ރާއްޖޭގައި ބާއްވާ އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ފަސްކޮށްފި

މި އަހަރު ރާއްޖޭގައި ބާއްވަން ތާވަލުކުރި އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކޮށްފި އެވެ.


އޭޝިއާގެ ބިޔަ މި މުބާރާތް ރާއްޖެ ގެންނަން ސްޕޯޓްސް މިނިސްޓްރީ އާއި ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެ މުބާރާތް ބާއްވަން ތާވަލުކުރީ މި އަހަރުގެ ސެޕްޓެމްބަރު މަހު 5 އިން 11 އަށް ކ. މާފުށީގަ އެވެ.

ބީބީއެމް އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކާއި އާއި ރާއްޖޭގައި ވެސް އެޅިފައިވާ ފިޔަވަޅުތަކުގެ ސަބަބުން އޭޝިއާގެ ބޮޑީބިލްޑިން މުބާރާތާ ބެހޭގޮތުން ސްޕޯޓްސް މިނިސްޓްރީ އާއި ބީބީއެމްގެ އިތުރުން އޭޝިއާގެ ބޮޑީބިލްޑިން ފެޑެރޭޝަނާ ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހު ނިންމީ މި އަހަރު މުބާރާތް ނުބޭއްވުމަށް ކަމަށެވެ.

މި މުބާރާތް ބޭއްވުމަށް މިހާރު ނިންމާފައިވާ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާގަ އެވެ.

ބޮޑީބިލްޑިން އަކީ ރާއްޖެ އަށް ގިނަ ރަން މެޑަލްތަކެއް ގެނެސްދީފައިވާ ކުޅިވަރެކެވެ. އޭޝިއާގެ މުބާރާތުން ވެސް ރާއްޖެ ވަނީ ރަން މެޑަލް ހޯދައިފަ އެވެ. ރާއްޖޭން ވަނީ 2001 ވަނަ އަހަރުގެ ސައުތު އޭޝިއަން ބޮޑީބިލްޑިން މުބާރާތް ބާއްވައިފަ އެވެ. އެ ފަހަރު މުބާރާތް އިންތިޒާމުކުރީ ބަނޑޮހުގަ އެވެ.

އިންޑޮނީޝިއާގެ ބަތާމްގައި ބޭއްވި އޭޝިއަން ބޮޑީބިލްޑިން ފެޑެރޭޝަނުގެ އިލެކްޓޯރިއަލް ކޮންގްރެސްގައި ރާއްޖޭގެ އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދު ވިދާޅުވީ ރާއްޖޭގައި ސަރުކާރާ ގުޅިގެން ބޭއްވޭ މުބާރާތް ވީ އެންމެ ފުރިހަމަ އަށް ކުރިއަށްގެންދާނެ ކަމަށެވެ.

ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ އަށް ކުޅިވަރުން މިހާތަނަށް ލިބިގެންދިޔަ ޝަރަފްވެރި ކާމިޔާބީގެ ލިސްޓުގައި ބޮޑީބިލްޑިން އޮތީ ކުރީގަ އެވެ. އޭޝިއާގެ މުބާރާތުން ރާއްޖެ އަށް ބޮޑީބިލްޑިން އިން ވަނީ މިހާތަނަށް ތިން މެޑަލް ހޯދައިފަ އެވެ. އެއީ 2017 ވަނަ އަހަރު އޮތް އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގެ 55 ކިލޯގެ ކެޓަގަރީން ރަން މެޑަލް ހޯދި ބޮޑީބިލްޑަރު ޝާހީން އިބްރާހިމް ދީދީ އާއި 2018 ވަނަ އަހަރު 165 ސެންޓިމީޓަރު އެތުލެޓިކް ފިޒީކް ބައިން ލޯ މެޑަލް ހޯދި މަހުމޫދު ޒިޔާދެވެ. އަދި މިދިޔަ އަހަރު އިންޑޮނީޝިއާގެ ބަތާމްގައި ބޭއްވި އޭޝިއާގެ ބޮޑީބިލްޑިން މުބާރާތުން ލޯ މެޑަލް ހާސިލް މުހައްމަދު މޫސާ އެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ދުނިޔޭގެ މުބާރާތުން ގައުމީ ބޮޑީބިލްޑިން ޓީމުން ވަނީ ދެ ލޯ މެޑަލް ހޯދައިފަ އެވެ. އަދި އޭގެ ކުރިން ނޭޕާލުގައި ބޭއްވި ދެކުނު އޭޝިއާގެ މުބާރާތުން ވަނީ ތިން ރަން މެޑަލް ހޯދައިފަ އެވެ.

ދުނިޔޭގެ ބޮޑީބިލްޑިން ފެޑެރޭޝަނުގެ ގެ ހާއްސަ ރަން މެޑަލް ކަމަށްވާ ޑިސްޓިންގުއިޝް ސާވިސް އެވޯޑް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފަ އެވެ. ޑިސްޓިންގުއިޝް ސާވިސް އެވޯޑް އަކީ ވެސް ބޮޑީބިލްޑިން ކުރިއަަރުވަން ކުރާ މަސައްކަތުގެ އަގުޒަވަންކުރުމުގެ ގޮތުން އަރުވާ ހާއްސަ އެވޯޑެކެވެ.