ބުލޭގެ އަލްބަމުން، ފޮނިފޮނި މާޒީއެއްގެ ތެރެއަށް

ފަތިހު ފަތިހާ ތެދުވެ، މަޖީދީ މަގާއި ބޮޑެތި ބައެއް މަގުތަކަށް ކުޑަކުދިންނާއި އެކި އުމުރުގެ އެތައް ބަޔަކު ނުކުމެ، އިންތިޒާރުކުރަން ފަށަ އެވެ. ސިފައިން ތިބެނީ، އާންމުން މަގު ހުރަސް ކުރުން ފަދަ ކަންކަން ހުއްޓުވާށެވެ. އެންމެން ފޯރީގައި ބަލަން އެ ތިބެނީ ގައުމީ ބައިސްކަލް ރޭހުގެ ދުއްވުންތެރިންގެ ވާދަކުރުމެވެ.


ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އެއް ބައިސްކަލް ދުއްވުންތެރިޔާ އަލީ ސަލީމް، މަޝްހޫރު ނަމުން ނަމަ ބުލޭ، އޭނާގެ ފޭސްބުކްގައި މި ފަހުން ޖެހި އެ ޒަމާނުގެ ފޮޓޯތަކުން، އޭރުގެ ހަނދާންތައް އައިސް، ބައެއް މީހުންގެ ސިކުނޑި ހަމައެކަނި ތާޒާކޮށްލަދިނީކީ ނޫނެވެ. އޭރު ބައިސްކަލް ރޭސް ފަދަ ކުޅިވަރުތަކަށް ވެސް، ދިވެހިންގެ ތެރޭގައި އޮތް ލޯތްބާއި ބައިސްކަލް ދުއްވުންތެރިންގެ އެ ހުނަރުގެ އަގު ވަޒަންކުރާ މިންވަރު ވެސް އެނގުނެވެ.

ހެނދުނު ހެނދުނާ މި ރޭސް ފަށަނީ ހެންވޭރު ދަނޑުގެ ހުޅަނގު އުތުރު ކަންމަތިން، ވައިލެޓް މަގަށް ނުކުންނަ ގޮތަށެވެ. ކުރީގެ މައުހަދު، މިހާރުގެ އިސްލާމިކް ޔުނިވަސިޓީ ހުންނަ މި މަގުން ގޮސް، ސޯސަން މަގަށް އަޅައިގެން ދެން ލަނބާލަނީ މެދު ޒިޔާރަތް މަގަށެވެ. ދެން ޗާނދަނީ މަގު ހުރަސްކޮށް، މިހާރު އެފްޑީއައި ހުންނަ ފާމުދޭރި މަގުން، އޯކިޑް މަގަށް އަޅަ އެވެ. އެ މަގު ހުރި ގޮތަށް ދުއްވަމުން ދާނީ ކުރީގެ ގަޑި ބުރު (އައިކެއާގެ މައި ފިހާރަ ހުންނަ ހިސާބު) ހުރަސްކޮށް މަޖީދީ މަގަށް ނުކުންނާށެވެ. އެ ހިސާބުން މަޖީދީ މަގުން މިސްރާބު ޖަހާނީ ހުރި ގޮތަށް ގޮސް ހެންވޭރު ދަނޑު ކައިރިއަށް ނިންމާށެވެ.

ގާތްގަނޑަކަށް 100 ވަރަކަށް މީހުން ރޭހުގައި ބައިވެރިވެ އެވެ. ހީޓުގައި އޮންނަނީ މި މަގުތަކުން އެއް ބުރެވެ. އެކަމަކު ފައިނަލަށް ހޮވޭ ދުއްވުންތެރިންގެ މެދުގައި ނުހުއްޓި ފަސް ބުރު ޖަހަ އެވެ. ފުރަތަމަ ބުރު ނިންމަން މަޖީދީ މަގުން ގޮސް ސޯސަން މަގަށް ލަނބާލައިގެން ދެން ހުރި ބުރުތައް ފަށަ އެވެ. ފަސް ވަނަ ބުރާ ހަމައަށް ދުއްވާނީ އެ ރޫޓުގަ އެވެ. ދެން ފަސް ވަނަ ބުރު ނިންމާނީ މަޖީދީ މަގުން ދާ ގޮތަށް ހެންވޭރު ދަނޑު ކައިރިއަށެވެ.

މަތީގައި އެވާ ފޮޓޯއިން އެ ފެންނަނީ ހެންވޭރު ދަނޑު ކައިރިއަށް، ބުލޭ 1983 ގެ ރޭސް ނިންމާ މަންޒަރެވެ. މަގުގެ އެއް ފަރާތުން އެ ފެންނަނީ މީހުން އެއްވެފައި އޮތް ތަނެވެ. ބައެއް މީހުން ރަނގަޅަށް ރޭސް ބަލަންވެގެން ގޭގޭގެ ފުރާޅު މައްޗަށް ވެސް އަރަ އެވެ.

މިއީ ޖެހިޖެހިގެން ތިން އަހަރު މި ރޭސް ކާމިޔާބުކުރުމުގެ ސިލްސިލާގައި، ބުލޭ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

މި ފޮޓޯގައި ބުލޭ 1984 ގެ ރޭސް ކާމިޔާބުކުރާ އިރު އޭނާގެ ފަހަތުން ވިއްދާފައި އެ އިނީ، ބުލޭގެ ތަރި އެރުމުގެ ކުރިން ބައިސްކަލް ރޭސްތަކުގެ އެންމެ ކާމިޔާބު ދުއްވުންތެރިޔާ ވީސަން އިބްރާހިމް ޝަރީފެވެ. މަގުގެ ދެ ފަރާތް ކުޅިބަލާ މީހުންތަކުން އޮތީ ފުރިފަ އެވެ.

މާލޭގައި އެ ދުވަސްވަރު ބާއްވާ ކޮންމެ މުބާރާތަކަށް ވެސް، ރޭހަކަށް ވެސް އާންމުންގެ ތެރޭގައި އޮންނަނީ ވަރަށް ބޮޑު ފޯރިއެކެވެ. އަދި އޭރު ޖެހިޖެހިގެން ތިން ފަހަރަށް ކުޅިވަރަކުން ޗެމްޕިއަންކަން ހޯދުމަކީ، އެ ޓީމަކާއި ވަކިވަކި އެތުލީޓުންގެ ނަން އާންމުންގެ ތެރޭގައި ވަރަށް ބޮޑަށް މަޝްހޫރުވާ ސަބަބެކެވެ. އެހެންކަމުން ޖެހިގެން އައި، 1985 ގެ ބައިސްކަލް ރޭސް ބުލޭ އަށް ވެސް ވީ ހަޔާތުގެ އެންމެ ބޮޑު އެއް އުއްމީދަށެވެ.

ބުލޭއަކީ ވަރުގަދަ އެތުލީޓެކެވެ. ހިތްވަރު ވެސް ގަދަ ޒުވާނެކެވެ. އެހެންކަމުން އޭނާގެ އެ އުއްމީދަށް ފަނޑުކަން ގެނެވޭވަރުގެ ބައިސްކަލް ދުއްވުންތެރިޔަކު 1985 ގެ ރޭހުގައި ވެސް ނުފެނުނެވެ. ބައެއް ދުވުންތެރިންގެ ފަރާތުން އޭނާއަށް ޖެއްސުންކުރުމުގެ އުނދަގޫތަކެއް ދިމާވި ނަމަވެސް، ފަހުގެ ނަތީޖާއަކީ، ބުލޭގެ ނަން ފަނޑުކޮށްލެވޭ ވަރުގެ މީހަކު އެ ރޭހުގައި ވެސް ނެތުމެވެ.

އޭރު އެއް ވަނަ ހޯދާ ދުއްވުންތެރިޔަކަށް ފައިސާގެ އިނާމުގެ އިތުރުން ރެލީ ބައިސްކަލެއް ވެސް ދެ އެވެ. މިއީ އެ ޒަމާނުގައި ވަރަށް އަގުހުރި އިނާމެކެވެ. އޭރު އެކަހަލަ ބައިސްކަލެއް ވެސް ގަނެވޭނީ ނިސްބަތުން މަދު ބަޔަކަށެވެ.

ބުލޭ 1985ގެ ރޭސް ކާމިޔާބުކުރުމުން ލިބުނު ރެލީ ބައިސް ކަލާ ހަވާލުވަނީ

ބުލޭގެ ކާމިޔާބީތަކާ އެކު އޭނާއަކީ އޭރު މާލޭގެ އެންމެ މަޝްހޫރު އެއް ކުޅިވަރު ޝަހުސިއްޔަތެވެ. ފުޓްބޯޅަ ތަރިން ފަދަ އާންމުންގެ ތެރޭގައި މަގުބޫލު ޒުވާނެކެވެ. އެކަމަކު ތިން އަހަރު ރޭސް ކާމިޔާބުކުރުމަށް ފަހު އޭނާ ވާދައެއް ނުކުރެ އެވެ.

"ލިބުނު ރީތި ނަމާ އެކު ނިންމާލީ،" މިހާރު އުމުރުން 55 އަހަރުގެ ބުލޭ ބުންޏެވެ.

އަލީ ސަލީމް (ބުލޭ) ބައިސްކަލެއްގެ މަތީގައި: 1980 ގެ އަހަރުތަކުގެ ކުރީކޮޅު ބުލޭ އަކީ ބައިސްކަލް ރޭސްތަކުން ހޯދި ކާމިޔާބުތަކާ އެކު ވަރަށް މަޝްހޫރު އެތުލީތެއް

ކޮވިޑް-19 ގެ ލޮކްޑައުންގެ މި ދުވަސްވަރު ރާއްޖޭގެ ކުރީގެ މަޝްހޫރު ކުޅިވަރު ތަރިން ގެންދަނީ ފޭސްބުކްގައި މާޒީގެ މުހިންމު ފޮޓޯތައް އާންމުކުރަމުންނެވެ. އެކަމަކު ބުލޭ ގެނެސްދިން ހަނދާންތައް ތަފާތުވަނީ، ބައިސްކަލް ރޭހަކަށް އާންމުންގެ ފަރާތުން އެ ލިބުނު ބޮޑު ތަރުހީބު ފެންނާތީ އެވެ. އެއީ އެތައް ބަޔަކަށް ވަރަށް ފޮނި މާޒީއެކެވެ.