ކޮވިޑް-19ގެ ސަބަބުން ކޮލިފައިން މެޗުތައް އަނެއްކާ ވެސް ފަސްކޮށްފި

ކޮވިޑް-19ގެ ސަބަބުން 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ވޯލްޑް ކަޕާއި 2023 އަހަރުގެ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ މެޗުތައް އަންނަ އަހަރަށް ފަސްކޮށްފި އެވެ.


މިއީ ކޮލިފައިން މެޗުތައް ފަސްކުރަން އޭއެފްސީން ނިންމި ދެ ވަނަ ފަހަރެވެ. މި މެޗުތައް އެންމެ ފުރަތަމަ ކުޅެން ރާވާފައި އޮތީ މި އަހަރު މާޗް މަހާއި ޖޫން މަހުގަ އެވެ. އެކަމަކު އޭރު ކޮވިޑް-19 ވަރަށް ހަލުވި ކަމާ އެކު ފެތުރޭތީ އެ މުއްދަތުގައި ބޭއްވެން ނެތުމުން ފަސްކުރަން ޖެހުނީ އެވެ. ފަހުން އޭއެފްސީން މަޝްވަރާކުރުމަށް ފަހު މިދިޔަ ޖޫން މަހު މެޗުތައް ބާއްވަން ކަނޑައެޅީ މި އަހަރުގެ އޮކްޓޫބަރާއި ނޮވެމްބަރު މަހުގަ އެވެ. އެހެން ނަމަވެސް އަދިވެސް ކޮވިޑް-19ގެ ކަންތައްތަކުން އަރައިގަނެވިފައިނުވާތީ ކޮލިފައިން މެޗުތައް އަންނަ އަހަރަށް ފަސްކުރަން ފީފާ އާއި އޭއެފްސީން ވަނީ ނިންމައިފަ އެވެ.

އޭއެފްސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19ގެ ސަބަބުން ހާލަތު ބަދަލުވަމުންދާ ގޮތް ބެލުމަށް ފަހު މެޗުތަކުގެ ޝެޑިއުލް އާންމުކުރާނެ ކަމަށެވެ. އަދި މެޗުތައް ފަސްކުރަން ނިންމީ ފީފާގެ ވެސް ލަފަޔާ އެކުގައި ކަމަށް އޭއެފްސީގެ ބަޔާނުގައިވެ އެވެ. އެނގިފައިވާ ގޮތުގައި މެޗުތައް ފަސްކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ އަދިވެސް ގައުމުތަކަށް ދަތުރުފަތުރު ކޮށްގެން މެޗުތައް ކުޅެވޭނެ މާހައުލެއް ގިނަ ގައުމުތަކުގައި ގާއިމްވެފައި ނެތުމުންނެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އަށް ދެން ބާކީ އޮތީ ތިން މެޗެވެ. އެއީ ރަށުންބޭރުގައި ޗައިނާ އާއި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗާއި މާލޭގައި ސީރިއާއާ ބައްދަލުކުރާ މެޗެވެ.

މީގެ ތެރެއިން އެންމެ ފުރަތަމަ ރާއްޖެ ކުޅެން އޮތީ ޗައިނާއާ ދެކޮޅަށެވެ. ޗައިނާ މެޗު އެ ގައުމުގައި ބޭއްވެން ނެތުމުން މާޗް މަހު އެ މެޗު ތައިލެންޑަށް ބަދަލުކޮށްގެން ކުޅެވޭތޯ ބެލި ނަމަވެސް ފަހުން ޖެހުނީ ފަސްކުރާށެވެ. ޗައިނާ ސަރުކާރުން ވަނީ މި އަހަރު އެ ގައުމުގައި ބާއްވަން ނިންމާފައި އޮތް ގިނަ ކުޅިވަރު ހަރަކާތްތަކެއް ކޮވިޑް-19ގެ ސަބަބުން ނުބާއްވަން ނިންމައިފަ އެވެ. އޭރު ވާހަަކަ ދެކެވުނީ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ހާއްސަ ހުއްދައެއް ދިނުމަށެވެ. އެކަމަކު ފަހުން ޗައިނާ ސަރުކާރުގެ ރުހުން އެކަމަށް ލިބޭ ގޮތް އޮތީ ނުވެފަ އެވެ. އެއާ އެކު ޗައިނާގެ ކޮލިފައިން މެޗުތައް އެހެން ގައުމެއްގައި ކުޅެން ވެސް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވިސްނި އެވެ.

ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ކޮލިފައިން ގްރޫޕު އޭގެ ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. ރާއްޖޭގެ ފަހަތުން ފަސް ވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ. ރާއްޖޭގެ ޓާގެޓަކީ ގްރޫޕްގެ ރަނގަޅު ހިސާބެއްގައި ނިންމާލައި 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ.

ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު މިދިޔަ މަހު ކުރީކޮޅުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސްތައް ފެށި އެވެ. އެކަމަކު މާލެ ސަރަހައްދުގައި ކޮވިޑް-19 އަނެއްކާ ފެތުރެން ފެށުމާ އެކު މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވަނީ ގައުމީ ޓީމުގެ ޕްރެކްޓިސްތައް މެދުކަނޑާލައިފަ އެވެ. އަލުން ޕްރެކްޓިސްތައް ފެށޭތޯ އެފްއޭއެމުން އަންނަނީ އެޗްޕީއޭއާ އެކު މަޝްވަރާތަކެއް ކުރަމުންނެވެ.

ގައުމީ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އިރުޝާދުގެ ދަށުން މިހާތަނަށް ރަސްމީކޮށް އަދި މެޗަކަށް ނުކުމެފައެއް ނުވެ އެވެ. ދެ ފަހަރެއްގެ މަތިން ޕްރެކްޓިސްތައް ކުރިއަށްގެންގޮސްފައިވާއިރު، ކޮލިފައިންގެ މެޗުތައް އަންނަ އަހަރަށް ފަސްކުރުމާ އެކު މިހާރު އޮތްގޮތުން މި އަހަރު ގައުމީ ޓީމަށް ރަސްމީ މެޗެއް ނޯންނާނެ އެވެ. މި އަހަރު ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައި ބާއްވަން ތާވަލުކޮށްފައި އޮތް ސާފް ސުޒުކީ ކަޕް ވެސް ވަނީ ކޮވިޑް-19 ގެ ސަބަބުން އަންނަ އަހަރަށް ފަސްކޮށްފަ އެވެ.

އޭއެފްސީން ވަނީ ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތައް އަންނަ އަހަރަށް ފަސްކުރަން ނިންމި ނަމަވެސް އޭއެފްސީ ކަޕްގެ މެޗުތައް ކުރިއަށްގެންދަން ނިންމައިފަ އެވެ. އެ ގޮތުން ގްރޫޕް ސްޓޭޖްގެ މެޗުތައް ކުރިއަށްގެންދަނީ ކޮންމެ ގްރޫޕެއް ވަކިން ސެންޓްރަލައިޒްކޮށް ވަކި ދަނޑެއްގަ އެވެ.