ޓީޓީ ސަސްޕެންޑްވެދާނެތީ މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފި

އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ރާއްޖެ ސަސްޕެންޑްކޮށްފާނެކަމުގެ އިންޒާރުގެ ލިބިފައިވާ ކަމަށް ވިދާޅުވެ އެ މައްސަލައިގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.


އަސާސީ ގަވާއިދާއި ރާއްޖޭގެ ކުޅިވަރު ގާނޫނާ ފުށުނާރާގޮތަށް ކަންތައްތައް ކުރަމުން ގެންދަނިކޮށް އިންތިހާބު ހުއްޓުވަން ކޯޓަށް މައްސަލަ ހުށަހަޅާނަމަ އައިޓީޓީއެފް އިން ރާއްޖެ ސަސްޕެންޑް ކުރުމުގެ ބިރު އެބައޮތް ކަމަށް އެސޯސިއޭޝަނުން ބުނީ ބުރާސްފަތި ދުވަހު އެވެ.

ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި ސްޕޯޓްސް ކޮމިޝަނަރު މެދުވެރިވެގެން ވެސް ޓީޓީ އެސޯސިއޭޝަންގެ އިންތިހާބު އިންސާފުވެރިކަމާ އެކު ބޭއްވޭނެކަމަށް ގަބޫލުނުކުރާކަމަށް ބުނެ ޓީޓީ އިންތިހާބު ފަސްކުރަން ކޯޓަށް ހުށަހެޅީ އެސޯސިއޭޝަނުގެ މިހާރުގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) އެވެ. އަލިބެ ވަކީލަކަށް ހަމަޖައްސާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު ވަކީލު ހަސަން ލަތީފެވެ.

ޒުވާން ޓީޓީ ޓީމުން މިދިޔަ އަހަރު ރާއްޖެ އަށް ރަންވަނަތަކެއް ހޯދައިދީފައިވަނިކޮށް މިހާރު ފެންނަނީ ސަސްޕެންޝަނެއްގެ މަލަމަތި ކަމަށް އިޝާރާތްކުރައްވައި މަހުލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައިޓީޓީއެފް އިން ސަސްޕެންޑްކޮށްފާނެ ކަމުގެ އިންޒާރުގެ ސިޓީގެ ކޮޕީއެއް އޭނާ އަށް ވެސް ލިބިފައިވާ ކަމަށެވެ.

"ސަރުކާރު، މަޖިލިސް އަދި ކޯޓްތައް ކުޅިވަރު ތެރެއަށް ވަންނަމަ ކުޅިވަރުތަކުން ސަސްޕެންޑްކުރުމުގެ ފުރުސަތު ބޮޑު،" މިނިސްޓަރު ޓްވީޓްކުރެއްވި އެވެ.

މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ރަފާ (ކ) ގެ ކަރުގައި މިނިސްޓަރު މަހުލޫފު މެޑަލް އަޅުވައިދެނީ. --މިހާރު ފޮޓޯ: ނިޝާން އަލީ (އެމްއޯސީ)

ޓީޓީ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ވިދާޅުވީ މައްސަލަ ކޯޓަށް ހުށަހެޅި ފަރާތުން ބޭނުންވަނީ އިންތިހާބު ހުއްޓުވަން ވަގުތީ އަމުރެއް ނެރުމަށް ކަމަށާއި އެކަމަކު އެކަން އެގޮތަށް ކޯޓުން ނުކޮށްދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. އެއީ މީގެ ކުރިން ވެސް މީޑިއާ އަށް ތިލަވެފައިވާ ކަންތައްތަކަށް ބަލާއިރު ސުޕްރީމް ކޯޓާއި ހައި ކޯޓުން ވަނީ ކުޅިވަރުގެ ކަންތައްތައް ކުޅިވަރުގެ އުސޫލުގެ ތެރެއިން ހުދޫދުން ބޭރުނުވެ ހައްލުކުރުމަށް ކަމަށްވާތީކަން ސުޖާއު ފާހަގަކުރެއްވި އެވެ.

މަހުލޫފު މަގާމާ ހަވާލުވެވަޑައިގެން، އެފްއޭއެމްގެ މައްސަލައެއް ބަލަން ކޮމިޓީއެއް ނެގުމާ އެކު އޭއެފްސީން ވަނީ ތިން ވަނަ ފަރާތެއްގެ ނުފޫޒު ވަންނަމަ ފުޓްބޯޅަ ސަސްޕެންޑްކޮށްފާނެ ކަމުގެ އިންޒާރު ދީފަ އެވެ. އޭގެ ފަހުން މަހުލޫފު ވަނީ އެ މަސައްކަތް ހުއްޓާލައްވައިފަ އެވެ. އެކަމަކު ފަހުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް އެފްއޭއެމްގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުއްވި އެވެ. އެކަން ކޮޅެއްގައި ނުޖެހެނީސް، އެފްއޭއެމްގެ އިންތިބާބު ފީފާ އާއި އޭއެފްސީ އަދި ރާއްޖޭގެ ސްޕޯޓްސް ކައުންސިލުން ބަލައިގަތުމާ އެކު އެކަން ވަނީ ހިހޫވެފަ އެވެ.

ފުޓްބޯޅައާ ހިލާފަށް ޓީޓީ އަކީ އެސޯސިއޭޝާނުގެ އެތެރޭގެ އެއްވެސް މައްސަލައެއް ނުވަތަ އިންތިހާބާ ގުޅޭ ކަމެއް މީގެ ކުރިން ފެންމަތިވި އެސޯސިއޭޝަނެއް ނޫނެވެ. މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ހޯދި ތިން ރަން މެޑެއްޔާ އެކު އެ ކުޅިވަރުގެ ނަން އޮތީ ވަރަށް ބޮޑަށް ވިދާލައިފަ އެވެ. ޒުވާން ހުނަރުވެރި ދެ ތަރިން ކަމަށްވާ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމާ އެކު ރާއްޖޭގެ ޓީޓީގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށެވެ. އެހެން އެކަން އޮއްވާ އިންތިހާބުގެ ހޫނުވެ މައްސަލަގަނޑެއް އުފެދުނީ މިހާރުގެ ރައީސް އަލީ ރަޝީދު (އައްޔަ) އާއި އެ މަގާމަށް ދެން ކުރިމަތިލެއްވި ތޯހާ ސަލީމްގެ ވާދަވެރިކަން ބޮޑުވި ހިސާބުންނެވެ.