ޔުވެންޓަސް އިޓާލިއަން ލީގު ކާމިޔާބުކޮށްފި

ޓިއުރިން (ޖުލައި 27) – ސަމްޕްޑޯރިއާ 2-0 އިން ބަލިކޮށް ޔުވެންޓަސް އިން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ރޭ، ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް އަދި ޖުމްލަ 36 ވަނަ ފަހަރަށް ހޯދައިފި އެވެ.


ބާކީ ދެ މެޗު އޮއްވާ ޔުވެންޓަސް އިން ލީގު މި ހޯދީ 83 ޕޮއިންޓް ހަމަކޮށްގެންނެވެ. އެ ޓީމާ އެންމެ ގާތުގައި، ދެ ވަނައިގައި އޮތް އިންޓަ މިލާނަށް 76 ޕޮއިންޓް ލިބިފައިވާއިރު ބާކީ ދެ މެޗުން މޮޅުވެގެން އެ ޓީމަށް ގިނަ ވެގެން އެއްކުރެވޭނީ 82 ޕޮއިންޓެވެ. ތާވަލުގެ ތިން ވަނައިގައި 75 ޕޮއިންޓާ އެކު އެޓަލާންޓާ އޮތްއިރު ހަތަރު ވަނައިގައި އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން އޮތީ ރޭ ހެލަސް ވެރޯނާ 5-1 އިން ބަލިކުރި ލާޒިއޯ އެވެ. އަދި ފަސް ވަނައިގައި އޮތީ ރޭ ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވި ރޯމާ އެވެ.

އޭސީ މިލާނުން 2011 ވަނަ އަހަރު ލީގު ހޯދި ފަހުން، ޔުވެންޓަސް ނޫން ޓީމަކަށް އިޓަލީގެ ޗެމްޕިއަންކަން ހޯދިފައެއް ނުވެ އެވެ. އެކަމަކު މި ސީޒަނަކީ އެކަން ބަދަލުވުމާ އެންމެ ގާތަށް ދިޔަ ސީޒަނެވެ. އެގޮތުން ފުރަތަމަ ބައިގައި އިންޓަ އެއް ވަނައިގައި އޮތެވެ. އަދި ފަހު ބައިގައި ވެސް ލާޒިއޯ އައީ ޔުވެންޓަަސްއާ ވަރަށް ގާތުން ވާދަކުރަމުންނެވެ. އެކަމަކު ލޮކްޑައުންގެ ފަހުން ލާޒިއޯ ފަހަތަށް ސޮއްސައިލީ އެވެ.

މިއީ ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީގެ ކެރިއަރުގައި ލިބުނު ފުރަތަމަ ލީގު ތަށްޓެވެ. ބޭންކެއްގައި ވަޒީފާ އަދާކުރަމުން ޕާޓްޓައިމްކޮށް ކޯޗިން ފެށި ސާރީ، ކޯޗިންގައި މަސައްކަތްކުރާ 29 އަހަރުވީ ނަމަވެސް ފާހަގަވާން ފެށީ އެމްޕޮލީ އަށް 2012-2015 ގައި ކޯޗުކޮށްދިން އިރެވެ. އޭގެ ފަހުން ނަޕޯލީ އަށް ބަދަލުވެ ވަރުގަދަ ޓީމެއް ބިނާކޮށް މޮޅު ކުޅުމެއް އެ ޓީމު ލައްވައި ކުޅުވި އެވެ. އެކަމަކު ޔުވެންޓަސްއާ ވާދަކޮށް ލީގުގައި އަތްލެވޭ ގޮތެއް ނުވި އެވެ. އޭގެ ފަހުން މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ ޗެލްސީ އަށް ބަދަލުވެ އެ ޓީމަށް ޔުރޮޕާ ލީގު ކާމިޔާބުކޮށްދިނެވެ.

"އަހަރެން ކުޅުންތެރިން ގާތު ބުނިން، އަހަރެން ފަދަ އެއްވެސް ކާމިޔާބެއް ހޯދިފައިނުވާ މީހަކާ އެކު ކަލޭމެންނަށް ކާމިޔާބު ހޯދިއްޖެ ނަމަ އެއީ ތި ކުޅުންތެރިންގެ ވަރުގަދަކަމޭ،" ސާރީ ބުންޏެވެ. "މިއީ ވަރަށް އުނދަގޫ، ވަރަށް ދިގު އަދި ވަރަށް އާދަޔާހިލާފު ސީޒަނެއް. ބާކީ ދެ މެޗު އޮއްވާ ތަށި ލިބުމަކީ މި ކުޅުންތެރިންގެ ފެންވަރު ދައްކުވައިދޭ ކަމެއް."

އެނބުރި މި ސީޒަނުގައި އިޓަލީ އަށް ބަދަލުވެ ޔުވެންޓަސްއާ ހަވާލުވެ ލީގު ހޯދައިދިން ނަމަވެސް އަދިވެސް އޭނާގެ ކުރިމަގު ސާފެއް ނޫނެވެ. އިޓާލިއަން ކަޕުގެ ފައިނަލުން ނަޕޯލީ އަތުން ބަލިވުމާއި އެއް ފެންވަރެއްގައި ނުހިފެހެއްޓޭތީ، ބެލެވޭ ގޮތުގައި ސާރީގެ ކުރިމަގާ މެދު ގޮތެއް ނިންމާނީ، އަންނަ މަހު އޮންނަ ޗެމްޕިއަންސް ލީގަށް ފަހު އެވެ. އެ މުބާރާތުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުން ޔުވެންޓަސް އޮތީ ރަށުން ބޭރުގައި ފްރާންސްގެ އޮލިމްޕިކް ލިޔޯން އަތުން 1-0 އިން ބަލިވެފަ އެވެ. އެ ކްލަބުގެ އެންމެ ބޮޑު ޓާގެޓަކީ ވެސް، 1996 ގެ ފަހުން ހޯދިފައިނުވާ އެ ތަށްޓެވެ.

"ޗެމްޕިއަންސް ލީގާ މެދު އަހަރެން އަދި ނުވިސްނަން. އަހަރެން ބޭނުން މަދުވެގެން އެއް ރޭ ނަގަން މި ކާމިޔާބީގެ އުފާފާޅުކުރަން، ކުޅުންތެރިން ވެސް،" ސާރީ ބުންޏެވެ.

އަމިއްލަ ދަނޑުގައި ރޭ ޔުވެންޓަސްގެ ފުރަތަމަ ގޯލް 45 ވަނަ މިނެޓުގައި ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އަދި ދެ ވަނަ ގޯލް 77 ވަނަ މިނެޓުގައި ކާމިޔާބުކުރީ ފެޑެރިކޯ ބާނަޑެސްކީ އެވެ. މެޗުގެ 77 ވަނަ މިނެޓުގައި ސަމްޕްޑޯރިއާގެ މޯޓެން ތޯސްބީ އަށް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ.

ރޭގެ މެޗުގެ ލަނޑުގެ އިތުރުން، ޖުމްލަކޮށް ރޮނާލްޑޯ އަކީ މި ކާމިޔާބީގެ އެންމެ ބޮޑު ހިއްސާވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ލީގުގައި މިހާތަނަށް 31 ގޯލް ޖަހައިފަ އެވެ. އެކަަމަކު ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތީ 34 ލަނޑު ޖަހާފައިވާ ލާޒިއޯގެ ޗީރޯ އިމޮބިލޭ އެވެ.

"މި ތަށި ހާއްސަކުރަނީ ޔުވެންޓަސްގެ ހުރިހާ ސަޕޯޓަރުންނަށް ހާއްސަކޮށް، ދުނިޔެ އެފުށްމިފުށަށް ޖަހާލައި، އަހަރެމެން އެންމެން ބަސްހުއްޓުވާލާފައިވާ، ކޮވިޑް-19 އިން ގެއްލުން ލިބުނު އަދި ގެއްލުންވަމުން އަންނަ ސަޕޯޓަރުންނަށް،" ރޮނާލްޑޯ ބުންޏެވެ.