11 މާޗް 2020 - 15:57
ކޮވިޑް-19 ފެތުރެމުންދާ ގައުމެއް ކަމަށްވާ ބަންގްލަދޭޝްގައި މިވަގުތު އޮތް ރާއްޖޭގެ ފުޓްބޯޅަ ޓީމު، ޓީސީ ސްޕޯޓްސް ކްލަބުން އެނބުރި ރާއްޖެ އަންނާނީ ސްރީ ކަންކާގައި 14 ދުވަހު ކަރަންޓީނުގެ މުއްދަތު ހަމަކޮށްފައި ކަމަށް ސަރުކާރުން ބުނެފި އެވެ.
ޓީސީން ބަންގްލަދޭޝަށް ދިޔައީ އޭއެފްސީ ކަޕުގައި މިއަދު އެ ގައުމުގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް ކުޅުމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ މިކަމުގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ޓީސީއާ ވާހަކަދައްކަވާފައިވާ ކަމަށާއި މިހާރު ހަމަޖެހިފައި އޮތީ ލަންކާގައި ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތުހަމަކޮށްފައި ރާއްޖެ އަންނަ ކަހަލަ ގޮތަކަށް ކަމަށެވެ.
ބަންގްލަދޭޝް އިން ރާއްޖެ އަށް މީހުން އައުން މިވަގުތު މަނަލެވެ. އެހެންވެ ދެ ގައުމުގެ މެދުގައި މިހާރު ސީދާ ދަތުރުތަކެއް ނެތެވެ. އެކަމަކު ލަންކާ އިން އެފަދަ ނިންމުމެއް ނިންމާފައިނުވާތީ ޓީސީ އަށް ލަންކާ އަށް ދެވޭނެ އެވެ. އަދި އެތަނުގައި ޕްރެކްޓިސްކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
އެކަމަކު އެފްއޭ ކަޕުގެ ސެމީ ފައިނަލުގައި އަންނަ ހަފުތާގައި ޓީސީ މެޗެއް ކުޅެން އެބައޮތެވެ. އެ މެޗު ނުކުޅެ މުބާރާތް ކުރިއަށް ގެންދެވޭނެ ގޮތެއް ނޯންނާނެތީ އެ މުބާރާތުގެ ތާވަލަށް ބަދަލުތަކެއް ގެންނަން ޖެހޭނެ އެވެ.
އޭއެފްސީ ކަޕުގައި އިންޑިއާގެ ޗެންނާއީ ސިޓީ އެފްސީއާ ކުޅުމަށް ރާއްޖޭގެ މާޒިޔާ މިވަގުތު ތިބީ ޗެންނާއީގަ އެވެ. އެކަމަކު އިންޑިއާ އިން ރާއްޖެ އައުމުގައި ހުރަހެއް ނެތުމުން އެ ޓީމަށް ސީދާ ރާއްޖެ އާދެވޭނެ ކަމަށް ބެލެވެ އެވެ.
ބަންގްލަދޭޝް އިން ކޮވިޑް-19 އަށް ތިން މީހަކު ޕޮޒިޓިވް ވެފައިވާކަން އިއުލާނުކުރީ އާދީއްތަ ދުވަހު އެވެ. އެ ތިން މީހުންނަކީ މިހާރު އެންމެ ބާރަށް ކޮވިޑް-19 ފެތުރެމުންދާ އިޓަލީން މީގެ ދުވަސްކޮޅެއް ކުރިން ބަންގްލާދޭޝް އަށް ދިޔަ ބައެކެވެ. ސިވިލް އޭވިއޭޝަން އޮތޯރިޓީން ހޯމަ ދުވަހު ނެރުނު ސާކިއުލާއެއްގައި ބުނީ، ފާއިތުވި 14 ދުވަހުގެ ތެރޭގައި ބަންގްލަދޭޝް އަށް ދަތުރުކޮށްފައިވާ މީހަކު ރާއްޖެ އަށް އެތެރެވުމާއި ޓްރާންސިޓްވުން ވެސް އަންގާރަ ދުވަހުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް މަނާކޮށްފައިވާ ކަމަށެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
11 March 2020
ދުނިޔޭގަ ބަލި މަޑު ކަމެއް އޮތްއިރު ފީފާއިން އަދި ކުޅިވަރު ޖަމިއްޔާތަކުން ސީރިއަސްވާން ވެއްޖެނު.
ލަންކާ-މާލެ
11 March 2020
ލަންކާއިން މާލެ އަންނަނީ އެހެން އެވެސް މީހަކު ދަތުރުނުކުރާ އެއާރޕޯޓަުންތަ؟ ލަންކާ އެއަރޕޯޓުންވެސް ވައިރަސް އެރުމުގެ ފުރުސަތު އޮވެދާނެ ނުން.
ނަޖުމުއްދީން
11 March 2020
ފުޓުބޯޅަކުޅުނެްކަމަކު މިމީހުންވެސް ރަނގަޅަށް ފާސްކުރާންޖެހޭނެ.