އޭއެފްސީ ކަޕަށް މާޒިޔާ އިން އަސްހަދު ގެންނަނީ؟

އަންނަ އޮކްޓޫބަރު މަހު ރާއްޖޭގައި ބާއްވަން ނިންމާފައިވާ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން މާޒިޔާ އިން، ތަޖުރިބާކާރު މިޑްފީލްޑަރު އަދި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ގެންނަން ވާހަކަތައް ފަށައިފިކަން "މިހާރު" އަށް އެނގިއްޖެ އެވެ.


އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އަސްހަދު ގެންނަން މާޒިޔާ އިން މަސައްކަތްކުރޭތޯ "މިހާރު" އިން ސުވާލުކުރުމުން މާޒިޔާގެ ބޯޑު މެމްބަރު ހަސަން ޝިފާން ބުނީ ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތުގެ ތެރެއިން އަޑޭއާ ވެސް ވާހަކަ ދައްކާފައިވާ ކަމަށެވެ.

"އަސްހަދަކީ މީގެ ކުރިން މާޒިޔާގައި މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެއް. މާޒިޔާގެ ކެޕްޓަންކަން ވެސް ގިނަ މެޗުތަކެއްގައި ކޮށްފައި ހުރި ކުޅުންތެރިއެއް. އޭއެފްސީ ކަޕަށް ބޮޑު ޓާގެޓެއް ކަނޑައަޅައިގެން މާޒިޔާ އިން ކުރިމަތިލާއިރު ގާތްގާތުގައި ތިން ދުވަހުން ކަހަލަ ގޮތަކަށް މެޗުތައް މިހުރީ. ވަރުގަދަ ބޮޑު ސްކޮޑެއް އޮތުން ވަރަށް މުހިއްމު. އެ ގޮތަށް ވިސްނާފައި ސްކޮޑު ވަރުގަދަ ކުރުމުގެ ގޮތުން އަޑޭއާ ވެސް ވާހަކަ އެބަ ދައްކަން،" ޝިފާން ބުންޏެވެ.

އަސްހަދު އެންމެ ފަހުން ކުޅެފައިވަނީ 2018 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ކްލަބް ގްރީން ސްޓްރީޓްސް އަށެވެ. އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އަސްހަދުގެ ފަޔަށް އަނިޔާވުމުގެ ސަބަބުން ކުޅުމާ ދުރަށްދާން ޖެހި މިދިޔަ ސީޒަނުގައި އޭނާ ނުފެނެ އެވެ.

ގައުމީ ޓީމުގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އަސްހަދު ވާހަކަ ދައްކަނީ.-- ފޮޓޯ: މިހާރު ފައިލް ފޮޓޯ

ވެލެންސިއާ އިން ކެރިއަރު ފަށައި ވިކްޓަރީގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވާ އަސްހަދު ވަނީ ވީބީ އައްޑޫ އެފްސީ އާއި ނިއު ރޭޑިއަންޓަށް ވެސް ކުޅެފަ އެވެ. މީގެ ތެރެއިން ނިއު އިން ވަނީ އޭނާގެ ކެޕްޓަންކަމުގެ ދަށުން 2015 ވަނަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ. މާޒިޔާ އަށް އަސްހަދު ކުޅެފައިވަނީ އަލީ ސުޒޭނާއި މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީގެ ކޯޗުކަމުގަ އެވެ. އޭނާ ވަނީ 2014 ވަނަ އަހަރުގެ އެފްއޭ ކަޕާއި 2016 ވަނަ އަހަރުގެ ލީގުގެ އިތުރުން 2017 ވަނަ އަހަރުގެ މާލޭ ލީގު މާޒިޔާއާ އެކު ކާމިޔާބުކޮށްފަ އެވެ.

މީގެ ދެ އަހަރު ކުރިން ގައުމީ ޓީމަށް ކުޅުން ހުއްޓާލި އަސްހަދު އަކީ ފޯވާޑެއްގެ ގޮތުގައި ފުޓްބޯޅަ ކެރިއަރު ފެށި ނަމަވެސް ފަހުން މިޑްފީލްޑަރެއްގެ ގޮތުގައި ފެނުނު ކުޅުންތެރިއެކެވެ. މަސައްކަތުގެ ރޭޓު ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ އަސްހަދު ވަނީ ގައުމީ ޓީމުގެ ކެޕްޓަން ކަން ވެސްކޮށްފަ އެވެ.

އޭއެފްސީން ސެންޓްރަލައިޒްކޮށް އޭއެފްސީ ކަޕް ކުރިއަށްގެންދަން ނިންމައި ދެކުނު އޭޝިއާގެ ގްރޫޕްގެ ހުރިހާ މެޗެއް ހޯސްޓްކުރުމުގެ ފުރުސަތު ރާއްޖެ އަށް ދިނީ އެކަމަށް ރަސްމީކޮށް ބިޑްކުރީ ރާއްޖޭން ކަމަށްވުމުންނެވެ. އޮކްޓޫބަރު 23 ވަނަ ދުވަހު ފަށައި ތޭރަ ދުވަހުގެ ތެރޭގައި ގްރޫޕް ސްޓޭޖުގެ ބާކީ ހުރިހާ މެޗެއް ކުޅޭ ގޮތަށް ޝެޑިއުލް އޮތްއިރު، ކޮންމެ ތިން ދުވަހަކުން މެޗެއް ކުޅެން ޖެހެ އެވެ. މާޒިޔާގެ އިތުރުން ދެން މި ގްރޫޕްގައި އޮތީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ.

އަންނަ ސީޒަނަށް މާޒިޔާ ކޯޗަކަށް ހަމަޖައްސާފައިވަނީ ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. މާޒިޔާއާ އެކު ސޮއިކުރުމަށް ފަހު ނިޒާމްބެ ވަނީ އެ ކްލަބްގައި މި ވަގުތު އޮތް ސްކޮޑާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ބުނެފަ އެވެ. ނިޒާމްބެ ބުނީ މާޒިޔާގައި އޭނާގެ ޓާގެޓަކީ ކޮންމެ މުބާރާތެއްގެ ވެސް ތަށްޓަށް ވާދަކުރުން ކަމަށާއި އެ މަސައްކަތައިގެން ކުރިއަށްދާން ޕްލޭން ކުރެވިފައި އޮތްގޮތަށް ވަރަށް އަވަހަށް ޕްރެކްޓިސްތައް ފަށައިގެން ކުރިއަށްދާނެ ކަމަށެވެ.