އެކިޑެން ސިންގަޕޯ ވާޗުއަލް ދުވުމުގައި ނަސްރު 58 ވަނަ މެރެތަން ޖަހައިފި

މިޒުނޯ އެކިޑެން ސިންގަޕޯ ވާޗުއަލް ދުވުން ހުޅުމާލޭގައި ހުކުރު ދުވަހު ބޭއްވިއިރު، އެންމެ ގިނަ މެރެތަން ދުވި ދިވެހި ދުވުންތެރިޔާގެ ރެކޯޑް އޮތް ސިފައިންގޭގެ ނަސްރުﷲ އަހުމަދު (ނަސްރު) އެ ދުވުމުގައި އޭނާގެ 58 ވަނަ މެރެތަން ފުރިހަމަކޮށްފި އެވެ.


މި ދުވުން ވާޗުއަލްކޮށް ބޭއްވީ ކޮވިޑުގެ ހާލަތުގެ ސަބަބުން ދަތުރުކުރެވެން ނެތުމުންނެވެ. މެރެތަން ރަނާސް ކްލަބުން ރާއްޖޭގައި މި އިވެންޓް އިންތިޒާމްކުރީ އެތުލެޓިކްސް އެސޯސިއޭޝަނުގެ އެހީއާ އެކު އެވެ. ރޫޓް އެޕްރޫވްކޮށް ޓެކްނިކަލް ކަންކަން ބެލެހެއްޓީ އެސޯސިއޭޝަނުންނެވެ.

ނަސްރު މެރެތަން ފުރިހަމަކުރީ 3 ގަޑި 39 މިނެޓުންނެވެ. މިއީ މި އަހަރުގެ ފެބްރުއަރީ މަހު ނިއު ދިއްލީ މެރެތަންގައި ދުވި ފަހުން ނަސްރު ޖެހި ފުރަތަމަ މެރެތަނެވެ. އޭރު ނަސްރުގެ ޓާގެޓަކީ މި އަހަރު އިތުރު 18 މެރެތަން ޖެހުމެވެ. އެކަމަކު މި ހާލަތުގެ ގޮތުން އެކަން ދެން ކާމިޔާބެއް ނުވާނެ އެވެ.

ނަސްރުގެ މިހާރުގެ ޓާގެޓަކީ އޭޝިއާގެ ރެކޯޑެއް ހެދުމެވެ. އޭޝިއާގައި އެންމެ ގިނަ މެރެތަން ޖެހުމުގެ ރެކޯޑް އޮތް ދުވުންތެރިޔާ ދުވެފައިވަނީ 100-150 އާ ދޭތެރޭގެ އަދަދަކަށެވެ.

އެކިޑެން ސިންގަޕޯ ވާޗުއަލް ދުވުމުގައި ބައިވެރިވި ދުވުންތެރިން.

ނަސްރުގެ ހާއްސަ ކަމަކީ، ޖުމްލަ 42 ކިލޯމީޓަރަށް ދުވަން ޖެހޭ ބުރަ ބޮޑު ރޭހުގައި ރަނގަޅު ޓައިމިންއެއްގައި ދުވަން ކުރާ މަސައްކަތެވެ. އާއްމުކޮށް ރެކޯޑް އަދަދަކަށް މެރެތަން ދުވާ ދުވުންތެރިން ޓައިމިން އަށް އެހާ ސަމާލުކަމެއް ނުދެ އެވެ. މި ދެ މެރެތަންގައި ވެސް އަދި މިދިޔަ އަހަރު ނަސްރު ދުވި 20 ރޭހުގެ ތެރެއިން 16 ރޭހެއް އޭނާ ވަނީ ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމައިފަ އެވެ. ރާއްޖޭގައި، ހަތަރު ގަޑިއިރަށް ވުރެ އަވަހަށް މެރެތަން ފުރިހަމަކޮށްފައިވަނީ ނިސްބަތުން މަދު ދުވުންތެރިންތަކެކެވެ.

މި އިވެންޓުގައި، ރާއްޖޭގެ ދެ ވަނަ އަށް އެންމެ ބާރު އަންހެން މެރެތަން ދުވުންތެރިޔާ އައިޝަތު ރިޝްމީ (އިއްތި) ވަނީ ހާފް މެރެތަން 1 ގަޑި 39 މިނެޓުން ދުވެ ޕާސަނަލް ބެސްޓް ހަދައިފަ އެވެ. އަދި މެރެތަން ރެކޯޑާ ދާދި ގާތުގައި ހުރި މުހައްމަދު ރަޝީދު (މޯޑް) ވަނީ ހާފް މެރެރަން 1 ގަޑި 15 މިނެޓުން ދުވެ އޭނާގެ ޕާސަނަލް ބެސްޓް ވެސް ހަދައިފަ އެވެ.

އަދި މިދިޔަ އަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގެ 5000 މީޓަރު ދުވުމާއި 10000 ދުވުމުން ތިން ވަނަ ހޯދި އަހުމަދު ޖަވާދު (ޖަވާ) ވަނީ ހާފް މެރެތަން 1 ގަޑި 30 މިނެޓުން ދުވެފަ އެވެ.

މެރެތަން ރަނާސްގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ ހާފް މެރެތަން އެއް 2 ގަޑި 13 މިނެޓުން ދުވެފަ އެވެ.