މިއީ އެންމެން އެކުވެގެން ކުރި މަސައްކަތުގެ ނަތީޖާ: ސުޒޭން

ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މާޒިޔާ އިން ހޯދުމަކީ ފުރިހަމަ މެނޭޖްމަންޓަކާއި ހުނަރުވެރި ކުޅުންތެރިންނާއި ކޯޗިން ސްޓާފުން އެކުވެގެން ކުރި މަސައްކަތެއްގެ ނަތީޖާ ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.


ވިކްޓަރީ އަށް ކުޅެ އެ ޓީމަށް ކޯޗެއްގެ ގޮތުން ވެސް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ސުޒޭން 2014 ވަނަ އަހަރު މާޒިޔާއާ ހަވާލުވެ އެ ޓީމަށް ވަނީ ލީގުގެ އިތުރުން އެފްއޭ ކަޕާއި ގައުމީ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްދީފަ އެވެ. އޭނާ އަށް ވަނީ 20 އަހަރުވީ ކްލަބުގެ ތާރީހުން ހާއްސަ ޖާގައެއް ލިބިފަ އެވެ.

"އެންމެން އެއްކޮށް ކުރި މަސައްކަތެއް މި ކާމިޔާބުވީ. މާޒިޔާ އިން މި އަހަރުގެ ސީޒަނަށް ނުކުތީ އެ ކްލަބަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ވީހާ ވެސް ގިނަ ކާމިޔާބެއް ހޯދަން. އެގޮތުން މިހާރު ވެސް ޗެރިޓީ ޝީލްޑާއި ލީގު ކާމިޔާބުކުރެވިއްޖެ. މާޒިޔާގެ ތާރީހީ އަހަރެއްގައި މުހިއްމު ކާމިޔާބީތަކެއް މި ހޯދުނީ،" ސުޒޭން ބުންޏެވެ.

ތިން ވަނަ ޑިވިޝަނުން ފެށި މާޒިޔާ 2006 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް އެރި ފަހުން އައީ އަހަރަށް ވުރެ އަހަރެއް ވަރުގަދަކުރަމުންނެވެ. ސުޒޭން ބުނީ މާޒިޔާ މިހިސާބަށް އައުމުގެ ސިއްރަކީ ކްލަބުގެ ހަރަދަނާ މެނޭޖްމަންޓް ކަމަށާއި އެ ކްލަބަށް މިހާތަނަށް ވެސް މަދުވެފައި އޮތީ ތަށިތަކެއް ކަމަށެވެ.

"އެކަން އަޅުގަނޑަށް ހާސިލްކޮށްދެވޭތީ ވަރަށް އުފާވޭ. މާޒިޔާގެ ތާރީހުގެ ތެރޭގައި އަޅުގަނޑު ނަން ބިންވަޅު ނެގިފައި އޮންނާނެ. އެ ކްލަބުގެ މިހާ މުހިއްމު ކާމިޔާބީތަކެއްގައި އަޅުގަނޑަށް ހިއްސާ ވެވުނީތީ ފަހުރުވެރިވޭ،" ސުޒޭން ބުންޏެވެ.

މާޒިޔާގެ ކޯޗު އަލީ ސުޒޭން: ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ސުޒޭން ބުނީ އޭނާ ހަވާލުވިއިރު ވެސް މާޒިޔާ އަކީ ވަރުގަދަ ޓީމެއް ކަމަށާއި އެކަމަކު ބޮޑެތި ކާމިޔާބީތަކާ އެކު މިހާރު މާޒިޔާ އަކީ ފުޓްބޯޅައިގެ މަގުބޫލު ބްރޭންޑަކަށްވެ މާޒިޔާއާ ދޭތެރޭ ދެކޭ ގޮތް ބަދަލުވެއްޖެ ކަމަށެވެ.

"ހަގީގަތުގައި މި ހުރިހާ ކަމެއްގެ ފަހަތުގައި އޮތީ ހަރުދަނާ މެނޭޖްމަންޓް. އަޅުގަނޑު މި ކްލަބާ ހަވާލުވިއިރު ވެސް އެ ތަފާތު ފާހަގަވި. އެކަން މީޑިއާގައި ވެސް ފާހަގަކުރިން،" ސުޒޭން ބުންޏެެވެ.

"އާއްމުކޮށް ކްލަބްތަކުގައި ދިމާވާ ސެލެރީ މައްސަލަ މި ކްލަބުގައި ދިމާނުވޭ. އަނެއްކާ މެނޭޖްމަންޓާއި ކުޅުންތެރިންނާ އެހާ ގުޅުން ރަނގަޅު. ކްލަބް ޕްރޮމޯޓްކުރުމާއި މިފަދަ ކަންކަމުގައި މެނޭޖްމަންޓުން މުހިއްމު ދައުރެއް އަދާކުރޭ. މިސާލަކަށް މި ކްލަބުގެ ކުޅުންތެރިޔަކު ގައުމީ ޓީމަށް ނޭރިޔަސް، އެ ނޭރި ސަބަބެއް ބަލައި ޓެކްނިކަލީ އެކަންވީ ގޮތް ބަލާ. ކުރުކޮށް ބުނަންޏާ ކުޅުންތެރިންގެ ހައްގުގައި މެނޭޖްމަންޓުން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރޭ."

ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ އަށް މައްސަލަތަކެއް ދިމާވެ ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް ކުރިމަތިވި އެވެ. ސުޒޭން ބުނީ އެފަދަ ހާލަތުގައި އެހެން ފަރާތްތަކުގެ ހަމަލާތައް އައި ކަމަށާއި އެއީ ދިވެހި ފުޓްބޯޅައިން ނައްތާލަން ޖެހިފައިވާ ކަމަށެވެ.

"އުނދަގޫ ހާލަތަކަށް ދިޔަ. އެކަމުން އަރައިގަންނަން ވަގުތު ބޭނުންވީ،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ ސީޒަނުގެ ވަކި ހިސާބަކުން ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ޓީމާ ގުޅުމުން ވަރަށް ބޮޑު ހިތްވަރެއް ލިބުނު ކަމަށާއި މި ފަހަރު ފެނިގެން ދިޔައީ ތަފާތު ދަގަނޑޭއެއް ކަމަށެވެ. އޭނާ މި ފަހަރު ވަރަށް ބުރަކޮށް މަސައްކަތްކުރިކަން ސުޒޭން ފާހަގަކުރި އެވެ.

ޗެމްޕިއަން މާޒިޔާގެ ކުޅުންތެރިންނަށް އީގަލްސްގެ ކުޅުންތެރިން މަރުހަބާ ކިޔަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

މާޒިޔާ އިން ސީޒަނަށް ނުކުތީ ތިން މުބާރާތް ވެސް ކާމިޔާބުކުރުމުގެ އަމާޒުގަ އެވެ. ސުޒޭން ބުނީ ލީގު ނެގުމާ އެކު އެފްއޭ ކަޕާއި ގައުމީ މުބާރާތް ކާމިޔާބުކުރަން ހިތްވަރު ލިބިއްޖެ ކަމަށާއި އެ ދެ ތަށި ދިފާއުކުރަން ވަރަށް ބުރަކޮށް މަސައްކަތްކުރާނެ ކަމަށެވެ.

މާޒިޔާއާ އެކު ބޮޑު ކާމިޔާބެއް ހޯދިއްޖެ ނަމަ ސުޒޭން އަންނަ ސީޒަނުގައި އެ ކްލަބުގައި ނުހުންނާނެ ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ. އޭނާ ބުނީ އަންނަ ސީޒަނާ މެދު އަދި ގޮތެއް ނުނިންމާ ކަމަށާއި އެކަމާ ވިސްނާނެ ކަމަށެވެ.

"އެފްއޭއެމްގެ އިންތިހާބު ވެސް ދާގޮތަކުން އިތުރަށް ކުރާނެ ކަމަކާ މެދު ގޮތެއް ނިންމާނީ. އަޅުގަނޑުމެން އެންމެން ފުޓްބޯޅައިގެ ތެރޭގައި މި އުޅެނީ މިކަމަށް ހުންނަ ލޯތްބެއްގެ ސަބަބުން. އަމިއްލަ ފައިދާއެއް ނެތި މިކަމަށް ހުންނަ ޕެޝަންއެއްގެ ސަބަބުން އުޅެނީ. އެހެންވެ މި ކުޅިވަރުގެ ޑިވެލޮޕްމަންޓަށް އެވަގުތު ކުރެވެން އޮތް ކަމެއް ކުރާނަން،" ސުޒޭން ބުންޏެވެ.