އެތުލެޓިކްސްގެ ރައީސަކަށް ތިން ވަނަ ދައުރަކަށް ތޮލާލް

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް، ތިން ވަނަ ދައުރަކަށް މުހައްމަދު ތޮލާލް އިންތިހާބުވެވަޑައިގެންފި އެވެ.


އޭނާ އިންތިހާބު ކާމިޔާބުކުރެއްވީ، ކުރީގެ ދުވުންތެރިޔާ ޔަޒްނީ ނަޝީދާ (ޔަޒޫ) އާ ވާދަކުރައްވައި 15 ވޯޓް ހޯއްދަވައިގެންނެވެ. ޔަޒޫ އަށް ހޯއްދެވުނީ އެންމެ ވޯޓެކެވެ.

އެސޯސިއޭޝަނުގެ ނައިބް ރައީސްގެ މަގާމް، އަހުމަދު އަޒީލް ވަނީ 15 ވޯޓް ހޯއްދަވައިގެން ދިފާއުކުރައްވައިފަ އެވެ. އެ އަދަދަށް ވޯޓް ހަމަކުރައްވައިގެން، ހަޒާންދާރުގެ މަގާމަށް ހޮވިވަޑައިގަތީ މުސްތަފާ މުހައްމަދެވެ. މި ދެ މަގާމަށް ވެސް އިތުރު ކެންޑިޑޭޓަކު ވާދަނުކުރެ އެވެ.

އެކްސްކޯ އަށް ހޮވިވަޑައިގަތީ 15 ވޯޓާ އެކު މުހައްމަދު ޝުޖާއު އާއި 14 ވޯޓާ އެކު ކުރީގެ ދުވުންތެރިޔާ އަހުމަދު ޝަގީފް (ރިވަރިން) އަދި 13 ވޯޓާ އެކު ހުސެއިން އަމީން ނަސީރެވެ. ދެން ވާދަކުރެއްވި މުހައްމަދު ޝާހިދު (ޝާޑު) އަށް ދެ ވޯޓް ލިބުނުއިރު، ކުރީގެ ދުވުންތެރިޔާ އިބްރާހީމް އުމަރު (ވިއްސަ) އަށް ލިބުނީ އެންމެ ވޯޓެކެވެ.

އެކްސްކޯގެ އަންހެން މެމްބަރުގެ މަގާމް ކާމިޔާބުކުރެއްވީ އެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް ޔާސްމީން އަބްދުﷲ އެވެ. އޭނާ ވަނީ 15 ވޯޓް ހޯއްދަވައިފަ އެވެ.

އެސޯސިއޭޝަނުގެ ރައީސްގެ މަގާމް 2012 ވަނަ އަހަރުން ފެށިގެން ފުރުއްވަމުން އަންނަ ތޮލާލްގެ ދައުރުގައި ރާއްޖޭން ވަނީ އެތުލެޓިކްސްގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. އޭގެ ތެރޭގައި 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖެ ރަން މެޑަލް ލިބުން ހިމެނެ އެވެ. އަދި އޭޝިއާ ފެންވަރުގެ މުބާރާތްތަކުން ވެސް ވަނީ ކާމިޔާބީ ހޯދައިފަ އެވެ. މީގެ އިތުރުން ޔޫތު ޑިވެލޮޕްމަންޓް ލެވެލްގައި މި ކުޅިވަރުގެ ތެރެއަށް ވަންނަ ދަރިވަރުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.