ސްޕޯޓްސް ކައުންސިލްގެ ރައީސަކަށް ނާހިދު

ހުސްވެފައިވާ ސްޕޯޓްސް ކައުންސިލްގެ ރައީސްގެ މަގާމަށް މަޝްހޫރު ބާސްކެޓްބޯޅަ ކޯޗު އިބްރާހިމް ނާހިދު އިއްޔެ އައްޔަންކޮށްފި އެވެ/


ސްޕޯޓްސް ކައުންސިލް (ކުޅިވަރާ ބެހޭ ގައުމީ މަޖިލީސް)ގެ ރައީސްގެ މަގާމު ހުސްވީ އެ ޒިންމާ އަދާކުރައްވަމުން އައި އިބްރާހިމް އިސްމާއިލް އިސްތިއުފާ ދެއްވައި ކުޅިވަރުގެ ހިންގުމުގެ ދާއިރާއާ ރަސްމީކޮށް ރިޓަޔާކުރެއްވުމުންނެވެ.

ކުޅިވަރު ހިންގުމުގެ މަސައްކަތްތަކުގައި ފަހަކަށް އައިސް ހަރަކާތްތެރިވާ ނާހިދު އެންމެ ފަހުން ހުންނެވީ ސްޕޯޓްސް ކައުންސިލްގެ ނައިބަކަށެވެ. ނާހިދު ވަނީ އެންމެ ފަހުން ރާއްޖޭން ބައިވެރިވި ބައިނަލްއަގުވާމީ ތިން ކުޅިވަރު މުބާރާތުގެ ޗެފް ޑި މިޝަނަރުގެ ޒިންމާ އަދާކުރައްވައިފަ އެވެ. އެއީ 2018 ވަނަ އަހަރު އިންޑޮނީޝިއާގައި ބޭއްވި އޭޝިއަން ގޭމްސް އާއި 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ނޭޕާލުގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގަ އެވެ.

ބާސްކެޓް ކުޅުންތެރިއެއްގެ ގޮތުގައި ކުޅިވަރުގެ ތެރެއިން ފާހަގަވި ނާހިދު ވަނީ ފީބާ ލައިންސް ހާސިލްކޮށް މޮޅު ބާސެކެޓްބޯޅަ ކޯޗަކަށް ވުމުގެ އިތުރުން ބާސްކެޓް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގައި ވެސް ކާމިޔާބު މަސައްކަތްތަކެއް ކުރައްވައިފަ އެވެ. ގައުމީ ބާސްކެޓް ޓީމު ކެޕްޓަންކަން ވެސް ކުރި ނާހިދު ވަނީ ފަހުން ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެފަ އެވެ. އަދި ނާހިދު ވަނީ ކްލަބް ލެވަލްގައި ރާއްޖޭގެ ގިނަ މުބާރާތްތަކުގައި ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ކުޅިވަރުގެ ގާނޫނާ އެއްގޮތަށް ސްޕޯޓްސް ކައުންސިލް އަލުން އެކުލަވާލުމަށްޓަކައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ މިދިޔަ އަހަރު ޖޫން މަހު އޭރު އޮތް ސްޕޯޓްސް ކައުންސިލް އުވާލައްވައިފަ އެވެ. ޖުމްލަ 11 މެމްބަރުން އެކުލެވޭ މި ކައުންސިލުގައި ތިބެނީ އެސޯސިއޭޝަންތައް ތަމްސީލްކުރާ ހަތަރު މެމްބަރުންނައި މިނިސްޓްރީގެ ތެރެއިން މިނިސްޓަރު އައްޔަންކުރާ ދެ މެމްބަރުންނާއި ދެ އަންހެން މެމްބަރުންނާއި ގާނޫނީ ވަކީލަކާއި އެޑިއުކޭޝަން މިނިސްޓްރީ ތަމްސީލްކުރާ މެމްބަރަކާއި އޮލިމްޕިކް ކޮމިޓީން ކަނޑައަޅާ މެމްބަރެކެވެ.

ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވޭ ކުޅިވަރުގެ ގާނޫނު 2015 ވަނަ އަހަރު ފާސްކޮށްފައިވާއިރު އޭގެ ދަށުން މިހާރު ވެސް ގަވާއިދުތަކެއް ހަދައި އަންނަނީ ތަންފީޒްކުރަމުންނެވެ. އޭގެ ތެރޭގައި ކޮމިޝަނާ އޮފް ސްޕޯޓްސްގެ އޮފީހުގައި ކުޅިވަރު ޖަމިއްޔާތަކާއި އެސޯސިއޭޝަންތައް ރަޖިސްޓްރީ ކުރުމާއި ކުޅުންތެރިން ގައުމީ ޓީމުތަކަށް ވީއްލުމުގެ ގަވާއިދާއި ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރަ ދިނުމުގެ އުސޫލު އަދި ބައިނަލްއަގްވާމީ ކާމިޔާބީ ހޯދާ ޓީމުތަކާއި ކުޅުންތެރިންނަށް އިނާމް ދިނުމުގެ އުސޫލު ހިމެނެ އެވެ. މި ހުރިހާ ކަމެއްގައި އެންމެ އިސް ޒިންމާއެއް އޮތް އެއް ބަޔަކީ ސްޕޯޓްސް ކައުންސިލް އެވެ.