ނިއު ސަލާމަތްކޮށްދޭން ސަރުކާރުގައި އާދޭހާ އެކު އެދެން: ޗެއާމަން

އެފްއޭއެމުން ނިއު ރޭޑިއަންޓް ސަސްޕެންޑްކުރީ، ޒާތީ ހަސަދައެއް ފިލުވައިލަން ކަމަށާއި، ނިއު ކޮޅަށް ޖަހައިދޭން، ސަރުކާރުގައި އާދޭހާ އެކު އެދޭ ކަމަށް އެ ކްލަބުގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) މިއަދު މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.


އެފްއޭއެމުން 2019 ވަނަ އަހަރުގެ ކުރީކޮޅު ނިއު ސަސްޕެންޑްކުރީ އެ ކްލަބުގެ އޭރުގެ ޗެއާމަން މުހައްމަދު ޒިޔާދުގެ ދައުރުގައި ކުޅުންތެރިންނަށް މުސާރަ ނުދީ ހުރި މައްސަލައިގަ އެވެ. އެކަމަކު، އެ ކްލަބުން އޭރު ތުހުމަތުކުރި ގޮތުގައި އެ ސަސްޕެންޝަނަކީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން ތައްޔާރުވުމުން ދިން އަދަބެއް ކަމަށެވެ.

އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކުރުމުގެ އެ މަސައްކަތުގެ އަޑީގައި ހުންނެވީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ކަމަށް އޭރު އެފްއޭއެމުން ތުހުމަތުކޮށްފައިވެ އެވެ. އެކަމަކު ފަހުން ފެނިގެން ދިޔައީ މިނިސްޓަރާއި އެފްއޭއެމް އެއްގަލަކަށް އެރި މަންޒަރެވެ. އަދި ނިއު އިން ހުށަހަޅަން ތައްޔާރުވި އެ މައްސަލަ، ވިކްޓްރީން ހުށަހެޅި ނަމަވެސް ސޮއިކުރި ބައެއް ކްލަބްތަކުން ނަން އަނބުރާ ގެންދިއުމުން އެ މައްސަލަ ކުރިއަކަށް ނުދިޔަ އެވެ.

އެ ވާހަކަތައް އަލުން ފެންމަތިވީ، ރާއްޖޭގެ ކުޅިވަރު ގާނޫނާ އެއްގޮތަށް ސްޕޯޓްސް މިނިސްޓްރީން، އެފްއޭއެމްއާ ދޭތެރޭ ފިޔަވަޅު އަޅާފައިނުވާތީވެ، އެ އެސޯސިއޭޝަނާ ދޭތެރޭ ގާނޫނުގައިވާ ގޮތުން ފިޔަވަޅު އަޅައިދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް މަޖިލީހަށް މިއަދު ގަރާރެއް ހުށަހެޅުއްވުމުންނެވެ.

އެ ގަރާރުގެ ބަހުސްގައި މޮސްޓާ ތުހުމަތުކުރެއްވި ގޮތުގައި ދިވެހި ފުޓްބޯޅަ ހަލާކުކުރީ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު، އަލީ އާޒިމާ ދެކޮޅަށް 2012 ވަނަ އަހަރުގެ އިންތިހާބުގައި ކެންޑިޑޭޓަކު ނެރުނު ހިސާބުން ކަމަށެވެ. އަދި ސްޕޯޓްސް މިނިސްޓަރު މަހުލޫފު ވެސް ޝަވީދުއާ އެއްބައިވެގެން ކުރާ ކަންތައް މިހާރުން މިހާރަށް ހުއްޓާލަން އޭނާ ގޮވާލި އެވެ. އޭނާ ތުހުމަތުކުރި ގޮތުގައި ނިއު ސަސްޕެންޑްކުރީ 2012 ވަނަ އަހަރު ނިއު އަތުން ޝަވީދުގެ ވީބީ އައްޑޫ އެފްސީ 10-0 އިން ބަލިވުމުން، އޭގެ ހަސަދަ ފިލުވަން ކުރާ މަސައްކަތުގެ ބައްސާމް އެއްބާރުލުދީގެންނެވެ.

މޮސްޓާ ވިދާޅުވީ މަޖިލީހުން މިކަންކަން ބެލެން ޖެހޭނެ ކަމަށާއި ދިވެހިރާއްޖޭގެ ގާނޫނަށް ވުރެ މަތިން ރާއްޖޭގައި އެއްވެސް ކަމެއް ނުހިގާނެ ކަމަށާއި ފީފާ އިން ވިޔަސް އޭއެފްސީން ވިޔަސް ގާނޫނަށް ވުރެ މައްޗަކުން އެކަންކަން ނުކުރެވޭނެ ކަމަށެވެ.

"(ދިވެހިރާއްޖޭގެ) ފުޓްބޯޅައިގެ ތާރީހުގައި އެންމެ ކާމިޔާބު ކްލަބް، ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި އެންމެ ރީތި ނަން ހޯދައިދިން ޓީމު ނިއު ރޭޑިއަންޓަކީ. ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި ގައުމީ ޓީމު ތަމްސީލްކުރި ހަމައެކަނި ޓީމު ނިއު ރޭޑިއަންޓަކީ. ދެހާސް ބާރަ ވަނަ އަހަރު ދުނިޔޭގެ އިގްތިސާދަށް އައި ލޮޅުމެއްގައި އާޖެންޓީނާ ފުޓްބޯޅައިގެ އެންމެ ބާރުވެރި ކްލަބް އެ ގައުމުގެ ފުޓްބޯޅައިގެ އަނދަވަޅަށް ވެއްޓުނީމާ އެ ގައުމުގެ ސަރުކާރުން އެ ކްލަބް ކޮޅަށް ޖަހައިދިދޭން ކުރި މަސައްކަތް ކީއްވެގެންތޯ މިއަދުގެ ސަރުކާރުން ނިއު ރޭޑިއަންޓް ކޮޅަށް ޖަހައިދެން ނުކުރަންވީ،" މޮސްޓާ ވިދާޅުވި އެވެ.

އަދި ނިއުގެ ކުރީގެ ދެ ޗެއާމަނުން ކަމަށްވާ އެމްޑީީގެ ޕާލިމެންޓްރީ ގްރޫޕުގެ ރައީސް އާޒިމާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިސް ދެ ބޭފުޅުން ކަމަށްވާ ނިއުގެ ކުރީގެ ކެޕްޓަން އިބްރާހިމް ނޫރައްދީނާއި ކުރީގެ ގޯލްކީޕަރު ސައްޔިދު އަލީ އަށް މުހާތަބުކުރައްވައި މޮސްޓާ ވިދާޅުވީ "ނިއު ކޮޅަށް ޖަހައިދޭން އާދޭސްކޮށްފައި އެދޭ" ކަމަށެވެ.

"މި ކްލަބް ވެއްޓެމުންދާ އަނވަދަޅުން ސަލާމަތްކޮށްދޭށޭ، އެފްއޭއެމް ސަލާމަތްކޮށްދޭށޭ، ކުޅިވަރު ސަލާމަތްކޮށްދޭށޭ،" މޮސްޓާ ވިދާޅުވި އެވެ.

އެ ވާހަކަތަކާ ވިދިގެން، މަޖިލިސް ރައީސް މުހައްމަދު ނަޝީދު ސަމާސާ ރާގެއްގައި ވިދާޅުވީ މޮސްޓާ އެއް ކްލަބަށް ތާއީދުކުރަމުން އެ ގެންދާ ރޫހާއި ޖޯޝުން އެމަނިކުފާނުގެ ހިތަށް ތަދުވާނެ ކަމަށާއި އެހެންވެ އެކަމަށް ބައްލަވައިގެން ވާހަކަދައްކަން ނަޝީދު އެދިވަޑައިގަތެވެ. އަދި މޮސްޓާ ނިއު އަށް ތާއީދުކޮށް އެ ވާހަކަތައް ދެއްކެވުމުން މެޖޯރިޓީ ލީޑަރު އަދި އާޒިމް އާއި އެތައް ބޭފުޅުންތަކެއްގެ ހިތަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބޭނެކަން ވެސް އެނގޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ބައްޕާފުޅު ކެނެރީ އަބްދުއްސައްތާރަކީ ވިކްޓްރީގެ ކުރީގެ އިސް ހިންގުންތެރިއެކެވެ. އަދި ހުދު އެމަނިކުފާނަކީ ވެސް ވިކްޓްރީގެ ސަޕޯޓަރެކެވެ. ނަޝީދުގެ އެ ވާހަކަތަކާ ގުޅިގެން މޮސްޓާ ވިދާޅުވި ގޮތުގައި ރައީސް ހިތުގައި ވިކްޓްރީ އަށް ލޯބި އޮންނަ ފަދައިން، ނިއު އަށް ގެއްލުންވަންޏާ އޭނާގެ ހިތަށް އަސަރުކުރާނެ ކަމަށެވެ.

ނިއުގެ މަޝްހޫރު ސަޕޯޓަރު މޮސްޓާ، އެ ކްލަބުގެ ޗެއާމަންކަމާ ހަވާލުވީ މާޗު މަހު އެވެ. އޭނާ އަކީ އެފްއޭއެމުން ނިއު ސަސްޕެންޑްކުރުމުން އެ ކްލަބް އަލުން ކޮޅަށް ނަގަން މިދިޔަ އަހަރު ތެދުވި ސަޕޯޓަރުންގެ ގްރޫޕުގެ އިސް އެއް މެމްބަރެވެ. އޭރު އެ ކޮމިޓީން މަސައްކަތް ކުރީ މިދިޔަ ސީޒަނުގައި ކްލަބް ވާދަކުރެވޭނެ ގޮތް ހެދުމަށެވެ. އެކަމަކު ސީޒަން ފެށެން ކައިރިވެފައިވަނިކޮށް މިދިޔަ އަހަރުގެ ޖޫން މަހު އެ މަސައްކަތް ހުއްޓާލީ އެވެ. ކްލަބުގެ އޮފިޝަލަކު އޭރު ބުނީ ދަރަނިތައް ހަލާސްކުރުމަށާއި ސީޒަނަށް ޓީމެއް އެކުލަވައިލަން ބޭނުންވާ ވަރަށް ފައިސާ ލިބެން ނެތް ކަމަށާއި ދަރަނިތައް އަދާކުރި ނަމަވެސް އެފްއޭއެމުން ސަސްޕެންޝަން އުވާލަފާނެ ކަމުގެ އުއްމީދެއް ވެސް ނެތް ކަމަށެވެ. ސަބަބަކީ އެފްއޭއެމުން ކްލަބަށް ދޭން ޖެހޭ ފައިސާ ވެސް ލިބޭނެ ގޮތެއް ނެތުން ކަމަށް ބުނެފައިވެ އެވެ.

ފަހުން މޮސްޓާ ހަވާލުވެ އަންނަ ސީޒަނުގައި ނިއު އަށް ވާދަކުރެވޭނެ ގޮތް ހެދުމަށް ސަޕޯޓަރުންތަކެއް އިސްވެ މަސައްކަތް ފެށި ނަމަވެސް އެކަން ވަގުތީ ހޮތުން ޖެހުނީ، ކޮވިޑް-19 ގެ ސަބަބުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުންނެވެ.