ކުޅިވަރު މުބާރާތްތައް މި އަހަރު ބޭއްވޭތޯ ބަލާނަން: މަހުލޫފް

މި އަހަރު ބާއްވަން ތާވަލުކޮށްފައިވާ ކުޅިވަރު މުބާރާތްތައް ބާއްވަން ބަލާއިރު މިހާރުގެ ހާލަތުގެ ގޮތުން ސުވާލު އުފެދޭ ކަމަށާއި ސިއްހީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް މުބާރާތްތައް ބޭއްވުމާ މެދު ގޮތްތަކެއް ނިންމަން މަސައްކަތްކުރައްވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.


އެފްއޭއެމުން ރޭ ގެނެސްދިން "ލެޓްސް ޓޯކް ފުޓްބޯލް" ޝޯގައި ވާހަކަ ދައްކަމުން މިނިސްޓަރު ވިދާޅުވީ މި ވަގުތަށް ބަލާއިރު މި އަހަރު ކުޅިވަރު މުބާރާތްތައް ބާއްވަން ސިއްހީ ބޭފުޅުން ގަޔާނުވާ ކަމަށެވެ.

"ހަގީގަތަށް ބުނާ ކަމަށްވާނަމަ އަޅުގަނޑަކަށް އަދި ނުފެނޭ މި އަހަރު ތެރޭގައި މުބާރާތެއް ފެށޭނެ ޖާގަ ލިބޭނެ ތަނެއް، ސިއްހީ ދާއިރާގެ ބޭފުޅުން ދައްކާ ވާހަކަ އާއި އަޅުގަނޑުމެންނާ ކުރެވޭ މަޝްވަރާތަކަށް ބަލާއިރު،" މިނިސްޓަރު ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑުމެންނަށް އަޑު އެބައިވޭ މަޑުމަޑުން އެއާޕޯޓް ވެސް ހުޅުވާލާ ވާހަކަ. އަޅުގަނޑުމެން ނިއު ނޯމަލަށް ދާކަމަށްވަންޏާ އެ ހެދޭ ގައިޑްލައިނަކުން މިޔަށް (ކުޅިވަރަށް) ވެސް ޖާގަ ލިބެމުންދާނެ. ހަމަ ސީދާ އަޅުގަނޑަށް އުނދަގޫ މުބާރާތްތައް އޮންނާނެތޯ ނޫންތޯ ބުނަން. ހާއްސަކޮށް ފުޓްބޯޅަ އާއި ބާސްކެޓްބޯޅަ ކަހަލަ ކުޅިވަރުތަކުގައި."

"މިހާރަ"ށް އެނގިފައިވާ ގޮތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅުންތެރިންނާ އެކު މިނިސްޓަރު ބޭއްވި ވީޑިއޯ ކޮންފަރެންސްގައިވަނީ މި އަހަރު މުބާރާތްތައް ބޭއްވުމަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދެނީ މުސާރައެއް ނޫން ކަމަށާއި އެއީ އެލަވަންސެއް ކަމަށާއި، އެ ފައިސާ މިވަގުތު ނުދެވެނީ ޕްރެކްޓިސްތައް ނޯންނާތީ ކަމަށް މިގެ ކުރިން މިނިސްޓަރު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފަ އެވެ. މިރޭ މިނިސްޓަރު ވިދާޅުވީ އޭރު އެ ގޮތަށް ނިންމުނީ ސަރުކާރަށް އާމްދަނީ ލިބުމުގެ ދޮރުތައް ބަންދުވާން ފެށުމުން ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ހަރަދުތަށް ކުޑަކުރުމުގެ ތެރެއިން ކަމަށާއި އެކަމަކު ކުޅުންތެރިންނާއި ވާހަކަ ދެކެވި ހާލަތު އެނގުމާ އެކު މިހާރު އެލަވަންސްގެ ކަންތަަައްތައް ހަމަޖެހިގެންދާނެ ކަމަށެވެ.

"އެއާ އެކީގައި އައި ކަންބޮޑުވުންތަކާ އެކީ އަޅުގަނޑުމެން ސާފުކޮށްލިން ކުޅިވަރު ކުޅޭ ކުޅުންތެރިންގެ މައުލޫމާތު. އަޅުގަނޑުމެން މުސާރަ ދޭ ކުޅުންތެރިންގެ ތެރެއިން ދެބައި ކުޅަ އެއްބައި ގާތްގަނޑަކަށް 150 އެއް ހާ ކުދިންނަކީ ކުޅިވަރަށް ޑިޕެންޑްވެގެން ކުޅޭ ކުޅުންތެރިން. އެހެންވީމަ އެމީހުންނަށް ލިބެމުންދިޔަ އާމްދަނީ ހުއްޓުނީ. ފަހުން އެސޯސިއޭޝަންތަކާ އެކު ކުރެވުނު މަޝްވަރާތަކުގެ އަލީގައި ނިންމީ މި ލޮކްޑައުން ތެރޭގައި ވެސް ދޭން،" މަހުލޫފް ވިދާޅުވި އެވެ.

ގައުމީ ޓީމުތަކަށް މަހެއްގެ މައްޗަށް 328 ކުޅުންތެރިންނަށް ގާތްގަނޑަކަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް ސްޕޯޓްސް މިނިސްޓްރީން މައުލޫމާތު ދެ އެވެ.

ކޮވިޑް-19ގެ ހާލަތުން އަރައިގަނެވޭ މިންވަރަށް ބަލާފައި ދެވޭ ލުއިތަކުގެ ތެރެއިން ގައުމީ ޓީމުތަކުގެ ޕްރެކްޓިސް ފެށޭނެ ގޮތެއް އޮތްތޯ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)އާ މަޝްވަރާކުރަމުން އަންނަ ކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.