ގައުމީ ވޮލީ ކޯޗުގެ ކޮންޓްރެކްޓްވަނީ ހަމަވެފައި: ވީއޭއެމް

ގައުމީ ވޮލީބޯޅަ ޓީމަށް ގެނައި ދުނިޔޭގެ ފެންވަރުގެ ކޯޗު ސާބިއާގެ މިލޮރަޑް ކިޔާޗް އާއި އޭނާގެ ޓްރެއިނަރު ކިޔަޗް ރަޑޯވަންގެ ކޮންޓްރެކްޓް ހަމަވެފައިވާ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފި އެވެ.


ކޮވިޑް-19 ގެ ސަަބަބުން ގައުމީ ވޮލީ ޓީމުތަކުގެ ޕްރެކްޓިސްތައް މެދުކަނޑާލުމަށް ފަހު އަލުން ނުފަށަ އެވެ. އެންމެ ފަހުން ޓީމު ޕްރެކްޓިސް ކުރީ މިދިޔަ ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައި ބާއްވާން ތާވަލުކުރި (މިހާރު އަންނަ އަހަރަށް ފަސްކޮށްފައިވާ) އޭސިއަން ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވާން މިދިޔަ މާޗް މަހު ސާބިއާގައި ޓްރެއިނިން ކޭމްޕްގަ އެވެ.

އެނގިފައިވާ ގޮތުގައި ޓްރެއިނިން ނިންމާފައި ގައުމީ ޓީމު ސާބިއާ އިން އައިއިރު އެ ގައުމުގައި ކޮވިޑް-19ގެ ނުރައްކާ ބޮޑުވެފައިވާތީ ގައުމީ ކޯޗު މިލޮރަޑް އާއި ރަޑޯވަންގެ ކޮންޓްރެކްޓްވަނީ ހަމަވެފަ އެވެ. ވީއޭއެމްގެ އިންޓަރިމް ކޮމިޓީގެ މެމްބަރު މުހައްމަދު ސާޖިދު (ކާއްޓޭ) ވަނީ "މިހާރު" އަށް އެކަން ކަށަވަރުކޮށްދީފަ އެވެ.

"ކޯޗުގެ ކޮންޓްރެކްޓް މިހާރު އޮތީ ހަމަވެފައި. މީގެ ދެތިން މަސް ކުރިން ހަމަވެއްޖެ. އެންމެ ފުރަތަމަ ގެނައީ ހަ މަސް ދުވަހަށް. ދެން ފަހުން އެ ކޮންޓްރެކްޓް އިތުރު ދެ މަހަށް އާ ކޮށްފައި. މިހާރު ދެ މަސް ވަރު ވެއްޖެ ކޮންޓްރެކްޓް ހަމަވިތާ. މުބާރާތެއް ވެސް ނެތި ކޯޗުގެ ކޮންޓްރެކްޓް އިތުރު ކުރުމުގެ ވިސްނުމެއް ދެން ނެތީ މި ދަނޑިވަޅުގައި ކޮވިޑް-19ގެ ހާލަތުގައި މެޗުތަކެއް ވެސް ނެތުމުން،" ކާއްޓޭ ބުންޏެވެ.

ގައުމީ ޓީމުގެ ކޯޗުން ބަދަލުވެފައިވާތީ ދެން އަލުން ޕްރެކްޓިސް ފަށާއިރު ޓީމަށް އިރުޝާދުދޭނީ މިހާރު އޮތްގޮތުން އާ ކޯޗުންނެވެ. ކުރީގެ ކޯޗުން އަލުން ޓީމުން ފެނުމުގެ ފުރުސަތު ކުޑަ ކަމަށް އެސޯސިއޭޝަނުން ބުނެ އެވެ.

ގައުމީ ޓީމަށް މިލޮރަޑް އާއި ރަޑޯވަން ގެންނަން ހަމަޖެއްސީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ އިސްނެންގެވުމާ އެކު ވޮލީ ޓީމު ރަނގަޅު ޓްރެއިނިންތަކެއް ދިނުމުގެ ވިސްނުމުގައި މިލޮރަޑާ ޓީމު ހަވާލުކޮށް ޓްރެއިނިންތައް ފެށީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އޭނާގެ ކޯޗުކަމުގައި ރާއްޖޭގެ ފިިރިހެން ޓީމު ވަނީ މިދިޔަ ޑިސެމްބަރު މަހު ނޭޕާލުގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކޮށްފަ އެވެ. އެ މުބާރާތުގައި ކުޅުނު ދެ މެޗުން ބަލިވި ނަމަވެސް ޓީމުގެ ކުޅުން ވަނީ ރަނގަޅުކޮށްފަ އެވެ.

މިލޮރަޑް ގެނައި އެންމެ ބޮޑު ބޭނުމަކީ ސެންޓްރަލް ޒޯންގައި މެޑަލެއް ގެނައުމުގެ ޓާގެޓް ހާސިލްކުރާށެވެ. ރާއްޖެގެ ފިރިހެން ވޮލީ ޓީމަށް އެންމެ ފަހުން އޭވީސީ ސެންޓްރަލް ޒޯންގައި މެޑަލެއް ލިބުނީ 2016 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުންނެވެ. އެ ފަަހަރު ސްރީލަންކާގެ ކޯޗު ކުމާރާ ވެންޑަކޫންގެ އިރުޝާދުގެ ދަށުން ލޯ މެޑަލް ހޯދި އެވެ.

އީރާނާއި ބަލްގޭރިއާ ގައުމީ ޓީމަށް ކުރިން ކޯޗުކޮށްދިން މިލޮރަޑް ގައުމީ ޓީމަށް ގެނައީ މަހަކު 7000 ޔޫރޯ (120،000 ރުފިޔާ) އަށް ކަމަށް މީގެ ކުރިން ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހުލޫފް ވަނީ ވިދާޅުވެފަ އެވެ. އެއީ ފެންވަރު ރަނގަޅު ޓްރެއިިނިން އެއް ދެވޭނީ މޮޅު ކޯޗެއް ގެނެސްގެން ކަމަށާއި ދުނިޔޭގެ ފެންވަރުގެ ކޯޗެއްގެ އަގުބޮޑުވާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިލޮރަޑް އާއި ރަޑޯވަންގެ އެހީތެރިކަމާ އެކު ގައުމީ އަންހެން ވޮލީ ޓީމުން ވަނީ މިދިޔަ އަހަރު ސެންޓްރަލް ޒޯން އަންހެން މުބާރާތުން ރިހި މެޑަލް ހޯދައިފަ އެވެ. މިއީ މިހާތަނަށް ވޮލީގެ ތާރީހުގައި އަންހެން ޓީމަށް ލިބުނު ބައިނަލްއަގުވާމީ ފުރަތަަ މެޑެއްޔެވެ. މި އަހަރު ކުރީކޮޅު ގައުމީ އަންހެން ޓީމުން ވަނީ ރަޑޯވަންގެ އިރުޝާދުގެ ދަށުން ޕްރެކްޓިސްތައް ކުރިއަށްގެންގޮސްފަ އެވެ. އެއީ ރާއްޖޭގައި ބާއްވަން ތާވަލުކުރެވުނު އޭވީސީ އަންހެން މުބާރާތަށް ތައްޔާރުވުމަށެވެ. ރާއްޖޭގައި ބާއްވާ މުބާރާތް ލ. އަތޮޅުގައި މިދިޔަ ޖޫން މަހު ބާއްވަން މަސައްކަތް ކުރަމުން ދަނިކޮށް ކޮވިޑް-19ގެ ސަބަބުން އޭވީސީ މުބާރާތްތައް ކެންސަލްކުރިއިރު އެ މުބާރާތް ވެސް ވަނީ ފަސްކޮށްފަ އެވެ.