ވޮލީ މުބާރާތްތައް ފެށޭނެ ކަމަށް ބެލެވެނީ އަންނަ އަހަރު

ކޮވިޑް-19އާ ހެދި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ މުބާރާތްތައް ދެން އެންމެ އަވަހަށް ވެސް ބޭއްވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރު ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.


ވީއޭއެމްގެ އިންޓަރިމް ކޮމިޓީގެ މެމްބަރު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނީ އެ އެސޯސިއޭޝަނުން ކަލަންޑަރެއް އެކުލަވާލާ މި އަހަރަށް ކަނޑައެޅި މުބާރާތްތައް ދެން މި އަހަރު ބޭއްވޭނެ ކަމުގެ އުއްމީދު ކުޑަ ކަމަށެވެ. މި އަހަރަކީ ވީއޭއެމުން ގިނަ ހަރަކާތްތަކެއް ބާއްވަން ކަނޑައެޅި އަހަރެކެވެ. އެކަމަކު ކޮވިޑް-19ގެ ސަބަބުން ކަލަންޑަރުގައި ހުރި މުބާރާތައް ކުރިއަށްގެންދެވޭނެ މާހައުލެއް އަދި ނެތެވެ.

"މިހާރު ހާލަތު މި އޮތްގޮތުން މި އަހަރު ދެން އެ މުބާރާތްތަކެއް ބޭއްވޭނެ ހެނެއް ހިއެއްނުވޭ. އެންމެ އަވަހަށް ވެސް ވޮލީގެ ހަރަކާތްތައް (މުބާރާތްތައް) ފެށޭނެ ކަމަށް މި އުއްމީދުކުރަނީ އަންނަ ފެބްރުއަރީ ހިސާބުގައި. އެކަމަކު ފުރުސަތު ލިބޭ ގޮތަކުން ފައިނަލް ގޮތެއް ނިންމޭނީ،" ކާއްޓޭ ބުންޏެވެ.

މި އަހަރު ވޮލީގެ މުބާރާތްތަކުގެ ތެރެއިން ބޭއްވީ ޖެނުއަރީ މަހު ބޭއްވި ގައުމީ ވޮލީ ލީގާއި ގައުމީ މުބާރާތެވެ. އެ މުބާރާތަކީ މިދިޔަ އަހަރުގެ މުބާރާތެވެ. މި އަހަރުގެ ވޮލީ ސީޒަން ފަށަން ކަނޑައަޅާފައި އޮތީ މާޗް މަހު އިންޓަ ސްކޫލް މުބާރާތުންނެވެ. އެންމެ ފޯރިގަދަކޮށް ކުރިއަށްދާ އިންޓަ ރިސޯޓް މުބާރާތް އޮތީ ވެސް ޖޫން މަހު ފަށަން ރާވައިފަ އެވެ. އޭގެ ފަހުން އޮގަސްޓާއި ސެޕްޓެމްބަރުގައި ވީއޭއެމް ޔޫތު ލީގާއި އެސޯސިއޭޝަން ކަޕް ބޭއްވުމަށް ފަހު އޮކްޓޫބަރު މަހު ގައުމީ ލީގާއި މުބާރާތް ކުރިއަށް ގެންދިއުމަށެވެ.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ފަށަން ހަމަޖެހިފައި އޮތް ޖަޒީރާ ޗެމްޕިއަންޝިޕް ވޮލީ ބޯޅަ މުބާރާތް ތާވަލުކޮށްފައި އޮތީ ނޮވެމްބަރާއި ޑިސެމްބަރު މަހަށެވެ. މީގެ އިތުރުން މި އަހަރު އަލަށް ފަށަން ނިންމާފައި އޮތް އެސޯސިއޭޝަން ކަޕް ބީޗް ވޮލީބޯޅަ މުބާރާތް ވެސް ދެން ފެށޭނީ އަންނަ އަހަރު އެވެ.

އޭވީސީން ވެސް ވަނީ މި އަހަރުގެ މުބާރާތްތައް ފަސްކޮށްފަ އެވެ. އެ ގޮތުން ރާއްޖޭގެ ޓީމުތައް މި އަހަރު ބައިނަލްއަގުވާމީ ފަސް މުބާރާތެއް ކުޅެން ހަމަޖެހިފައި އޮތެވެ. އެއީ މާލޭގައި ޖޫން މަހު ބާއްވަން ނިންމި އޭވީސީ ސެންޓްރަލް ޒޯން އަންހެން މުބާރާތާއި އޮގަސްޓް މަހު ބަންގްލަދޭޝްގައި ކުރިއަށް ގެންދަން ރާވާފައި އޮތް ސެންޓްރަލް ޒޯން ފިރިހެން މުބާރާތެވެ. މީގެ އިތުރުން ތައިލެންޑްގައި ބާއްވަން ޝެޑިއުލްކޮށްފައި އޮތް އޭވީސީ ބީޗް ޓުއާ އާއި 17 އަހަރުން ދަށުގެ އަންހެން ވޮލީބޯލް ޗެމްޕިއަންޝިޕް އަދި 20 އަހަރުން ދަށުގެ ފިރިހެން މުބާރާތް ހިމެނެ އެވެ.

ގައުމީ ވޮލީބޯޅަ ޓީމުތަކުގެ ޕްރެކްޓިސް މި ވަގުތަށް މެދުކަނޑާލާފައިވާއިރު ރަށްރަށުގައި ތިބި ކުޅުންތެރިން އަންނަނީ ރަށު ފެންވަރާއި އަތޮޅު ލެވެލްގެ މުބާރާތްތަކުގައި ކުޅެމުންނެވެ. ކޮވިޑް-19ގެ ސަބަބުން އައި މެދުކެނޑުމަށް ފަހު ވޮލީބޯޅަ ޓީމުތަކުގެ ޕްރެކްޓިސްތައް އަލުން ނުފަށަ އެވެ. ގައުމީ ޓީމުތަކަށް އެންމެ ފަހުން ކޯޗުކޮށްދިން ސާބިއާގެ މިލޮރަޑް ކިޔާޗް އާއި އޭނާގެ ޓްރެއިނަރު ކިޔަޗް ރަޑޯވަންގެ ކޮންޓްރެކްޓް ހަމަވެފައިވާއިރު، ދެން އަލުން ޕްރެކްޓިސްތައް ފަށާނީ އާ ކޯޗިން ޓީމަކާ އެކު އެވެ.