ކްރިކެޓް ބޯޑުގެ ރައީސް ކަމަށް ފައިސަލް ވާދަކުރައްވަނީ

އަންނަ ހޮނިހިރު ދުވަހު ބާއްވާ ކްރިކެޓް ބޯޑުގެ އިންތިހާބުގައި ރައީސްގެ މަގާމަށް ވާދަކުރައްވަނީ ބޯޑުގެ ކުރީގެ ނައިބް ރައީސް މުހައްމަދު ފައިސަލް ގިނިކަންޏާ އެވެ.


މިހާރުގެ ރައީސް އަދި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަހުމަދު އަފްލާހު (އަފޫ) މި ފަހަރު ވާދަނުކުރައްވަ އެވެ.

މާލެ ސްޕޯޓްސް ކްލަބުގެ ފަރާތުން ވާދަކުރައްވާ ފައިސަލް ވަނީ އެ ކްލަބަށް ކުރިން ކްރިކެޓް ކުޅުއްވައިފަ އެވެ. އަދި ސްކޫލް ދައުރުގައި މަޖީދިއްޔާ ޓީމަށް ވޮލީބޯޅަ ކުޅުއްވި އެވެ. ކްރިކެޓް ބޯޑުގެ ޖެނެރަލް ސެކްރެޓަރީކަން 2011 ވަނަ އަހަރު ކުރެއްވި ފައިސަލް ނައިބް ރައީސްކަންކުރެއްވީ 2012-2016 އަށެވެ. ފައިސަލް ވަނީ ކްރިކެޓް ކުރިއެރުވުމަށް ހިލޭ ސާބަހަށް ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

ސްޕޯޓްސް ކައުންސިލުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ފައިސަލް ވަނީ ޗައިނާ އަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ސަފީރުގެ ހައިސިއްޔަތުން، އެ ގައުމުގައި ހުންނެވިއިރު ވެސް ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވައިފަ އެވެ.

ކްރިކެޓް ބޯޑުގެ ނައިބް ރައީސްގެ މަގާމަށް ވާދަކުރައްވަނީ މިހާރު އެ މަގާމުގައި ހުންނެވި މާދިހު އިސްމާއީލާއި ކުރީގެ ކުޅުންތެރިޔާ އަހުމަދު ހުސެއިން (ކުޑަދޮނާ) އެވެ. ބީޖީ ސްޕޯޓްސް އިން ވާދަކުރައްވާ މާދިހު އަންނަނީ 2008 އިން ފެށިގެން ކްރިކެޓް ބޯޑުގެ އެގްޒެކެޓިވް ކޮމިޓީގައި މަސައްކަތްކުރައްވަމުންނެވެ. ވިލިގިލި ޔޫތު އެސޯސިއޭޝަނުގެ ފަރާތުން ވާދަކުރައްވާ ކުޑަދޮނާ ވަނީ ކުރިން ވޮލީބޯޅަ އެސޯސިއޭޝަނުގައި ވެސް މަސައްކަތްކުރައްވައިފަ އެވެ.

އެސޯސިއޭޓް މެމްބަރުންގެ ތެރެއިން ހޮވާ ދެ މެމްބަރުގެ މަގާމަށް ވާދަކުރަނީ ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލުގެ ފާތިމަތު ރިޒްނާ އާއި ތާޖުއްދީން ސްކޫލުގެ އިބްރާހިމް ޝާކިރު އަދި އިސްކަންދަރު ސްކޫލުގެ އަހުމަދު އާމިރު (ތަކަން) އެވެ.

ފަރުދީ މެމްބަރުންގެ ތެރެއިން ހޮވާ މެމްބަރަކަށް ވާދަކުރަނީ ސޮނީ ސްޕޯޓްސްގެ ވެރިޔާ އަދި ކުރީގެ ކުޅުންތެރިޔާ އަހުމަދު ކަލީމް އެކަންޏެވެ.

ފުރިހަމަ މެމްބަރުންގެ ތެރެއިން ހޮވާ ހަތަރު މެމްބަރުންގެ މަގާމްތަކަށް ވާދަކުރަނީ ސީބީއެލް ސްޕޯޓްސްގެ މުޝްތާގު އަހުމަދު ދީދީ އާއި ނިއު ސްޓާ ސްޕޯޓްސްގެ މުހައްމަދު އަޝްރަފް އާއި އޮފްއެފްސީގެ އަބްދުﷲ ސައުދާން އިބްރާހީމް އަދި ހިންނަވަރު ހިރިޔާގެ މުހައްމަދު ރިޔާޒެވެ.