ޕްރެކްޓިސް ފެށުމުގެ ކުރިން ކޮވިޑަށް ޓެސްޓްކުރެވޭތޯ ބަލަނީ

އަންނަ މަހު ހަތަރު ވަނަ ދުވަހު ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސްތައް ފެށުމުގެ ކުރިން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ ގުޅިގެން ކުޅުންތެރިން ކޮވިޑް-19 އަށް ވެސް ޓެސްޓްކުރެވޭނެ މަގެއް ފެނޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްއޭއެމުން ބުނެފި އެވެ.


އޮކްޓޫބަރާއި ނޮވެމްބަރު މަހުގައި އޮތް ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން އަށް 32 ކުޅުންތެރިންނާ އެކު ގައުމީ ޓީމުގެ ޕްރެކްޓިސް އަންނަ މަހު ހަތަރެއްގައި ފަށާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެއީ އެޗްޕީއޭގެ ލަފާގެ މަތިންނެވެ.

އެފްއޭއެމުން މިހާރު ވަނީ ރަށްރަށުގައި ތިބި ކުޅުންތެރިން މި މަހު 30 ވަނަ ދުވަހުގެ ކުރިން މާލެ އަންނަން އަންގައިފަ އެވެ. އަދި އެ ކުޅުންތެރިން މާލެ އައުމަށް ފަހު މި މަހު 30 އިން އަންނަ މަހު ހަތަރަކާ ހަމައަށް މޮނިޓާކުރާނެ ކަމަށާއި ޕްރެކްޓިސް ފަށާނީ ހުރިހާ ކުޅުންތެރިންގެ މެޑިކަލް ޓެސްޓެއް ހެދުމަށް ފަހު ކަމަށް ބުނެފައިވެ އެވެ.

"މި ވަގުތު ހަމަޖެހިފައި އޮތީ މި މަހު 30 އިން އަންނަ މަހު ހަތަރަކާ ހަމައަށް ކުޅުންތެރިން މޮނިޓާކުރާ ގޮތަށް. އެއީ އަޅުގަނޑުމެން އެފްއޭގެ މެޑިކަލް ޑިޕާޓްމަންޓުން ކުޅުންތެރިންގެ މެޑިކަލް ޓެސްޓްތަކެއް ހެދުމަށް ފަހު. ދެން މިހާރު މި ބަލަނީ އެންމެ މަތިން އެއީ އެޗްޕީއޭގެ އެހީއާ އެކު ކޮވިޑް-19 އަށް ޓެސްޓް ކުރެވޭތޯ. އަޅުގަނޑުމެންގެ ކޮންމެ ކަމެއް ވެސް މި ކުރަނީ އެޗްޕީއޭ އިން އަންގާ ގޮތަށް. ޕްރެކްޓިސް ފަށާނީ ކުޅުންތެރިންގެ ޓެސްޓްތަކަށް ބަލާފައި،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވި އެވެ.

ކޮވިޑް-19ގެ ސަބަބުން ކުޅިވަރު ހަރަކާތްތައް މެދުކަނޑާލުމަށް ފަހު އަލުން ޕްރެކްޓިސްތައް ފެށުމުގެ ކުރިން ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް ވަނީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓްކޮށްފަ އެވެ.

ގައުމީ ޓީމަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް މި ވަގުތު ތިބީ އެ ކުޅުންތެރިން އުފަން ރަށުގަ އެވެ. ކޮވިޑް-19 ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުގެ ކުރިން ފުޓްބޯޅަ ސީޒަން އަވަހަށް ނިންމާލުމުން ކުޅުންތެރިން ތިބީ ބޮޑު ބްރޭކެއްގަ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ތިބުމަށް ފަހު ކުޅުންތެރިން ފަހަކަށް އައިސް އަމިއްލަ އަށް އިންޑިވިޖުއަލް ޓްރެއިނިންތަކެއް ހަދަން ވަނީ އިރުޝާދުދީފަ އެވެ.

އަލުން ޕްރެކްޓިހަށް ނުކުންނައިރު އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ ކުޅުންތެރިންގެ ފިޓްނަސް މައްސަލަ ކަމަށް ގައުމީ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން ވަނީ ބުނެފަ އެވެ. ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ބުނީ އެޗްޕީއޭ އިން ރަށްރަށުގައި ކުޅެން ދިއުމުގެ ފުރުސަތު ދިނުމާ އެކު ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި ކުޅުންތެރިންނަށް ކުޅެލަން ދިއުމުގެ ފުރުސަތު ލިބިގެންދިއުމަކީ ގައުމީ ޕްރެކްޓިހާ ކުޅުންތެރިން ގުޅޭއިރު އޭގެ ކޮންމެވެސް ވަރެއްގެ ރަނގަޅު ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ.

ގައުމީ ޓީމު ޕްރެކްޓިސް ކުރަނީ އޮކްޓޫބަރުގައި ޗައިނާ އާއި ސީރިއާއާ ދެކޮޅަށް ކުޅޭ މެޗާއި ނޮވެމްބަރު މަހު ފިލިޕީންސާ ބައްދަލުކުރާ މެޗަަށެވެ.

ނިއު ނޯމަލްގެ ތެރެއިން ފުޓްބޯޅައިގެ ޕްރެކްޓިހާ ކަންތައްތައް ކުރިއަށްގެންދާނެ ގޮތުގެ ޕްލޭނެއް އެފްއޭއެމުން ވަނީ ތައްޔާރުކޮށްފަ އެވެ. އެޗްޕީއޭ އާއި ސިއްހީ މާހިރުންގެ ލަފަޔާ އެކު ތައްޔާރުކުރި މި ޕްލޭން އާންމުކުރާނީ ގިނަ ފަރާތްތަކުން ބޭނުންވާ ސަލާމަތީ ކަންތައްތައް އޭގެ ހިމަނައިގެން ކަމަށް އެފްއޭއެމްގެ ސީިނިއާ ނައިބު ރައީސް އަހުމަދު ޝަކީބް (ޑޮކް) ވަނީ ވިދާޅުވެފަ އެވެ. އެފްއޭއެމްގެ ޕްލޭނުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ދަނޑުގައި ޑިސްއިންފެކްޓް ގޭޓް ބެހެއްޓުން ހިމެނެ އެވެ.

ކޮވިޑް-19 ފެތުރޭތީ މެދުކަނޑާލި ޓީމު ކުޅިވަރުތަކުގެ ޕްރެކްޓިސްތައް ކަނޑައެޅިގެންދާ އުސޫލުތަކުގެ ތެރެއިން ފެށުމުގެ ފުރުސަތު އަންނަ މަހުން ފެށިގެން ދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމާފައިވާކަން އިއުލާނުކުރީ މި މަހު 11 ވަނަ ދުވަހުގަ އެވެ. އެ ގޮތުން އެޗްޕީއޭ އިން ލަދާދީފައިވަނީ ސްޕޯޓްސް މިނިސްޓްރީއާ މަޝްވަރާކުރުމަށް ފަހު ކުޅިވަރު އެސޯސިއޭޝަންތަކުން ކުރިއަށް ދިއުމަށެވެ. އަލުން ޕްރެކްޓިސް ފެށި އެއް ޓީމަކީ ކްރިކެޓް ގައުމީ ޓީމެވެ.