ގައުމީ ކޯޗާ މެދު ގޮތެއް ނިންމުން އާ އެކްސްކޯއަށް

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓުގެ ކުރިމަގާ މެދު ގޮތެއް ނިންމާނީ އަލަށް ހޮވޭ އެގްޒެކެޓިވް ކޮމިޓީން ކަމަށް ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފި އެވެ.


އެފްއޭއެމުން މިދިޔަ އޮގަސްޓް މަހު ސްޓެވާޓާ ގައުމީ ޓީމު ހަވާލުކުރީ އޭޝިއަން ކަޕް ކޮލިފައިން ޕްލޭއޮފް ދެ މެޗަށެވެ. ޕްލޭއޮފް ދެ ލެގުން ލާއޮސްގެ މައްޗަށް 6-1 އިން ކުރި ހޯދައި ރާއްޖެ ވަނީ ގްރޫޕް ސްޓޭޖަށް ކޮލިފައިވެފަ އެވެ.

އެފްއޭއެމްގެ ސީނިއާ އޮފިޝަލަކު މިއަދު ބުނީ ކޯޗާ ހަވާލުކުރި މަސައްކަތް ނިމިއްޖެ ކަމަށާއި އޭނާ އަށް ދާއިމީ ކޮންޓްރެކްޓެއް ދޭނެތޯ ނިންމާނީ އަންނަ މަހުގެ 20 ވަނަ ދުވަހު ބާއްވާ އިންތިހާބަށް ފަހު ހޮވޭ އެގްޒެކެޓިވް ކޮމިޓީން ކަމަށެވެ.

"ކޯޗުގެ މަސައްކަތް ނިންމާފައި އޭނާ އެނބުރި ގައުމަށް ގޮސްފި. އޭނާ ބަހައްޓާނެތޯ ނުވަތަ ނޫންތޯ ނިންމާނީ އާ ކޮމިޓީން،" އޮފިޝަލް ބުންޏެވެ.

އެފްއޭއެމުން ކުރިން ނިންމާފައި އޮތީ ސްޓެވަޓުގެ މަސައްކަތާ މެދު ހިތްހަމަޖެހޭ ނަމަ އޭނާ އަށް ދާއިމީ ކޮންޓްރެކްޓެއް ދޭ ގޮތަށެވެ. އޭނާގެ އިރުޝާދުގެ ދަށުން ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން ބަންގްލަދޭޝް އަތުން 5-0 އިން މޮޅުވިއިރު ލާއޮސް އަތުން މާލޭގައި މޮޅުވީ 4-0 އިންނެވެ. ރަށުން ބޭރުގައި ލާއޮސްއާ 1-1 އިން އެއްވަރުވީ އެވެ.

ސްޓެވަޓް ހޭދަކުރި ކުރު މުއްދަތުގައި އޭނާ ވަނީ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ރުހުން ހޯދައިފަ އެވެ. އޭނާ އަކީ ފަހަކަށް އައިސް ގައުމީ ޓީމާ ހަވާލުވި ކޯޗުންގެ ތެރެއިން މެޗުގެ ނިސްބަތަށް ބަލާއިރު އެންމެ ކާމިޔާބު ކޯޗެވެ.

ގައުމީ ޓީމުން ދާދި ފަހުން ރިޓަޔާކުރި ގޯލްކީޕަރު އިމްރާން މުހައްމަދު ބުނެފައިވާ ގޮތުގައި ސްޓެވަޓް ވަނީ ކުޅުންތެރިން މޯޓިވޭޓްކޮށް ޓީމަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އޭނާގެ މަސައްކަތް ދިވެހި ފުޓްބޯޅަ އާއިލާ އިން ބަލައިގަންނަ ކަމަށެވެ.

އޮސްޓްރޭލިއާ އަށް އުފަން ސްޓެވަޓް ބުނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗެއްގެ ގޮތުގައި ދެމި ހުންނަން ފުރުސަތު ދީފިނަމަ އަމާޒަކީ 2019 ވަނަ އަހަރު ޔޫއޭއީގައި އޮންނަ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައި ކޮށްދިނުން ކަމަށެވެ.

ސްޓެވާޓަކީ މިދިޔަ ދެ އަހަރު ތެރޭގައި ގައުމީ ޓީމަށް ހަމަޖެއްސި ތިން ވަނަ ކޯޗެވެ. އެންމެ ފުރަތަމަ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ގައުމީ ޓީމު ހަވާލުކުރީ ކުރިން ނިއު ރޭޑިއަންޓަށް ކޯޗުކޮށްދިން ވެލިޒާ ޕޮޕޯފްއާ އެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު އޭނާ ވަކިކުރުމަށް ފަހު ދެން ގެނައީ ނިއު ޒީލެންޑުގެ ރިކީ ހާބަޓް އެވެ. އޭގެ ފަހުން މި އަހަރުގެ ޖޫން މަހު ހާބަޓް ވަކިކޮށް ސްޓެވާޓާ ޓީމު ހަވާލުކުރީ މިދިޔަ އޮގަސްޓް މަހުގަ އެވެ.