ފުރަތަމަ ޑިވިޝަނަށް އަންހެން ފުޓްބޯޅަ ލީގެއް ފަށަން މަސައްކަތްކުރަނީ

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ މެދުގައި އަންހެން ފުޓްބޯޅަ ލީގެއް ފެށުމުގެ މަސައްކަތް އެފްއޭއެމުން ފަށައިފި އެވެ.


ޕްރޮފެޝަނަލް އުސޫލުތަކުގެ ތެރެއިން ފުރަތަމަ ޑިވިޝަން ކްލަބްތައް ހިންގުން ހަރުދަނާކުރުމުގެ ވިސްނުމުގައި ކުރިއަށް ދިއުމުގެ ގޮތުން އެފްއޭއެމުން ކްލަބްތަކާ އެކު ސޮއިކޮށްފައިވާ ޓުވާޑްސް ފިއުޗާ ފައިނޭންޝިއަލް އެސިސްޓަންސް ކޮންޓްރެކްޓްގައިވާގޮތުން ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބެއްގައި އަންހެން ޓީމެއް އޮތުން ލާޒިމެވެ.

މިދިޔަ ޖުލައި މަހު އެފްއޭއެމްގެ ރައީސްކަމަށް ދެ ވަނަ ދައުރަކަށް އިންތިހާބުވުމަށް ފަހު ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ވޭތުވެދިޔަ ދައުރުގައި އަންހެން ފުޓްބޯޅަ މުބާރާތްތައް ނުބޭއްވި އޮތުމުން ކުރިއަށް އޮތްތަނުގައި އަންހެން ފުޓްބޯޅަ އަށް ދޭ ސަމާލުކަން އިތުރުކޮށް މުބާރާތްތައް ބާއްވާނެ ކަމަށެވެ.

އެ ގޮތުން އެފްއޭއެމްގެ ވިސްނުން ހުރީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ މެދުގައި އަންހެން ފުޓްބޯޅަ ލީގެއް ބޭއްވުމެވެ. ކޮންމެ ކްލަބެއްގައި އަންހެން ޓީމެއް އޮތުން މަޖުބޫރުކޮށްފައިވުމަކީ ލީގެއް ފެށުމަށް ލިބިގެންދާނެ ފަސޭހައެކެވެ. އެނގިފައިވާ ގޮތުގައި ބައެއް ޓީމުތަކުން ވަނީ އަންހެން ޓީމު އެކުލަވާލުމުގެ މަސައްކަތް ފަށައިފަ އެވެ.

އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމުން ކުރާ މަސައްކަތް ފާހަގަކޮށް އޭއެފްސީން ކޮށްފައިވާ ޓްވީޓް.

އެފްއޭއެމުން މިދިޔަ އަހަރު ވެސް އަންހެން ފުޓްބޯޅަ މުބާރާތެއް ބާއްވަން މަސައްކަތްތަކެއްކުރި އެވެ. އެކަމަކު ޓީމުތައް މަދުވުމާއި އެކަށީގެންވާ ވަރަށް ކުޅުންތެރިން ކްލަބްތަކަށް ލިބުމުގައި ދަތިތަކެއް ހުރުމުން މުބާރާތް ބޭއްވޭގޮތެއްނުވި އެވެ.

އަންހެން ފުޓްބޯޅަ ލީގެއް ބާއްވަން އެފްއޭއެމުން އެންމެ ފަހުން ބެލީ 2017 ވަނަ އަހަރު އެވެ. އެކަމަކު އެކަށީގެންވާ ތަރުހީބެއް ނުލިބުމުން މުބާރާތް ޖެހުނީ ކެންސަލްކުރާށެވެ. އެ މުބާރާތުގައި ބައިވެރިވީ ނިއު ރޭޑިއަންޓުން އެކަންޏެވެ. އެހެން ޓީމުތަކުން ބައިވެރިނުވި އެއް ސަބަބަކީ ވަގުތު ކުޑަތަންވެފައި އޮއްވައި އެފްއޭއެމުން މި މުބާރާތް އިއުލާން ކުރުމެވެ. ފުރަތަމަ ޑިވިޝަން ކްލަބްތައް ބައިވެރިވެގެން އެންމެ ފަހުން އަންހެން ފުޓްބޯޅަ މުބާރާތެއް ކުޅުނީ 2014 ވަނަ އަހަރު އެވެ.

އަންހެން ގައުމީ ޓީމުގައި ފަހަކަށް އައިސް އެންމެ ގިނައިން މަސައްކަތްކުރި ކޯޗު މުހައްމަދު އާތިފް (އާތީ)، 2018 ވަނަ އަހަރުގެ އޭޝިއަން ގޭމްސް އަށް ފަހު ދިން އިންޓަވިއުއެއްގައި ބުނީ އަންހެން ފުޓްބޯޅަ ކުރިއަރުވަން އެންމެ މުހިއްމު އެއް ކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުޅޭ މުބާރާތްތަކެއް ބޭއްވުން ކަމަށެވެ. އަދި އެ ކަމަށް މަސައްކަތްކުރާއިރު އެންމެ މުހިއްމީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން އަންހެން ޓީމު ގެންގުޅުން ކަމަށާއި އެކަމަށް އެފްއޭއެމްގައި ޕްލޭނެއް އޮތް ކަމަށް އާތީ އޭރު ބުންޏެވެ.

ފަހަކަށް އައިސް ރާއްޖޭގެ އަންހެން ޓީމުން އަންނަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކުރިއެރުންތަކެއް ހޯދަމުންނެވެ. އެ ގޮތުން މިދިޔަ ޑިސެމްބަރު މަހު ވަނީ ސައުތު އޭޝިއަން ގޭމްސް އިން ލޯ މެޑަލް ހާސިލްކޮށްފަ އެވެ.

ރާއްޖޭގެ އަންހެން ފުޓްބޯޅަ ކުރިއަރުވަން ބަލާއިރު ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގައުމީ ލެވެލްގައި އަންހެން ފުޓްބޯޅަ އަށް ގިނަ މުބާރާތްތަކެއް ނެތުމެވެ. މާލޭގައި އަންހެން ޓީމުން ބަރާބަރަށް ޕްރެކްޓިސް ކުރި ނަމަވެސް އަންހެން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއް ކުޅެލަން ގިނަ ފަހަރަށް ލިބެނީ ފުޓްސަލް މުބާރާތްތަކުގަ އެވެ.