އީތަން: ފުޓްބޯޅައިގެ ހުނަރާއި އުއްމީދުތަކުން ފުރިފައި

ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން ރާއްޖޭގައި ތިބިކަން އެންމެންނަށް ވެސް އެނގެ އެވެ. އެކަމަކު ޒުވާން އުމުރުގައި ބުރަ މަސައްކަތްތަކެއްކޮށް ވަކި ޓާގެޓެއް ހާސިލްކުރަން މައިންބަފައިންގެ އެއްބާރުލުމާ އެކު ކުރިއަށް ދިއުމުގެ އަޒުމުގައި މަސައްކަތްކުރެވެނީ މަދު ކުއްޖަކަށް ކަމަށްވާތީ އެފަދަ ގިނަ ހުނަރުވެރިން ވިދާނުލަނީ އެވެ.


އުމުރުން 11 އަހަރުގެ އީތަން އިބްރާހިމް ޒަކީ އަކީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި ޖޫނިއާ އެއް ކުޅުންތެރިޔާ އެވެ. ދިވެހި ފުޓްބޯޅަ އާއިލާގެ ކޮންމެ މީހަކަށް ވެސް އީތަންގެ ނަން ފަރިތަވެފައި އޮތީ ސަބަބެއް ނެތިއެއް ނޫނެވެ. އެންމެ ޅަ އުމުރުން ފެށިގެން ވެސް އޭނާ އަންނަނީ ކުޅެލަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފައި ގިނަ ބަޔެއްގެ ސަމާލުކަން ހޯދަމުންނެވެ.

އީތަންގެ މަންމަ މަރިޔަމް ނާޒިމާ ކިޔައިދިން ގޮތުގައި އީތަންގެ ކިބައިގައި ފުޓްބޯޅައިގެ ހުނަރުހުރިކަން ފާހަގަވީ ވަރަށް ކުރިންނެވެ. އުމުރުން އެންމެ ނުވަ މަހުގައި އީތަން ހިނގަން ފެށި އެވެ. ހިނގަން ފެށިތަނާ ވެސް އީތަން އެންމެ ގަޔާވަނީ ބޯޅައާ އެވެ. ގޭތެރޭގައި ބޯޅަ ހިފައިގެން އުޅޭއިރު، ބޯޅަ ގެންގުޅެނީ ވާތު ފައިން ކަމަށް ވާތީ އެއީ ވެސް ތަފާތު ކަމެއްގެ ގޮތުގައި ނާޒިމާ އަށް އެ ދުވަހު ވެސް ގަބޫލުކުރެވުނެވެ. އެހެންވެ އީތަންގެ އުމުރުން ތިން އަހަރާއި ބައިގައި މިހާރުގެ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ)ގެ އާލީ ޓަޗް ފުޓްބޯލް އެކަޑަމީ (އީޓީއެފްއޭ) އަށް ގެންދިޔަ އެވެ.

"އީތަން އޭރު ވެސް ބޯޅައާ ވަރަށް ވަކިނުވެ އުޅުނީ. ވާތު ފައިން ބޯޅަ ފުޓްވޯކް ފެނިފައި ބޭނުންވީ އީތަން އަށް އެހީވާން. އީޓީއެފްއޭ އަށް ގެންދިޔައިމަ އޭރު ބޮޑު ހީނާ ކޯޗު ވެސް ވަރަށް އެއްބާރުލުންދީ އީތަން ގޮވައިގެން ކުރިއަށްދާން ބުނި،" އީތަންގެ ހުނަރު ފާހަގަކުރެވެން ފެށި ގޮތް ނާޒިމާ "މިހާރު"އަށް ކިޔައިދިނެވެ.

އީޓީއެފްއޭ އަށް ދިއުމަށް ފަހު ދެން އީތަން ގެންދިޔައީ 2014 ވަނަ އަހަރު ނިއު ރޭޑިއަންޓް އެކެޑަމީ އަށެވެ. އެ އެކެޑަމީގައި ކުރީގެ ކުޅުންތެރިޔާ ޔޫސުފް އަޒީމް (ޔޫއްޓެ) އާއި ފަރީދު މުހައްމަދު (ފަރިއްޓެ)ގެ އެހީތެރިކަމާ އެކު އީތަން އަށް އަނެއްކާވެސް އާ ކަންތައްތަކެއް ދަސްވި އެވެ. މިހާރު ޓީސީ އެކެޑަމީގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ)ގެ ކޯޗުކަމުގައި އީތަން ފަރިތަކުރަން ފެށީ 2017 ވަނަ އަހަރު އެވެ.

އީތަން "މިހާރަ"ށް އިންޓަވިއުދެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގްރޭޑް ހައެއްހައި މިހާރު ކިޔަވަމުން އަންނަ އީތަން ޓީސީ އެކެޑަމީގައި ޓްރެއިންވާއިރު، އޭނާ އަންނަނީ އެކި ގޮތްގޮތުން ފުޓްބޯޅައިން ކުރިއަށްދާން މަސައްކަތްކުރަމުންނެވެ. އެ ގޮތުން ޝެޑިއުލެއް ބަހާލައިގެން އިތުރު ޕްރޮގްރާމްތަކެއް ވެސް ވަނީ ރާވައިފަ އެވެ. ސްޕެއިނުގައި ކުޅެމުން އަންނަ އިސްމާއިލް ޒާން އާމިރު އިސްވެ ޒުވާން ކުޅުންތެރިންނަށް ހިންގާ "އާ ޖީލަކަށް" ޕްރޮގްރާމްގައި ވެސް އީތަން އަންނަނީ މުހިއްމު ކަންތައްތަކެއް ދަސްކުރަމުންނެވެ. އޭގެ އިތުރުން ހުނަރު ޑިވެލޮޕްކުރަން ރާއްޖޭގެ ފްރީސްޓައިލް ތަރި މުހައްމަދު ސައިފް ޒާހިރުއާ އެކު ވެސް ސެޝަންތަކެއް ނަގަ އެވެ.

ބޭނުންވަނީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާން

އީތާންގެ އުމުރު އަދި ހަގަސް، އޭނާގެ އުއްމީދުތައް ކުޑައެއް ނޫނެވެ. "މިހާރު"އާ ވާހަކަ ދެއްކިއިރު އޭނާ ކުރިމަގަށް ދެކޭ ހުވަފެންތައް ވެސް ހިއްސާކުރި އެވެ. އެގޮތުން އެންމެ މުހިންމު އެއް ވާހަކަ އަކީ "ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާން ބޭނުން" ކަމަށް ފާޅުކުރި އުއްމީދެވެ.

"ކޮންމެ ފުރުސަތެއް ނަގައިގެން އޭތި އެންޖޯއި ކޮށްގެން ކޮންފިޑެންސްގައި ބުރަ މަސައްކަތްކޮށްގެން އެ ފުރުސަތުގެ ބޭނުން ހިފަނީ އަމިއްލަ ހުނަރު ކުރިއަރުވަން،" އީތަން ބުންޏެވެ.

"ބޭނުންވަނީ [ރާއްޖޭގެ] އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާން. ދެން އެލީޓް ލެވަލްގައި ޔޫރަޕްގައި ކުޅެން ބޭނުންވަނީ."

އޭނާގެ ދިރިއުޅުން މިހާރު ވެސް ބައްޓަންވެފައި އޮތް ގޮތް ކިޔައިދިން އިރު ބުނީ "ކިޔަވަނީ ވެސް ފުޓްބޯޅަ އިން ކުރިއަށް ދާން ވެގެން. ކަނީ ވެސް ފުޓްބޯޅަ އަށް. ނިދަނީ ވެސް ފުޓްބޯޅަ އަށް. ފުޓްބޯޅަ ކުޅެނީ ވެސް ފުޓްބޯޅަ އަށް" ކަމަށެވެ.

އެންމެ ކުޑައިރުން ފެށިގެން އީތަން އަންނަނީ ޝެޑިއުލެއް ރާވައިގެން ފޮލޯކުރަމުންނެވެ. ނާޒިމާ ބުނި ގޮތުގައި އެ ގޮތަށް ޝެޑިއުލެއް ހަދައިގެން ކުރިއަށް ދާއިރު ހުކުރު ދުވަސް ބާއްވަނީ ހުސްކޮށެވެ. އެއީ ރިކަވަރީ ދުވަހެއް އޮތުން ކޮންމެހެން މުހިއްމު ކަމެއްގެ ގޮތުގައި ދެކޭތީ އެވެ. އަދި ހަފްތާގެ ޝެޑިއުލް ރޭވިފައި އޮންނަނީ ވެސް ދެ ދުވަހުން އެއް ދުވަހު ތަންކޮޅެއް ލުއިކޮށެވެ.

އީތަންގެ މަންމަ އާއި ބައްޕަގެ ބޮޑު ދައުރެއް

އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އީތަން މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ވާން ދެކެމުން އައި ހުވަފެން ހަގީތަކަށް ހަދައިދޭން އޭނާގެ މައިންބަފައިން ތިބީ ކެނޑިނޭޅި މަސައްކަތްކުރަން އަޒުމުކަނޑައަޅައިގެންނެވެ. އީތަން އަށް ފުރުސަތު ހޯދައިދެނީ ހަމައެކަނި ރާއްޖޭގެ އެކެޑަމީތަކުން އެކަންޏެއް ނޫނެވެ. ޗުއްޓީއެއްގައި އެހެން ގައުމަކަށް ދިޔަސް ބަލަނީ އެތަނުން އެކެޑަމީއެއްގައި އީތަން އަށް ކުޅެލަން ނޫނީ ކުރިއަރަން ފުރުސަތެއް ލިބޭތޯ އެވެ.

އެގޮތުން އީތަންގެ ބައްޕަގެ މަސައްކަތުން ސްރީ ލަންކާގެ އެކެޑަމީއަކާއި ތައިލެންޑްގެ ޓީމަކާ އެކު އީތަންގެ ޓްރެއިން ކުރަން މުހިއްމު ފުރުސަތުތަކެއް ވަނީ ހޯދައިދީފަ އެވެ.

"ކޮންމެ ބަޔަކު ވެސް ފުރަތަމަ ދެނީ ޓްރަޔަލެއް، އެ ހިސާބުން އީތަން އަމިއްލަ އަށް މި ކުރިއަށްދަނީ. އެންމެ ކުޑައިރުން ފެށިގެން މި ހިސާބަށް އައިއިރު ވަރަށް ބައިވަރު ކޯޗުންނާ އެކު މަސައްކަތްކޮށްފި. ސްކޫލް ލެވަލް އާއި އެކެޑަމީ ލެވަލް ނެޝަނަލް ޓީމުން ދެން ބޭރު ކޯޗުން ވެސް،" އީތަންގެ ބައްޕަ އިރުފާން ޒަކީ "މިހާރަ"ށް ބުންޏެވެ.

"ދެން އަޅުގަނޑުމެން ވަރަށް ކައިރިން މޮނިޓާކުރާއިރު އެބަ ފެނޭ ކޮންމެ ކޯޗެއް ވެސް ވަރަށް މުހިއްމު ކޮންޓްރިބިއުޝަންތަކެއް އެބަހުރި އީތަން އަށް ކޮށްފައި. ދެން އެ މީހުންގެ ވަރަށް ބޮޑު އިންޕުޓެއް ލައިގެން އީތަން މި ހިސާބަށް އައިސް އެ ހުރީ."

ރާއްޖޭން ބޭރުން ހޯދައިދިން ފުރުސަތުތަކުގެ ބޭނުން އީތަން ވަނީ ރަނގަޅަށް ހިފައިފަ އެވެ. ލަންކާ އެކެޑަމީ މެދުވެރިވެ އީތަން ވަނީ އިންގްލެންޑަށް ގޮސްފަ އެވެ. އަދި ތައިލެންޑު ޓީމާ އެކު މިދިޔަ އަހަރު ސްޕެއިނާއި ފްރާންސްގެ މުބާރާތްތަކެއްގައި ކުޅުނެވެ. މިއިން ކޮންމެ ފުރުސަތެއް ލިބުނީ ވެސް އީތަންގެ ހުނަރު ފެނިފައި އެ ޓީމުތަކުގެ ކޯޗުން އީތަން އަށް އެހީވާން ބޭނުންވުމުންކަން އިރުފާން ފާހަގަކުރި އެވެ.

"އަޅުގަނޑުމެންނަށް އީތަން ކުޅޭއިރު ވަރަށް ބޮޑަށް ޕޮޓެންޝިއަލް ފެނުނީމަ އީތަންގެ އިންޓަރެސްޓާއި ޑެޑިކޭޝަން ފެނުނީމަ ސަޕޯޓް މި ކޮށްދެނީ އިނގޭތޯ. ކުރިއަށް ދެވޭނެ ހުރިހާ ފުރުސަތެއް ޕޭރަންޓުންގެ ހައިސިއްޔަތުން މި ދެނީ،" އިރުފާން ބުންޏެވެ.

"އީތަން އަށް އަޅުގަނޑުމެން ގިނަގިނައިން ހަނދާން ކޮށްދެން މީގެ ރިއަލިޓީ. ހަގީގަތަކީ މީގެ ކާމިޔާބުވުމުގެ ރޭޓަކީ ހަމަ ހާޑްވޯކާ އެކު ވެސް ސްލިމް އެއްޗެއް. ކިޔެވުން ވެސް މުހިއްމުވޭ އެބަ. ފުޓްބޯޅައިގެ ފަހުން ވެސް ދިރިއުޅުމެއް އޮންނަން ޖެހޭ."

ސޯޝަލް މިޑިއާ ޕްލެޓްފޯމް، އިންސްޓަގްރާމްގައި އީތަން ޕްރޮމޯޓްކުރުމާއި އޭނާ ކުރާ ހިތްވަރު އާންމުންނަށް ދައްކައިދިނުމުގެ މަސައްކަތުގެ ހުންގާނުގައި ހުރީ ނާޒިމާ އެވެ. އޭނާގެ ނަޒަރުގައި އީތަންގެ އުމުރުގެ ކުއްޖަކު އެހާ މަސައްކަތް ކުރާކަން އާންމުންނަށް އެނގުމަކީ މި ވަގުތަށް މުހިއްމު ކަމެކެވެ. އެއީ ގިނަ ކުޅުންތެރިންތަކަކަށް އީތަންގެ ފަރާތުން ހިތްވަރު ލިބޭނެ ކަމެއް ކަމަށް ވެސް ނާޒިމާ އެދެ އެވެ.

ދުބާއީ މުބާރާތުގެ ތެރެއިން އީތަން ދިން އިންޓަވިއު.

"އަޅުގަނޑުމެން މިހާތަނަށް އައީ އެ އެއްޗެހި އެހާ ބޮޑަށް އެކްސްޕޯސް ކޮށްގެންނެއް ނޫން. އެކަމަކު މިހާރު އީތަން ވެސް ބޮޑުވާތީވެ އަޅުގަނޑަށް އެ ޕޮޓެންޝިއަލާއި އެ ހުރި ކަންކަން އެނގުން ވެސް މުހިއްމު ވާތީ މަޑުމަޑުން މި ފެށީ،" އިންސްޓަގްރާމްގައި ހިއްސާކުރާ އީތަންގެ ވީޑިއޯތަކާއި ފޮޓޯތަކާ ބެހޭ ގޮތުން ނާޒިމާ ބުންޏެވެ.

އީތަން ފުޓްބޯޅައިން ކުރިއަށް ދިއުމުގައި ދަންނަ މީހުންނާއި ނުދަންނަ މީހުންގެ ފަރާތުން ވެސް ސަޕޯޓް ލިބޭކަން އާއިލާއިން ފާހަގަކުރެ އެވެ. އެ ގޮތުން މީގެ ކުރިން އާޓިފިޝަލް ބީޗަށް އީތަން ކުޅެން ދިއުމަކީ ނާޒިމާ އަށް ކުރެވުނު ރަނގަޅު ތަޖުރިބާއެކެވެ.

"އަޅުގަނޑުމެން ފްރައިޑޭގައި ކުރިން އީތަން ގެންދަން ބީޗަށް. އެ ޖެހުނު ގްރޫޕަކާ އެކީ އީތަން ކުޅޭނެ. އެ ކޮންމެ ސައިޒެއް ވިޔަސް އޭގެ ނޯންނާނެ. އެހެންވީމަ އީތަން އޭތި އިމްޕްރޫވް ކުރާތަން އަޅުގަނޑަށް ފެނޭ. ބޮޑެތި ކުދިންނާ އެކު ކުޅޭތީ އެ ބިރެއް ނީނދޭ. އެ ސްކިލް ވެސް ފެނޭ،" ނާޒިމާ ބުންޏެވެ.

"ދެން އެކުދިން ވެސް ވަރަށް ލުކް ފޯވާޑް ކުރޭ އީތަންއާ އެކު ކުޅެން. އެ ގޮތަށް ދިމާވެފައި ހުރި އެކެޑަމީ ނޫނަސް ގިނަ އެހެން ކޯޗުންނާ ވެސް. އީތަން އަށް މިގޮތަށް އެހެން މީހުންގެ ފަރާތުން ލިބޭ ސަޕޯޓް ވެސް އޭނާ ރަނގަޅަށް ނަގާތީ އެއީ ވެސް ހިތްހަމަޖެހުމެއް."

ދުބާއީ މުބާރާތުގައި ޖޫނިއާ ގައުމީ ޓީމު އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އީތަން (މ) ބޯޅަ ހިފައިގެން.

އިރުފާންގެ ނަޒަރުގައި ކުރިއާ އަޅާބަލާއިރު މިހާރުގެ ކުދިން ފުޓްބޯޅައިން ކުރިއަށްދާން މައިންބަފައިން ކުރާ މަސައްކަތް ވަރަށް ބޮޑަށް ތަފާތެވެ. ފުޓްބޯޅައިން ކުދިން ކުރިއަށްގެންދަން އެ އަޒުމުގައި މަސައްކަތްކުރާ ބެލެނިވެރިން ނިސްބަތުން ވަރަށް ގިނަ އެވެ. ވަރަށް ހުނަރުވެރި ކުޅުންތެރިން އީތަންގެ ޓީމާއި ދެން އޮތް އޭޖް ގްރޫޕްގައި ވެސް ތިބިކަން އިރުފާން ފާހަގަކުރެ އެވެ.

"އީތަން ވެސް މޮޅު މިވަނީ މޮޅު ކުދިންތަކަކާ އެކީ ކުޅޭތީ. އެހެންނޫން ނަމަ އީތަން ވެސް މާ މޮޅެއް ނުވާނެ. ފުޓްބޯޅަ މިއީ ޓީމް ސްޕޯޓެއް. ޒުވާން ޓީމުތަކުގައި އެބަތިބި ވަރަށް މޮޅެތި ކުޅުންތެރިން،" އިރުފާން ބުންޏެވެ.

"އަޅުގަނޑުމެން ހިތަށްއަރާ އީތަން އަށް މި ލިބޭ ފުރުސަތުތައް އެ ކުދިންނަށް ވެސް ލިބޭނެ ނަމައޭ. އަޅުގަނޑުމެންނަށް އެ ހުރިހާ ކުދިންނަށް ފުރުސަތެއް ނުހޯދައިދެވޭނެ ދެއްތޯ. ރަނގަޅު ފުރުސަތުތަކެއް ލިބިއްޖެއްޔާ މޮޅުވާނެ އެތައް ކުޅުންތެރިންނެއް އެބަތިބި އޭޖް ގްރޫޕްތަކުގައި."

ކެޕްޓަން ބޭންޑް އެޅި ހާއްސަ ދުވަސް ހަނދާން ނުނެތޭނެ

މުސްތަގުބަލަށް ޒުވާން ގައުމީ ޓީމެއް އެކުލަވާލަން ކުރީގެ ކުޅުންތެރިޔާ އިސްމާއިލް އާސިފް (ކުޑަހީނާ)އާ މިދިޔަ އަހަރު އެފްއޭއެމުން ބޮޑު ޒިންމާއެއް ހަވާލުކޮށް 13 އަހަރުން ދަށުގެ ގައުމީ ޓީމު ކުރިއަރުވަން ބޮޑު ޕްލޭނެއް ދިނެވެ. އެ ޕްލޭންގެ ތެރެއިން ޒުވާން ޓީމު ވަނީ މި އަހަރު ދުބާއީގައި ބޭއްވި އިންޓަ ކޮންޓިނެންޓަލް މުބާރާތުގައި ދުނިޔޭގެ މަޝްހޫރު ޓީމުތަކާ ކުޅެފަ އެވެ. އޭގެ ތެރެއިން އީތަން އަށް ހާއްސަ ތަޖުރިބާ އަކީ އާސެނަލާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗެވެ.

"އެ ދުވަހު ކުޑަހީނާ ކޯޗު ނުބުނޭ އީތަން ކައިރީގައި އެއްވެސް އެއްޗެކޭ. ދަނޑަށް ދިއުމާ އެކު ވެސް ނުބުނޭ އެއްވެސް އެއްޗެއް. ދެން ވޯމްއަޕް ކުރަން ދިޔަ ތަނާ ކުޑަހީނާ ކޯޗު އީތަން އަށް ގޮވާފައި ބުނީ ބޭންޑް ހެޔޮވަރުވާނެހޭ. އީތަން ބުނީ ނޭނގެއޭ ބަލައިލަން ޖެހޭނީއޭ. ކޯޗު އަޅާފައި އޭގެ ކޮންމެވެސް ކަހަލަ ޓޭޕެއް އަޅާފައި ބުނީ ބަރާބަރޭ. ދެން އީތަން ވޯމް އަޕް ކުރަން ދަނިކޮށް ކުޑަހީނާ ކޯޗު އީތަން އަށް ގޮވާފައި ބުނީ މި އައިކޮނިކް ފޮޓޯ ނަގަން ޖެހޭނެއޭ. ދެން އީތަން ބަހައްޓާފައި ފޮޓޯ ނެގީ،" ހެވިފައި ހުރެ އީތަން ކިޔައިދިނެވެ.

އީތަން ކެޕްޓަން ބޭންޑް އަޅައިގެން (ކ)، ކޯޗު ކުޑަހީނާ އީތަން އަތުގައި ބޭންޑް އަޅަނީ.

"ދަނޑު މައްޗަށް އެރިއިރު ފީލްވީ ލީޑާއެއް ކަމަށް. ޕުޝްކުރަން. ޓީމް މޭޓްސް ޕުޝްކުރަން. ދެން އީތަން ޕުޝްކުރަން މޯޓިވޭޓްކުރަން. އެ ދުވަހަކީ އީތަން ހަނދާނުގައި ވަރަށް ގިނަ ދުވަސް ވަންދެން ހުންނާނެ ދުވަހެއް."

މިދިޔަ އަހަރު ޓޫރިޒަމް ދުވަހު ބޭއްވި ކިޑްސް ފުޓްބޯލް ފިއެސްޓާގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނި އީތަން ވަނީ ދުބާއީގައި ސްޕެއިނުގެ ކުރީގެ ޑިފެންޑަރު މިޝެލް ސަލްގާޑޯ ހިންގާ އެކެޑަމީގައި ތަމްރީން ހެދުމުގެ ފުރުސަތު ހޯދައިފަ އެވެ. އޭގެ ފަހުން މިދިޔަ އަހަރު ޑިސެމްބަރުގައި ޓީސީ އެކެޑަމީއާ އެކު ތައިލެންޑް އިންޓަނޭޝަނަލް ޔޫތު ކަޕްގައި ކުޅެ ރިހި މެޑަލް ހޯދި ޓީމުގައި ވެސް އީތަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ދާދި ފަހުން ސްޕެއިނުގެ ދަ ނެކްސްޓް ޖެނެރޭޝަން ސްޕޯޓްސް (ޓީއެންޖީއެސް) އިން ކުރިއަށްގެންދިޔަ ވާޗުއަލް ކޭމްޕްގެ ބެޗްގެ މަތީ ވަނައެއް ހޯދައި އަންނަ އަހަރު ސްޕެއިނަށް ޓްރެއިނިން ކޭމްޕެއް ދިއުމުގެ ފުރުސަތެއް ހޯދި އެވެ.

އީތަން ބުނީ މިހާތަނަށް ވެސް އޭނާ އަށް ކުރިއަށްދެވުނީ އެހެން މީހުންގެ އެއްބާރުލުމާއި ކިޔައިދޭ އެއްޗެހި ރަނގަޅަށް އަޑު އަހައިގެން ކަމަށާއި މުސްތަގުބަލުގައި ވެސް އެ ގޮތަށް ކަންތައް ކުރުން މުހިއްމު ކަމަށް ދެކޭ ކަމަށެވެ.

"މަންމަ އާއި ބައްޕަ ދެން އީތަންގެ ރަށްޓެހިން ވަރަށް ކިޔައިދޭ ކަމެއް ނުބައިކޮށް ކުރެވިއްޖެއްޔާ. އެޑްވައިސްކޮށް އޭތި ރަނގަޅުކުރަން މޯޓިވޭޓްކޮށްދޭ. މަންމަ އާއި ބައްޕަ އެންމެ ބޮޑަށް އެ ސަޕޯޓް އެދެނީ. އީތަން ބެސްޓް އަށް ވާން ވަރަށް މުހިއްމު އެންމެންގެ ސަޕޯޓް. މަންމަ އާއި ބައްޕަ މި ހޯދަނީ ފުރުސަތު އީތަން މަސައްކަތްކުރީމަ. އީތަން މަސައްކަތް ނުކުރަންޏާ އެ ފުރުސަތު ނުހޯދޭނެ. އެ ފުރުސަތު ނުހޯދަންޏާ އީތަން އަށް ބޭރަށް ގޮސް އެހާ ޑިވެލޮޕެއް ނުކުރެވޭނެ،" އީތަން ކިޔައިދިނެވެ.

އީތަން "މިހާރު"އަށް އިންޓަވިއު ދެނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އީތަންގެ މަންމަ އާއި ބައްޕަ ދަރިފުޅުގެ ތަރައްގީއަށް އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގައި ދެކެނީ ދަސްވާ އެއްޗެހި އެހެން ކުދިންނަށް ވެސް ކިޔައިދިނުމެވެ. އީތަން މޮޅުވާ ގޮތަށް އެހެން ކުދިން ވެސް މޮޅުވާން އެހީތެރިވެދިނުމެވެ. ފުޓްބޯޅައިން ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާން އުއްމީދުކުރާ އިރު އީތަން ހުރީ އޭނަގެ މަންމަ އާއި ބައްޕަގެ އެ އެދުން ވެސް ފުރިހަމަ ކުރުމުގެ އަޒުމުގަ އެވެ. އެހެން ކުޅުންތެރިން މޮޅުކުރަން ވެސް އެހީތެރިވެދިނުމަށެވެ.