ރާއްޖޭގެ ޓީމުތަކަށް ބެންގަލޫރު ކޯޗު ތައުރީފުކޮށްފި

މިދިޔަ އަހަރުތަަކުގައި ފެނުނު މެޗުތަކަށް ބަލާއިރު ރާއްޖޭގެ ފުޓްބޯޅަ ޓީމުތަކުގެ ކުޅުމުގެ ފެންވަރު ރަނގަޅުވަމުން އަންނަ ކަމަށް އިންޑިއާގެ ބެންގަލޫރުގެ ކޯޗު ސްޕެއިނުގެ ކާލެސް ކުއަޑްރާޓް ބުނެފި އެވެ.


އޭނާ މިހެން ބުނީ މި އަހަރުގެ އޭއެފްސީ ކަޕުގެ ޕްލޭއޮފް ބުރުގެ ދެ ލެގުން ވެސް ރާއްޖޭގެ މާޒިޔާ އަތުން ބެންގަލޫރު ބަލިވެ ކަޓާފައިވަނިކޮށެވެ. ސަރަހައްދުގެ ގަދަބާރެއް ކަމަށްވާ ބެންގަލޫރުން އޭއެފްސީ ކަޕްގައި މިހާތަނަށް 10 ފަހަރެއްގެ މަތިން ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް ވަނީ ކުޅެފަ އެވެ. އެއީ މާޒިޔާއާ ދެކޮޅަށް ހަ މެޗާއި ނިއު ރޭޑިއަންޓާ ދެކޮޅަށް ދެ މެޗާއި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ދެ މެޗެވެ. ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް އެންމެ ފުރަތަމަ ކުޅުނު ހަތް މެޗުން ވެސް ބެންގަލޫރު އޮތީ ފުރިހަމަ ރެކޯޑަކާ އެކު އެވެ. އެކަމަކު އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

އެއީ 2018 ވަަނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓް އަތުން 2-0 އިން ބަލިވި މެޗާއި މި އަހަރުގެ އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގައި ރާއްޖޭގެ މާޒިޔާ އަތުން ބަލިވި ދެ މެޗެވެ. މާލޭގައި 2-1 އިން ބަލިވިއިރު ބެންގަލޫރުގައި ކުޅުނު މެޗުން އެ ޓީމު ބަލިވީ 2-2 އިން އެއްވަރުވެ، އެގްރިގޭޓް ވެސް އެއްވަރުވެފައިވުމުން ނަތީޖާ ނެރެން ޕެނަލްޓީ ޖެހުމުން 4-3 އިންނެވެ.

ކުއަޑްރާޓް، ބެންގަލޫރުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި އެ ޓީމުގައި މަސައްކަތްކުރަން ފެށީ 2016 ވަނަ އަހަރު އެވެ. ހެޑް ކޯޗުކަމާ ހަވާލުވެ ކުއަޑްރާޓްގެ އިރުޝާދުގެ ދަށުން ކުޅުނު ދެ މެޗުން މާޒިޔާ އަތުން ބަލިވުމުން ކުއަޑްރާޓަށް ވަޒަންކުރެވުނީ ރާއްޖޭގެ ފުޓްބޯޅައިގެ ފެންވަރު ކުރިއަރާފައިވާ ކަމެވެ.

"އަހަރެމެންގެ ވާދަވެރި ގައުމުތަކަށް އިހުތިރާމްކުރަން ޖެހޭ. ފާއިތުވި އަހަރުތަކަށް ބަލާއިރު އެ މީހުން ވެސް ފުޓްބޯޅައިގެ ކުރިއެރުމަށް މަސައްކަތްތަކެއްކޮށްފި. ބަންގްލަދޭޝްގެ ޓީމުތަކާއި ރާއްޖޭގެ ޓީމުތަކުގެ ކުޅުން، ޓެކްޓިކަލް ނަޒަރުން ބަލާއިރު ވަރަށް ރަނގަޅުކޮށްފި. ކޮންމެ ޓީމަކާ ދެކޮޅަށް ވެސް އެ މީހުން ނުރައްކާކުރާނެ،" އިންޑިއާގެ ނޫހަކަަށް ދިން އިންޓަވިއުއެއްގައި ކުއަޑްރާޓް ބުންޏެވެ.

ރާއްޖޭން ދެ ފަހަރު ވެސް ސަރަހައްދުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އިންޑިއާ ބަލިކޮށްފަ އެވެ. ބަންގްލަދޭޝްގައި 2018 ވަނަ އަހަރު އޮތް ސާފް ސުޒުކީ ކަޕްގެ ފައިނަލުގައި އިންޑިއާ އަތުން 2-1 އިން ރާއްޖެ މޮޅުވި މެޗުގައި ވެސް ފެނުނީ މި ސަރަހައްދުގެ ފުޓްބޯޅައިގެ ހަގީގަތެއްކަން ކުއަޑްރާޓް ފާހަގަކުރި އެވެ.

"ސާފް ފައިނަލުގައި ވެސް ރާއްޖޭން ވަނީ އިންޑިއާ ބަލިކޮށްފައި. މިއީ ވެސް ފެންނަން އޮތް ކަމެއް،" ކުއަޑްރާޓް ބުންޏެވެ.

އޭއެފްސީ ކަޕްގެ ފައިނަލުގައި 2016 ވަނަ އަހަރު ބެންގަލޫރު ކުޅުނެވެ. އަންނަ ސީޒަނުގައި ވެސް މިހާރު އެ ޓީމަށް ވަނީ މުބާރާތުގެ ކޮލިފައިން އިން ފުރުސަތު ލިބިފަ އެވެ. ޖެހިޖެހިގެން ހަ އަހަރު އޭއެފްސީ ކަޕްގައި ބެންގަލޫރު ކުޅެފައިވާއިރު، މީގެން ވެސް އެ ޓީމުގެ ފެންވަރު ވަޒަންކުރެވޭ ކަމަށާއި މި ފަހަރު ކުރެވުނު ހިތި ތަޖުރިބާ އަކީ ވެސް ފުޓްބޯޅައިގައި ދިމާވެދާނެ ކަމެއްކަން ގަބޫލުކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

"މި ފަހަރުގެ އޭއެފްސީ ކަޕްގައި އަހަރެމެންގެ ޕްލޭނަކާ އެެއްގޮތަކަށް ނޫން ކަންތައްތައް ދިޔައީ. އޭގެ އެއް ސަބަބެއް ސުޕަ ލީގުގެ މުހިއްމު ހިސާބަކާއި އޭއެފްސީ ކަޕްގެ މެޗުތައް ގާތްގާތުގައި ކުޅެން ޖެހުނުއިރު މުހިއްމު ކުޅުންތެރިން އަނިޔާގައި ތިބުން،" ސްޕެއިނުގެ ބާސެލޯނާގެ ބީ ޓީމަށް ކުރިން ކުޅުނު ކުއަޑްރާޓް ބުންޏެވެ.

ބެންގަލޫރަށް އަންނަ އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ލިބުނީ އައި ލީގުގެ ޗެމްޕިއަންކަން ލިބުނު މޯހަން ބަގާން އާއި އެތުލެޓިކޯ ޑި ކޮލްކަތާ (އޭޓީކޭ) އެއްކޮށްލުމުންނެވެ. ބެންގަލޫރަށް އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ކޮލިފައިން އިން ފުރުސަތު ދިނީ ސުޕަ ލީގުގެ ތިން ވަނަ ޓީމުގެ ހައިސިއްޔަތުންނެވެ.