ރާއްޖެ ސަސްޕެންޑްވުމުގެ ބިރު އެބައޮތް: ޓީޓީ އެސޯސިއޭޝަން

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ އަސާސީ ގަވާއިދާއި އެއްގޮތަށް އަދި ރާއްޖޭގެ ކުޅިވަރު ގާނޫނާ ފުށުނާރާގޮތަށް އޮންނަ އުސޫލުގެ ތެރެއިން ކަންތައްތައް ކުރަމުން ގެންދަނިކޮށް ޓީޓީގެ އިންތިހާބު ހުއްޓުވަން ކޯޓަށް މައްސަލަ ހުށަހަޅައިގެން ކުރިއަށްދާނަމަ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ރާއްޖެ ސަސްޕެންޑް ކުރުމުގެ ބިރު އެބައޮތް ކަމަށް އެސޯސިއޭޝަނުން ބުނެފި އެވެ.


ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި ސްޕޯޓްސް ކޮމިޝަނަރު މެދުވެރިވެގެން ވެސް ޓީޓީ އެސޯސިއޭޝަންގެ އިންތިހާބު އިންސާފުވެރިކަމާ އެކު ބޭއްވޭނެކަމަށް ގަބޫލުނުކުރާކަމަށް ބުނެ ޓީޓީ އިންތިހާބު ފަސްކުރަން ކޯޓަށް ހުށަހެޅީ އެސޯސިއޭޝަނުގެ މިހާރުގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) އެވެ. އަލިބެ ވަކީލަކަށް ހަމަޖައްސާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު ވަކީލު ހަސަން ލަތީފެވެ.

އަލިބެ އަކީ މި ފަހަރުގެ އިންތިހާބުގައި މިހާރުގެ ލީޑަޝިޕް، މިހާރުގެ ރައީސް އަލީ ރަޝީދު (އައްޔަ)އާ ދެކޮޅަށް ނުކުންނަ ޓީމުގެ މެމްބަރެކެވެ. އަލިބެ ހުރީ ޓީޓީ ރައީސް ކަމަށް ވާދަކުރާ ޣިޔާސުއްދީން ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ތޯހާ ސަލީމްގެ ޓީމުގައި ފަރުދީ ފިރިހެން މެމްބަރަކަށް ކުރިމަތިލައިގެންނެވެ.

މި މަހު އަށް ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ޓީޓީ އިންތިހާބާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ގޮތުން އިއްޔެ ހަވީރު ހ. މުނިއުފާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓީޓީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއު ވިދާޅުވީ ރާއްޖޭގެ ޓީޓީގައި މިހާރު ހިންގަމުން މި އަންނަ ކަންތައްތަކުގެ މައުލޫމާތު އައިޓީޓީއެފް އަށް ވެސް ދެމުން އަންނަ ކަމަށާއި އިންޓަނޭޝަނަލް ފެޑެރޭޝަނުން ވަނީ ހެދިފައިވާ ގަވާއިދުތަކަށް ބޯލަނބަން ޖެހޭނެކަމަށާއި އެއާ ހިލާފުނުވަން އަންގާފައި ކަމަށެވެ.

"މި ކުޅިވަރުގެ ނަމްބަރު ވަން އަކީ ޗައިނާ އެ ބޭފުޅުންނަށް ހިނގާ ހުކުމެއް އަޅުގަނޑު މެންނަށް ވެސް ހިނގާނެ. އައިޓީޓީއެފްގެ މި ފަދަ ކަމެއް ވައިލޭޓް ކޮށްފިއްޔާ އެ ކުރާ ބަޔަކު ކޯޓު މެދުވެރިކޮށް ކޮށްފިއްޔާ އަދި އެހެން ގޮތަކުން ވެސް ކޮށްފިއްޔާ އަޅުގަނޑުމެން އެ ހުށަހެޅެނީ އައިޓީޓީއެފްގެ ސަސްޕެންޝަނަކަށް. ދެން ކިހިނެއްތޯ މި ވަނީ. މިދިޔަ އަހަރު ތެރޭ ރަން މެޑަލް ހިފައިގެން އައި ކުދިން އައި ކުޅިވަރު ސަސްޕެންޝަނަކަށް ދާން މި ޖެހެނީ ކިރިޔާ އަހަރެއްވިތަނާ،" ސުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައްސަލަ ކޯޓަށް ހުށަހެޅި ފަރާތުން ބޭނުންވަނީ އިންތިހާބު ހުއްޓުވަން ވަގުތީ އަމުރެއް ނެރުމަށް ކަމަށާއި އެކަމަކު އެކަން އެގޮތަށް ކޯޓުން ނުކޮށްދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. އެއީ މީގެ ކުރިން ވެސް މީޑިއާ އަށް ތިލަވެފައިވާ ކަންތައްތަކަށް ބަލާއިރު ސުޕްރީމް ކޯޓާއި ހައި ކޯޓުން ވަނީ ކުޅިވަރުގެ ކަންތައްތައް ކުޅިވަރުގެ އުސޫލުގެ ތެރެއިން ހުދޫދުން ބޭރުނުވެ ހައްލުކުރުމަށް ކަމަށްވާތީކަން ސުޖާއު ފާހަގަކުރެއްވި އެވެ.

"ކުޅިވަރު މި ޖެހެނީ ވަކިން ބާއްވަން. އެހެން ކަންކަމުގެ ތެރެއަށް ކުޅިވަރު ގެންނާކަށެއް ނުޖެހޭ. ކުޅިވަރުގެ އިންޓަނޭޝަނަލް އެތައް އެފިލިއޭޝަންތަކެއް އެބަހުރި. މި ފަދަ ގޮތްގޮތަށް (ކޯޓަށް މައްސަލަ ހުށަހަޅައިގެން) އަޅުގަނޑުމެން ކަންތައް ކުރާނަމަ އޮލިމްޕިކް ޗާޓަރު ވައިލޭޓްކުރަން މި ޖެހެނީ. އެއީ މީގެ ހުރި ބިރުވެރިކަމަކީ. (ކޯޓުން) ހުކުމެއް އައިސްފިއްޔާ އަޅުގަނޑުމެންނަށް ސަސްޕެންޝަނެއް އައުން އެކަށީގެންވޭ. މިއީ ރާއްޖޭގެ ކުޅިވަރަށް ލޯބިކުރާ އެއްވެސް މީހަކު ހިތްހަަމަ ޖެހޭނެ ކަމެއް ނޫން. ހާއްސަކޮށް އަޅުގަނޑުމެން ކަހަލަ ކާމިޔާބު ކުޅިވަރަކަށް ކިލަނބު ކަމެއް އަންނަން ބޭނުން ނުވާނެ،" ސުޖާއު ވިދާޅުވި އެވެ.

އިންޓެނޭޝަނަލް ފެޑެރޭޝަންގެ އެންގުމަކީ ރާއްޖޭގެ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި ސްޕޯޓްސް ކޮމިޝަންގެ އެންގުންތަކާ އެއްގޮތަށް ކުރިއަށް ދިއުމެވެ. އެހެންކަމުން އެ ފަރާތުގެ އިއުތިރާޒެއް ނެތި ޓީޓީ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން ކަންތައްތައް ކުރާނަމަ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކުރެވޭނެ ޖާގައެއް އޮންނާނެ ކަމަށް ނުދެކޭކަން ސުޖާއު ފާހަގަކުރެއްވި އެވެ.

2016 ވަނަ އަހަރު ޓޭބަލް ޓެނިސްގެ އިންތިހާބު ކާމިޔާބުކުރެއްވި ޓީމު.-- ފޮޓޯ: ޓީޓީ އެސޯސިއޭޝަން

ގަވާއިދާ ހިލާފަށް ކަމެއް ކޮށްފައިވާ ކަމަށް ގަބޫލެއް ނުކުރަން: ސުޖާއު

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުޖާއު ވަނީ ޓީޓީ އިންތިހާބު ބޭއްވުމުގެ މަސައްކަތް ފެށުނު ހިސާބުން ފެށިގެން ކަންތައްތައް ކުރަމުން އައި ގޮތުގެ ޓައިމްލައިނެއް ކިޔައިދީފަ އެވެ. އަދި ކޮންމެ މަރުހަލާއެއްގައި އެކްސްކޯ މެމްބަރުންނާއި ސްޕޯޓްސް ކޮމިޝަނަރަށް މައުލޫމާތު ދޭން ޖެހޭ ވަގުތު އެކަން ކޮށްފައިވާކަމަށް ސުޖާއު ވިދާޅުވި އެވެ. އަދި އިންތިހާބުގެ ކަންތައްތައް ކުރިއަށް ގެންގޮސްފައިވަނީ އިލެކްޓޯރިއަލް ކޮމިޓީއެއްގެ ބެލުމުގެ ދަށުން ކަމަށާއި އެކަން ވެސް ވަރަށް ސާފުކޮށް އެކްސްކޯ މެމްބަރުންނަށް އެނގޭނެ ކަމަށް ސުޖާއު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބެލެނިވެރި ފަރާތަކީ ކޮމިޝަނާ އޮފް ސްޕޯޓްސް އެހެންވީމަ އަޅުގަނޑުމެން މިދަނީ ހުރިހާ މަރުހަލާއެއް އޮމާންކަމާ އެކު ގެންދިއުމުގެ ބޭނުމުގައި ހުރިހާ ކަމެއް ހިއްސާކުރަމުން. އެ ބޭފުޅާ (ކޮމިޝަނާ އޮފް ސްޕޯޓްސް) އަޅުގަނޑުމެންނަށް މި އިންތިހާބު ކުރިއަށް ގެންދިއުމުގައި އެއްވެސް މައްސަލައެއް އޮތްކަމަށް ވިދާޅެއްނުވޭ. އަނގަބަހަކުން ވެސް އަދި ލިޔުމަކުން ވެސް. ދިވެހިރާއްޖޭގެ ކުޅިވަރާ ބެހޭ މަޖިލީހުން ވެސް އެފަދަ އެއްވެސް ގޮތަކަށް މިކަން ހުއްޓުވުމަކަށް ވެސް ނުވަތަ މައްސަލަތަކެއް ހުރި ކަމަކަށް ވެސް ފާހަގަކުރައްވާފައެއް ނެތް،" ސުޖާއު ވިދާޅުވި އެވެ.

އިންތިހާބުގެ މައްސަލަ ކޯޓަށް ހުށަހެޅި ފަރާތްތަކުން ބުނާ ގޮތުގައި މިހާރުގެ ލީޑަޝިޕުން ވަނީ އިންތިހާބަށް ނުފޫޒު ފޯރުވައިފަ އެވެ. އެކަމަކު އެ ތުހުމަތުތައް ސުޖާއު ވަނީ ދޮގުކުރައްވައިފަ އެވެ. ސުޖާއު ވިދާޅުވީ އިންތިހާބު ބާއްވަނީ މިހާރުގެ ލީޑަޝިޕަކުން ނޫން ކަމަށާއި އެކަން ކުރަނީ އެކަމަށް ހާއްސަކުރެވިފައިވާ އިލެކްޓޯރިއަލް ކޮމިޓީ އަކުން ކަމަށެވެ. އަދި އެ ކޮމިޓީގައި ހިމެނޭ ފަރާތްތަކަކީ އެކި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުގައި މަސައްކަތްކޮށްފައިވާ ފަރާތްތަކެއް ކަމަށާއި އަދި އެއީ އެސޯސިއޭޝަންގެ މެމްބަރުންތަކެއް ވެސް ނޫން ކަމުން ނުފޫޒުފޯރުވޭނެ ޖާގައެއް އޮތް ކަމަށް ނުދެކޭ ކަމަށް ވިދާޅުވި އެވެ.

މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ކޮންމެ ކުޅިވަރެއްގެ އިންތިހާބުގައި ވެސް މައްސަލަތަކެއް ފެންމަތި މި ކުރަނީ އިންތިހާބެއް ބާއްވަން ކުޑަ ވަގުތުކޮޅަކަށް ވެފައި އޮއްވައި ކަމަށާއި އޭގެ ކުރިން އެ މަސައްކަތްތަކުގައި ނުޅޭ ސަބަބެއް ނޭނގޭ ކަމަށެވެ. އަދި މީގެ އެންމެ ރަނގަޅު ގޮތަކީ ކުޅިވަރުގެ ކަންތައްތައް ކުޅިވަރުގައި އޮންނަ އުސޫލުގެ ތެރެއިން ހައްލެއް ހޯދުމަށް ކަމަށް ވިދާޅުވި އެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން ޓީޓީ އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގަ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދަ އިންތިހާބު ކުރިއަށް ގެންދަން ވަނީ ލިބިފަ އެވެ. މި އިންތިހާބުގައި 15 ކްލަބަކުން 272 މެމްބަރުން ވޯޓު ލާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.