ހަސަންގެ އިސްލާހަށް ފާޑުކިޔުން އަމާޒުވެއްޖެ

ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ސްޕޯޓްސް މިނިސްޓަރު ހަސަން ލަތީފް ކުޅިވަރާ ބެހޭ ގާނޫނަށް ހުށަަހަޅުއްވާ އިސްލާހުގެ ތެރޭގައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި ކުޅިވަރު ޖަމިއްޔާތަކުގެ އިންތިހާބު ބާއްވާނީ އިލެކްޝަން ކޮމިޝަނުން ކަމަށް ހިމަނުންވާފައިވާތީ އެކަމާ މެދު ކުޅިވަރުގެ ބައެއް އިސްވެރިން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.


ދާދި ފަހުން ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ރާއްޖެ ޓީވީ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުގެ މެޖޯރިޓީ އޮވެގެން 2015 ވަނަ އަހަރު ފާސްކުރި ގާނޫނު އިސްލާހުކުރުމަކީ، 2018 ގެ އިންތިހާބުގެ ކުރިން އެމްޑީޕީން ވަރަށް ބޮޑަށް ދެއްކި ވާހަކައެއް ކަމަށާއި ރައީސް އޮފީހުން ޝާއިއުކޮށްފައިވާ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައިވާ ގޮތުން 2019 ވަނަ އަހަރުގެ ނިޔަލަށް އެކަންކުރަން ޖެހޭ ކަމަށެވެ. އަދި އެކަން މިހާތަނަށް ވެސް ނުކޮށް އޮތީ ރޭވުމެއްގެ ދަށުން ސަރުކާރުން ކުޅިވަރަށް ނުފޫޒު ފޯރުވަން ކަމަށް ވިދާޅުވި އެވެ.

ހަސަން މިއަދު ހުށަހެޅުއްވި އިސްލާހުގައި ބަޔާންކޮށްފައިވަނީ ކުޅިވަރުގެ އިންތިހާބުތައް އިންސާފުވެރިކޮށް ދެފުށްފެންނަ އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން ހިންގޭ އިންތިހާބުތަކެއްގެ ގޮތުގައި ހެދުމަށް މުހިއްމު ބަދަލެއް ގެންނަން ޖެހޭ ކަމަށެވެ.

މި އަހަރު ބޭއްވި ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އިންތިހާބުގެ ތެރެއިން: ހަސަން ހުށަހެޅި އިސްލާހުގައިވާ ގޮތުން ކުޅިވަރުގެ އިންތިހާބުތައް ވެސް ބާއްވާނީ އިލެކްޝަން ކޮމިޝަނުން.- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

"...އިންތިހާބުތަކާ ބެހޭ އެންމެހާ ކަންކަން އިންތިޒާމްކުރާނީ އިލެކްޝަން ކޮމިޝަނުންނެވެ. އަދި އެ އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ބޭނުންވާ އެންމެހާ ލިޔެކިޔުމާއި އެހެނިހެން ވަސީލަތްތައް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކުން އިލެކްޝަން ކޮމިޝަނަށް ފޯރުކޮށްދޭންވާނެ އެވެ،" ހަސަން ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.

ހަސަން ހުށަހެޅުއްވި އިސްލާހާ ގުޅިގެން ދައުލަތުގެ ބަޖެޓުން ކުރަން ޖެހޭ ހަރަދެއްގެ ގޮތުގައި ކޮސްޓް އެސްޓިމޭޓެއް ވަނީ ކަނޑައަޅައިފަ އެވެ. އެ ގޮތުން އިލެކްޝަން ކޮމިޝަން މެދުވެރިކޮށް ކުޅިވަރުގެ އިންތިހާބުތައް ބޭއްވުމަށް ކޮންމެ ހަތަރު އަހަރުން އެއް ފަހަރު ދެ ލައްކަ ރުފިޔާގެ ހަރަދެއް ހިނގާނެކަމަށް ވަނީ ހިމަނައިފަ އެވެ.

އެސޯސިއޭޝަންތަކުގެ ހިންގާ ގަވާއިދާއި ބައިނަލްއަގުވާމީ ފެޑެރޭޝަންތަކުގެ ގަވާއިދާ ފުށުއެރުންތަކެއް

ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތައް މިހާތަނަށް ބާއްވަމުން އަންނަނީ އެ އެސޯސިއޭޝަނެއްގެ ހިންގާ ކޮމިޓީން ކަނޑައަޅާ އިލެކްޓޯރިއަލް ކޮމިޓީއެއް މެދުވެރިކޮށެވެ. އިލެކްޓޯރިއަލް ކޮމިޓީން ކުރާ ހުރިހާ ކަމެއް ބައިނަލްއަގުވާމީ ފެޑެރޭޝަންތަކުންނާއި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން ވެސް މޮނިޓާކުރެ އެވެ. އެގޮތަށް އޮންނަ އެންމެ ބޮޑު ސަބަބަކީ ތިން ވަނަ ފަރާތެއްގެ ނުފޫޒެއް ނުވަންނަ ގޮތަށް ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމެވެ.

ކުޅިވަރު އެސޯސިއޭޝަނެއްގެ އިސް މީހަކު "މިހާރު" އަށް ވިދާޅުވީ ހަސަން ހުށަހަޅުއްވާފައިވާ އިސްލާހުގައި ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބު އިލެކްޝަން ކޮމިޝަން ދަށަށް ގެންދާ ގޮތަށް ހިމަނާފައި އޮތުމަކީ ބައިނަލްއަގުވާމީ ގޮތުން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތައް އެފިލިއޭޓްވެފައިވާ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ރޫހާ ހިލާފު ކަމެކެވެ.

"އިލެކްޝަން ކޮމިޝަން ދަށަށް ކުޅިވަރު އެސޯސިއޭޝަންގެ އިންތިހާބުތައް ދިއުމަކީ ރާއްޖޭގެ ކުޅިވަރު އަނދަވަޅަކަށް ގެންދިއުން. ތިން ވަނަ ފަރާތެއްގެ ނުފޫޒެއް ކުޅިވަރު ތެރެއަށް ނުވަންނަ ގޮތަށް އަމަލުތައް ބަހައްޓަން އޮންނައިރު އިލެކްޝަން ކޮމިޝަނަކީ ކޮންމެ ގޮތެއް ވިޔަސް ކުޅިވަރުގެ ބޮޑީއެއް ނޫންކަން އެނބަ އެނގޭ. އެހެންވީމަ މީގައި ކުޅިވަރަށް ހެޔޮ ބަދަލެއް ގެންނަނަމަ ކުޅިވަރުގެ ގާނޫނު އިސްލާހު ކުރައްވާނީ ކުޅިވަރަށް ފައިދާވާ ގޮތަށް. މިހާރު އެ އޮތް އިސްލާހުގައި އެ އޮތްގޮތަށް ފާސްވެ ކުޅިވަރު އެސޯސިއޭޝަންގެ އިންތިހާބެއް އިލެކްޝަން ކޮމިޝަނުން ބާއްވައިފިނަމަ ރާއްޖޭގެ އެތައް ކުޅިވަރެއް ސަސްޕެންޑްވާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަސަންގެ އިސްލާހުގައި ރަނގަޅު ކަންތައްތަކެއް ވެސް އެބަހުރި ކަމަށާއި އެކަމަކު އެސޯސިއޭޝަންތަކުގެ އިންތިހާބާ ގުޅޭގޮތުން އެ އޮތް ބައި ބަދަލުކުރުން ވަރަށް މުހިއްމު ކަމަށެވެ.

ކުޅިވަރު އެސޯސިއޭޝަންތަކާއި ކްލަބް ޖަމިއްޔާތަކުގެ އިންތިހާބުތައް އިލެކްޝަން ކޮމިޝަން ދަށަށް ގެންދިއުމަކީ ޑިމޮކްރަސީކަމަށް ދެކުމާ ދެކޮޅަށް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގް (މަރޭ) ވެސް ވަނީ ވިދާޅުވެފަ އެވެ.

"ސިޔާސީ ޕާޓީގެ އެތެރޭ އިންތިހާބު ބަލަހައްޓަން އިލެކްޝަން ކޮމިޝަން އަށް ފުރުސަތު ނުދޭން ގަދައަޅައި މަސައްކަތްކަތް ކުރި މީހުން މިއަދު ބޭނުންވަނީ ނެޝަނަލް އެސޯސިއޭޝަންތަކާއި ދެހާހެއްހާ ކްލަބް ޖަމިއްޔާގެ އިންތިހާބު އިލެކްޝަން ކޮމިޝަނުން ބަލަހައްޓަން،" މަރުޒޫގު އޭނާގެ ރަސްމީ ފޭސްބުކްގައި ލިޔުއްވި އެެވެ.

ހަސަން ލަތީފްގެ ބައެއް އިސްލާހުން ރާއްޖެ ގިނަ ކުޅިވަރުތަކުން ސަސްޕެންޑްކުރާނެ - މިނިސްޓަރު މަހުލޫފް

ކުޅިވަރު ގާނޫނުގައި އިސްލާހު ގެންނަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ގަބޫލުކުރާ ކަމަށާއި ސްޕޯޓްސް އާބިޓްރޭޝަން ފަދަ ކަންކަމުގައި މުހިއްމު ބަދަލުތަކެއް ގެނެސް ކުޅިވަރުގެ ރޫހު ތެރެއިން ކަންކަން ފުރިހަމަކޮށް ކުޅިވަރުގެ މައްސަލަތައް ޝަރުއީ ކޯޓާ ހަމައަށް ދާން ނުޖެހޭ ގޮތްވުން ވެސް މުހިއްމުކަމަށް ކުޅިވަރުގެ ފަރާތްތަކުން ގަބޫލުކުރެ އެވެ.

ހުޅުމާލޭގެ ބީޗްވޮލީ ކޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި (ކ-ވ) ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ބީޗް ވޮލީ ކުޅުންތެރިޔާ ޝިއުނާޒް، ސްޕޯޓްސް މިނިސްޓަރު މަހުލޫފް --. ފޮޓޯ ނިޝާން އަލީ/މިހާރު
ރައީސް ނަޝީދު އާއި މިނިސްޓަރު މަހުލޫފްގެ ވިސްނުން

ހަސަން ހުށަހެޅުއްވި އިސްލާހަށް ތާއީދުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓުގައި ފާހަގަކުރައްވާފައިވާ މައިގަނޑު ކަމަކީ ކުޅިވަރުގެ މުއައްސަސާތައް ޑިމޮކްރަޓައިޒްކުރުމުގެ ވިސްނުން މުހިއްމުކަމެވެ. މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން އެކަން ހާސިލްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓް.

"ކުޅިވަރާއި ކުޅިވަރު ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް އޮތުން ބޭނުންތެރި. ހަސަން ލަތީފްގެ ބިލުން މިކަންކަން ހާސިލްވާނެ،" ނަޝީދު ޓްވީޓްކުރެއްވި އެވެ.

ހަސަންގެ އިސްލާހުގައި ހިމެނޭ އެހެން ބަޔަކަށް ބަލާއިރު، ކުޅިވަރާ ބެހޭ މިނިސްޓަރުގެ ބާރާއި މަސްއޫލިއްޔަތު ކަނޑައެޅުން ހިމެނެ އެވެ. މީގެ ތެރެއިން އެންމެ ބޮޑު ކަމެއްގެ ގޮތުގައި ހުށަހަޅުއްވާފައިވާ އިސްލާހަކީ ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ލިބިދޭ ބާރުތަކުގެ ބޭނުން ހިފާ ގޮތާއި ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތުގެ އުސޫލު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ކަނޑައަޅާތޯ މިނިސްޓަރު ބައްލަވަން ޖެހެ އެވެ.

ހަސަން ހުށަހެޅުއްވި އިސްލާހާ ގުޅިގެން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯއާ އެއްގޮތަށް ކުޅިވަރު ސިޔާސީ ނުކޮށް ދަނީ ކުރިއަށް ކަމަށާއި މިހާރު ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން އެސޯސިއޭޝަންގެ އިންތިހާބުތައް ކުރިއަށްގެންދަން ރޭވިފައި އެ އޮތީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.

"އެސޯސިއޭޝަންތަކުގެ އިންތިހާބު ހިނގަނީ ޑިމޮކްރަޓިކްކޮށް. ރާއްޖޭގެ ގާނޫނު/ އިންޓަނޭޝަނަލް ފެޑެރޭޝަންތަކުގެ ގަވާއިދުތަކާ އެއްގޮތަށް. ހަސަން ލަތީފްގެ ބައެއް އިސްލާހުން ރާއްޖެ ގިނަ ކުޅިވަރުތަކުން ސަސްޕެންޑްކުރާނެ،" މިނިސްޓަރު ކުރެއްވި ޓްވީޓްގައިވެ އެވެ.

މިނިސްޓަރު މަހުލޫފް ކުރެއްވި ޓްވީޓް.

ރާއްޖެ ޓީވީ ޕްރޮގްރާމްގައި މީގެ ކުރިން ހަސަން ވިދާޅުވީ ސަރުކާރުގެ ވައުދަކީ ކުޅިވަރުގެ ގާނޫނު އިސްލާހުކުރުމަށް ފަހު ކުޅިވަރާ ބެހޭ ގައުމީ ސިޔާސަތެއް އެކުލަވާލުން ކަމަށެވެ. އެހެންވެ ކުޅިވަރުގެ ގާނޫނު އިސްހާހުކުރުމަކީ، ކުޅިވަރުގެ ގައުމީ ސިޔާސަތެއް އެކުލަވާލުމަށްޓަކައި ވަރަށް މުހިއްމުވެފައި އޮތްކަމެއްކަން ހަސަން ފާހަގަކުރެއްވި އެވެ. އޭގެ ތެރެއިން އެއް ކަމަކީ މިހާރު އޮތް ކުޅިވަރުގެ އޮނިގަނޑުން އެއަށް ވުރެ ބޮޑަށް ހަރުދަނާކުރުން ކަމަށާއި އޮނިގަނޑުގައިވާ އެހެން މުއައްސަސާތައް ކަމަށްވާ ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހާއި ސްޕޯޓްސް މިނިސްޓްރީ އާއި ސްޕޯޓްސް ކޯޕަރޭޝަން ސްޕޯޓްސް އިންސްޓިޓިއުޓްގެ މަސައްކަތްތަކާ ސްޕޯޓްސް ކައުންސިލްގެ ދައުރު ކިހާ ވަރަކަށްތޯ ފުށުއަރަނީ ބެލުން ވެސް ހިމެނޭ ކަމަށް ހަސަން ވިދާޅުވި އެވެ.

އިސްލާހުގައިވާ ބައެއް ރަނގަޅު ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ކުޅިވަރު ޖަމިއްޔާތަކާއި ކްލަބްތައް ހިނގަނީ ހެދިފައިވާ އަސާސީ ގަވާއިދުތަކާ އެއްގޮތަށްތޯ މިހާރަށް ވުރެން ބޮޑަށް ފާރަވެރިވުމާއި ކުޅިވަރު ގާނޫނުގެ ތެރެއިން ސްޕޯޓްސް ކޯޕަރޭޝަނަށް ލިބޭ ބާރުތައްދީ އެ މުއައްސަސާ ވީ އެންމެ ފުރިހަމަ އަށް ހިންގޭނެ މަގު ތަނަވަސްކޮށްދިނުން ހިމެނެ އެވެ.