ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން ޑިސެމްބަރު 8 ގައި

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ޑިސެމްބަރު އަށް ވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗުން ފަށާ ގޮތަށް ހަމަޖައްސައި އެފްއޭއެމުން ޝެޑިއުލް އާންމުކޮށްފި އެވެ.


އެފްއޭއެމުން އިއްޔެ އާންމުކުރި ޝެޑިއުލްގައިވާ ގޮތުން ޑިސެމްބަރު އަށް ވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗުގައި ކުޅޭނީ މިދިޔަ ސީޒަނުގެ ލީގުގެ ޗެމްޕިއަން މާޒިޔާ އާއި އީގަލްސް އެވެ. އީގަލްސް އިން ފުރަތަމަ ފަހަރަށް ޝީލްޑް މެޗުގައި ކުޅޭއިރު، އެ ޓީމަށް ފުރުސަތު ލިބުނީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ކެންސަލްވުމުން ލީގުގެ ރަނަރަޕްގެ ހައިސިއްޔަތުންނެވެ. ޝީލްޑް މެޗަށް ފަހު ލީގު ފަށަން ތާވަލުކޮށްފައި އޮތީ ޑިސެމްބަރު 13 ވަނަ ދުވަހު އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރު" އަށް ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދައާ އެކު މި މަހު ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ޕްރެކްޓިސް ފެށިއިރު ވެސް ވަނީ ޑިސެމްބަރުގައި ސީޒަން ފަށަން ނިންމާފައި ކަމަށެވެ.

"އެޗްޕީއޭ އަށް އެފްއޭއެމުން ހުށަހެޅި ޕްރޮޕޯސަލްގައި ވެސް ވާނެ ސީޒަން ފަށާނެ ތާރީހު ހިމަނާފައި. އެއާ އެކު ލިބުނު ހުއްދައެއް މިއީ،" ޖަވާ ވިދާޅުވި އެވެ."މި ހުއްދަ އޮތީމަ ޝީޒަނުގެ ޝެޑިއުލް އާންމުކުރީ ހަގީގަތުގައި ޓީމުތަކުގެ ޕްރީ ސީޒަން ޝެޑިއުލް ހަދަން ފަސޭހަ އަކަށް. އެހެންވެ މީޑިއާ އަށް އަދި ޝެޑިއުލް ރަސްމީކޮށް ހިއްސާނުކުރަނީ،"

މި ފަހަރުގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ އަށް ޓީމަކީ މާޒިޔާގެ އިތުރުން ޓީސީ، އީގަލްސް، ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. އެޗްޕީއޭ އިން ހުއްދަ ދިނުމާ އެކީ މިހާތަނަށް ޕްރެކްޓިސް ފެށީ މާޒިޔާ އާއި ވެލެންސިއާ އިންނެވެ. ގިނަ ޓީމުތަކުން ޕްރެކްޓިސް ފަށަން ރާވާފައި އޮތީ އަންނަ މަހު ކުރީކޮޅުގަ އެވެ.

އެފްއޭއެމް އިން ނެރުނު ޝެޑިއުލްގައިވާ ގޮތުން ފުރަަތަމަ ހަތަރު މެޗު:
މާޒިޔާ - ޔުނައިޓެޑް ވިކްޓްރީ (13 ޑިސެމްބަރު، 16:00)
އީގަލްސް - ސަސް (13 ޑިސެމްބަރު، 21:00)
ޓީސީ - ދަ ގްރާންޑޭ (14 ޑިސެމްބަރު، 16:00)
ގްރީން ސްޓްރީޓްސް - ކްލަބް ވެލެންސިއާ (14 ޑިސެމްބަރު، 21:00)

އެފްއޭއެމްގެ ޝެޑިއުލްގައިވާ ގޮތުން ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމޭނީ އަންނަ ޖެނުއަރީ މަހު 22 ވަނަ ދުވަހު އެވެ. ޝެޑިއުލް މިހާރު އޮތްގޮތަށް ބަދަލެއް އަންނާނީ ބައިނަލްއަގުވާމީ މެޗުތަކުގެ ކަލަންޑަރުގެ ދުވަސްތަކަށް ބެލުމަށް ފަހު ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

މި އަަހަރު ޖޫން މަހު ފުޓްބޯޅަ ސީޒަން ފަށަން ރޭވިފައި އޮތް ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އެ ތާރީހުގައި ފެށޭގޮތެއްނުވި އެވެ. ފަހުން މަސައްކަތްކުރީ ލަސްވެގެން މި މަސް ތެރޭ ސީޒަން ފަށާށެވެ. އެކަމަކު ކުރިން ރޭވިފައި އޮތީ މި ދުވަސްވަރު އޭއެފްސީ ކަޕާއި ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތައް ކުޅެން ކަމަށްވުމުން އޭރު ވެސް ވަގުތީ ތާރީހަކަށް ބެލީ ޑިސެމްބަރަށެވެ. އެންމެ ފަހުން އެޗްޕީއޭގެ ހުއްދަ ލިބުމާ އެކު ޓީމުތަކުން ޕްރެކްޓިސް ފަށައިގެން މިހާރު އަމާޒުހިފާފައިވަނީ ހުރިހާ ކަމެއް ރަނގަޅަށް ގޮސްފިނަމަ އަންނަ ޑިސެމްބަރުގައި ސީޒަން ފަށާށެވެ.

މިއީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ޖޫން މަހު ފަށައިގެން ޖެހިގެން އަންނަ އަހަރު މާޗާ ހަމައަށް ކުރިއަށްދާ ގޮތަށް ބަދަލުކޮށް ފޯމެޓެް ހަދައިގެން މިދިޔަ އަހަރު ގެނައި ބަދަލާ އެކު ސީޒަން ކުރިއަށްދާ ދެ ވަނަ ފަހަރެވެ. މިދިޔަ ސީޒަނުގައި ގައުމީ ޓީމާއި ގޭމްސްތަކަށް ފުރުސަތު ދޭން ވެގެން ސީޒަނުގައި ބޮޑެތި ބްރޭކްތަކެއް ގެންނަން ޖެހި އެންމެ ފަހުން ކޮވިޑް-19ގެ ހާލަތު ވެސް މެދުވެރިވުމުން ސީޒަން ފުރިހަމަ ނުކުރެވުނެވެ. އެކަމަކު އެފްއޭއެމުން ބުނީ މި ފެށޭ ސީޒަންގެ ކަަލަންޑަރު އެކުލަވާލާނީ ހުރިހާ މުބާރާތެއް ފުރިހަމަކުރެވޭ ގޮތަށް ހުރިހާ ކަމަކަށް ތައްޔާރުވެގެން ކަމަށެވެ.

އެފްއޭއެމުން މި އަހަރު ކުރީކޮޅުގައި ބުނެފައިވަނީ އަންނަ ސީޒަނުގެ މެޗުތައް ދެ ދަނޑެއްގައި ކުޅެން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން އޭރު ވާހަކަ ދެކެވުނީ ގަލޮޅު ދަނޑުގެ އިތުރުން ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި އޮތް ވިނަގަނޑު ތަރައްގީކޮށް އެ ދަނޑުގައި މެޗުތައް ކުޅޭށެވެ. އެކަމަކު ކޮވިޑް-19 އާ ހެދި ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ވިސްނުމާ އެކު ހުޅުމާލޭ އެ ދަނޑުގެ މަސައްކަތް ނުކުރެވުނެވެ.