އަލިބެ މާފަށް އެދެން ޓީޓީ އެސޯސިއޭޝަނުން އަންގައިފި

ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ)ގެ މައްސަލައެއް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ބެލުމަށް ފަހު އޭނާ އަށް ނަސޭހަތްތެރިވެ މާފަށް އެދެން އަންގައިފި އެވެ.


ޓީޓީ އެސޯސިއޭޝަނުން މިދިޔަ އާދިއްތަ ދުވަހު އަލިބެ އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މިދިޔަ މަހު 19 ވަނަ ދުވަހު ޓީޓީ އެސޯސިއޭޝަނުން ބަލަންފެށި އަލިބެގެ މައްސަލައަކާ ގުޅިގެން ޓީޓީގެ އިމާރާތްތައް ބޭނުންކުރުން އަލިބެ އަށް މަނާކުރަން ނިންމީ ކަމަށެވެ. އޭރު އަލިބެއާ ގުޅޭގޮތުން ބަލަނީ ކޮން މައްސަލައެއް ކަމެއް އެސޯސިއޭޝަނުން ހާމައެއްނުކުރެ އެވެ.

އަލިބެ އަށް ފޮނުވި ސިޓީގައި ޓީޓީ އެސޯސިއޭޝަނުން ވަނީ ބެލި މައްސަލައާ ގުޅޭ ހަތަރު ނުކުތާއެއް ފާހަގަކޮށްފަ އެވެ. އެއީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ މެމްބަރެއްގެ ގޮތުގައި ހުރެ ސްޕޯޓްސް ކައުންސިލާއި ކޮމިޝަނާ އޮފް ސްޕޯޓްސްގެ ނިންމުންތަކަށް އިހުތިރާމް ކުރުމެއްނެތި އެ އެސޯސިއޭޝަނާ ގުޅޭ މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅުމާއި ކުޅިވަރުގެ ކަމެއްގައި ކޯޓަށް ދިއުމަކީ އޮލިމްޕިކް ޗާޓަރާ ވެސް ހިލާފުކަމެއް ކަމަށް ސްޕޯޓްސް ކައުންސިލުން އަންގާފައިވަނިކޮށް އެ ނިންމުމަށް ވެސް އިހުތިރާމް ނުކުރުން ހިމެނެ އެވެ. މީގެ އިތުރުން އަލިބެ ހިމެނޭ ގޮތަށް އޮތް މިދިޔަ ދައުރުގެ ހިންގާ ކޮމިޓީއާ ގުޅޭ ހަގީގަތާ ހިލާފު ވާހަކަތަކެއް މީޑިއާގައި ދެއްކުމުގެ އިތުރުން ޓޭބަލް ޓެނިސްގެ އަރަމުން އަންނަ ހަގު ކުޅުންތެރިންނަށް ނަމޫނާ ދައްކަން ޖެހޭ މަގާމެއްގައި ހުރެ އެ ކުޅުންތެރިން ހިތްވަރު އެލޭ ފަދަ ކަމެއް ކުރުން ވެސް ހިމެނެ އެވެ.

އެ ކަންތައްތަކަށް ބެލުމަށް ފަހު ޓީޓީ އެސޯސިއޭޝަނުން ނިންމީ މިއީ އަލިބެ ފަރާތުން މި ފަދަ ކަންތައްތަކެއް ފެނިގެންދިޔަ ފުރަތަމަ ފަހަރު ކަމަށްވާތީ ދެން މި ފަދަ ކަމެއް ނުކުރަން ނަސޭހަތްތެރިވެފަ އެވެ.

"އިސްވެ ދެންނެވުނު ކަންތައްތަކާ ގުޅިގެން މި އެސޯސިއޭޝަނަށް މާފަށް އެދި ލިޔުމުން ހުށަހެޅުމުން މި އެސޯސިއޭޝަންގެ އެހެން މެމްބަރުންނެކޭ އެއްގޮތަށް އެ ހިނދުން ފެށިގެން މި އެސޯސިއޭޝަންގެ ހަރަކާތްތަކުގައި ބައިވެރިވުމާއި ވަސީލަތްތައް ބޭނުންކުރަން ހުރަހެއް ނެތްކަން އަންގަމެވެ." ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) ސޮއިކުރައްވާ ފޮނުއްވާފައިވާ ސިޓީގައިވެ އެވެ.

މި ގޮތަށް ދިމާވާ ކަންތައްތަކުގައި ރާއްޖޭގެ ކުޅިވަރު ގާނޫނާއި އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް)ގެ އަސާސީ ގަވާއިދާއި އިންޓަނޭޝަނަލް އޮލިމްޕިކް ޗާޓަރާއި ހިލާފުނުވާގޮތަށް މައްސަލަ ހައްލު ކުރުމަކީ ޓީޓީ އެސޯސިއޭޝަނުން ވަރަށް މުހިއްމުކަމެއް ދޭ ކަމެއް ކަމަށް ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

ބެލި މައްސަލަތަކުގެ އިތުރު ތަފްސީލް ހޯދަން އަލިބެ ބޭނުންވޭ

އަލިބެ ޓީޓީ އިންތިހާބާ ގުޅިގެން ސިވިލް ކޯޓަށް މައްސަލައެއް ވެއްދީ އިންތިހާބު ފަސްކުރަން ވަގުތީ އަމުރެއް ނެރެމަށް އެދި އެވެ. އެކަމަކު ސިވިލް ކޯޓުން އެ އަމުރު ނުނެރެދޭން ނިންމުމާ އެކު ޓީޓީ އެސޯސިއޭޝަނުން ވަނީ އިންތިހާބު ބާއްވައިފަ އެވެ. އިންތިހާބުގައި އަލިބެ ހިމެނުނު ތޯހާ ސަލީމްގެ ޓީމަށް ނާކާމިޔާބުވިއިރު، އިންތިހާބު ބޭއްވުމުން އަލިބެ ވަނީ ކޯޓަށް ހުށަހެޅި މައްސަލަ ނަގައިފަ އެވެ. ޓީޓީ އިންތިހާބު ކޯޓުގައި ކުރިއަށްދާނަމަ ރާއްޖެ ސަސްޕެންޑްކުރަން ޖެހިދާނެ ކަމުގެ އިންޒާރު ޓީޓީގެ ދުނިޔޭގެ އިދާރާ އައިޓީޓީއެފް އިން ވަނީ ދީފަ އެވެ. އަލިބެ ވަނީ އެއީ އައިޓީޓީއެފް އިން ރާއްޖެ ސަސްޕެންޑްކުރާފަދަ ކަމެއް ނުކުރާކަމަށް އޭރު ބުނެފަ އެވެ.

ޓީޓީ އެސޯސިއޭޝަނުން ފޮނުވި ސިޓީގެ ޖަވާބުގައި އަލިބެ ވަނީ އަންގާރަ ދުވަހު ސިޓީއެއް ފޮނުވައިފަ އެވެ. އަލިބެ ފޮނުވި ސިޓީގައި އޭނާ ވަނީ މައިގަނޑު ހަ ނުކުތާއެއް ފާހަގަކޮށްފަ އެވެ.

ހަވާލާދީ އަލިބެ ފޮނުވި ފާހަގަކޮށްފައިވާ ކަންތައްތަކަކީ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ޓީޓީއާ ގުޅުން ހުރި މީހުންނާއި އަމިއްލަ ހައްގުގައި ކަމަށާއި ކޯޓަށް މައްސަލަ ހުށަހަޅައިގެން ކުރިއަށްގެންދިޔައީ ގާނޫނު އަސާސީން ވެސް އެ ފުރުސަތު އޮތުމުންކަން ކޯޓުން ފުރަތަމަ ބޭއްވި އަޑުއެހުމުން ވެސް އެނގެން އޮތް ކަމަށެވެ. ކޯޓަށް މައްސަލަ ހުށަހެޅުމުން އެސޯސިއޭޝަނުން އަމަލުކުރީ ކޯޓުގެ ނިންމުމަށް ވެސް އިހުތިރާމް ކުޑަވާ ގޮތަށް މައްސަލަ ހުށަހެޅި މީހާ އަށް އަމާޒުކޮށް ވަކި ކަމެއް ހާސިލްކުރަން ބޭނުންވާ ގޮތަށް ކަމަށް ސިޓީގައިވެ އެެ.

އަލިބެ ދެކޭ ގޮތުގައި ޓީޓީ އެސޯސިއޭޝަނުން އޭނާގެ މައްސަލަ ބެލީ ހީލަތްތެރި ގޮތަކަށް އޭނާ އަށް ބަލަމުންދާ މައްސަލައިގެ ތަފްސީލެއް ދިނުމެއް ނެތި އެވެ. ޓީޓީގެ ކުރީގެ ހިންގާ ކޮމިޓީއާ ގުޅޭ ކަންތައްތަކަކާ ބެހޭގޮތުން އަލިބެ މީޑިއާގައި ދެއްކި ހަގީގަތާ ހިލާފު ވާހަކަ އަކީ ކޮބައިތޯ ސާފުކުރަން ވެސް އަލިބެގެ ސިޓީގައިވަނީ އެދިފަ އެވެ. އަދި ޓީޓީގެ ހަގު ކުޅުންތެރިންގެ ހިތްވަރު އެލޭ ގޮތަށް އަލިބެ ކަންތައްތައް ކޮށްފައިވާކަމަށް އެސޯސިއޭޝަނުގެ ސިޓީގައި ބުނެފައިވާތީ އެ ކަމަށް އިންކާރުކޮށް އަލިބެ ބުނީ އެއީ އެސޯސިއޭޝަނުން އޭނާ ބޮލުގައި އަޅުވާ ތުހުމަތެއް ކަމަށާއި އޭނާ އަކީ ދުވަހަކު ވެސް ހަގު ކުޅުންތެރިންގެ ހިތްވަރު އެލޭނެ ފަދަ ކަމެއް ކުރާނެ މީހެއް ނޫން ކަމަށެވެ. ހަގު ކުޅުންތެރިންގެ ހިތްވަރު އެލޭ ގޮތަށް އަލިބެ ކުރެވުނު ކަންތައްތައް ވެސް އޮޅުންފިލުވައިދޭން ސިޓީގައި ވަނީ އެދިފަ އެވެ.

ޓީޓީ އެސޯސިއޭޝަނުން އެދިފައިވާ ގޮތަށް މާފަށް އެދުމުގެ ކުރިން ކޮންމެހެން އެނގެން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެ ކަންތައް ފުރިހަމަކޮށްދިނުމަށް އެސޯސިއޭޝަން ކިބައިން އަލިބެ ވަނީ އެދިފަ އެވެ.

"އަޅުގަނޑާ މެދު ފިޔަވަޅު އެޅުމަށް ހިންގާ ކޮމިޓީން ނިންމި ނިންމުމަކީ ލިޔުމުން އޮންނާނެ ކަމެއް ކަމަށްވާތީ އެ ލިޔުމުގެ ކޮޕީ އަކާއި އަދި އަޅުގަނޑާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށް މި ސިޓީގައި އަޅުގަނޑު އެދިފައިވާ އެކިއެކި ކަންކަމުގެ ފުރިހަމަ މައުލޫމާތު އަޅުގަނޑަށް ސާފުކޮށްދެއްވުން އެދެމެވެ،" އަލިބެ ސިޓީގައި ބުނެފައިވެ އެވެ.