ފުޓްބޯޅަ ކުޅުން ހުއްޓާލުމުގެ ވިސްނުމެއް ދަގަނޑޭގެ ނެތް

ކުރިއަށް ވުރެ ދެ ގުނަ މިހާރު މަސައްކަތްކުރާ ކަމަށާއި އަދިވެސް އިތުރު އަހަރުތަކެއްގައި ކްލަބާއި ގައުމީ ޓީމަށް ފުޓްބޯޅަ ކުޅެން ބޭނުންވާ ކަމަށް އަލީ އަޝްފާގް (ދަގަނޑޭ) ބުނެފި އެވެ.


ފީފާ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ދަގަނޑޭ، 34، ބުނީ އޭނާ އަށް އަދިވެސް ފިޓްކަމުގެ އިހުސާސްކުރެވޭ ކަމަށާއި އޭނާގެ ފޯމާއި ފިޓްނަސް ހިފެހެއްޓުމަށްޓަކައި، ކުރިއަށް ވުރެ ދެ ގުނަ މިހާރު މަސައްކަތްކުރާ ކަމަށެވެ.

"އަދިވެސް އަހަރުތަކެއް ކްލަބާއި ގައުމީ ޓީމަށް ކުޅެން އަހަރެން ބޭނުންވޭ. ސަބަބަކީ ފުޓްބޯޅަ ނުކުޅޭ ނަމަ، ދެން އަހަރެން ކުރާނެ ކަމެއް ނޭގޭތީ،" ދަގަނޑޭ ބުންޏެވެ.

އުމުރުން 16 އަހަރުގައި ކްލަބް ވެލެންސިއާ އިން ކެރިއަރު ފެށި ދަގަނޑޭ ވަނީ އޭނާ އަށް ފުޓްބޯޅަ ކުޅެން ފެށުނު ގޮތް ފީފާ އިންޓަވިއުގައި ކިޔައިދީފަ އެވެ. ދަގަނޑޭ ބުނި ގޮތުގައި، އޭނާގެ އުމުރުން ނުވަ އަހަރުގައި އެއް ދުވަހު ބޭބެ އަހުމަދު އަޝްފާން ސްކޫލް ޓީމަށް ކުޅުނު މެޗެއްގައި އެ ޓީމު ކުޅުންތެރިޔަކު މަދުވުމުން އަދަދު ހަމަކުރަން އެރި އެރުމަކީ ފެށުން ކަމަށެވެ.

"އެއީ އަހަރެން ފުޓްބޯޅަ ކުޅެން ފެށި ގޮތަކީ. އެހިސާބުން އަހަރެން ފުޓްބޯޅަ ކެރިއަރު ފަށައިފިން. އަހަންނަށް އެންމެ ފުރަތަމަ ތަމްރީން ލިބުނީ ގޭދޮށު ކުދިންނާ އެކު ކުޅެގެން،" ދަގަނޑޭ ބުންޏެވެ. "އަހަންނަކީ އެކަޑަމީއެއްގެ އުފެއްދުމެއް ނޫން."

ފީފާގެ ލިޔުމުގައި ސިފަކޮށްފައިވާ ގޮތުގައި ދަގަނޑޭގެ އާދަޔާހިލާފު، ދުވެއްޔާއި ހަލުވިކަމާއި ޓެކްނީކްސްއާ އެކު ދަގަނޑޭ ފާހަގަވެފައިވަނީ ޑްރިބްލިންގެ ހުނަރުން ކަމަށެވެ. އަދި ގޯލްކީޕަރުން ކައިރިން ދެމިގަންނަ ގަތުން ވެފައިވަނީ ދަގަނޑޭގެ ޓްރޭޑްމާކަކަށް ކަމަށް ބުނެފައިވެ އެވެ.

"ކުޑައިރުއްސުރެ ޑްރިބްލްކުރަން އަހަރެން ހުންނަނީ ގޮސްހުސްވެފައި. ގޯލްކީޕަރު ކައިރިން ނައްޓާލުމުން، އަހަންނަށް އިތުރު އުފާވެރިކަމެއް އިހުސާސްކުރެވޭ އަދި ފޯވާޑެއްގެ ގޮތުގައި އަހަރެންގެ އިތުބާރު ބޮޑުކުރަން އެހީވެދޭ،" ދަގަނޑޭ ބުންޏެވެ.

ވާތު ފައިން ކުޅުމުގައި އެފަދަ ދެ ވަނަ އެއް ނެތް ފޯވާޑް ބުނީ ވާތު ފައިން ކުޅުނު ނަމަވެސް ފަހަކަށް އައިސް ކަނާތު ފައިން ގޯލް ޖެހުމުގެ ހުނަރު މަތިކުރަން ބުރަކޮށް މަސައްކަތްކުރި ކަމަށެވެ.

"ކޮންމެ ގޮތަކުން ވެސް ގޯލް ޖަހަން އަހަރެން ބޭނުންވޭ،" ދަގަނޑޭ ބުންޏެވެ.

ވެލެންސިއާ އިން ފެށި ކެރިއަރުގައި ދަގަނޑޭ ވަނީ ނިއު، ވީބީ އައްޑޫ އެފްސީ، މާޒިޔާ، ޓީސީ އަދި ބުރުނާއީގެ ޕީޑީއާރްއެމް އަށް އަދި މެލޭޝިއާގެ ޕީޑީއާރްއެމް އަށް ކުޅެފަ އެވެ. މިހާރު އޭނާ ކުޅެނީ ޓީސީ އަށެވެ. އޭނާ ވަނީ ގައުމީ ޓީމަށް 2004 އިން ފެށިގެން 80 މެޗުން 53 ގޯލް ޖަހައިދީފަ އެވެ.