ޓޮމް އަކީ ސިޔާސީ މީހެއް ނޫން: ސުޒޭން

އެފްއޭއެމްގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ އަހުމަދު ތޯރިގް (ޓޮމް) އަކީ ސިޔާސީ މީހެއް ކަމަށާއި އޭނާ ފަހަތަށް ޖެހިއްޖެ ނަމަ، ކުޅިވަރުގެ ތެރެއިން ސިޔާސީ މީހުން އެއްކައިރި ކުރާނެ ކަމަށް ބުނެ ބައްސާމް އަދީލް ޖަލީލްގެ ޓީމުން ދެއްކި ވާހަކަތަކަށް ޓޮމް އަށް ތާއީދުކުރާ މަޝްހޫރު ފުޓްބޯޅަ ކޯޗު އަލީ ސުޒޭން ރައްދު ދީފި އެވެ.


ބައްސާމް ހުށައެޅުއްވި އެކްސްކޯގައި ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރަކު ހިމެނޭއިރު، ސީނިއާ ވައިސް ޕްރެޒިޑެންޓުގެ މަގާމަށް ކުރިމަތިލައްވާފައިވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ އެކަމާ ގުޅިގެން އާއްމުންނާއި ކުޅިވަރު މީހުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވާ ކަމަށެވެ. އެހެންވެ ސިޔާސީ މެމްބަރުން ފަހަތަށް ޖެހެން ތައްޔާރު ކަމަށާއި އެކަމަކު އެކަން ކުރާނީ ޓޮމް ފަހަތަށް ޖެހުމުން ކަމަށް އެ ޓީމުން ބުނެ އެވެ.

ޓޮމްގެ ކެމްޕެއިނުގައި އިސްކޮށް ހަރަކާތްތެރިވާ ސުޒޭން ބުނީ ބަޔަކު އުޅެނީ އޮޅުވާލަން ކަމަށާއި ޓޮމް އަކީ ސިޔާސީ މީހެއް ނޫން ކަމަށާއި އޭނާ އަކީ މުޅި އުމުރު ކުޅިވަރުގައި ހޭދަކޮށްފައިވާ ދިވެހި ކުޅިވަރުގެ ބަތަލެއް ކަމަށެވެ.

"ޓޮމްގެ މުޅި ލައިފް ކުޅިވަރުގައި ހޭދަކުރީ. ގައުމީ ލެވެލް އާއި ކްލަބް ލެވެލްގައި ޓޮމްގެ މުޅި ކެރިއަރު ހޭދަކުރުމަށް ފަހު ގޮސް މަޖިލީހަށް ވަނަސް އޭނާ އަކީ ސިޔާސީ މީހަކަށް ވާން ނުޖެހޭ. އަނެއްކާ މަޖިލީހަށް ގޮސް ވެސް އޭނާ ކުޅިވަރުގެ ބިލް ހުށައެޅީ ވެސް. ޓޮމް އަކީ ކުޅިވަރުގެ ގައުމީ ބަތަލެއް،" 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ޓޮމް ވިދާލި އިރު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި ސުޒޭން ބުންޏެވެ.

އޭނާ ބުނީ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ރައްޓެއްސެގެ ގޭގައި ކަރޯކޭ ޖެއްސިޔަސް އޭނާ އަކީ ލަވަކިޔުންތެރިޔަކަށް ނުވާނެ ކަމަށާއި ދަގަނޑޭ ވާނީ ފުޓްބޯޅަ ކުޅުންތެރިޔަކަށް ކަމަށެވެ.

"ދަގަނޑޭ ކިތަންމެ ރީއްޗަށް ލަވަކިިޔަސް ދަގަނޑޭ ބަދަލެއް ނުވާނެ ލަވަކިޔާ މީހަކަށް. ދަގަނޑޭ ވާނީ ފުޓްބޯޅައިގެ މީހަކަށް،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ބައްސާމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި އޭނާ އަކީ ކުޅިވަރުގެ މީހެއް ކަމަށެވެ. އެކަމަކު ބައްސާމް ފެންނަން ހުއްޓަސް ފަހަތުގައި ތިބީ ސިޔާސީ ބަޔެއް ކަމަށާއި އެއީ ކޮންމެ ބަޔެއްކަން އާއްމުންނަށް އެނގޭނެ ކަމަށެވެ.

ޓޮމް ހުށައަޅުއްވާފައިވާ އެކްސްކޯގައި ސީނިއާ ވައިސް ޕްރެޒިޑެންޓުގެ މަގާމަށް ނޮމިނޭޓްކުރައްވާފައިވަނީ މާޒިޔާގެ ސީއީއޯ ހުސެއިން ޝާފިއު (ކޮކީ) އެވެ. ވައިސް ޕްރެޒިޑެންޓަކަށް ހުށައަޅުއްވާފައިވަނީ ކްލަބް އީގަލްސްގެ ޗެއާމަން އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ.

އެކްސްކޯ މެމްބަރުންނަށް ނޮމިނޭޓްކުރައްވާފައިވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ވައިސް ޗެއާމަން އިސްމާއިލް ޒިޔާމާއި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ބޯޑް މެމްބަރު އަދި ކުޅިވަރާ ބެހޭ މިނިސްޓްރީގައި ކުރިން އިސް މަގާމްތަކެއް ފުރުއްވި އިބްރާހިމް ނަޒީމާއި މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލްވައްހާބް (ވައްކޭ) އާއި ޖޭޖޭ ސްޕޯޓްސްގެ ރައީސް އިބްރާހިމް ޝުޖާއު އާއި ސްޕޯޓްސް ކައުންސިލްގެ މެމްބަރު އަދި ކުރީގެ ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ރޯޒާގެ އިތުރުން މަހިބަދޫ ސްޕޯޓްސް ކްލަބުގެ މެނޭޖަރު އަހުމަދު އަނީސެވެ.

އެފްއޭއެމްގެ އާ އަސާސީ ގަވާއިދުގެ ދަށުން ރައީސްގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅަކު، އޭނާގެ ފަރާތުން އެކްސްކޯ އަށް މެމްބަރުން ނޮމިނޭޓްކުރައްވަން ޖެހޭނެ އެވެ. އަދި އިންތިހާބުގައި ވޯޓަށް އަހާނީ ޓީމަށް އެއްކޮށެވެ. ތޯރިގާ ވާދަކުރައްވާ ކެންޑިޑޭޓް ބައްސާމް ހުށައެޅުއްވި އެގްޒެކެޓިވް ކޮމިޓީގެ އަށް މެމްބަރުންގެ ތެެރެއިން ހަ މެމްބަރުން ނިސްބަތްވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އެއީ ސީނިއާ ވައިސް ޕްރެޒިޑެންޓުގެ މަގާމަށް ނޮމިނޭޓްކުރައްވާފައިވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން އާއި ކޮމިޓީގެ އާއްމު މެމްބަރުންގެ މަގާމްތަކަށް ނޮމިނޭޓްކުރައްވާފައިވާ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އެވެ. ދެން ހިމެނެނީ ވައިސް ޕްރެޒިޑެންޓުގެ މަގާމަށް ހުށައެޅުއްވި ކުރީގެ ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާ އާއި އާއްމު މެމްބަރުގެ މަގާމަށް ހުށައެޅުއްވި މޯލްޑިވްސް ގޭސްގެ ސޭލްސް މެނޭޖަރު މުހައްމަދު ޝިފާއު އެވެ.

މީގެ ތެރެއިން އަބުޅޯ އާއި މުހައްމަދު ވަނީ މެމްބަރު އިލްހާމް އަހުމަދު އެފްއޭއެމްގެ ރައީސްކަން ކުރެއްވި އިރު އެފްއޭއެމްގައި ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވެވަޑައިގެންފަ އެވެ.

ވައިސް ޕްރެޒިޑެންޓުގެ މަގާމަށް ބައްސާމް ހުށައެޅުއްވި ކުރީގެ މަޝްހޫރު ކުޅުންތެރިއާ ނާޒިމާ އަކީ އެންމެ ފަހުން އިންތިހާބުވި ރައީސް ތޯރިގުގެ ދައުރުގައި އެކްސްކޯ މެމްބަރެކެވެ. ތޯރިގާ މެދު ހިތްހަމަނުޖެހިގެން ކަމަށް ބުނެ، އެކްސްކޯ އިން އިސްތިއުފާ ދެއްވި ފަސް މެމްބަރުންގެ ތެރޭގައި ނާޒިމާ ހިމެނެ އެވެ. އެފްއޭއެމްގެ އިންތިހާބު އަލުން ބާއްވަން ޖެހުނީ އެ ފަސް މެމްބަރުން އިސްތިއުފާ ދެއްވުމާ އެކު އެކްސްކޯ އުވުމުންނެވެ.