ކޮވިޑް-19: ބެޑްމިންޓަނުގެ ހަރަކާތްތައް ހުއްޓާލައިފި

ރާއްޖޭން ކޮރޯނާވައިރަސް ފެނިފައިވާތީވެ ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ގައުމީ ބެޑްމިންޓަން ސްކޮޑުގެ ޕްރެކްޓިސްތަކާއި ޔޫތު ޑިވެލޮޕްމަންޓް (ވައިޑީޕީ) ހުރިހާ ޕްރޮގްރާމެއް ހުއްޓާލަން ބެޑްމިންޓަން އެސޯސިއޭޝަނުން ނިންމައިފި އެވެ.


އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭން ކޮރޯނާވައިރަސް ފެނިފައިވާތީވެ، މި ވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ސަރުކާރުން އަޅަމުންގެންދާތީވެ އެކަމުގައި އެސޯސިއޭޝަނުގެ ފުރިހަމަ އެއްބާރުލުން ދިނުމުގެ ގޮތުން އެސޯސިއޭޝަނުން ކުރިއަށްގެންދާ ގައުމީ ބެޑްމިންޓަން ސްކޮޑުގެ ފަރިތަކުރުންތައް ހުއްޓާލީ ކަމަށެވެ.

"މީގެ އިތުރުން، މި އެސޯސިއޭޝަނުން މާލޭގައި އަދި އަތޮޅުތެރޭގެ އެކި ހިސާބުތަކުގައި (ހދ، ނ، ބ، އައްޑޫ ސިޓީ) ހިންގަމުންގެންދާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) ވެސް ހުއްޓާލާފައިވާކަން އެންމެހާ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" ބަޔާނުގައިވެ އެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖޭގެ ރިޒޯޓްތަކުން، މިހާތަނަށް 11 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މި ބަލި މިހާތަނަށް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށަކުން ނުފެނެ އެވެ. އެކަމަކު އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ބުރާސްފަތި ދުވަހު ވަނީ މުޅި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ މާލެ އާއި ރާއްޖޭގެ އަތޮޅުތަކުގައި ކުރިއަށް ގެންދާ ޔޫތު އެތުލެޓިކްސް ޓްރެއިނިން އާއި ކިޑްސް އެތުލެޓިކްސް ޓްރެއިނިން މެދުކަނޑާލައިފަ އެވެ. މީގެ އިތުރުން އޭޕްރިލް މަހުގެ ނިޔަލަށް ތާވަލުކޮށްފައިވާ ހުރިހާ އެތުލެޓިކްސް މުބާރާތްތަކެއް ފަސްކުރަން ވެސް ވަނީ ނިންމައިފަ އެވެ. އަދި އެސޯސިއޭޝަނުން ވަނީ އެތަން މެދުވެރިކޮށް ރާއްޖޭން ބޭރަށް އެތުލީޓުން ޓްރެއިނިން އަށް ފޮނުވުމާއި އޭޕްރިލްގެ ނިޔަލަށް އެސޯސިއޭޝަނުން ބައިވެރިވާން ނިންމާފައިވާ މުބާރާތްތަކާއި އެސޯސިއޭޝަން މެދުވެރިވެގެން ރާއްޖޭގެ އެތުލީޓުން ބައިވެރިވާ މުބާރާތްތަކުގައި ބައިވެރިނުވާން ވެސް ވަނީ ނިންމައިފަ އެވެ.