ލިވަޕޫލުގެ އިންތިޒާރަށް ނިމުން: މައުމޫނަށް ހާއްސަ އުފަލެއް

"ރޭގެ މެޗުގެ ވާހަކަ ނާއްސަވާނަންތޯ؟،"


މިލާން ކްރިކެޓް އެކަޑަމީން ރައީސް މައުމޫން އަބްދުލްގައްޔޫމަށް ކްރިކެޓުގެ ހިދުމަތުގެ މެޑަލް އެރުވުމަށް 2018 ވަނަ އަހަރުގެ ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، އޭގެ ކުރީ ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް ކުޅުނު މެޗަށް އިޝާރާތްކުރައްވައި ނޫސްވެރިއެއް ގާތު މައުމޫން އެއްސެވި އެވެ.

އެމަނިކުފާނުގެ އެންމެ ކުޅުއްވާ ހިތްވާ ކުޅިވަރު ކަމަށްވާ ކްރިކެޓުގެ ހަރަކާތެއްގެ ތެރެއިން ފުޓްބޯޅައިގެ ކުރިއެއް ފަޅުއްވައި، ލިވަޕޫލުގެ ވާހަކަތައް ފެށްޓެވީ، އެ ކްލަބާ މެދު ހިތްޕުޅުގައި އޮންނަ ލޯތްބެއްގެ ބޮޑުކަމުންނެވެ. އެހެންވެ އެ ކްލަބުން 30 އަހަރުގެ އިންތިޒާރަކަށް ފަހު އިނގިރޭސި ލީގު ޗެމްޕިއަންކަން ރޭ ހޯދުމުން، އެންމެ ބޮޑު އުފަލެއް ލިބިވަޑައިގަންނަވާނެ އެއް ދިވެއްސަކީ ޔަގީނުން ވެސް އެމަނިކުފާނެވެ. އަމުދުން މައުމޫނަކީ، ލިވަޕޫލުން 1970 އިން ފެށިގެން 1980 ގެ އަހަރުތަކުގައި ހޯދި ކާމިޔާބީތަކުގެ ކުލަތައް ދެކެވަޑައިގެންފައިވާ ބޭފުޅަކަށް ވާތީވެ، އެ ހަނދާންތަކުގެ ތެރެއަށް ރޭ އަލުން ވެދެވަޑައިގަނެވޭނެ އެވެ.

ލިވަޕޫލުގެ އާދަޔާހިލާފު ކާމިޔާބަށް މަރުހަބާ ވިދާޅުވެ މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ލިޔުއްވާފައިވާ ގޮތުގައި "ދިގު އިންތިޒާރު އެންމެ ފަހުން ނިމުމަކަށް އަތުވެއްޖެ" ކަމަށެވެ.

"އެފަދަ ދެ ވަނައެއް ނެތް ޔާގެން ކްލޮޕާއި އޭނާގެ ކުޅުންތެރިން މިވަނީ ހަގީގީ ލެޖެންޑުންނަށް ވެފަ އެވެ،" މައުމޫން ލިޔުއްވި އެވެ. "ލިވަޕޫލުގެ ސަޕޯޓަރެއްގެ ގޮތުގައި 50 އަހަރަށް ވުރެ ގިނަ ދުވަހު ހުރި މީހެއްގެ ގޮތުން، މި ކާމިޔާބީ އެތައް ގޮތަކުން ހާއްސަ އެވެ."

އުމުރުފުޅުން 82 އަހަރުގެ މައުމޫނަކީ ހަމައެކަނި "ސޯޝަލް މީޑިއާ" ގައި ސަޕޯޓަރެއް ނޫނެވެ. ގަވާއިދުން މެޗުތައް ބައްލަވަ އެވެ. އަދި ސަޕޯޓަރުންގެ ވައިބާ ގްރޫޕުގައި ޒުވާނުންނާ ބައިވެރިވެވަޑައިގެން، ކާމިޔާބާއި ނާކާމިޔާބީތަކުގެ އިހުސާސްތައް ހިއްސާކުރައްވަ އެވެ.

އެމަނިކުފާނު ފަދަ އިއްޒަތްތެރިއަކު، ޒުވާނުން ފުޓްބޯޅައިގައި ފޯރި ނަގާ ގްރޫޕެއްގައި އުޅުއްވަފާނެ ކަމަކަށް ބައެއް ސަޕޯޓަރުން ގަބޫލެއް ނުވެސް ކުރެ އެވެ. ރައީސް މައުމޫންގެ ނަމުގައި ނަމްބަރެއް ފެނުމުން ފުރަތަމަ ގިނަ ބަޔަކަށް ބެލެވުނީ އެއީ އެހެން މީހެއް ކަމަށެވެ. އެކަމަކު ފަހުން އެއީ މައުމޫންކަން އެނގުމާ އެކު ގިނަ ސަޕޯޓަރުންނަށް ލިބުނީ ހައިރާންކަމެކެވެ.

"ވައިބާ ގްރޫޕްގައި އެކްޓިވްވާން ފެށީމަ ގްރޫޕްގައި ތިބި މީހުން ރައީސް މައުމޫން ތޯ ޔަގީންކުރަން ބޭނުންވެގެން އެދުމުން ގްރޫޕަށް ފޮނުއްވީ ސެލްފީއެއް. އެ ހިސާބުން ގިނަ ސަޕޯޓަރުންނަށް ޔަގީންވީ އެއީ ރައީސް މައުމޫން ކަން،" ލިވަޕޫލް ސަޕޯޓަރުންގެ ކްލަބްގެ ޗެއާޕާސަން ބައްސާމް ރަޝީދު ބުނެފައިވެ އެވެ.

އެ ފަހުން، ޑިސެމްބަރު، 2018 ގައި ލީގުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން 3-1 އިން ލިވަޕޫލް މޮޅުވި މެޗު، އެ ގްރޫޕުގެ މެމްބަރުންނާ އެކު ސޯލްޓް ކެފޭގައި ބޮޑު ސްކްރީނުން ބައްލަވަލެއްވި އެވެ. އެއީ މައުމޫން ދެއްވި ހިޔާލުފުޅަކަށް އެމަނިކުފާނުގެ ފަރާތުން އިންތިޒާމްކުރި ހަރަކާތެކެވެ.

ކޮވިޑް-19 ގެ ސަބަބުން މިވަގުތު އެއްވެވެން ނެތުމުން، ރޭގެ ކާމިޔާބީގެ އުފާ އެފަދަ ގޮތަކަށް ފާޅުކުރެވޭކަށް ނެތެވެ. މިވަގުތަށް "ޒޫމް ޕާޓީ" އަކުން ފުއްދާލި ނަމަވެސް، އާއްމު ހާލަތަކަށް އައުމުން އުފާފާޅުކުރުންތައް އޮންނާނެ އެވެ.

"މައުމޫން ރޭ އެއްސެވި ކޮންކަމެއްތޯ ބޭއްވޭނީ،" ގްރޫޕުގެ މެމްބަރަކު ބުންޏެވެ.

މައުމޫން ހުންނަވަނީ ލިވަޕޫލުގެ އެފަދަ ކޮންމެ ހަރަކާތަކަށް ބައްލަވަބައްލަވަ އެވެ. މި އަހަރުގެ ފެބްރުއަރީ މަހު ލިވަޕޫލްގެ ކުރީގެ ވައިސް ކެޕްޓަން ޑެނިއަލް އެގާ ރާއްޖެ ގެނެސް އޭނާއާ "އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް އޮފް މޯލްޑިވްސް" އިން ބޭއްވި ހަރަކާތުގައި، ވެސް މައުމޫން ބައިވެރިވެވަޑައިގަތެވެ.

އެ ހަރަކާތުގައި އެގާއާ ވާހަކަދައްކަވަމުން މައުމޫން ވިދާޅި ގޮތުގައި ލިވަޕޫލަށް ސަޕޯޓްކުރާތާ ވަރަށް ގިނަ ޒަމާންތަކެއް ވެއްޖެ ކަމަށެވެ. އެއީ އެގާ އުފަންވުމުގެ ވެސް ކުރިން 1960 ގެ އަހަރުތަކުގެ ތެރޭގައި އެ ކްލަބަށް ދެވެން ފެށުނު ތަރުހީބެއް ކަމަށް ވިދާޅުވި އެވެ.

"އޭރު ޓީވީ އަކުން މެޗެއް ނުފެންނާނެ. ޖެހޭނީ ރޭޑިއޯ ކޮމެންޓަރީ އަޑުއަހަން،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވަނީ ރޭގެ ކުރިން ލިވަޕޫލުން އެންމެ ފަހުން ލީގު ކާމިޔާބުކުރި ސީޒަން ކަމަށްވާ 1990 ވަނަ އަހަރު ލީގު ކާމިޔާބުކުރުމަށް ފަހު ތަށި ދިފާއުކުރަން 1991 ވަނަ އަހަރު ލިބުނު ފުރުސަތު ގެއްލުމުގެ ހަނދާންތައް ވެސް އެ ހަރަކާތުގައި އާކުރައްވައިފަ އެވެ. އެ ފަހަރު ލީގުގެ ފަހު މެޗުގައި އާސެނަލާ ދެކޮޅަށް އެއްވަރުކޮށްލައިގެން ވެސް ލިވަޕޫލަށް ލީގު ޗެމްޕިއަންކަން ކަށަވަރުކުރެވެން އޮއްވައި ލިވަޕޫލް ބަލިވީ 2-0 އިންނެވެ.

އެރޭ ވެސް މައުމޫން ވިދާޅުވީ މިއީ ލީގު ހޯދުމުގެ ފުރުސަތު ލިވަޕޫލަށް ވަރަށް ބޮޑު އަހަރެއް ކަމަށާއި އެކަންވެއްޖެ ނަމަ އެއީ ލިވަޕޫލް ސަޕޯޓަރުންނަށް ވަރަށް ހާއްސަވާނެ ކާމިޔާބަކަށްވާނެ ކަމަށެވެ.

ލިވަޕޫލްގެ ސަޕޯޓަރުންގެ ކްލަބްގެ މެމްބަރުންނާއި އެގާ އަދި މިނިސްޓަރު މަހުލޫފް ފޮޓޯއަކަށް ހުއްޓިގެން.

ލިވަޕޫލަކީ، 1970 އިން ފެށިގެން 1980 ގެ އަހަރުތަކުގައި އިންގްލެންޑާއި ޔޫރަޕުގައި ވެސް އެންމެ ކާމިޔާބު އެއް ޓީމެވެ. އެ މުއްދަތުގައި އެ ޓީމުން 11 ފަހަރު ލީގު ކާމިޔާބުކުރި އެވެ. އަދި އޭގެ ފަހުން ލީގު ކާމިޔާބުނުކުރެވި މިދިޔަ 30 އަހަރުގެ ތެރޭގައި ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު، ޔުއެފާ ކަޕް އެއް ފަހަރު އެފްއޭ ކަޕް ތިން ފަހަރު އަދި ލީގު ކަޕް ހަތަރު ފަހަރު ހޯދި އެވެ. އެކަމަކު ޕްރިމިއާ ލީގު ނުލިބޭތީ އެ ކާމިޔާބީގެ އުފާ އޮތީ ނުލިބިފަ އެވެ. އަމުދުން ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އެ މުއްދަތުގެ ތެރޭގައި 13 ލީގު ހޯދައިދީފައިވާތީވެ އެވެ.

އެހެންވެ 30 އަހަރުގެ ހުސްކަމަކަށް ލީގު ލިބުމުގެ އުފާ ލިވަޕޫލުގެ ދިވެހި ސަޕޯޓަރުން ފާހަގަކުރާއިރު، އެ މީހުންގެ ފަހަތުގައި މައުމޫން ހުންނެވުމަކީ ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. ލިވަޕޫލުގެ ޒުވާން ސަޕޯޓަރަކު ބުނީ މައުމޫނަކީ، ލިވަޕޫލުގެ އެންމެ ރަން އަހަރުތަކުން ފެށިގެން ވަފާތެރި ސަޕޯޓަރެއް ކަމަށާއި އަދި ގައުމުގެ ރައީސްކަން ކުރެއްވި ވަރުގަދަ ލެގަސީއެއް އޮތް ބޭފުޅެއް ކަމަށާއި އެފަދަ ޝަހުސިއްޔަތަކާ އެކު މި ކާމިޔާބީ ފާހަގަކުރެވޭތީ އިތުރު އުފަލެއް ލިބޭ ކަމަށެވެ.

މިސްރުގައި ކިޔަވާވިދާޅުވާން ހުންނެވި ދުވަސްވަރު، އެ ގައުމާއި ބްރެޒިލް ކުޅުނު މެޗަކަށް ވަޑައިގެން، ދުނިޔޭގައި އުފެފުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ބްރެޒިލްގެ ޕެލޭގެ ކުޅުން ހަމަލޮލުން ދެކެވަޑައިގެންފައިވާ މައުމޫނަކީ، ފުޓްބޯޅަ އަށް ވަރަށް ބޮޑަށް ލޯބިކުރައްވާ ބޭފުޅެކެވެ. އެންމެ ކުޅުއްވާ ހިތްޕުޅުވަނީ ކްރިކެޓް ކަމަށްވީ ނަމަވެސް އަބަދުވެސް ވިދާޅުވަނީ އެންމެ ބައްލަވާ ހިތްޕުޅުވަނީ ފުޓްބޯޅަ ކަމަށެވެ.

ރައީސް މައުމޫން (ވ) އާއި އެގާ ފޮޓޯ އަކަށް ހުއްޓިގެން.

އެމަނިކުފާނު ރައީސްކަމުގައި ހުންނެވި އިރު ވަރަށް ގިނައިން ރާއްޖޭގެ ފުޓްބޯޅަ މުބާރާތްތަކުގެ ފައިނަލް މެޗުތަކަށް ވަޑައިގަންނަވަ އެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގެ ކުރިއެރުމުގެ މުހިއްމު ހިއްސާއެއް ކަމަށްވާ، ޕްރެޒިޑެންޓް އޮފް މޯލްޑިވްސް ސޮކާ ކަޕް (ޕޮމިސް ކަޕް) އެއީ ވެސް އެމަނިކުފާނުގެ ވެރިކަމުގައި 1987 ވަނަ އަހަރު ތައާރަފްކުރި މުބާރާތެކެވެ. ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ފައިނަލް މެޗު ބައްލަވަން ކޮޅުނބަށް ވަޑައިގެންނެވި އެވެ. އަދި ވެރިކަމުން ފައިބައިވަޑައިގެން ހުންނެވި ނަމަވެސް 2009 ވަނަ އަހަރުގެ ފައިނަލް މެޗު ބައްލަވާލައްވަން ޑާކާ އަށް ވެސް ވަޑައިގެންނެވި އެވެ.

މިވަގުތު ދިވެހި ފުޓްބޯޅައިގެ ފޯރިކެނޑިފައިވީ ނަމަވެސް، ދިވެހި ސަޕޯޓަރުންނާ އެކު ފުޓްބޯޅައިން އެމަނިކުފާނު އެގެންދަވަނީ ހިތްހަމަޖެހުން ހޯއްދަވަމުންނެވެ. އޭގެ ތެރެއިން ވެސް ރޭ އެ ލިބިވަޑައިގަތީ ހާއްސަ އުފާފުޅެކެވެ.