ސާފް ސުޒުކީ ކަޕް އަންނަ އަހަރަށް ފަސްކޮށްފި

ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައި ބާއްވަން ތާވަލުކުރި ސާފް ސުޒުކީ ކަޕް (ސާފް ޗެމްޕިއަންޝިޕް) ކޮވިޑް-19 ގެ ސަބަބުން އަންނަ އަހަރަށް ފަސްކޮށްފި އެވެ.


މި ގޮތަށް ނިންމީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކާ އެކު ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން އިއްޔެ ބޭއްވި ވީޑިއޯ ކޮންފަރެންސް ބައްދަލުވުމުގަ އެވެ.

ސާފް ސުޒުކީ ކަޕް ތާވަލުކޮށްފައި އޮތީ މި އަހަރުގެ ސެޕްޓެމްބަރު 19-30 އަށެވެ. ބަންގްލަދޭޝްގައި ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެއް ސަރަހައްދަކީ، މުބާރަތް ބާއްވާ ސިޓީ ކަމަށްވާ ޑާކާ އެވެ.

ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަންވަރުލް ހައްގު ވިދާޅުވީ މުބާރާތް ޝެޑިއުލް ކުރާނެ ސީދާ ތާރީހެއް ކަނޑައެޅޭނީ ދެން ބާއްވާ ބައްދަލުވުމެއްގައި ކަމަށެވެ.

ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަންގެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ ނޫހަކުން ރިޕޯޓްކުރާ ގޮތުގައި އެންމެ އަަވަހަށް ވެސް ސާފް ސުޒުކީ ކަޕް ބޭއްވޭނެ ކަމުގެ އުއްމީދެއް އޮތީ އަންނަ އަހަރުގެ މޭ ހިސާބުގަ އެވެ. އެކަމަކު ކޮވިޑް-19ގެ ހާލަތު ބަދަލުވަމުން އަންނަ ގޮތާއި ސަރަހައްދުގެ ފުޓްބޯޅަ ކަލަންޑަރަށް ބެލުމަށް ފަހު މުބާރާތް އަވަސް ވުމުގެ ފުރުސަތު ވެސް އެބައޮތެވެ.

އެންމެ ފަހުން ސާފް ސުޒުކީ ކަޕް ބޭއްވީ ވެސް ބަންގްލަދޭޝްގަ އެވެ. ޑާކާގައި 2018 ވަަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކުރުމަށް ފަހު ޗެމްޕިއަންކަން ހޯދީ ރާއްޖެ އެވެ. މިއީ ރާއްޖޭން މި މުބާރާތުގެ ތަށި އުފުލާލި ދެ ވަނަ ފަހަރެވެ. ފުރަތަމަ ފަހަރަށް މި މުބާރާތް ކާމިޔާބުކުރީ 2008 ވަނަ އަހަރު އެވެ. އެ ފަހަރު މުބާރާތް ބޭއްވީ ރާއްޖެ އާއި ސްރީ ލަންކާގަ އެވެ.

ރާއްޖޭގެ އާ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން އަށް އެފްއޭއެމުން ދީފައިވާ އެއް ޓާގެޓަކީ ސާފް ސުޒުކީ ކަޕްގެ ތަށި ދިފާއުކުރުމެވެ. ރާއްޖެ އަށް އެންމެ ފަހުން އޮތް ސާފް ސުޒުކީ ކަޕްގައި ކޯޗުކޮށްދީ މި މުބާރާތް ކާމިޔާބުކޮށްދިނީ 2015 ވަނަ އަހަރުގެ ފައިނަލުގައި އަފްގާނިސްތާން ގޮވައިގެން ވާދަކުރި ކްރޮއޭޝިއާގެ ކޯޗު ޕީޓަ ސެގާޓް އެވެ. މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ދަށް ނަތީޖާ ތަކަށް ފަހު ސެގާޓް ވަނީ ވަކިކޮށްފަ އެވެ.

ކޮވިޑް-19 ގެ ސަބަބުން ބަންގްލަދޭޝްގެ ޕްރިމިއާ ލީގު ވެސް ވަނީ ހަ މެޗަށް ފަހު ކެންސަލްކޮށްފަ އެވެ. އިންޑިއާގައި ވެސް ވަނީ އެއް ވަނައިގައި އޮތް މޯހަން ބަގާން އަށް ތަށި ދީފައި އަވަހަށް ސީޒަން ނިންމާލައިފަ އެވެ. ރާއްޖޭން ފުޓްބޯޅަ ސީޒަން އަވަހަށް ނިންމާލީ ފަހު ދެ މުބާރާތް ކަމަށްވާ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލް ކުރުމަށް ފަހު އެވެ.

އިއްޔެގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު އަނެއް ކަމަކީ ސާފްގެ އުމުރުފުރާ މުބާރާތްތަކާ މެދު ގޮތެއް ނިންމުމެވެ. ގިނަ ގައުމުތަކުގެ އުއްމީދަކީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސާފްގެ އުމުރުފުރާ މުބާރާތެއް ބޭއްވިގެން ދިއުމެވެ.