އިބްރާހިމް އިސްމާއިލް ކުޅިވަރު ހިންގުމާ ދުރަށް

ސްޕޯޓްސް ކައުންސިލްގެ ރައީސްކަމުން އިސްތިއުފާ ދެއްވައި އިބްރާހިމް އިސްމާއިލް ކުޅިވަރުގެ ހިންގުމުގެ ދާއިރާއާ ރަސްމީކޮށް ފެއަށް ޖެހިވަޑައިގެންފި އެވެ.


މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް "މިހާރު" އަށް ވިދާޅުވީ އޭނާ ދުރުވެވަޑައިގަތީ "ޒިންމާދާރި މަގާމްތަކުން" ކަމަށާއި އެކަމަކު އޭނާގެ ފަރާތުން ކުޅިވަރަށް "ފަންނީ އެހީ ލިބޭނެ" ކަމަށެވެ.

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އިބްރާހިމް އިސްމާއިލް ކޮށްދެއްވާފައިވާ އަގުނުކުރެވޭ ފަދަ ހިދުމަތްތަކަށް ޝުކުރުއަދާކުރާ ކަމަށެވެ.

"އޭނާ އަށް ފުރިހަމަ ސިއްހަތަކާއި ހެޔޮ ނަސީބަށް އެދެން،" މަހުލޫފު ޓްވީޓްކުރެއްވި އެވެ.

ތ. ތިމަރަފުށްޓަށް އުފަން އިބްރާހިމް އިސްމާއިލް ފުރުއްވި ދިވެހި ކުޅިވަރުގެ އެންމެ އިސް މަގާމަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްކަމެވެ. އެ ކޮމިޓީ އުފެދުނީއްސުރެ ހިދުމަތްކުރެއްވި އިބްރާހިމް އިސްމާއިލް ވަނީ ނައިބް ރައީސްކަމާއި ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވައިފަ އެވެ.

އެ ކޮމިޓީގެ އިންތިހާބީ ފުރަތަމަ ރައީސްގެ ގޮތުގައި އެއް ދައުރު ފުރިހަމަކުރެއްވުމަށް ފަހު 2013 ވަނަ އަހަރު އޭނާ އިތުރު ދައުރަކަށް ކުރިމަތިނުލައްވަ އެވެ. އެކަމަކު އޭރު ވެސް ވިދާޅުވީ ކުޅިވަރު ހަޔާތް ނުނިމޭ ކަމަށާއި ކުޅިވަރުގެ ކޮންމެ ކަމަކަށް ގޮވާލިޔަސް އެކަމަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

"އަޅުގަނޑު 2009 ވަނަ އަހަރު މި މަގާމާ ހަވާލުވިއިރު ބުނިން ހަތަރު އަހަރުގެ ދައުރަށް ފަހު ވަކިވާނެ ކަމަށް. މި ފަހަރު ވެސް އަޅުގަނޑު ކުރިމަތިލުމަށް ރިކުއެސްޓް އައި. އެކަމަކު އަޅުގަނޑަކީ ބަހުގައި ހިފަހައްޓާ މީހެއް. އަނެއްކާ ޒުވާނުންނަށް ފުރުސަތު ދޭން ޖެހޭ،" ނަމޫނާ ބަސްކޮޅެއްގެ ގޮތުގައި އޭރު އޭނާ ވިދާޅުވި އެވެ.

އޭގެ ފަހުން ސްޕޯޓްސް ކައުންސިލްގެ ރައީސްގެ ގޮތުގައި ހިދުމަތްކުރެއްވި އެވެ. އެ ހުރިހާ މަސައްކަތްތަކެއް ކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ އިސް މަގާމްތައް ފުރުއްވަމުންނެވެ.

އިބްރާހިމް އިސްމާއީލް ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ އެގްޒެކެޓިވް ކޮމެޓީގެ ދެ ވަނަ ނައިބް ރައީސްކަން 2012 ވަނަ އަހަރު ކުރައްވައިފަ އެވެ. އެ ގޭމްސް އަށް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ފެޑެރޭޝަނުގެ މެރިޓް އެވޯޑް 2015 އިބްރާހިމް އިސްމާއިލް އަށް ވަނީ ދެއްވައިފަ އެވެ.

އަދި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ އިން ވެސް ވަނީ އިބްރާހިމް އިސްމާއިލް އޭޝިއާ އާއި ރާއްޖޭގެ ކުޅިވަރަށް ކޮށްދިން އަގުހުރި ހިދުމަތާއި އޮލިމްޕިކް މޫވްމަންޓް ދިރުވައި އާލާކުރުމަށް ކުރެއްވި މަސައްކަތްތުގެ އިތުރުން ޖުމްލަކޮށް، ދިގު މުއްދަތަކަށް ކުޅިވަރަށް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އޯސީއޭ މެރިޓް އެވޯޑް ދީފަ އެވެ.

އިބްރާހިމް އިސްމާއިލް ސްޕޯޓްސް ކައުންސިލުގެ ޕްރެސް ކޮންފަރެންސެއްގައި: ކުޅިވަރަށް ކުރެއްވި ހިދުމަތްތަކުގެ ލިސްޓު ވަރަށް ދިގު.

އާއްމު ހިދުމަތަށް ރާއްޖޭގައި ދޭ ދެ ވަނަ އަށް އެންމެ މަތީ ޝަރަފްކަމަށްވާ ހިތްވަރުދިނުމުގެ އިނާމް 1982 ގައި އަދި އެންމެ މަތީ ޝަރަފް ކަމަށްވާ ޝަރަފުވެރިިކަމުގެ އިނާމް 2007 ވަނަ އަހަރު ދިވެހި ސަރުކާރުން ވަނީ އޭނާ އަށް ކުޅިވަރުގެ ރޮނގުން ދެއްވައިފަ އެވެ. އަދި އިބްރާހިމް އިސްމާއިލް ކުޅިވަރަށް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށް "ހަވީރު"ން ވަނީ "ހަވީރު ސްޕޯޓްސް އެވޯޑްސް" ގެ ހާއްސަ އެވޯޑް ވެސް ދީފަ އެވެ.

ވަކިވަކި އެސޯސިއޭޝަންތަކަށް ބަލާއިރު އޭނާ ވަނީ ހޭންޑްބޯލް މޯލްޑިވްސްގެ ރައީސްގެ މަގާމާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ޖެނެރަލް ސެކްރެޓަރީކަން ވެސް ކުރައްވާފައިވަ އެވެ.

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު "މިހާރު" އަށް ވިދާޅުވީ މިދިޔަ 45 އަހަރު ދިވެހި ކުޅިވަރަށް އެކި ގޮތްގޮތުން އެންމެ ގިނަ ހިދުމަތްކުރެއްވި އެކަކީ އިބްރާހިމް އިސްމާއިލް ކަމަށާއި ޒާހިރު ނަސީރަށް ފަހު ދިވެހި ކުޅިވަރުގެ އެންމެ ހިދުމަތްތެރި އެކަކީ ވެސް އޭނާ ކަމަށެވެ.

"އެޑިއުކޭޝަން ދާއިރާގައި ސަރުކާރުގައި ފުލްޓައިމްކޮށް ވަޒީފާ އަދާކުރައްވަމުން، ވަގުތު ހުސްކުރައްވައިގެން ކުޅިވަރަށް ހިދުމަތްކުރެއްވި ބޭފުޅެއް އެއީ. އަޅުގަނޑު ދަންނަވާނީ ދިވެހި ކުޅިވަރުގެ އެޑްމިނިސްޓްރޭޝަނުގައި މިހާރު ތިބި ގިނަ މީހުން އެހިސާބަށް އެއައީ އިބްރާހިމް އިސްމާއިލްގެ އިރުޝާދު ލިބިގެންނޭ. އަޅުގަނޑުމެން ޖީލަށް އެއީ ހިތްވަރެއް އަދި ނަމޫނާ ބޭފުޅެއް،" މަރުޒޫގު ވިދާޅުވި އެވެ.

އިބްރާހިމް އިސްމާއިލް ކުޅިވަރުގެ ހަޔާތް ފެށްޓެވީ ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ފުޓްބޯޅަ، ވޮލީބޯޅަ، ޓީޓީ، ޓެނިސް، ހޮކީ އަދި ކްރިކެޓް ކުރިން މޮޅަށް ކުޅުއްވި އެވެ. ވިކްޓަރީ ސްޕޯޓްސް ކްލަބް އުފެއްދުމުގައި މުހިއްމު ދައުރެއް އަދާކުރެއްވި އިބްރާހިމް އިސްމާއިލަކީ އެ ކްލަބުގެ ލެޖެންޑްރީ ކުޅުންތެރިއެކެވެ.

ފަހުން ރެފްރީކަމަށް ނުކުމެ މައްލާ ޅަތުއްތުއާ އެކު ފީފާ ބެޖް ހޯއްދެވި އެވެ.

އިބްރާހިމް އިސްމާއިލްގެ އެންމެ ހާއްސަ ޝަރަފަކީ އެންމެ ފުރަތަމަ އެކުލަވާލި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން ކުރެއްވުމެވެ. ރިޔޫނިއަން އައިލެންޑްސްގައި 1979 ވަނަ އަހަރު ބޭއްވި އެއް ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ވަނީ، ގައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ ލަނޑު ޖޫލިއަޓް އަބްދުﷲ ރަޝީދު (ޖޫލޭ) ޖެހުމަށް އެސިސްޓްކުރައްވައިފަ އެވެ. އޭގެ ފަހުން، 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރި ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން ވެސް ކުރެއްވި އެވެ.

ކުޅިވަރުގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި ކުޅުންތެރިއެއްގެ ގޮތުގައި، ރެފްރީއެއްގެ ގޮތުގައި އަދި ހިންގުންތެރިއެއްގެ ގޮތުގައި ދިވެހި ކުޅިވަރަށް އެންމެ ބޮޑު ހިދުމަތެއް ކުރެއްވީ އިބްރާހިމް އިސްމާއީލެވެ.