އޭއެފްސީ ކަޕަށް ދަގަނޑޭ ޓީސީގައި މަޑުކުރާނެ

އަންނަ އޮކްޓޫބަރު މަހު ރާއްޖޭގައި ބާއްވަން ނިންމާފައިވާ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި ވާދަކުރާ ޓީސީ ސްޕޯޓްސް ކްލަބްގެ ޓީމުގައި އަލީ އަޝްފާގު (ދަގަނޑޭ) ހިމެނޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.


ދަގަނޑޭ މި އަހަރު ޖެނުއަރީ މަހު ޓީސީ އަށް އަލުން ބަދަލުވީ އޭއެފްސީ ކަޕް ކުޅުމަށެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އަތުން 5-1 އިން ޓީސީ ބަލިވި މެޗުގައި ދަގަނޑޭ ވަނީ އެ ޓީމަށް ކުޅެފަ އެވެ.

މުބާރާތް ފަސްކުރުމުން ޓީސީ އަށް ޖެހިފައިވަނީ ކުރިން އޭއެފްސީ ކަޕަށް އެކުލަވާލި ސްކޮޑަށް ބަދަލު ގެންނާށެވެ. އެއީ ގިނަ ކުޅުންތެރިންތަކެއްގެ ކޮންޓްރެކްޓް ވެސް ހަމަވެފައިވާތީ އެވެ. ކުރިމަތިވެފައިވާ ހާލަތުގެ ގޮތުން ޓީމަށް ބަދަލުތަކެއް ގެންނަން ޖެހިފައިވީ ކަމުގައި ވިޔަސް ޓީސީން ބުނީ އޭއެފްސީ ކަޕަށް ދަގަނޑޭ އެ ޓީމުގައި މަޑުކުރާނެ ކަމަށެވެ.

"ޔަގީނުން ވެސް އޭއެފްސީ ކަޕްގައި ދަގަނޑޭ ޓީސީ ޓީމުން ފެންނާނެ. އެގޮތަށް އޮތީ. ދެން ހުރި ކަންތައްތައް ފައިނަލް ކުރުމުގެ މަސައްކަތްތައް ކުރަމުން މިދަނީ،" ޓީސީގެ އިސް ހިންގުންތެރިޔާ އަދި އެފްއޭއެމްގެ އެކްސްކޯ މެމްބަރު އަހުމަދު ނަޝީދު (ޑޭވް) "މިހާރަ"ށް ވިދާޅުވި އެވެ.

ދަގަނޑޭ އެންމެ ފުރަތަމަ ޓީސީ އަށް ބަދަލުވީ 2018 ވަނަ އަހަރުގެ އެސްޓީއޯ މާލޭ ލީގު ކާމިޔާބު ކޮށްދިނުމަށް ފަހު އެ ޓީމުން މުސާރަ ނުދޭ މައްސަލައިގައި ކޮންޓްރެކްޓް ކެންސަލްކޮށްލުމަށް ފަހު އެވެ. ދަގަނޑޭ ވަނީ 2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި މޮޅު ކުޅުމެއް ދައްކައި ޓީސީ އަށް ފުރަތަމަ ފަހަރަށް ލީގު ހޯދައިދިނުމުގައި އެހީތެރިވެދީފަ އެވެ. އަދި އޭނާ ވަނީ އެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން ސީޒަނުގައި އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު ހާސިލްކޮށްފަ އެވެ. މިިދިޔަ ސީޒަނުގައި ގްރީން ސްޓްރީޓްސްއާ އެކު ފެށި ނަމަވެސް އޭއެފްސީ ކަޕަށް ދިމާކޮށް ދަގަނޑޭ ޖެނުއަރީ މަހު ޓީސީ އަށް ދެ ވަނަ ފަހަރަށް ބަދަލުވީ އެވެ.

މި ފަހަރުގެ އޭއެފްސީ ކަޕްގައި ޓީސީ އަށް ކުޅުމަށް ފަހު ދެން ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު ދަގަނޑޭ އަށް އޮންނާނެ އެވެ. ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން ނިންމާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ދާދިފަހުން އޭއެފްސީން ހޮވި އެ މުބާރާތުގައި ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ މަގުބޫލު ގޯލަކަށް ރާއްޖޭގެ ދަގަނޑޭ 2013 ވަނަ އަހަރުގެ މުބާރާތުގައި ޖެހި ގޯލެއް ވަނީ ހޮވިފަ އެވެ. މޮޅު ސޯލޯ ގޯލަށް ހޮވުނީ އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެ އަހަރުގެ މާޗު 12 ގައި އިންޑޮނީޝިއާގެ ޕާސިބޯ އަތުން 7-0 އިން ރާއްޖޭގެ ނިއު ރޭޑިއަންޓް މޮޅުވި މެޗުގައި ދަގަނޑޭ ޖެހި ފަސް ގޯލުގެ ތެރެއިން، ތިން ކުޅުންތެރިން ކައިރިން ނައްޓާލާފައި ޖެހި ގޯލެވެ.

ދަގަނޑޭ އަކީ އޭއެފްސީ ކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތް ވަނައިގައި އޮތް ކުޅުންތެރިޔާ އެވެ. އެއީ ކްލަބް ވެލެންސިއާ، ނިއު އަދި ވީބީ އައްޑޫ އެފްސީ އަށް ޖަހައިދިން 29 ގޯލާ އެކު އެވެ. އެއް ވަނައިގައި އޮތީ 35 ގޯލް ޖަހާފައިވާ ފިލިޕީންސްގެ ސެރެސް-ނެގްރޯސް އަށް ކުޅުނު ސްޕެއިނުގެ ބިއެންވެނިޑޯ މަރަނޯން އެވެ. ލިސްޓުގެ އެއް ވަނަ އަށް އަރަން ދަގަނޑޭ އަށް ބޭނުންވަނީ ހަ ގޯލެވެ.

އެފްއޭއެމްގެ މިިދިޔަ އަހަރުގެ ކޮންގްރެސްގެ ތެރެއިން ޑޭވް ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިހާރު ފައިލް ފޮޓޯ

މިދިޔަ މެއި މަހު އެފްއޭއެމްގެ ލެޓްސް ޓޯކް ފުޓްބޯލް ޝޯގައި ވާހަކަ ދައްކަމުން ޑޭވް ވިދާޅުވީ އަންނަ ސީޒަނަށް ޓީސީން ޓީމެއް އެކުލަވާލާއިރު އެންމެ ބޮޑަށް ވިސްނާނެ އެއް ކަމަކީ މާލީ ގޮތުން ދެކޮޅު ޖެހޭ ގޮތަކަށް ޓީމު ރާވައި ފުރަތަމަ ޑިވިޝަނުގައި ޓީމު ބޭއްވޭނެ ވަރުގެ ޓީމެއް ހެދުމަށް ކަމަށެވެ. އެގޮތަށް ވިސްނަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ބޮޑު ދަރަނިތަކެއް ބާއްވައިގެން ޓީމު ހިންގުމަށް ވުރެ ލިބޭ ބަޖެޓެއްގެ ތެރެއިން ޓީމު ކުރިއަށް ގެންދިއުމުގެ ވިސްނުމުގައި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ގޮތަށް ވިސްނަން ޖެހުނު އެންމެ ބޮޑު އަނެއް ސަބަބަކީ ކޮވިޑް-19ގެ ސަބަބުން އިގުތިސޯދަށް އަންނަ ހީނަރުކަމުގެ ސަބަބުން ސްޕޮންސަރުން ހޯދުމާއި އެހެނިހެން ކަންތައްތަކަށް ބަލާއިރު ވެސް ޓީމަށް އާމްދަނީ ވެއްދޭނެ މާ ބޮޑު ގޮތްތަކެއް ނެތް ކަމަށާއި ޔަގީންކަމާ އެކު ލިބޭނެ ފައިސާ އަކަށް އޮތީ އެފްއޭއެމްގެ ފަރާތުން ލިބޭ ފައިސާ ކަމަށްވާތީ އެވެ. އަދި މިހާރު އޮތްގޮތުން ޓީމު ބައްޓަން ކުރުމުގައި ވެސް ބަރޯސާވެވެން އޮތީ އެ ފައިސާ އަށް ކަން ޑޭވް އޭރު ފާހަގަކުރެއްވި އެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތައް ރާއްޖޭގައި ބާއްވާއިރު އޭއެފްސީން ވަނީ އަލުން މުބާރާތަށް ކުޅުންތެރިން ރަޖިސްޓްރީކުރުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. އެނގިފައިވާ ގޮތުގައި އޭއެފްސީ ކަޕްގައި ޓީސީން ވާދަކުރާ ޓީމަށް ގިނަ ބަދަލުތަކެއް އައުމުގެ ފުރުސަތު ބޮޑެވެ.

އޮކްޓޫބަރު 23 ވަނަ ދުވަހު ފަށައި ތޭރަ ދުވަހުގެ ތެރޭގައި ގްރޫޕް ސްޓޭޖުގެ ބާކީ ހުރިހާ މެޗެއް ކުޅޭ ގޮތަށް ޝެޑިއުލް އޮތްއިރު، ކޮންމެ ތިން ދުވަހަކުން މެޗެއް ކުޅެން ޖެހެ އެވެ. ޓީސީގެ އިތުރުން ދެން މި ގްރޫޕްގައި އޮތީ މިދިޔަ ސީޒަނުގައި ރާއްޖޭގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ.