ގައުމީ ސްކޮޑު ނަގާ އުސޫލަށް ބަދަލު އަންނާނެ: ސުޒޭން

ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުންތެރިން ނެގުމަށް މިހާރު ހަދާފައި އޮތް އުސޫލަށް ކުރިއަށް އޮތްތަނުގައި ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ބުނެފި އެވެ.


ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި އޮކްޓޫބަރާއި ނޮވެމްބަރުގައި ކުޅެން އޮތް ތިން މެޗަށް އަންނަ މަހުގެ ހަތަރެއްގައި ޕްރެކްޓިސް ފެށުމަށްޓަކައި އިއްޔެ އެފްއޭއެމުން ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް 32 ކުޅުންތެރިންގެ ސްކޮޑެއް އިއުލާނުކޮށްފަ އެވެ.

ފާއިތުވި އަހަރުތަކުގައި އެންމެ ބޮޑަށް ކުޅުންތެރިންގެ ޝަކުވާ އަކީ ކްލަބް ލެވެލްގައި އެކަށީގެންވާ މިންވަރަށް މެޗުތަކުގައި ކުޅެފައިނުވި ނަމަވެސް ގައުމީ ޓީމުން ފުރުސަތު ލިބޭ މައްސަލަ އެވެ. އަދި ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި އަމަލުކުރަން ޖެހޭ ހަރުދަނާ އުސޫލުތަކެއް އޮންނަން ޖެހޭ ކަމަށް ބުނެ ގިނަ ކުޅުންތެރިން ވަނީ އަޑުއުފުލައިފަ އެވެ. އަދި އެ އުސޫލުތަކެއް ކުޅުންތެރިންނަށް ވެސް އެނގުން އެއީ މުހިއްމުކަމެއްގެ ގޮތުގައި ކުޅުންތެރިން ގަބޫލުކުރެ އެވެ.

އިއްޔެގެ ވީޑިއޯ ކޮންފަރެންސްގައި، ގައުމީ ޓީމަށް ކުޅުންތެރިން ނެގުމަށް ހާއްސަ އުސޫލުތަކެއް އޮތްތޯ "މިހާރު" އިން ކުރި ސުވާލަކަށް ކޯޗު ސުޒޭން ބުނީ މިހާރު ވެސް ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި އުސޫލުތަކެއް އޮންނަ ކަމަށާއި އެ އަށް ގެންނަން ޖެހޭ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާކުރެވެމުންދާ ކަމަށެވެ.

"އިތުރަށް ގެންނަން ޖެހޭ ބަދަލުތަކާއި ތި ފާހަގަކުރިހެން ކުޅުންތެރިން އެ ކުޅޭ މިނިޓްސް އާއި މި ހުރިހާ އެއްޗެއް ހިމަނައިގެން އެ (އުސޫލަށް) އަށް އިތުރު ބަދަލުތަކެއް ގެންނަން ފެނޭތޯ ޓެކްނިކަލް ޓީމާއި އެފްއޭއެމްގެ ބޭފުޅުންނާއި މަޝްވަރާކުރަމުން މި އަންނަނީ. އިތުރު ބަދަލުތަކަކީ ކޮބައިތޯ އެ ކްރައިޓީރިއާ އަށް ގެންނަން ޖެހޭ. އެ ބަދަލުތައް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ގެންނާނަން،" ސުޒޭން ބުންޏެވެ.

ކްލަބް ލެވެލްގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ގައުމީ ޓީމުން ފުރުސަތު ނުލިބޭ މައްސަލަ ވެސް އެބައޮތެވެ. އެގޮތުން އެފްއޭއެމުން މި ފަހަރު ނެގި 32 ކުޅުންތެރިންގެ ސްކޮޑުގައި ނުހިމެނުނު އެއް ކުޅުންތެރިއަކީ މާޒިޔާ އަށް މިދިޔަ ސީޒަނުގައި ލީގު ކާމިޔާބު ކޮށްދިނުމުގައި މޮޅު ކުޅުމެއް ދައްކައި ތަޖުރިބާކާރު ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) އެވެ. މި ފަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގައި މާޒިޔާ އިން ނެރުނު ނަތީޖާތަކުގައި ލިލީގެ ހިއްސާ ބޮޑެވެ. އެއް ފެންވަރެއްގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. ލިލީ އަކީ ޓީމުން މި ފަހަރު ފުރުސަތު ނުލިބި ހުރި ފާހަގަކޮށްލަން ރަނގަޅު ކުޅުންތެރިއެއް ކަމަށް ސުޒޭން ވެސް އެއްބަސްވެ އެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ލިލީ: ފަހަކަށް އައިސް އަންނަނީ މޮޅު ކުޅުމެއް ދައްކަމުން.-- ފޮޓޯ: މިހާރު ފައިލް ފޮޓޯ

"ތީ ހަމަ ފާހަގަކޮށްލަން ރަނގަޅު ކުޅުންތެރިއެއް. އެހެން ނަމަވެސް އަޅުގަނޑުމެންގެ ވެސް ފޯކަސްގައި ހުރި ކުޅުންތެރިއެއް. އެހެން ނަމަވެސް މި ވަގުތުގައި ސްކޮޑުގައި ނެތް ކަމުގައި ވިޔަސް ކުރިއަށް އޮތްތަނުގައި އޭނަ އޭއެފްސީ ކަޕްގައި އެ ކުޅެމުންދާ ރަނގަޅު ކުޅުން ދައްކާ ކަމުގައިވާނަމަ ގައުމީ ޓީމުން ފުރުސަތެއް ނުގެއްލޭނެ. ފުރުސަތު ހުޅިވިފައި އެބައޮތް. މި ވަގުތު ސިލެކްޓްކޮށްފައި އެ ތިބީ ރެގިއުލާކޮށް ކުޅޭ ކުޅުންތެރިންނާއި ކޯޗުގެ ވިސްނުން ހުރި ޓީމަށް ބޭނުންވާ ކުޅުންތެރިންނަށް ބަލައިގެން،" ސުޒޭން ބުންޏެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެ މިހާރުގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ "އުމުރު މުހިއްމެއް ނޫން. މޮޅަށް ކުޅޭނަމަ ގައުމީ ޓީމުން ފުރުސަތު ލިބޭނެ،" ކަމަށެވެ. އިއްޔެގެ ވީޑިއޯ ކޮންފަރެންސްގައި ކޫޕްމަން ބުނީ މި ވަގުތު ނަގާފައިވާ 32 ކުޅުންތެރިންނަށް ޓީމުގެ ޖާގަ އަދި ޔަގީންވެފައި އޮތީ ކަރުދާހުގައި ކަމަށާއި ދަނޑުމަތީގައި ވެސް އެ ޖާގަ ދަމަހައްޓަން ކުރަން ޖެހޭ މަސައްކަތް އޮތީ ކުޅުންތެރިންގެ އަތްމަތީގައި ކަމަށެވެ.

"އަހަރެން ބަދަލު ގެންނަން ޖެހިއްޖެ ހާލަތެއްގައި ޓީމަށް އެ ބަދަލު ގެންނާނަން. އެއީ އަލުން ޓީމަށް އަރަން ބޭނުންވާނެ ނޫނީ ފުރުސަތު ބޭނުންވާނެ ގިނަ ކުޅުންތެރިން ތިބޭނެ،" ކޫޕްމަން ބުންޏެވެ.

މީގެ ކުރިން ފުރަތަމަ ޑިވިޝަނުގެ ގިނަ ކޯޗުން ވެސް ވަނީ ގައުމީ ޓީމަށް ކުޅުންތެރިން ނަގާ ގޮތާ މެދު ފާޑުކިޔައިފަ އެވެ. އެކަމަކު އޭރަކު ހުންނަ ކޯޗެއްގެ ޕްލޭނާ އެއްގޮތަށް މަސައްކަތްކުރެވޭނެ ކުޅުންތެރިން ނެގުމަކީ ރަނގަޅު ގޮތް ކަމަށާއި އެކަމަކު އެއިން ނަތީޖާ ނުނެރެވުމަކީ މައްސަލައެއްކަން ކޯޗުން ފާހަގަކުރެ އެވެ.