24 އެޕްރީލް 2020 - 15:25
އޭއެފްސީ ކަޕް މެޗަކަށް ބަންގްލަދޭޝަށް ކުރި ދަތުރަށް ފަހު، ކޮވިޑް-19 ގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްރީ ލަންކާ އާއި ރާއްޖޭގައި ކަރަންޓީންކުރި ޓީސީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން އެ ބައްޔަށް ނެގެޓިވް ވުމާ އެކު ދޫކޮށްލައިފި އެވެ.
ލަންކާ އާއި ރާއްޖޭގައި ކަރަންޓީނުގައި ޓީސީ 40 އަށް ވުރެ ގިނަ ދުވަސް ހޭދަކުރަން ޖެހުނެވެ. މެޗު ކުޅެން ދިޔަ ދުވަހުން ފެށިގެން ބަލާ ނަމަ އެއަށް ވުރެ އިތުރުވާނެ އެވެ. ލަންކާގައި ޓީސީ ކަރަންޓީނު ކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. އެއީ އޭއެފްސީ ކަޕްގައި ބަންގްލަދޭޝްގައި އެ ގައުމުގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އެނބުރި މާލެ އެނބުރި އައި ދަތުރުގަ އެވެ. ލަންކާގައި 14 ދުވަސް ވަންދެން ޓީސީ ކަރަންޓީނު ކުރަން ނިންމީ ބަންގްލަދޭޝް އަކީ އެ ވަގުތު ރިސްކު އޮތް ގައުމެއް ކަމަށްވެފައި އެ ގައުމުން ރާއްޖެ އަށް މީހުން އެތެރެވުން މަނާކޮށްފައި އޮތުމުންނެވެ.
ލަންކާގައި ޓީސީގެ ކަރަންޓީނު މުއްދަތު ހަމަވީ މިދިޔަ މަހު 26 ވަނަ ދުވަހު އެވެ. އޭގެ ހަތަރު ދުވަސް ކުރިން ލަންކާ ވަނީ ލޮކްޑައުންކޮށްފަ އެވެ. އަދި ވައިގެ ދަތުރުތައް މެދުކަނޑާލައިފަ އެވެ. ލަންކާގެ މެރީނޯ ބީޗް ހޮޓަލުގައި 24 ދުވަހަށް ފަހު ތިބުމަށް ފަހު ޓީސީ މާލެ އައީ ދިވެހި ސަރުކާރުން މޯލްޑިވިއަން މެދުވެރިކޮށް ހަމަޖެއްސި ދަތުރެއްގަ އެވެ. އެއީ މި މަހު ފަސް ވަނަ ދުވަހު އެވެ.
ރާއްޖޭން ބޭރުން އަންނަ ކޮންމެ މީހެއް ވެސް 14 ދުވަހަށް ކަރަންޓީނު ފެސިލިޓީ އަށް ގެންދާގޮތަށް ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ޓީސީ ޓީމު ކަރަންޓީނު ކުރީ ރ. ފުރަވެރި ރިސޯޓުގަ އެވެ. ޓީސީ ޓީމު ކޮވިޑަށް ޓެސްޓްކުރީ މީގެ ތިން ދުވަސް ކުރިންނެވެ. ޓެސްޓް ނަތީޖާ ލިބުނުއިރު ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުް ނެގެޓިވްވެފައިވާތީ ހުރިހާ އެންމެން ދޫކޮށްލީ އެވެ.
އެނގިފައިވާގޮތުގައި ޓީސީގައި ހިމެނޭ ރަށްރަށުގެ ބައެއް ކުޅުންތެރިން ދިޔައީ އެ ކުޅުންތެރިން ނިސްބަތްވާ ރަށަށެވެ. އެއް ރަށުން އަނެއް ރަށަށް މީހުންނަށް ނުދެވޭ ގޮތަށް މި ވަގުތު ސަރުކާރުން ނިންމާފައިވީ ނަމަވެސް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށް ފަހު އެ މީހަކު ނިސްބަތްވާ ރަށަކަށް އޮންނަ އުސޫލެއްގެ ތެރެއިން ދިއުމުގެ ފުރުސަތު އޮންނާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އޭއެފްސީ ކަޕްގެ މެޗުތަށް ވެސް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ވެސް ވަނީ ނިންމާލައިފަ އެވެ. އެގޮތަށް ނިންމީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކުރުމަށް ފަހު އެވެ. އެހެން ނަމަވެސް އަތޮޅުތަކުގެ ޓީމުތަކަށް ބާއްވާ ޖަޒީރާ ޗެމްޕިއަންޝިޕާއި ތިން ވަނަ ޑިވިޝަން ބާއްވާނެ އެވެ. އެކަމަކު ވަކި ތާރީހެއް ކަނޑައަޅަން ނިންމާފައިވަނީ ކަމާބެހޭ ފަރާތްތަކުން ހުއްދަ ދިނުމުންނެވެ.
އޭއެފްސީ ކަޕް ކެންސަލްކުރުމުގެ ވިސްނުމެއް އަދި ނެތެވެ. އޭއެފްޕީ އަށް އޭއެފްސީގެ ޖެނެރަލް ސެކްރެޓަރީ ވިންޑްސޯ ޖޯން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތައް މިއަހަރު ބޭއްވޭނެ ކަމަށާއި އެކަން ކުރެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް 116 މީހެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 16 މީހުން ވަނީ ރަނގަޅުވެފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް