އަކޫ (ވ) ވެލެންސިއާ އަށް ސޮއިކުރުމަށް ފަހު ވެލެންސިއާގެ އޮފިޝަލް މައުއާ އެކު ފޮޓޯ އަކަށް ހުއްޓިގެން.
16 އޮކްޓޯބަރ 2020 - 14:41
މިދިޔަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އޭނާ ކެރިއަރު ފެށި ކްލަބް ކަމަށްވާ ކްލަބް ވެލެންސިއާ އަށް ބަދަލުވެއްޖެ އެވެ.
ރާއްޖޭން ދެ ފަހަރު ސަރަހައްދުގެ ރަން ތަށި ގެނައި ޓީމުގައި ހިމެނުނު އަކޫ މިދިޔަ ސީޒަނަށް ފަހު ޓީސީ ދޫކޮށްލާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އެއީ ޓީސީން މުސާރަ ނުދޭ މައްސަލައިގަ އެވެ. މިއީ އަކޫ ވެލެންސިއާ އަށް ކުޅޭ ހަތަރު ވަނަ ފަހަރެވެ. އެ ގޮތުން ފުރަތަމަ ވެލެންސިއާ އަށް ކުޅުނީ 2006 ވަނަ އަހަރު އެވެ. ދެ ވަނަ ފަހަރަށް ވެލެންސިއާއާ ގުޅުނީ 2013 ވަނަ އަހަރު އެވެ. އަދި ތިން ވަނަ ފަހަރު 2016 ވަނަ އަހަރު އެ ޓީމަށް ކުޅުނެވެ.
ވެލެންސިއާ އިން ކުރިއަށް އޮތް ސީޒަނަށް މާދަމާ ހަވީރު ޕްރެކްޓިސް ފަށަން ނިންމާފައިވާއިރު، އެ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ މިދިޔަ ސީޒަނުގައި ޓީސީ ބެންޗުން ފެނުނު ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތީ) އެވެ.
އަކޫ ވަނީ 2007 ވަނަ އަހަރު ނިއު އަށް ބަދަލުވެފަ އެވެ. އޭގެ ފަހުން ވަނީ މާޒިޔާ އާއި ވިކްޓަރީ އަދި ވީބީ އައްޑޫ އެފްސީ އަށް ވެސް ކުޅެފަ އެވެ. އަލުން އޭނާ ނިއުއާ 2017 ވަަނަ އަހަރު ގުޅުނީ އޭގެ ކުރިން ވެލެންސިއާ އަށް ވެސް ކުޅުމަށް ފަހު އެވެ. އެއީ 2016 ވަނަ އަހަރުގެ ސީޒަނުގަ އެވެ. އެ ފަހަރު އޭނާ ވަނީ އެ ޓީމާ އެކު އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ރާއްޖޭން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދި ޓީމުގައި ކެޕްޓަނެއްގެ ރޯލު އަކޫ އަދާކުރީ ނިސްބަތުން ޒުވާން ސްކޮޑެއްގެ ތެރޭގަ އެވެ. ޑިފެންސާއި މެދުތެރޭގައި ވެސް ކުޅެވޭ ފެންވަރު ހުރި އަކޫ ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހު 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ސީނިއާ ތިން ކުޅުންތެރިން ތެރޭގައި ހިމެނިގެން ސައުތު އޭޝިއަން ގޭމްސްގައި ކުޅެފަ އެވެ.
އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ކްލަބް ވެލެންސިއާ އިން ތައްޔާރުވަމުން އަންނައިރު މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމުން އިތުރު ކުޅުންތެރިން ގެންދާނެ ކަމަށް ބެލެވެ އެވެ. ވެލެންސިއާއާ ދެން ގުޅުނު ކުޅުންތެރިންގެ ތެރޭގައި ސްޕެއިނުގެ ހަތަރު ވަނަ ޑިވިޝަނުގެ ޔޫޑީ ކެނަލްސް އަށް ކުޅޭ ޒުވާން މިޑްފީލްޑަރު އިސްމާއިލް ޒާން އާމިރު ހިމެނެ އެވެ. މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނުގައި ވެސް ނިސްބަތުން ވަރުގަދަ ޓީމެއް ގޮވައިގެން ވާދަކޮށް އެ މުބާރާތުގެ ތަށި ހޯދި ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިން މި އަހަރު ވެސް ވެލެންސިއާ އިން ފެންނާނެ ކަމަށް ބެލެވެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟާނު
17 October 2020
ކޮވިޑަށް ފީފާއިން ލިބުނު އެހީ ބައްސާމް މިހަރަދު ކުރަނީ ވެލެންސިޔާއަށް
ގުބޯލު މަނިކު
16 October 2020
އަކްރަ މް އާއިއެކު ފޮޓޯގައި އެހުރީކާކުކަން ބުނެދިންނަ މަ ތަންކޮޅެއް ފުރިހަ މަވީސް. އާ ޗެއަރ މަން؟
ދިވެހިން ގެ
16 October 2020
އަހަރުމެން ބުނަމުން އަންނަ ވާހަކަ ތެދު ހަގީގަތައް ވެއްޖެ ، ކޮވިޑް ގެ ތެރޭން އެހީއައްލިބުނު ފައިސާ ތައް ހަރަދު ކުރަނީ ތިކަހަލަ ކަންކަމުގަ ، ގޯހެއްނޫން ނަމަ ނަމަ ބާސްކެޓް ކުޅި ވަރައް އެންމެ ލާރި ފޮއްޗެއް ވެސް ހަރަދަކައް ނުދޭތި ވ ސަލާމް
ބަބުރުލް ސަލީމް
16 October 2020
ރަނގަޅު އެއްޗެއް ލިބޭކޮޅަކަށް ދިޔައީމާ ހުންނާނީ ރަނގަޅަށް. ފުޓުބޯޅައަކީވެސް ވިޔަފާރިއެއް.
ދޫނި
16 October 2020
ބަޔަކު ފުޓްބޯޅަ ކުޅޭތަ މިހާރު.
ސަންޕަ
16 October 2020
ކުރީއަހަރަކު ވަރަށްގިނަ ކުޅުންތެެރިންތަކެއް ސޮއިކުރުވާފަ ފަށަން ނިން މާފަ ރަގަޅަށް ނުފެށިއުޅެނިކޮށް އެބައި މީހުން ކްލަބް ދޫކޮށް ދިޔަ. މިފަހަރު އެހެންނުވާނެކަ މަށް އުއް މީދުކުރަން އަދި ރަގަޅު ކާ މިޔާބަކަށް އެދެން.