އަޝްފާގް (ދަގަނޑޭ) އާއި އަކްރަމް އަބްދުލްގަނީ އާއި މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ފާހަގަކޮށްލެވެ އެވެ. އެހެންވެއާ އެކު ދެ ޓީމުގެ ފެންވަރާއި ކުޅުމުގެ ވަށްޓަފާޅި އޮސްކާ އަށް އެނގޭނެ އެވެ.

އޭނާ ބުނީ ހަތަރު ޓީމުގެ މެދުގައި ވެސް މާބޮޑު ތަފާތުތަކެއް ހުރި ކަމަށް އޭނާ އަށް އިހުސާސްނުކުރެވޭ ކަމަށައި މިއީ ހުޅުވިފައިވާ ގްރޫޕެއް ކަމަށެވެ.

"ވަރަށް މުހިއްމު ވާނެ އަމިއްލަ ދަނޑުގައި ކުޅޭ ގިނަ މެޗުތައް ކާމިޔާބުކޮށް ރަށުން ބޭރުގައި ކުޅޭ މެޗުތަކުން ޕޮއިންޓްތަކެއް ހޯދުން. މިވަގުތު އަހަރެމެން ހަމައެކަނި މި ފޯކަސްކުރަނީ، އަމިއްލަ ދަނޑުގައި ޓީސީ ސްޕޯޓްސް ކްލަބް އަތުން މޮޅުވެ ގްރޫޕް ސްޓޭޖް ފަށައި އެހިސާބުން ކުރިއަށް ދިއުމަށްޓަކައި އެކަމަށް އެންމެ ބޮޑު އަހައްމިޔަތުކަމެއް ދޭން. މާޒިޔާ އާއި ޗެންނާއީ އަންނާނީ މުބާރާތުގެ ފަހުގެ ހިސާބެއްގައި،" ބުދަ ދުވަހު އަމިއްލަ ދަނޑުގައި ޓީސީއާ ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން އޮސްކާ ބުންޏެވެ.

ނިއު އަށް 2018 ވަނަ އަހަރު އަހަރުގެ އެސްޓީއޯ މާލޭ ލީގު ހޯދައިދިނުމަށް ފަހު އޮސްކާ އެ ޓީމު ދޫކޮށް ބަޝުންދުރާއާ 2018 ވަނަ އަހަރު ބަދަލުވެ އެ ޓީމުގެ މޮޑިއުލް އޭނާ ބޭނުންވާ ގޮތަށް ބަދަލުކޮށް ލީގު ކާމިޔާބުކުރީ ރެކޯޑެއް ގާއިމްކުރި އެވެ. އެއީ ބަންގްލަދޭޝްގެ އެންމެ މަތީ ޑިވިޝަނުގައި ޖެހިޖެހިގެން 14 މެޗުން މޮޅުވުމުގެ ރެކޯޑެވެ. ބަންގްލަދޭޝްގެ އެންމެ މުއްސަނދި އެއް ވިޔަފާރިވެރިންގެ ގްރޫޕު ހިންގާ ފުޓްބޯޅަ ޓީމު ކަމަށްވާ ބަޝުންދުރާ ކިންގްސް އަށް އޭނާ މި އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ހޯދައިދިނީ އެ ޓީމު ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ފުރަތަމަ އަހަރު އެ ޓީމަށް ބަންގްލަދޭޝްގެ ޕްރިމިއާ ލީގު ކާމިޔާބުކޮށްދީގެންނެވެ. އެއާ އެކު މިދިޔަ ސީޒަނުގައި ބަންގްލަދޭޝް ފުޓްބޯޅައިގެ އެންމެ މޮޅު ކޯޗުގެ މަގާމު ކުރިން މިދިޔަ ޑިސެމްބަރު މަހު އޭނާ އަށް ވަނީ ލިބިފަ އެވެ.

އޮސްކާ ކޯޗިން ކެރިއަރު ފެށީ ސްޕެނިޝް ލީގުގެ ސެލްޓާ ޑި ވީގޯގެ ޔޫތު ޓީމު ކޯޗުގެ ގޮތުގަ އެވެ. އެގޮތުން އެ ޓީމުގައި 2009 އިން 2011 އަށް މަސައްކަތްކުރުމަށް ފަހު 2011 އިން 2013 އަށް މަސައްކަތްކުރީ އިންޑިއާގެ އެކަޑަމީއެއް ކަމަށްވާ އެސްޕީޓީ ސްޕޯޓްސް އޭޝިއާގެ ހެޑް ކޯޗަކަށެވެ. އޭނާ ސީނިއާ ކޯޗިން ކެރިއަރު ފަށާފައިވަނީ 2013 ވަނަ އިންޑިއާ އައި ލީގުގެ ސްޕޯޓިން ކްލަބް ޑި ގޯއާ އަށް ކޯޗުގެ ގޮތުގަ އެވެ. އެ ޓީމަށް ދެ އަހަރު ކޯޗުކޮށްދިނުމަށް ފަހު 2015 ގައި އިންޑިއަން ސުޕަ ލީގުގެ މުމްބާއީ ސިޓީގެ އެފްސީގެ ކޯޗު ފްރާންސުގެ ކުރީގެ ފޯވާޑް ނިކްލަސް އަނެލްކާގެ އެސިސްޓަންޓަކަށް މަސައްކަތްކުރި އެވެ. އޭނާ ވަނީ ސްޕެއިނުގެ ދެ ވަނަ ޑިވިޝަނުގެ މަޔޯކާގެ އެސިސްޓަންޓް ކޯޗުކަން ވެސް ކޮށްފަ އެވެ.