އެތުލެޓިކްސްގެ ރައީސް ކަމަށް ވާދަކުރަނީ ތޮލާލާއި ޔަޒޫ

އެތުލެޓިކްސް އެސޯސިއޭޝަނުގެ އިންތިހާބުގައި އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް މިހާރު ވެސް އެ މަގާމް ފުރުއްވަމުން އަންނަ މުހައްމަދު ތޮލާލް އަދި ކުރީގެ ދުވުންތެރިޔާ ޔަޒްނީ ނަޝީދާ (ޔަޒޫ) ކުރިމަތިލައްވައިފި އެވެ.


އަންނަ ހަފުތާގެ ބުދަ ދުވަހު އޮންނަ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިއްޔެ ހަމަވިއިރު ނައިބް ރައީސްގެ މަގާމަށް ވާދަކުރައްވަނީ މިހާރު ވެސް އެ މަގާމް ފުރުއްވަމުން އަންނަ އަހުމަދު އަޒީލެވެ. ހަޒާންދާރުގެ މަގާމަށް ކުރިމަތިލެއްވީ ކުރީ ދައުރެއްގައި އެ މަގާމް ފުރުއްވި މުސްތަފާ މުހައްމަދެވެ.

އިތުރު ތިން މެމްބަރުންގެ މަގާމަށް ވާދަކުރަނީ މިހާރު ވެސް އެ މަގާމް ފުރުއްވަމުން އަންނަ މުހައްމަދު ޝުޖާއު (މޯޑް) އާއި ފުޓްބޯޅަ ކޯޗު މުހައްމަދު ޝާހިދާއި ކުރީގެ ދުވުންތެރިޔާ އިބްރާހީމް އުމަރު (ވިއްސަ) އަދި އަލަށް ވާދަކުރާ ހުސެއިން އަމީން ނަސީރާއި ކުރީގެ ދުވުންތެރިޔާ އަހުމަދު ޝަގީފް (ރިވަރިން) އެވެ. އަންހެން މެމްބަރު ކަމަށް ވާދަކުރަނީ މިހާރު ވެސް އެ މަގާމް ފުރަމުން އަންނަ ޔާސްމީން އަބްދުﷲ އެވެ.

އެސޯސިއޭޝަނުގެ ރައީސްގެ މަގާމް 2012 ވަނަ އަހަރުން ފެށިގެން ފުރުއްވަމުން އަންނަ ތޮލާލްގެ ދައުރުގައި ރާއްޖޭން ވަނީ އެތުލެޓިކްސްގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. އޭގެ ތެރޭގައި 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖެ ރަން މެޑަލް ލިބުން ހިމެނެ އެވެ. އަދި އޭޝިއާ ފެންވަރުގެ މުބާރާތްތަކުން ވެސް ވަނީ ކާމިޔާބީ ހޯދައިފަ އެވެ. މީގެ އިތުރުން ޔޫތު ޑިވެލޮޕްމަންޓް ލެވެލްގައި މި ކުޅިވަރުގެ ތެރެއަށް ވަންނަ ދަރިވަރުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ސްކޫލް ދައުރުގައި އެތުލެޓިކްސްގެ ތެރެއަށް ވަން ޔަޒޫ ވަނީ 1994-2004 އަށް ގައުމީ ޓީމަށް ދުވެފަ އެވެ. އެގޮތުން 1996 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ދުވެ އޮލިމްޕިއަނެއްގެ ޝަރަފް ހޯދުމުގެ އިތުރުން ވޯލްޑް ޗެމްޕިއަންޝިޕް، އޭޝިއަން ގޭމްސް، އޭޝިއަން ޗެމްޕިއަންޝިޕް އަދި ސާފް ގޭމްސްގައި ދުވި އެވެ. ދުވުން ހުއްޓާލުމަށް ފަހު ޔަޒޫ އައީ އޭނާގެ ފިރިމީހާ ހަންގޭރީގެ ޗަބާ ކިސްއާ ގުޅިގެން ކީން ޔޫތު ސްޕޯޓްސް އެކަޑަމީ (ކޭވައި އެކަޑަމީ) ގެ ނަމުގައި ފުޅާ ދާއިރާއެއްގައި އެކަޑަމީއެއް ހިންގަމުންނެވެ. އޭގެ ތެރެއިން އެތުލެޓިކްސް އަށް ގިނަ އަދަދެއްގެ އެތުލީޓުން އަންނަނީ ނުކުންނަމުންނެވެ.