އައްޑޫ ޑީއެންސީގެ ފުރަތަމަ ކެޕްޓަން ހަސަން ސައީދު މަރުވެއްޖެ

އައްޑޫ ޑީއެންސީ ފުޓްބޯޅަ ކްލަބުގެ ފުރަތަމަ ކެޕްޓަން އަދި އޭރުގެ ކުޅަދާނަ ޑިފެންޑަރު ސ. ފޭދޫ މަތިކެޑެގޭ ހަސަން ސައީދު އިއްޔެ މަރުވެއްޖެ އެވެ.


އާއިލާ އިން ބުނި ގޮތުގައި ހަސަން ސައީދު، 80، މަރުވީ މިމަހުގެ 6 ވަނަ ދުވަހު ހާޓްއެޓޭކެއް ޖެހިގެން މާލެ ގެނެސް ފަރުވާ ދެމުން އަންނަނިކޮށް އިއްޔެ މެންދުރުފަހު އައިޖީއެމްއެޗްގަ އެވެ.

ހަސަން ސައީދަކީ ޑީއެންސީން 1969 ވަނަ އަހަރު ގައުމީ ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން މާލެ އައިއިރު އެ ޓީމުގެ ކެޕްޓަނެވެ. ކަނާތު ފަޅިން ފުލް ބެކަށް ކުޅުނު ސައީދަކީ، އޭނާއާ އެކު އެ ޓީމަށް ކުޅުނު އަބްދުﷲ މުފީދު (އުދުހޭ މުފީދު) ބުނި ގޮތުގައި ވަރަށް ވަރުގަދައަށް ކުޅުނު ޑިފެންޑަރެއް ކަމަށެވެ.

"އޭނާ އަކީ އަޅުގަނޑުމެންނަށް ވުރެ ދޮށީ ކުޅުންތެރިއެއް. އަޅުގަނޑުމެންނާ އެކު އެ އަހަރު ގައުމީ މުބާރާތުގައި ކުޅެފައި ފުޓްބޯޅަ ކުޅުން ދޫކޮށްލައި ވިޔަފާރީގައި އުޅުނީ،" މުފީދު "މިހާރު" އަށް ބުންޏެވެ.

ޑީއެންސީގެ ޖެނެރަލް ސެކްރެޓަރީ ކަމާއި ކޯޗުކަން ކުރި މަރްހޫމް ހުސެއިން ދީދީ (ޖޯޖް) އާ ހަވާލާދީ އޭނާގެ ދަރިފުޅު އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވި ގޮތުގައި ހަސަން ސައީދު ވަނީ ޑީއެންސީ އެންމެ ފުރަތަމަ ރަޖިސްޓްރީކުރަން ފައިސާގެ އެހީ ވެސް ދީފަ އެވެ.

"އެކަމަކު އޭރު އެކަން އެއްވެސް މީހަކަށް އަންގަން އޭނާ ބޭނުމެއް ނުވި،" ޑީއެންސީގެ ލިޔެކިއުންތައް ބައްޕަފުށުން ވާރުތަވި މަރޭ ވިދާޅުވި އެވެ.

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ހަސަން ސައީދަކީ ވަރަށް މަޑުމައިތިރި މިޒާޖެއްގެ މީހެއް ކަމަށާއި ސިއްހީ ހާލަތު ގޯސްވުމުގެ ކުރިން މިސްކިތުން ވަރަށް ގިނަ މީހުންނާ ދިމާވާނެ ކަމަށާއި އަބަދުވެސް ހުންނާނީ ހިނިތުން ވެފައި ކަމަށެވެ.

"އޭނާ އަކީ އޭރު ޑީއެންސީގެ އެންމެ މުހިއްމު ހަތަރު ކުޅުންތެރިންގެ ތެރެއިން އެކެއް،" މަރޭ ވިދާޅުވި އެވެ.

ޑީއެންސީ ފުޓްބޯޅަ ކްލަބުގެ މެމްބަރުން ގްރޫޕް ފޮޓޯއެއްގައި.

ޑީއެންސީ އަކީ އައްޑޫގައި އިނގިރޭސިން ތިިބި ދުވަސްވަރު، ގަމަށް ވަޒީފާއަށް އަންނަ ޒުވާނުން ބައިވެރިކޮށްގެން އިނގިރޭސިން ބޭއްވި ލީގުގައި ކުޅެ އަދި އިނގިރޭސިންގެ ތަމްރީނާއި އިރުޝާދު ލިބިގެން އެ އަތޮޅު ޒުވާނުން އުފެއްދި ކްލަބެވެ.

އިބްރާހިމް ހަސަން މަނިކުފާނުގެ މަސްއޫލުވެރިކަމުގެ ދަށުން، ޑިލައިޓްފުލް ނާސަން ކްލަބް އަދި ފަހުން ޑިލައިޓްފުލް ނެއިބަހުޑް ކްލަބް (ޑީއެންސީ) އެންމެ ފާހަގަކުރެވުނީ ރީތި ކުޅުމެއް ކުޅޭ ޓީމެއްގެ ގޮތުގަ އެވެ. އެގޮތުން ހަސަން ސައީދުގެ ކެޕްޓަންކަމުގައި 1969 ވަނަ އަހަރުގެ ގައުމީ މުބާރާތުގައި ކުޅުނު ކުޅުމަށް މާލޭގެ ގިނަ ބަޔެއްގެ ތައުރީފު އޮހުނެވެ.

"ސ. ގަންފޭދޫ ޑީއެންސީން އިއްޔެ ރަސްމީ ބިމުގައި ތަމްސީލުކޮށްލި ޗާލު ފުޓްބޯޅައަކީ މިއިން ދުވަހަކު މާލެއިން ފެނިގެން ނުދާ ފަދަ މޮޅު، ކުށް މަދު، ބަލާހިތްވާ ކަހަލަ ފުޓްބޯޅައެކެވެ." ގައުމީ ފުޓްބޯޅަ މުބަރާތުގައި 1969 ވަނަ އަހަރު މާލޭ އޯކިޑް ކްލަބް އަތުން 3-1 އިން ޑީއެންސީ މޮޅުވި މެޗާ ބެހޭ ގޮތުން "ވިޔަފާރި މިއަދު" ނޫހުގައި ލިޔެފައިވެ އެވެ.

އެ ނޫހުން ސިފަކުރި ގޮތުގައި ޑީއެންސީގެ އަގުހުރި ކާމިޔާބީ އަކީ މުޅި މާލޭގެ ހިތްތައް އެ މީހުން އަތުލައިގަތް ކާމިޔާބީއެއް ކަމަށެވެ. ބެލުންތެރިން ގެޔަށް ދިޔަ މަގުމަތީގަ އާއި މާލޭގެ އެތަން މިތަނުގައި މެޗާ ބެހޭ ގޮތުން ބޭނުންކުރި އެއް އިބާރާތަކީ އެ ނޫހުން ބުނި ގޮތުގައި "އަޅުގަނޑު ދުވަހަކު ވެސް މިހާ ރީތި ފުޓްބޯޅައެއް ނުދެކެން،" މި އެވެ.

"ފުޓްބޯޅަ އަކީ ރީތިކޮށްންނާއި ހުތުރުކޮށް ކުޅެވިދާނެ ކުޅިވަރެއްކަން މިހާރު އެނގިއްޖެ. ޑީއެންސީގެ އެހެރަ ރީތި ބަހާލުންތަކާއި ފުޓްބޯޅައިގެ އެކިއެކި އުކުޅުތައް ހާމަކޮށްލަދިންލެއް ހާދަ ފުރިހަމަ އެވެ."

ތިރިން ޕާސްކޮށްގެން ކުޅުމުގެ އިންގިލާބީ ބަދަލު ގެނައީ 1980ގެ އަހަރުތަކުގެ ކުރީކޮޅު ކްލަބް ވެލެންސިއާގެ ޒުވާން ކުޅުންތެރިން ކަމަށް ވީ ނަމަވެސް އެންމެ ފުރަތަމަ ތިރިން ޕާސްކޮށްގެން ފުޓްބޯޅަ ކުޅެން ފެށި ޓީމަކީ ޑީއެންސީ ކަމަށް އެއް ބަޔަކު ގަބޫލުކުރެ އެވެ. މުފީދު "ހަވީރަ"ށް ކުރިން ދިން އިންޓަވިއުގައި ބުނީ މުޅި ގޭމް، އެއްކޮށް ތިރިން ޕާސްކޮށްގެން ނުކުޅުނު ނަމަވެސް މެދުތެރެއިން ކުޅުމަށް ފަހު ކުރިއަށް ބޯޅަ ފޯރުކޮށްދެނީ ތިރިން ޕާސްކޮށްގެން ކަމަށެވެ.

އެ ހުރިހާ ކަމެއްގެ ފަހަތުގައި އޮތީ އިނގިރޭސިންގެ ތަމްރީންތަކެވެ. އަނެއްކޮޅުން ޑީއެންސީގެ ކުޅުންތެރިންނަކީ ބޫޓާއި އިސްޓާކީނަށް އަރައި އަދި ފުރިހަމަ ޖާޒީ ބައެއްގައި ކުޅުނު ފުރަތަމަ ޓީމު ވެސް މެ އެވެ. އެހެން ޓީމުތަކުގެ ކުޅުންތެރިން ހުސް ފައިގައި ކުޅުނު ނަމަވެސް ޑީއެންސީގެ ކުޅުންތެރިން ތިބެނީ ފުރިހަމަ ކިޓްގަ އެވެ.

ޑީއެންސީ ތަށީގައި އަތްލީ އައްޑު އަތޮޅުގައި 1970 ގައި ބޭއްވި 20 ވަނަ ގައުމީ ފުޓްބޯޅަ މުބާރާތުގަ އެވެ. ފުރަތަމަ މެޗުގައި އިވްނިން ކްލަބް ކޮޅަށް އަށް ލަނޑު ޖަހައި ރަނގަޅު ފެށުމެއް ހޯދި އެވެ. އެކަމަކު ފައިނަލުގައި މާލޭ ޒަމާނީ ކްލަބާ ވާދަކޮށް 1-1 އިން އެއްވަރުވުމުން ޖެހުނީ ޖޮއިން ޗެމްޕިއަންގެ ގޮތުގައި ތަށި ހިއްސާކުރާށެވެ.

ޖެހިގެން އައި 1971 ވަނަ އަހަރުގެ ގައުމީ މުބާރާތުގައި މާލެ އައިސް ޑީއެންސީ ކުޅުނު ފުރަތަމަ މެޗަކީ، ވިކްޓަރީ ސްޕޯޓްސް ކްލަބް އުފެދިގެން ކުޅުނު ފުރަތަމަ މެޗެެވެ. އެ މެޗުން ޑީއެންސީ މޮޅުވި ނަމަވެސް އެއީ، އެއް ބަޔަކު ބުނާ ގޮތުން، ދިވެހި ފުޓްބޯޅައިގައި މިހާތަނަށް ފެނުނު އެންމެ އަނިޔާވެރި އެއް މެޗެވެ.

ޑީއެންސީ 1972 ގެ މުބާރާތުގެ ފައިނަލަށް ދިޔަ ނަމަވެސް މި ފަހަރު ވެސް ޖެހުނީ، ވިކްޓަރީއާ އެއްވަރުވެ ޗެމްޕިއަންކަން ހިއްސާކުރާށެވެ. އޭރު މެޗު އެއްވަރުވުމުން އިތުރުވަގުތު ކުޅުމެއް، ޕެނަލްޓީ ޖެހުމެއް ނޯވެ އެވެ. ދެ ޓީމަށް ޖޮއިން ޗެމްޕިއަން ދެނީ އެވެ.