މިއީ ފުޓްބޯޅަ އާއިލާ ފެއާޕްލޭ އިސްކުރަންވީ ވަގުތު: ސުޒޭން

މިހާރު ދިމާވެފައިވާ ކޮވިޑް-19 ގެ އުނދަގޫ ހާލަތުން އަރައިގަނެގެން ފުޓްބޯޅައިގެ ކަންކަން ރަނގަޅުކުރަން ޖެހޭ މި ވަގުތަކީ ރާއްޖޭގެ މުޅި ފުޓްބޯޅަ އާއިލާ ފެއާޕްލޭ އިސްކޮށް އެއްބައިވަންތަވާންވީ ވަގުތު ކަމަށް މަޝްހޫރު ކޯޗު އަލީ ސުޒޭން ބުނެފި އެވެ.


އެފްއޭއެމުން ރޭ ގެނެސްދިން "ލެޓްސް ޓޯކް ފުޓްބޯލް" ޝޯގައި ވާހަކަ ދައްކަމުން ތަޖުރިބާކާރު ދެ ކޯޗުން ކަމަށްވާ ސުޒޭނާއި މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ ކުރިމަތިވެފައި މި އޮތް ދަތި އުނދަގޫ ހާލަތުގައި އެންމެން އެކުގައި މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކޮށްފަ އެވެ. އަދި މިހާރު ލިިބިފައި މި އޮތް ވަގުތަކީ ހެދިފައިވާ ގޯސްތަކާއި ކުރިއަށް އޮތްތަނުގައި ރަނގަޅުކުރަން ހުރި ކަންތައްތަކަށް ފޯކަސްކޮށް މުހިއްމު މަސައްކަތްތަކެއް ކުރަން ޖެހޭ ވަގުތުކަމަށް ދެ ކޯޗުން ބުންޏެވެ.

ފުޓްބޯޅައިގައި ގިނަ އަހަރުތަކެއްގެ ވަންދެން މަސައްކަތްކޮށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސުޒޭން ބުނީ މިއީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެން "ފެއާ ޕްލޭ" އިސްކޮށް އެންމެން އެކުވެގެން މަސައްކަތްކޮށް މި ކުޅިވަރަށް އެހީވާންވީ ވަގުތު ކަމަށެވެ.

"ދިވެހިރާއްޖޭގެ ފުޓްބޯޅަ އާއިލާ އެންމެން ފެއާޕްލޭ އަށް ދާން ޖެހޭ ވަގުތު މިއީ. އެފްއޭއެމާއި ފުޓްބޯޅަ އާއިލާ އެއްކޮށް އުޅެންޖެހޭ ވަގުތު،" ސުޒޭން ބުންޏެވެ.

"އަޅުގަނޑު މިބުނީ ހުރި ހިތްހަމަނުޖެހުމާއި އުދާސްތައް ދޫކޮށްލާފައި އަންނާށެކޭއެއް ނޫން. އެއާވެސް އެއްކޮށް އައިސް އަދިވެސް ޑިވެލޮޕްމަންޓަށް އެންމެން އެއްކޮށް މަސައްކަތް ކުރަން އަންނާށޭ. މިއީ ފެއާޕްލޭއަށް ބޯޅަ ބޭރަށް ޖަހަންވީ ވަގުތޭ. ފުޓްބޯޅަ މިއޮތީ އިންޖަރީވެފައި. މިއީ އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީއާ ގުޅިގެން އެންމެން ކުރިއަށްދާންވީ ވަގުތު ކަމުގައި ދެކެންޖެހޭ."

ކުރިން މަޝްވަރާކުރެވިފައި އޮތް ގޮތަށް ބަލާއިރު ފުޓްބޯޅަ ސީޒަން ފަށަން އެފްއޭއެމުން ޝެޑިއުލްކުރީ އަންނަ މަހަށެވެ. އެހެން ނަމަވެސް މިހާރު ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާތީވެ، ސިއްހީ މާހިރުންގެ ދޭ ލަފާތަކަށް ބެލުމަށް ފަހު ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ޖޫން މަހު ފުޓްބޯޅަ ސީޒަން ނުފަށާނެ އެވެ. އަންނަ އޮގަސްޓް މަހު ސީޒަން ފެށުމަކީ އެފްއޭއެމުން ގެންގުޅޭ އެއް ވިސްނުމެވެ.

ފާއިތުވި އަހަރުތަކުގެ ތަޖުރިބާ އަށް ބަލާއިރު ފުޓްބޯޅަ ކަލަންޑަރުގެ މައްސަލައިގައި ގިނަ ކޯޗުންނާއި ކުޅުންތެރިން ވެސް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އޭގެ އިތުރުން ވެސް އެހެނިހެން ގިނަ ޝަކުވާތަކެއް ވަނީ ޓީމުތަކުގެ ފަރާތްތަކުން އައިސްފަ އެވެ.

ޓީސީ ސްޕޯޓްސް ކްލަބަށް ލީގު ޗެމްޕިއަންކަން ހޯދައިދިން ކޯޗު ނިޒާމްބެ ދެކޭ ގޮތުގައި ކުރިން ލިބިފައި ހުރި ތަޖުރިބާތަކުގެ އަލީގައި ކަންތައްތައް ރަނގަޅުކުރަން މިއީ ވަރަށް ރަނގަޅު ފުރުސަތެކެވެ. އެ ގޮތުން ކުޅުންތެރިންނަށް ރަނގަޅު ޕްރީ ސީޒަނެއް ދެވޭހާ ވަގުުތު ދީފައި ފުޓްބޯޅަ ސީޒަން ފެށުމާއި މާލީ ގޮތުން ކްލަބްތައް ފުދުންތެރިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން އެފްއޭއެމާއި ކްލަބްތަކުގެ މެނޭޖްމަންޓުން ވަރަށް ރަނގަޅަށް މަޝްވަރާކޮށް ވާހަކަ ދައްކައި ކްލަބްތަކުގެ މެނޭޖްމަންޓު ރަނގަޅު އޮނިގަނޑެއްގެ ތެރެއިން ހިންގޭނެ ގޮތެއް އެފްއޭއެމުން ދައްކައިދޭން ޖެހޭކަމަަށް ނިޒާމްބެ ބުންޏެވެ.

"ތެޅި ފޮޅިގެން އަވަސް އަރުވާލައިގެން ނުކުޅެ ތިބެ ދުވަސްތަކެއް ވެއްޖެޔޭ ކިޔާފައި ފަށަންވީ އެއް ނޫން. ވީ އެންމެ ރަނގަޅު ޕްލޭނަކާ އެކު ސީޒަން ފެށުން ވަރަށް މުހިއްމު،" 16 އަހަރުން ދަށުގެ ގައުމީ ޓީމާއި 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުރިން ކޯޗުކޮށްދިން ނިޒާމްބެ ބުންޏެވެ.

ޓީސީގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ). -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބައިނަލްއަގްވާމީ އެކި ފުޓްބޯޅަ ފެޑެރޭޝަންތަކާއި އެސޯސިއޭޝަންތަކުން އަންނަނީ ކުރިއަށް އޮތް ސީޒަނުގެ ޕްލޭންތައް މިހާރު ހަދަމުންނެވެ. އެ ގޮތުން ގިނަ އެސޯސިއޭޝަންތަކުން މަޝްވަރާކުރަމުން އަންނަ އެއް ކަމަކީ ލިބިފައިވާ ވަގުތާ އެއްވަރަށް އަންނަ ސީޒަން ފައްތާލުމެވެ. އެ ގޮތަށް ބަލާއިރު ސީޒަން ކުރުކޮށްލުމުގެ ވިސްނުން ގިނަ ގައުމުތަކުން ގެންގުޅެ އެވެ.

ސުޒޭން ބުނީ ކްލަބްތަކުގެ މާލީ ހާލަތާއި އެހެނިހެން ތައްޔާރީތަކަށް އެކަށީގެންވާ ހައްލެއް ލިބޭނެ މަގުތަކެއް ފަހިކޮށްދީފައި ސީޒަން ފެށުން މުހިއްމު ކަމަށެވެ. އެ ގޮތުގެ މަތިން ބަލާއިރު އަވަހަށް ސީޒަން ނުފަށައި ލިބިފައިވާ މުއްދަތުގެ ތެރެއަށް ފައްތައިގެން ސީޒަން ކުރުކޮށްލައިގެން ގެންދިއުމަކީ ވެސް އޮތް ގޮތެއް ކަމަށެވެ.

"ސިއްހީ މާހިރުން ދޭ ލަފަޔަށް ބަލާފައި މިހާރު މި އޮތް ހާލަތުން އަރައިގަނެވުނީމަ ކްލަބްތަކާ ވާހަކަ ދައްކާފައި ރަނގަޅު ވަގުތެއް ދީފައި ސީޒަން ފެށިދާނެ. އެކަމަކު ބަލަންޖެހޭ ކަމަކީ މިސާލަކަށް 2021 ވަނަ އަހަރުގެ ލީގު ފަށަނީ ޖޫން ކަމުގައި ވާނަމަ ދެން ފަށާ މުއްދަތެއްގައި ބޭއްވޭނީ ކިތަން މުބާރާތްތޯ ބަލާފައި އިންޓަނޭޝަނަލް ކަލަންޑަަރަށް އޭއެފްސީ ކަޕްގައި ކުޅޭ ޓީމުތަކަށް ވެސް ބަލާފައި ޝެޑިއުލެއް ރާވަންވީ. އެހެން އެކަން ކުރާއިރު ސީޒަން ކުރުކޮށްލުމަކީ ވެސް އޮތް ގޮތެއް،" ސުޒޭން ބުންޏެވެ.

ރާއްޖޭގެ ފުޓްބޯޅަ އަށް ލިބޭ ތަރުހީބު ދުވަހެއް ދުވަހަކަށް މަދުވެ މެޗުތަކަށް ސަޕޯޓަރުން ވަންނަ އަދަދު މަދުވުމަކީ ފުޓްބޯޅަ އާއިލާގެ އެންމެންގެ ކަންބޮޑުވުމެކެވެ. ނިޒާމްބެ ބުނީ މީގެ ބަލަން ޖެހޭ އެންމެ ބޮޑު ކަމަކީ ރާއްޖޭގެ ފުޓްބޯޅަ ބްރޭންޑަކަށް ހެދުން ކަމަށާއި ސަޕޯޓަރުންނަށް ވިއްކޭނެ އެއްޗަކަށް ހެދޭނީ ސަޕޯޓަރުންގެ މެދުގައި ޖުމްލަކޮށް މުޅި ފުޓްބޯޅައިގެ ސާވޭ އެއް އެފްއޭއެމް އިސްވެ ކޮށްގެން ކަމަށެވެ. އަދި މިއީ އެ ފަދަ މަސައްކަތަކަށް އެންމެ އެކަށީގެންވާ ވަގުތުކަމަށް ނިޒާމްބެ ބުންޏެވެ.