އަނެއް ހަރުފަތަށް އަރަން ކްރިކެޓް ސްޓޭޑިއަމް މުހިއްމު: ފައިސަލް

އިންޑިއާގެ ކްރެޑިޓްލައިންގެ ތެރެއިން ހުޅުމާލޭގައި ގާއިމްކުރާ ކްރިކެޓް ސްޓޭޑިއަމް އަކީ ރާއްޖޭގައި ކްރިކެޓާއި ސްޕޯޓްސް ޓޫރިޒަމް ފަދަ ކަންކަމަށް ބަލާއިރު ވަރަށް ބޮޑު ރައުސުލްމާލެއް ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.


އިންޑިއާ އިން ރާއްޖެ އަށް ދޫކުރަން އެއްބަސްވެފައިވާ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ)ގެ ކްރެޑިޓްލައިނުގެ ދަށުން ހުޅުމާލޭގައި ކްރެޑިޓް ސްޓޭޑިއަމް އަޅާތީ އެކަމާ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކުރެ އެވެ. އެކަމަކު ކުޅިވަރުގެ މީހުންގެ ނަޒަރުގައި މި ފަދަ ސްޓޭޑިއަމެއް އޮތުމުގެ ފައިދާ ވެސް ކުޑައެއް ނޫނެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ފައިސަލް ވިދާޅުވީ ކްރިކެޓްގައި ފެންވަރު ރަނގަޅު ސްޓޭޑިއަމެއް އޮތުމަކީ ރާއްޖެ މިހާރު އޮތް ލެވަލުން ކުރިއަށްދާން ބަލާއިރު ވެސް ފަސޭހައެތައް ކަމެއް މަގުފަހިކޮށްދޭނެ ވަސީލަތެއް ކަމަށެވެ.

"މިސާލަކަށް ފުރަތަމަ ކަމަކަށް ބަލަމާ މިހާރު އަޅުގަނޑުމެން ޓާފް ވިކެޓެއްގައެއް ނޫން މި ޓްރެއިނިންތައް ހަދަނީ. ޓާފް ވިކެޓެއްގައި ކުރާނަމަ މި ޖެހެނީ މުބާރާތެއްގެ ކުރިން ރާއްޖޭން ބޭރަށް ގޮސް ޓްރެއިިނިން ކޭމްޕެއް ފުރިހަަމަ ކުރަން. އެއީ ވެސް ހަރަދުވާ ވަރަށް ބައިވަރު ފައިސާ ދަތުރުކުރަން ޖެހޭ ގައުމުތަކުގެ ގޮތުން. އެ ގޮތަށް ބަލާއިރު ރާއްޖޭގައި ޓްރެއިން ކުރެވޭނެ ޓާފް ވިކެޓެއް ލިބޭނެ އިންޑިއާ އިން ދޭ މި ސްޓޭޑިއަމާ އެކު. މި ވެސް ބޮޑު ފަސޭހައެއް،" ފައިސަލް ވިދާޅުވި އެވެ.

ޖިއޮގްރަފިކަލީ ބަލާއިރު ރާއްޖެ މި އޮތީ ބައިނަލްއަގުވާމީ ކްރިކެޓްގެ ވަރުގަދަ ހަބެއްގެ ތެރޭގަ އެވެ. މި ސަރަހައްދުގައި އޮތް ގައުމުތަކަކީ ކްރިކެޓް ވޯލްޑް ކަޕްގައި ގަވާއިދުން ކުޅެމުން އަންނަ ޓީމުތަކެވެ. ރާއްޖޭގައި ކްރިކެޓް ކުރިއަރުވަން މިދިޔަ އަހަރު ވަނީ އިންޑިއާ-މޯލްޑިވްސް ފްރެންޑްޝިޕް ކްރިކެޓް ސީރީސްގެ ނަމުގައި ހަރަކާތްރަކެއް ފަށައިފަ އެވެ. މުސްތަގުބަލުގައި މި ހަރަކާތުގެ ތެެރެއިން ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދަން ވެސް ވަނީ ރާވައިފަ އެވެ.

ފައިސަލް ވިދާޅުވީ އާ ސްޓޭޑިއަމަކީ ރާއްޖޭގައި ސްޕޯޓްސް ޓުއަރިޒަމް އަށް ވެސް ހުޅުވިގެންދާނެ ބޮޑު ދޮރެއް ކަމަށެވެ.

"ދަނޑަކީ އަޅުގަނޑުމެންނަށް ލިބޭ ބޮޑު ރައުސުލްމާލެއް. މިއީ ސްޕޯޓްސް ޓުއަރިޒަމް އަށް ވެސް ހުޅުވޭ ފުރުސަތުތަކެއް. ބޭރުގެ ބައިނަލް އަގުވާމީ ބޮޑެތި މެޗުތައް އެ ދަނޑުގައި ކުޅުމަކީ އޭގަ ފައިދާ ވެސް އަޅުގަނޑުމެންނަށް އެތައް ގޮތަކުން ކުރާނެ ކަމެއް. އަޅުގަނޑުމެން ވެސްޓާން ރީޖަންގައި އޮތްއިރު މި ރީޖަނުގެ ގިނަ މެޗުތަކެއް އެ ދަނޑުގައި ހޯސްޓްކުރަން ވެސް ފުރުސަތު ލިބޭނެ،" ރާއްޖޭން ޗައިނާ އަށް ކަނޑައަޅާފައި ހުރި ސަފީރުކަން ވެސް ކުރައްވާފައިވާ ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަނޑު ނިމެންވާއިރަށް ކްރިކެޓް ބޯޑަށް އޮތް ޒިންމާ އަކީ ރާއްޖޭގެ ކްރިކެޓަށް ފަހި ފުރުސަތުތަކެއް ތަނަވަސްވާ ގޮތަށް ސްޓޭޑިއަމް ބޭނުން ކުރެވޭނެ ގޮތްތަކެއް ޕްލޭން ކުރުން ކަމަށެވެ.

"މީގެ ބޭނުމަކީ އަޅުގަނޑުމެން ދެން އޮތް ލެވަލަށް ދިއުން. ދަނޑު ނިމެންވާއިރަށް ޕްލޭނެއް ތައްޔާރުކޮށްގެން އެ ދަނޑު ސަސްޓެއިންކޮށްގެން މުޅި ކްރިކެޓް ޑިވެލޮޕްކުރަން ބޭނުންވަނީ. އެ ދަނޑުގެ ބޭނުން ވީ އެންމެ ފުރިހަަމަ އަށް ހިފައިފިނަމަ އަޅުގަނޑުމެން ބޭނުންވާ ޓާގެޓްތަކަށް ވާސިލްވެވޭނެ،" ފައިސަލް ވިދާޅުވި އެވެ.

ބައިނަލްއަަގުވާމީ މައިދާތަނަށް ބަލާއިރު ރާއްޖޭގެ ކްރިކެޓް ބޯޑާއި އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އާއި އޭޝިއަން ކްރިކެޓް ކައުސިލް (އޭސީސީ)ގެ ގުޅުން ވެސް ވަރަށް ރަނގަޅެވެ. އައިސީސީގެ ރީޖަނަލް އެސޯސިއޭޓް މެމްބާސް ބޯޑުގައި އޭޝިއާގެ އެސޯސިއޭޓް މެމްބަރުން ތަމްސީލްކުރާ މެމްބަރަކަށް ރާއްޖޭގެ ކްރިކެޓް ބޯޑުގެ ކުރީގެ ރައީސް މުހައްމަދު އަފްލާހް (އަފޫ) ދެ ވަނަ ދައުރަކަށް ވަނީ ދާދި ފަހުން އިންތިހާބުވެވަޑައިގެންފަ އެވެ.

ޕްލޭނަކާ އެކު ފައިސަލް ކްރިކެޓް ބޯޑާ ހަވާލުވެވަޑައިގެންނެވިއިރު އޭނާގެ ބޮޑު ޓާގެޓްތަކުގެ ތެރޭގައި ރާއްޖޭގެ ރޭންކިން ރަނގަޅު ކުރުން ވެސް ހިމެނެ އެވެ. ރޭންކިންގައި މިވަގުތު ރާއްޖޭގެ އޮތީ 74 ވަނައިގަ އެވެ. ފައިސަލްގެ ވިސްނުން ހުރީ ރާއްޖޭގެ ކްރިކެޓް ޑިވެލޮޕްކޮށް އެންމެ ދަށްވެގެން 68 ވަނަ އަށް ގެންދިއުމެވެ. އެކަން ހާސިލްކުރަން މަސައްކަތްކުރާނެ ގޮތުގެ ޕްލޭނެއް ތައްޔާރުކޮށް ވަރަށް އަވަހަށް އަމަލީ މަސައްކަތްތައް ވެސް ފަށަން މިހާރުގެ ލީޑަޝިޕުން އަންނަނީ ތައްޔާރުވަމުންނެވެ.