އެފްއޭއެމް އިންތިހާބު ފަސްކުރަން މިނިސްޓްރީން އެދިއްޖެ!

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހަށް ހުށަހެޅުއްވި އެފްއޭއެމްއާ ގުޅޭ ގަރާރު އިޖްތިމާއީ ކޮމިޓީން ދިރާސާކުރަމުން އަންނާތީވެ، އެކަން ނިމެންދެން އެފްއޭއެމްގެ އިންތިހާބު ފަސްކޮށްދޭން، މިނިސްޓްރީގައި އެ ކޮމިޓީން އެދުނު އެދުމާ އެއްގޮތަށް، އިންތިހާބު ފަސްކުރަން މިނިސްޓްރީން އެފްއޭއެމްގައި އެދިއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު، ފާތިމަތު ނިޔުޝާ ސޮއިކުރައްވައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފަށް މިއަދު ފޮނުއްވި ސިޓީގައި ބުނެފައިވަނީ ކުޅިވަރު ގާނޫނާ އެއްގޮތަށް ތިޔަ މިނިސްޓްރީން އެފްއޭއެމްއާ ދޭތެރެ ފިޔަވަޅު އަޅާފައިނުވާތީވެ އެސޯސިއޭޝަންއާ މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅުއްވައި ދެއްވުމަށް އެދި، މެދުހެންވޭރު ދާއިރާގެ މެމްބަރު އާޒިމް ހުށަހަޅާފައިވާ މައްސަލައެއް އިޖްތިމާއީ ކޮމިޓީން އަންނަނީ ދިރާސާކުރަމުން ކަމަށެވެ. އެެހެންވެ މި މައްސަލަ އެ ކޮމިޓީން ދިރާސާކުރައްވައި ނިންމަވަންދެން، އެ އެސޯސިއޭޝަނުގެ އިންތިހާބު ފަސްކޮށްދެއްވުމަށް އެ ކޮމިޓީން އެދިވަޑައިގަންނަވާތީ، އެ ވާހަކަ ދަންނަވާ ކަމަށެވެ.

އެ ސިޓީއާ ވިދިގެން، މިނިސްޓްރީން މިއަދު މެންދުރު އެފްްއޭއެމަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ކޮމިޓީން އެދިފައިވާ ގޮތަށް އެ މައްސަލަ ދިރާސާކޮށް ނިމެންދެން، އިންތިހާބު ފަސްކުރަން އެދޭ ކަމަށެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އާޒިމް އަންގާރަ ދުވަހު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ހިންގާ ގަވާއިދާއި ކުޅިވަރު ގާނޫނާއި އަދި ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އަށް އެންގުމަށާއި އެ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށް އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

އެފްއޭއެމުން އެކަން ފީފާގެ ސަމާލުކަމަށް ގެނުމާ އެކު، ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ އިން ވަނީ އެފްއޭއެމް އަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ވަންނަ ނަމަ، ދިވެހި ފުޓްބޯޅަ އަށް ސަސްޕެންޝަނެއް އަތުވެދާނެ އިއްޔެ އިންޒާރުކޮށްފަ އެވެ. އަދި އެފްއޭއެމްގެ ގަވާއިދާ އެއްގޮތަށް، މިނިވަންކަމާ އެކު އެ އެސޯސިއޭޝަނުގެ އިންތިހާބީ މަރުހަލާ ކުރިއަށް ގެންގޮސް، މިހާރު ރޭވިފައިވާ ގޮތަށް އިންތިހާބީ ކޮންގްރެސް މިއަދު ބޭއްވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ފީފާ އިން ބުނެފައިވެ އެވެ.

މީގެ އިތުރުން އިންތިހާބީ މަރުހަލާ އަށް އެއްވެސް ނުރަނގަޅު ނުފޫޒުއް އަތުވެއްޖެ ނަމަ، ވަކިން ހާއްސަކޮށް މިކަމާ ގުޅިގެން އާއްމު އިދާރާއަކުން ދެން އަޅާފާނެ ފިޔަވަޅާ ގުޅޭ ގޮތުން، ވަގުތުން ވަގުތަށް ފީފާ އަށް އަންގަން އެތަނުން ވަނީ ހިތްވަރުދީފަ އެވެ.

އެފްއޭއެމުން މިއަދު އިންތިހާބު ބާއްވާކަން މީޑިއާ އަށް އަންގާފައެއް ނުވެ އެވެ. އިންތިހާބެއް ބާއްވާކަން އެނގުނީ، ފީފާ އިން އިއްޔެ އެފްއޭއެމަށް ފޮނުވި ސިޓީންނެވެ. އިންތިހާބު ބާއްވަން ޖެހޭ ތާރީހުގެ ނުވަ މަސް ދުވަސް ކުރިން ކުއްލި ގޮތަކަށް އިންތިހާބު ބާއްވަން އެފްއޭއެމުން އިއުލާންކުރީ ފެބްރުއަރީ މަހު އެވެ. އޭރު ތާވަލުކުރީ މާޗު 20 ވަނަ ދުވަހަށެވެ. އެކަމަކު ކޮވިޑް-19 ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތުމުން ފަސްކުރީ އެވެ. ފަހުން ބައްސާމް ވިދާޅުވީ އިންތިހާބު މިދިޔަ މަހުގެ ތެރޭގައި ބޭއްވިގެންދާނެ ކަމަށެވެ.