ބަންގްލަދޭޝް ފުޓްބޯޅައިގެ އިންތިހާބު ވެސް ފަސްކޮށްފި

އަންނަ މަހުގެ 20 ވަނަ ދުވަހު ބާއްވާ ގޮތަށް އޮތް ބަންގްލަދޭޝް ފުޓްބޯލް ފެޑެރޭޝަން (ބީއެފްއެފް)ގެ އިންތިހާބު، ކޮރޯނާވައިރަހާ ގުޅިގެން، ފަސްކޮށްފި އެވެ.


އެ ވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މީހުން އެއްވެގެން ބާއްވާ ބައްދަލުވުންތައް ނުބާއްވަން ދިވެހި ސަރުކާރުން ވެސް އަންގާފައިވާތީ މި މަހު 20 ވަނަ ދުވަހު ބާއްވަން ތާވަލުކުރި އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސް ވެސް ވަނީ ފަސްކޮށްފަ އެވެ.

ބީއެފްއެފް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ރޯގައިގެ ސަބަބުން ބަންގްލަދޭޝް ސަރުކާރުން އިއްޔެ އިން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އެ ގައުމު ލޮކްޑައުންކުރަން ނިންމައި، އެއްވެސް ސިފައެއްގެ އެއްވުމެއް ނުބޭއްވުމަށް އަންގާފައި ކަމަށެވެ. އަދި މި ފަދަ ހާލަތެއްގައި އިންތިހާބު ބޭއްވުމުގެ މަސައްކަތްތައް ނުކުރެވޭނެތީ ހާލަތު ރަނގަޅު ވަންދެން އިންތިހާބު ފަސްކުރީ ކަމަށް ބުނެފައިވެ އެވެ.

ފެޑެރޭޝަނުގެ މި ނިންމުން އޭއެފްސީ އާއި ފީފާއާ ވެސް ހިއްސާކުރާނެ ކަމަށާއި މި ގޮތަށް ނިންމީ ކަމާބެހޭ ގިނަ ފަރާތްތަކާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު ކަމަށް ވެސް ބުނެފައިވެ އެވެ.

ބީއެފްއެފްގެ ޖެނެރަލް ސެކްރެޓަރީ އަބޫ ނައީމް ޝޮހާގް ވިދާޅުވީ މި ނިންމުމަކީ އޮންލައިންކޮށް އެކި ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުންތަކަށް ފަހު ވަރަށް ދެފުށް ފެންނަ ގޮތަށް ނިންމި ނިންމުމެއް ކަމަށާއި އެހެން ކަމުން މިކަމާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށެވެ. އަދި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާ މިންވަރަށް ބަލާއިރު މި ވަގުތު މި ނިންމުން ރަނގަޅުކަން އޭއެފްސީ އާއި ފީފާ އިން ވެސް ގަބޫލުކުރާނެ ކަމަށް ދެކެ އެވެ.

ބަންގްލަދޭޝްގެ ފުޓްބޯޅައިގެ ރައީސްކަމަށް މި ފަހަރު ވާދަކުރައްވަނީ ހަތަރު ވަނަ ދައުރަކަށް އިންތިހާބުވުމަށް މަސައްކަތްކުރަމުން އަންނަ މިހާރުގެ ވެސް ރައީސް ކާޒީ ސަލާހުއްދީން އެވެ. އޭނާއާ ވާދަކުރަނީ ބީއެފްއެފްގެ ނައިބު ރައީސް ބާދަލް ރޯއީ އަށެވެ.

ފަހަކަށް އައިސް ބަންގްލަދޭޝް ފުޓްބޯޅަ ގިނަ ކުރިއެރުންތަކެއް ހޯދަމުން އައި ނަމަވެސް ގައުމީ ޓީމަށް ރަނގަޅު ނަތީޖާތަކެއް ނުނެރެވޭތީ ބީއެފްއެފް އަށް އަންނަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.