މިދިޔަ ސީޒަނުގެ މެޗެއްގެ ތެރެއިން ފޯކައިދޫ ކީޕަރު ސާގިބް ބޯޅައެއް ސޭވްކުރަނީ: މި ސީޒަނުގައި އޭނާ ފެންނާނީ ގްރީން ސްޓްރީޓްސް އިން.--- ފޮޓޯ: މިހާރު ފައިލް ފޮޓޯ
23 އޮކްޓޯބަރ 2020
އަންނަ ސީޒަނުން ފެށިގެން ބިދޭސީ ގޯލްކީޕަރުން ރާއްޖޭގެ ޓީމުތަކަށް ނުގެނެވޭ ގޮތަށް ނިންމާފައިވާ ނިންމުން ކްލަބްތަކުން ބޭނުންވެގެން ބަދަލުކޮށް ކުރިއަށް އޮތް ސީޒަނުގައި ބިދޭސީ ކީޕަރުން ބޭނުންކުރެވޭ ގޮތަށް ވަގުތީ ހުއްދައެއް ދީފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
ދިވެހި ކީޕަރުންނަށް ފުރުސަތު އިތުރުކުރުމުގެ ގޮތުން އެފްއޭއެމުން އެންމެ ފުރަތަމަ ވަނީ 2020 ވަނަ އަހަރުން ފެށިގެން ބިދޭސީ ކީޕަރުން ނުގެނެވޭގޮތަށް ހަދަން ނިންމައިފަ އެވެ. އެކަމަކު މިދިޔަ ސީޒަން ޖޫން މަހު ފަށަން ނިމުމާ އެކު، އެ ސީޒަން ކުރިއަށްދާނީ މި އަހަރުގެ ކުރީކޮޅާ އެއްކޮށް ކަަމަށްވާތީ ބިދޭސީ ކީޕަރުން ނުގެނެވޭ ގަވާއިދަށް އަމަލުކުރަން ފަށާނީ 2020/2021 ވަނަ ސީޒަނުން ފަށައިގެން ކަމަށް އެފްއޭއެމުން ވަނީ ކުރިން ބުނެފަ އެވެ.
އެކަމަކު ކޮވިޑް-19ގެ ސަބަބުން ދިމާވި ކަންތައްތަކާ ގުޅިގެން ކްލަބްތަކުން ބޭނުންނަމަ ބިދޭސީ ކީޕަރުން ގެނެވޭ ގޮތަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް މީގެ ކުރިން ވެސް އެފްއޭއެމުން ވަނީ ބުނެފަ އެވެ. އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އިއްޔެ "މިހާރު" އަށް ވިދާޅުވީ އަންނަ ސީޒަނުގައި ބިދޭސީ ކީޕަރުން ޓީމުތަކުގައި ކުޅެވޭނެ ކަމަށެވެ.
"މިހާރު އޮތްގޮތުން ހަމައެކަނި ކުރިއަށް އޮތް ސީޒަނަށް ހުއްދަދީފައި މި އޮތީ. ކުރިއަށް އޮތް ސީޒަނުގެ ތެރޭގައި މިކަން އަޅުގަނޑުމެން ރިވިއުކުރާނަން،" ޖަވާ ވިދާޅުވި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ގިނަ ކްލަބްތަކުން މިހާރު އަންނަނީ ބިދޭސީ ކީޕަރުންނާ އެކު މަޝްވަރާ ކުރަމުންނެވެ. އަދި ބައެއް ކްލަބްތަކުން ވަނީ ކީޕަރުންނާ އެކު އެއްބަސްވުމަކަށް ވެސް އައިސްފަ އެވެ. ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަށް ޓީމުގެ ތެރެއިން ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ގިނަ ޓީމުތަކުގެ ގޯލުން އަންނަ ސީޒަނުގައި ވެސް ފެންނާނީ ބިދޭސީ ކީޕަރުންނަށް ވުމުގެ ފުރުސަތު ބޮޑެވެ.
މިހާތަނަށް ކޮންޓްރެކްޓް ހަދާފައިވާ ބިދޭސީ ކީޕަރަކީ ދާދި ފަހުން ގްރީން ސްޓްރީޓްސް އަށް ސޮއިކުރި ޕާކިސްތާންގެ ކީޕަރު ހަނީފް ސާގިބް އެވެ. އޭނާ ވަނީ ރާއްޖޭގެ ގިނަ ޓީމުތަކަށް ކުޅެފަ އެވެ. އޭގެ ތެރޭގައި ބީޖީ ސްޕޯޓްސް ކްލަބާއި ށ. ފޯކައިދޫ ފުޓްބޯޅަ ޓީމާއި އއ. މާޅޮސް އަދި ޓީސީ ސްޕޯޓްސް ކްލަބް ހިމެނެ އެވެ.
ބިދޭސީ ގޯލްކީޕަރުން ދެން ފެންނާނެ ކަމަށް ބެލެވޭ ޓީމުތަކުގެ ތެރޭގައި މާޒިޔާ، ޓީސީ، އީގަލްސް އަދި ޔުނައިޓެޑް ވިކްޓްރީ ހިމެނެ އެވެ.
ފުރަތަމަ ޑިވިޝަނުގެ ގިނަ ކޯޗުން ދެކޭ ގޮތުގައި ބިދޭސީ ކީޕަރުން ނުގެނެވޭ ގޮތް ހެދުމުގެ ކުރިން ދުރުރާސްތާ ޕްލޭނެއް ހަދައި އެކަމަށް ތައްޔާރުވާން ޖެހެ އެވެ. އެއީ އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ގިނަ އަދަދެއްގެ ގޯލްކީޕަރުން ތަމްރީނު ކުރުމުގެ ވަގުތު ނަގާނެތީ އެވެ. އެގޮތުން ހަތަރެއް ނޫނީ ފަސް އަހަރު ދީފައި މި ފަދަ ގަވައިދެއް ހަދައިފިނަމަ އޭގެ ފައިދާ ޖުމްލަކޮށް ބަލާއިރު ޓީމުތަކަށް ބޮޑަށް ކުރާނެ ކަމަށް ގިނަ ކޯޗުން ގަބޫލުކުރެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް