މެޗުގެ ނިސްބަތުން ދުނިޔޭގެ ލަނޑު ލިސްޓުގެ ދެ ވަނައިގައި ދަގަނޑޭ

މި ވަގުތު ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ ތެރެއިން، މެޗުގެ ނިސްބަތުން ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ދެ ވަނައިގައި އޮތީ ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.


ދަގަނޑޭ ދެ ވަނައިގައި އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ އާއި ރޮމެލޫ ލުކާކޫ އާއި ނޭމާ އާއި ލުއިސް ސުއަރޭޒް އަދި ރޮބަޓް ލެވޮންޑޮސްކީ ފަދަ ކުޅުންތެރިން ފަހަތަށް ޖައްސާލައިގެންނެވެ.

މީގެ ދެ އަހަރާ ބައި ކުރިން، 2018 ގެ ޖެނުއަރީ މަހު ދަގަނޑޭ މި ލިސްޓުގެ އެއް ވަނައިގައި އޮތެވެ. އެކަމަކު 2018 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރާ ހަމަޔަށް ގައުމީ ޓީމުން ސަސްޕެންޑްކޮށްފައި އޮތުމުން މެޗުތަކެއް ގެއްލި ދެ ވަނަ އަށް ވެއްޓުނީ އެވެ. އެކަމަކު ގިނަ މެޗުތަކެއް ގެއްލުނު އިރު ވެސް ދަގަނޑޭ ލިސްޓުގެ ކުރީގައި ހިފަހައްޓާލެވުމަކީ ބޮޑު ހާސިލްކުރުމެކެވެ.

"ގިވްމީސްޕޯޓްސް" ވެބްސައިޓުން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ދަގަނޑޭ ލިސްޓުގެ ދެ ވަނައިގައި އޮތީ 80 މެޗުން 53 ގޯލް ޖަހައި މެޗަކަށް 0.66 ގޯލުގެ ނިސްބަތުންނެވެ. މި ލިސްޓުގެ އެއް ވަނައިގައި އޮތީ 83 މެޗުން 63 ގޯލް ޖަހައި މެޗަކަށް 0.76 ގޯލުގެ ނިސްބަތުން ޔޫއޭއީގެ އަލީ މަބްޚޫތެވެ.

ދަގަނޑޭގެ ފަހަތުން ތިން ވަނައިގައި އޮތީ އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ އެވެ. އެއީ 115 މެޗުން 72 ގޯލް ޖަހައިގެން 0.63 ގެ ނިސްބަތުންނެވެ. ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އޮތީ ހަތަރު ވަނައިގަ އެވެ. އޭނާ 165 މެޗުން 101 ގޯލް ޖަހާފައިވާއިރު އެއީ މެޗަކަށް 0.61 ގޯލެވެ. އާޖެންޓީނާގެ ލިއޮނަލް މެސީ އޮތީ 10 ވަނައިގަ އެވެ. މެސީ 139 މެޗުން 71 ގޯލް ޖަހާފައިވާއިރު އެއީ މެޗަކަށް 0.51 ގޯލުގެ ނިސްބަތެކެވެ.

ލިސްޓުގެ ގަދަ 10 އެއް

1- އަލީ މަބްޚޫތު (ޔޫއޭއީ) 83 މެޗުން 63 ގޯލް (0.76)
2- އަލީ އަޝްފާގް (ދިވެހިރާއްޖެ) 80 މެޗުން 53 ގޯލް (0.66)
3- ސުނިލް ޗެތުރީ (އިންޑިއާ) 115 މެޗުން 72 ގޯލް (0.63)
4- ކްރިސްޓިއާނޯ ރޮނާލްޑޯ (ޕޯޗުގަލް) 165 މެޗުން 101 ގޯލް (0.61)
4- ރޮމެލޫ ލުކާކޫ (ބެލްޖިއަމް) 85 މެޗުން 52 ގޯލް (0.61)
6- ނޭމާ (ބްރެޒިލް) 101 މެޗުން 61 ގޯލް (0.60)
7- އެޑިން ޖެކޯ (ބޮސްނިއާ) 109 މެޗުން 59 ގޯލް (0.54)
7- ރޮބަޓް ލެވޮންޑޮސްކީ (ޕޮލެންޑް) 112 މެޗުން 61 ގޯލް (0.54)
9- ލުއިސް ސުއަރޭޒް (އުރުގުއޭ) 112 މެޗުން 59 ގޯލް
10- ލިއޮނަލް މެސީ (އާޖެންޓީނާ) 139 މެޗުން 71 ގޯލް (0.51)

މިހާރު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ބައިނަލްއަގްވާމީ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓުގައި ދަަގަނޑޭ އޮތީ 10 ވަނައިގަ އެވެ. އެ ލިސްޓުގެ އެއް ވަނައިގައި އޮތީ 101 ގޯލް ޖަހައިގެން ރޮނާލްޑޯ އެވެ. ދެ ވަނައިގައި އޮތީ 72 ގޯލް ޖަހާފައިވާ ޗެތުރީ އެވެ. އަދި ތިން ވަނައިގައި އޮތީ 71 ގޯލް ޖަހާފައިވާ މެސީ އެވެ. ދަގަނޑޭ އަށް ސަސްޕެންޝަނުގެ ސަބަބުން ދޮޅު އަހަރު ނުގެއްލުނު ނަމަ ލިސްޓުގެ ދެ ވަނަ އަށް އަރަން ފުރުސަތު އޮތީހެވެ. އުމުރުން 35 އަހަރުގެ ފޯވާޑް އަލުން ގައުމީ ޓީމުގައި ހިމެނިގެން ކުޅުނު ހަތަރު މެޗުން ވަނީ ދެ ގޯލް ޖަހައިފަ އެވެ.

ފުޓްބޯޅަ ކެރިއަރު އުމުރުން 15 އަހަރުގައި 2001 ވަނަ އަހަރު ފެށި ދަގަނޑޭ ގައުމީ ޓީމަށް ކުޅެން ފެށީ 2004 ވަނަ އަހަރެވެ. ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި އޭނާ ވަނީ 2004 ވަނަ އަހަރު ވޯލްޑް ކަޕް ޕްރީ ޕްރިމިލަނަރީގައި މާލޭގައި މޮންގޯލިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ހަތަރު ލަނޑު ޖަހައިގެން އެއް މެޗެއްގައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދާފަ އެވެ. ފަހުން އޭނާ ވަނީ 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ސްރީ ލަންކާ ކޮޅަށް ހަ ގޯލް ޖަހައި އެ ރެކޯޑް މުގުރާލި އެވެ.

އޭނާ އަކީ ސާފް ޗެމްޕިއަންޝިޕުގެ ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. ދަގަނޑޭ 20 ގޯލް ޖަހާފައިވާއިރު އެންމެ ގާތުގައި އޮތް ޗެތުރީ އަށް ޖެހިފައިވަނީ ވެސް 13 ގޯލެވެ.

ރާއްޖޭގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ވެސް ހަދާފައިވާ ދަގަނޑޭ ވަނީ ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަ ފަހަރު ހޯދައިފަ އެވެ. ވެލެންސިއާ، ނިއު ރޭޑިއަންޓް ވީބީ އައްޑޫ އެފްސީ، މާޒިޔާ އަދި ޓީސީ އަދި ގްރީންސްޓްރީޓްސްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވާ ދަގަނޑޭ ވަނީ ބުރުނާއީ އާއި މެލޭޝިއާ ލީގުގައި ކުޅެފަ އެވެ. މީގެ ތެރެއިން މެލޭޝިއާ ޕްރިމިއާ ލީގުގެ ޗެމްޕިއަން ޕީޑީއާރްއެމް އަށް 2014 ގައި ހޯދައިދީ އެ ގައުމުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމް ހާސިލްކޮށްފަ އެވެ.