ޖޫނިއާ ތަރި އީތަން އަށް ސްޕެއިންގެ ޓީއެންޖީއެސް އިން ފުރުސަތެއް

ސްޕެއިނުގެ ދަ ނެކްސްޓް ޖެނެރޭޝަން ސްޕޯޓްސް (ޓީއެންޖީއެސް) އިން ކުރިއަށްގެންދިޔަ ވާޗުއަލް ކޭމްޕްގެ ބެޗްގެ މަތީ ވަނައެއް ހޯދައި ރާއްޖޭގެ 12 އަހަރުން ދަށުގެ ގައުމީ ޓީމު އެލީޓް ޕޫލްގެ ކުޅުންތެރިޔާ އީތަން އިބްރާހިމް ޒަކީ ސްޕެއިނުގައި ތަމްރީނު ހެދުމުގެ ފުރުސަތު ހޯދައިފި އެވެ.


އުމުރުން 11 އަހަރުގެ އީތަން އަށް ބެޗްގެ އެންމެ ކުރި ލިބުނީ އެކި ގައުމުތަކުން ވެސް ބައިވެރިވި ކުދިންނާ ވާދަކޮށެވެ. އީތަން އަށް ލިބުނު މި ކާމިޔާބީއާ ގުޅިގެން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި އެއް ވަނަ ގޯލްކީިޕަރު އިމްރާން މުހައްމަދު އަދި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ)ގެ އިތުރުން ގައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަން އަދި އެސިސްޓަންޓް ކޯޗު ރެނޭ ހިޑިންކް ވަނީ މަރުހަބާ ކިޔައިފަ އެވެ.

މިއީ މީގެ ހަ ވަރަކަށް އަހަރު ކުރިން ޓީއެންޖީއެސްއާ އެކު ވެވުނު އެއްބަސްވުމެއްގެ އައި ފުރުސަތެކެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގް (މަރޭ) އާއި ޓީއެންޖީއެސް ގުޅިގެން އައްޑޫގައި ވެސް ވަނީ މިދިޔަ އަހަރު ޓްރެއިނިން ކޭމްޕެއް ބާއްވައިފަ އެވެ. މި ފަހަރު ވާޗުއަލް ކޭމްޕްގައި ބައިވެރިވުމުގެ މި ފުރުސަތު ޓީއެންޖީއެސް އިން ރާއްޖެ އަށް ދިނުމުން މަރޭ އެ މަސައްކަތް ހަވާލުކުރީ އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ޒުވާން ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ)އާ އެވެ.

ތިން ހަފްތާ އަށް އޮންލައިންކޮށް ކުރިއަށްގެންދިޔަ މި ވާޗުއަލް ޓްރެއިނިން ކޭމްޕްގައި ހިމެނެނީ ތިން ބައެވެ. އެއީ ނެކްސްޓް ޖެނެރޭޝަން ސްކިލް ސެޝަނާއި ޓެކްނިކަލް ޓޯކާއި ޓީމް ޕްރޮޖެކްޓްސް އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު ޝާކިއްޓެގެ ބެލުމުގެ ދަށުން މި ކޭމްޕްގައި ބައިވެރިވާނެ ރަނގަޅު ގްރޫޕެއް އެކުލަވާލި އެވެ. އިތަންގެ އިތުރުން ދެން ހިމެނެނީ 16 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު އިޔާން ހަސަން އާއި އައިހަމް ހަމްދޫން އެވެ. ދެން ބައިވެރިވީ 19 އަހަރުން ދަށުގެ އަންހެން ގައުމީ ޓީމުގައި ހިމެނޭ އައިޝަތު ސިއުނާ އާއި މަރިޔަމް ވިޝާޔާ ވިލްދާން އެވެ.

ޝާކިއްޓެ "މިހާރު" އަށް ބުނީ މި ކުޅުންތެރިންނަށް މި ޓްރެއިނިން ކޭމްޕްގެ ތެރެއިން ރަނގަޅު މައުލޫމާތެއް ލިބިގެންދިޔަ ކަމަށާއި އީތާން އަށް ލިބުނީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

"ބައިވެރިވި ކޮންމެ ކުއްޖަކަށް ވެސް ވަރަށް މުހިއްމު މައުލޫމާތު ތަކެއް ލިބުނީ. ދެން ބެޗްގެ އެއް ވަނަ ލިބުނީ އީތަން އަށް. އޭނަ ސްޕެއިން އަށް ޓްރެއިނިން އަށް ދާނީ. މިއީ ވަރަށް ރަނގަޅު ފުރުސަތެއްގެ ގޮތުގައި ދެކެނީ،" ޝާކިއްޓޭ ބުންޏެވެ.

މަރޭ "މިހާރަ"ށް ވިދާޅުވީ އައްޑޫގައި ޓްރެއިނިން ކޭމްޕްގެ މޮޅު ކޯޗާއި ދެ ކުޅުންތެރިން ސްޕެއިންގެ ޓްރެއިނިން ކޭމްޕާއި މުބާރާތަކަށް ފޮނުވަން މަސައްކަތްކުރަމުން އަންނަނިކޮށް ކޮވިޑް-19ގެ ސަބަބުން ދަތުރު ފަތުރުކުރުމަށް އައި ހުއްޓުމުގެ ސަބަބުން އެކަން މަޑުޖެހުނީ ކަމަށެވެ. ވާޗުއަލް ކޭމްޕް އިން އީތާން އަށް ލިބިގެންދިޔަ މި ފުރުސަތުގައި އަންނަ އަހަރު އީތާން ސްޕެއިނަށް ޓްރެއިނިން އަށް ދާނެ ކަމަށެވެ.

"އަންނަ އަހަރު މާޗް، އޭޕްރީލް ނޫނީ މެއި ހިސާބު ކަމަށް މި ބަލަނީ. އޭރަށް ކޮވިޑް-19 ކަންތައްތަކުން އަރައިގަނެގެން ހަމަޖެހިލާފައި އޮވެއްޖެނަމަ ޓީއެންޖީއެސް އިން އެކޮޅުގައި އީތާން މެން ބައިވެރިވާ ޓްރެއިނިން ކޭމްޕް ބާއްވާނެ. އެ 10 ދުވަހުގެ ކޭމްޕަކީ އީތަން އަށް ލިބޭ ބޮޑު ފުރުސަތެއް،" މަރޭ ވިދާޅުވި އެވެ.

ޓީއެންޖީއެސްގައި ތަމްރީންވި ގިނަ ކުޅުންތެރިންތަކެއް އަންނަނީ ސްޕެއިނުގެ އެކި ކްލަބްތަކުގައި ކުޅެމުންނެވެ.

އީތަން، ހުނަރުވެރި މުސްތަގުބަލު އޮތް ކުޅުންތެރިއެއް

ޓީސީ އެކެޑަމީ ޓީމަށް ކުޅޭ އީތާން އަކީ އެފްއޭއެމުން ބޭއްވި ޔޫތު ލީގުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. މުސްތަގުބަލަށް ޒުވާން ގައުމީ ޓީމެއް އެކުލަވާލުމަށް ކުރީގެ ކުޅުންތެރިޔާ އިސްމާއިލް އާސިފް (ކުޑަހީނާ)އާ މިދިޔަ އަހަރު އެފްއޭއެމުން ބޮޑު ޒިންމާ އެއް ހަވާލުކޮށް 13 އަހަރުން ދަށުގެ ގައުމީ ޓީމު ކުރިއަރުވަން ބޮޑު ޕްލޭނެއް ދިނެވެ. އެ ޕްލޭނުގައި ކުރިއަށްދާން ކުޑަހީނާ އަށް އޮތް ފަސޭހަ އަކީ ހުނަރުވެރި ކުޅުންތެރިންތަކެއް އެ ޓީމުގައި ތިބުމެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ އީތާން އެވެ.

ވާތުފައިން އެޓޭކްގެ ކޮންމެ މަގާމަކަށް ވެސް ކުޅޭ އީތާން އަކީ މުސްތަގުބަލު އޮތް ކުޅުންތެރިއެއްގެ ގޮތުގައި އޭނާ އަށް އިރުޝާދުދޭ ކޮންމެ ކޯޗެއް ވެސް ފާހަގަކުރެ އެވެ. އީތާން ވަނީ މިހާތަނަށް އޭނާ ގައުމީ ޓީމާއި ކްލަބާ ކުޅުނު ހުރިހާ މުބާރާތެއްގައި ވެސް އޭނާގެ ހުނަރު ސާބިތުކޮށްދީފަ އެވެ. ޒުވާން ގައުމީ ޓީމުގެ ކޯޗު ކުޑަހީނާ ވެސް ވަނީ އީތާންގެ ހުނަރަށް ތައުރީފްކޮށްފަ އެވެ. އޭގެ އިތުރުން އީތާން އަށް އެކެޑަމީގައި ކޯޗުކޮށްދޭ ކުރީގެ އެއް ވަނަ ޑިފެންޑަރު ސޮބާހު މުހައްމަދު (ސޮބާ) ވެސް ވަނީ އީތާން އަކީ މުސްތަގުބަލު އޮތް ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.

"މިހާރު އެ ކުރިއަށްދާ ގޮތަށް ރަނގަޅު ޑިސިޕްލިންއެއްގައި އީތާން ކުރިއަށް ގޮސްފިއްޔާ. އުމުރުން 16 ނޫނީ 17 އަހަރުގައި ރާއްޖޭގެ ޓޮޕް ލެވަލްގައި އޭނަ ބޯޅަ ކުޅޭނެ. އެ ވަރުގެ ސްކިލް (ހުނަރު) ހުރި ކުޅުންތެރިއެއް އީތާން އަކީ. ވަރަށް މޮޅު ވަރަށް ތަފާތު ކުޅުންތެރިއެއް،" ސޮބާ "މިހާރަ"ށް ބުންޏެވެ.

ގައުމީ ޓީމާ އެކު މުބާރާތަކަށް ފުރުމުގެ ކުރިން އީތަން (ކ.2) ބައެއް ކުޅުންތެރިންނާ އެކު.-- ފޮޓޯ: އެފްއޭއެމް

ސޮބާ ބުނީ އީތާން މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ހެދުމަށް އޭނާގެ މައިންބަފައިން ކުރާ މަސައްކަތް ފާހަގަކުރާ ކަމަށާއި އެމީހުން ބަސް އަހައިގެން އީތާން ކުރިއަށް ގޮސްފިނަމަ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލުގައި މުހިއްމު ކުޅުންތެރިއަކަށް އީތާން ވާނެ ކަމަށެވެ.

މިދިޔަ އަހަރު ޓޫރިޒަމް ދުވަހުގައި ބޭއްވި ކިޑްސް ފުޓްބޯލް ފިއެސްޓާގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނި އީތާން ވަނީ ދުބާއީގައި ސްޕެއިނުގެ ކުރީގެ ޑިފެންޑަރު މިޝެލް ސަލްގާޑޯ ހިންގާ އެކެޑަމީގައި ތަމްރީން ހެދުމުގެ ފުރުސަތު ހޯދައިފަ އެވެ. އޭގެ ފަހުން މިދިޔަ އަހަރު ޑިސެމްބަރުގައި ޓީސީ އެކެޑަމީއާ އެކު ތައިލެންޑް އިންޓަނޭޝަނަލް ޔޫތު ކަޕްގައި ކުޅެ ރިހި މެޑަލް ހޯދި ޓީމުގައި ވެސް އީތާން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި އަހަރު ފެބްރުއަރީ މަހު ދުބާއީގައި ބޭއްވި އިންޓަ ކޮންޓިނެންޓިއަލް މުބާރާތުގައި އީތާން ވަނީ ރާއްޖޭގެ ޒުވާން ގައުމީ ޓީމާ އެކު ގޮސް ދުނިޔޭގެ ނަން މަޝްހޫރު ކްލަބްތަކުގެ ޒުވާން ޓީމުތަކާ ދެކޮޅަށް ކުޅެފަ އެވެ.

އެފްއޭއެމްގެ ޔޫތު ލީގުގައި އީތާން ކުޅުނު ގިނަ މެޗުތަކެއް ބެލި ގިނަ ބަޔަކު ވަނީ އޭނާ އަށް ތައުރީފުކޮށް ވާހަކަ ދައްކައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނާއި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗުން ހިމެނެ އެވެ.