ކުޅިވަރު ގާނޫނު: ޝާހުގެ ވިސްނުމާއި ކުވޭތުން މިސާލެއް

ކުރީގެ ސްޕޯޓްސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުޅިވަރާ ބެހޭ ގާނޫނަށް ހުށަަހަޅުއްވާފައިވާ އިސްލާހުގެ ތެރޭގައި ހުރި ގިނަ ކަންތައްތަކާ ބެހޭގޮތުން ކުޅިވަރުގެ އެކި މީހުން އަންނަނީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުންނެވެ. ހުށަހެޅިފައިވާ އިސްލާހުގައި ހުރި ކަންތައްތަކާ ބެހޭގޮތުން ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެއް ވަނަ ފޯވާޑް ޝާހު އިސްމާއިލް ވަނީ އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓު މެދުވެރިކޮށް ނުކުތާތަކެއް ފާހަގަކޮށްފަ އެވެ.


ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ހުށަހެޅުއްވި އިސްލާހުތަކުގެ ތެރެއިން އެންމެ ގިނަ ބަޔެއްގެ ލޯ އަމާޒުވި ކަމަކީ ކުޅިވަރުގެ އިންތިހާބުތައް އިންސާފުވެރިކޮށް ދެ ފުށް ފެންނަ އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން ހިންގޭ އިންތިހާބުތަކެއްގެ ގޮތުގައި ހެދުމަށްޓަކައި ކަމަށް ފާހަގަކޮށް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި ކުޅިވަރު ޖަމިއްޔާތަކުގެ އިންތިހާބު ބާއްވާނީ އިލެކްޝަން ކޮމިޝަނުން ކަމަށް ހިމަނާފައިވާތީ އެވެ. އެކަމަކު ކުޅިވަރުގެ ގިނަ ފަރާތްތަކުން ފާހަގަކުރާގޮތުގައި މިއީ ރާއްޖޭގެ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ބައިވެރިވެފައިވާ އިންޓަނޭޝަނަލް ފެޑެރޭޝަނުގެ އުސޫލާ ހިލާފުކަމެކެވެ.

އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީގެ ޝާހު ވިދާޅުވީ ގައުމީ ކުޅިވަރު ޖަމްއިއްޔާތަކުގެ އިންތިހާބުތައް ކުރިއަށް ގެންދަން ލާޒިމްކޮށްފައިވަނީ އެ ކުޅިވަރެއް ނިސްބަތްވާ ބައިނަލްއަގްވާމީ ފެޑަރޭޝަންގެ ސްޓޭންޑާޑް ސްޓެޓިއުޓްސް (އަސާސީ ގަވާއިދު) ގައި ކަނޑައަޅާފައިވާ މިންގަނޑާއި އުސޫލާއި އެއްގޮތަކަމަށްވާތީވެ، ބަޔާންކުރެވުނު އުސޫލާއި ފުށުނާރާހެން އިންތިހާބީ އުސޫލުތައް ގާނޫނުން ކަނޑައެޅިދާނެ ކަމަށެވެ. އެކަމަކު އޭގެ މާނަ އަކީ ކުޅިވަރު އެސޯސިއޭޝަން އިންތިހާބު އިލެކްޝަން ކޮމިޝަންގެ ބެލުމުގެ ދަށަށް ގެންދިއުން ނޫން ކަމަށާއި އެ ގޮތަށް އެކަންތައް ކުރިން އެއީ އުސޫލާ ހިލާފުކަމެއް ކަމަށް ޝާހު ފާހަގަކުރެއްވި އެވެ.

"ދާދި ފަހުން ކުވެއިތު ފުޓްބޯޅަ އެސޯސިއޭޝަން ފީފާއިން ސަސްޕެންޑްކޮށްފައިވަނީ މިފަދަ ގޮތަކަށް ކުވެއިތުގެ ކުޅިވަރު ގާނޫނު އެކުލަވާލުމާއި ގުޅިގެން ކުރިމަތިވި މައްސަލަތަކާއި ހެދި. އެންމެފަހުން ކުވެއިތްގެ ސަސްޕެންޝަން އުވާލެވިފައިވަނީ އެގާނޫނު ފީފާ އިން ބަޔާންކުރާ މިންގަނޑާއި ފުށުނާރާނެހެން އިސްލާހު ކުރުމުން،" ޝާހު އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.

ސަރުކާރުތަކުން ކުޅިވަރާ ގުޅުން ހުރި ކަންކަމުގައި ނުފޫޒު ފޯރުވާތީ މިދިޔަ އަހަރުތަކުގައި ވަނީ ކުވޭތުގެ އިތުރުން އިންޑޮނޭސިއާ ވެސް ސަސްޕެންޑްކޮށްފަ އެވެ. ކުވޭތުގެ ސަަސްޕެންޝަނަށް ބޮޑަށް ބަލަން ޖެހެނީ އެ ސަސްޕެންޝަން އައީ ބައިނަލްއަގުވާމީ ފެޑެރޭޝަންތަކުގެ އަސަސީ ގަވާއިދާ ފުށުއަރާ ގޮތަށް ކުވޭތު ސަރުކާރުން ވެސް ބޭނުންވާތީ އެ ގައުމުގެ ކުޅިވަރު ގާނޫނު އިސްލާހު ކުރަން އުޅުމުންނެވެ.

ކުރީ ސަރުކާރުގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ވެސް ކުރިން ހުންނެވި އަދި ސްޕޯޓްސް ކައުންސިލްގައި ވެސް މަސައްކަތްކުރި ޝާހު ވިދާޅުވީ ބައިނަލްއަގްވާމީ ފެޑެރޭޝަންގެ މެމްބަރަކަށް އެދި ހުށައަޅާ ފަރާތްތައް ޤާނޫނީގޮތުން އެކުލެވިގެންވަނީ އެފަރާތުން ނިންމާ ނިންމުންތައް މިނިވަން އަދި މުސްތަގިއްލުކަންމަތީ އެއްވެސް ނުފޫޒަކާއިނުލާ ކަންކަން ނިންމޭގޮތަކަށްކަން ބަޔާންކޮށް އިގުރާރުވާންޖެހޭ ކަމަށެވެ. އަދި އެއަށް ފަހު ބައިނަލްއަގްވާމީ ފެޑަރޭޝަނަކަށް ނިސްބަތްވާ ކޮންމެ ގައުމީ މެމްބަރު އެސޯސިއޭޝަނެއްގައި ވެސް އިލެކްޓޮރަލް ކޯޑެއް އޮންނަން ލާޒިމްކުރާ ކަމަށާއި އެއީ އިލެކްޝަން ކޮމިޝަނެއް ނޫން ކަމަށެވެ.

"ދިވެހި ދައުލަތުގެ އިލެކްޝަން ކޮމިޝަނުން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބާއި ގުޅުން ހުރި އެންމެހާ ކަންކަން ކުރިއަށް ގެންދިއުމަށް ގާނޫނަކުން ކަނޑައެޅުމަކީ އެ ކުޅިވަރު އެސޯސިއޭޝަނެއްގެ އޮޓަނަމީއަށް ހުރަސްއެޅި މަސްލަހަތު ފުށުއަރާ އަދި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާއި ހިލާފު ކަމެއްކަން ފާހަގަ ކުރެވޭ،" ޝާހު ލިޔުއްވާފައިވެ އެވެ.

މިހާރު ހުށަހަޅާފައިވާ ގޮތަށް ކުޅިވަރު ގާނޫނު އިސްލާހުވެގެން ގޮސްފިނަމަ ގިނަ ކުޅިވަރުތަކަކުން ރާއްޖެ ސަސްޕެންޑްވާނެކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ވަނީ ވިދާޅުވެފަ އެވެ.

ޝާހު ދެން ފާހަަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ކުޅިވަރު ގާނޫނު 2015 ވަނަ އަަަހަރު ވުޖޫދުވި ފަހުން އަތް ދޫވެފައި އޮތް ބައެއް ކަންތައްތައް ހިމެނެ އެވެ. އޭގެ ތެރޭގައި ކުޅިވަރުގައި ޖެހޭ މައްސަލަތަކާއި ހިޔާލު ތަފާތުވުންތައް ހައްލުކުރަން ދާން ޖެހޭ ސްޕޯޓްސް ޓްރިބިއުނަލް އާއި ކުޅިވަރުގެ އެންމެން އަމަލުކުރަންޖެހޭ ޑިސިޕްލިނަރީ ކޯޑެއް ގާއިމުވެފައިނެތްކަން ހިމެނެ އެވެ. މިހާތަނަށް އައިއިރު ކުޅިވަރު އެސޯސިއޭޝަންތަކުގެ މައްސަލަތައް ހިފައިގެން ޝަރުއީ ކޯޓަށް ދާން ޖެހޭ ފަހަރުތަކެއް އައިސްފައިވަނީ މި ކަންތައްތައް ކުޅިވަރު ގާނޫނުގައި ފުރިހަމަވެފައި ނެތުމުން ކަމަށް އޭނާ ދެކެ އެވެ.

2015 ވަނަ އަހަރު އެފްއޭއެމްގެ އަސާސީ ގަވާއިދު ފީފާގެ ސްޓެޓިއުޓްސް އަށް އަހުލުވެރިކުރަން ބޭއްވި ބައްދަލުވުމުގެ ތެރެއިން ޝާހު.-- ފޮޓޯ: އެފްއޭއެމް

ކުޅިވަރު ގާނޫނުގެ ތެރެއިން ސްޕޯޓްސް ކޮމިޝަނަރެއްގެ މަސައްކަތް ފެށިގެންދިޔައިރު މިހާތަނަށް ރަސްމީކޮށް ތިން ސްޕޯޓްސް ކޮމިޝަނަރެއްގެ ދައުރު ވަނީ ފެނިގެންގޮސްފަ އެވެ. މީގެ ކުރިން މަސައްކަތްކުރި ބައެއް ސްޕޯޓްސް ކޮމިޝަނަރުން ވެސް ވަނީ ކުޅިވަރު ގާނޫނަށް ގެންނަން ޖެހޭ ބައެއް އިސްލާހުތައް އެބަހުރި ކަމަށާއި އެކަންކަން ފުރިހަމަވެގެން ނޫނީ ބޭނުންވާ އެންމެ ރަނގަޅު އުސޫލުގެ ތެރެއިން ކުޅިވަރަށް ރަނގަޅު ބަދަލެއް ނުގެނެވޭނެކަން ފާހަގަކޮށްފަ އެވެ.

މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ތެރޭގައި ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ބާރުތަކެއް ލިބޭ ގޮތަށް ވަނީ ހިމަނައިފަ އެވެ.

ޝާހު ވިދާޅުވީ ކޮމިޝަނާ އޮފް ސްޕޯޓްސް އަކީ ކުޅިވަރު ގާނޫނުގެ ދަށުން ރަޖިސްޓްރީކުރެވޭ ކްލަބް ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތްކަމާއި އަދި ގާނޫނުގައި ބަޔާންކުރާ އެންމެހާ ކަންކަން ތަންފީޒުކުރުމަށް ޕްރޮވިޝަނަލީ ފިޔަވަޅު އެޅުމަށް ކަނޑައެޅޭ ފަރާތެއް ކަމަށެވެ. އެކަމަކު އެއީ އެއްވެސް ސިފައެއްގައި މައްސަލަތައް ބަލައި ވަކިވަކި އިދާރާތަކާއި ފަރުދުންނަށް ފިޔަވަޅުއަޅަން، ޖުޑިޝަލް ބޮޑީއެއްގެ ޒިންމާ އަދާކުރަން ކަނޑައެޅޭފަރާތެއްކަމަށް ހެދުމަކީ އިންޓަރނޭޝަނަލް ފެޑެރޭޝަންތަކުގެ މިންގަޑާއި ހިލާފުވާ އަދި ބެސްޓް ޕްރެކްޓިސްއާއި ބީރައްޓެހިކަމެއް ކަމަށް އޭނާ ވިދާޅުވެ އެވެ.

"2015/30 ގާނޫނު ވުޖޫދުކުރެވުނު ފަހުން ކޮމިޝަނަ އޮފް ސްޕޯޓްސްގެ ދައުރު އަދާކުރުމުގައި ކޮމިޝަނަރަށް ލިބިދީފައިވާ އިހްތިސާސްގެ ބޭރުން ބައެއް ކަހަލަ ފިޔަވަޅު އެޅުމުން ދިމާވެފައިވާ މައްސަތަކުން މިއަދާ ހަމައަށް ވެސް ބައެއް ކުޅިވަރުތައް ޕެރަލައިޒް ވެފައި އޮންނަން ޖެހިފައިވާކަން އެއީ މިހާރު ވެސް ކުރެވެމުންދާ ތަޖުރިބާއެއް،" ޝާހު ވިދާޅުވި އެވެ.

މި ސަރުކާރު އައި ފަހުން ކޮމިޝަނާ އޮފް ސްޕޯޓްސް މެދުވެރިކޮށް ފިޔަވަޅު އެޅި އެސޯސިއޭޝަނަކީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އެވެ. މިދިޔަ އަހަރު ޖޫން މަހު ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވަނީ ކޮމިޓީއެއް މެދުވެރިކޮށް ވީއޭއެމްގެ މައްސަލައެއް ބެލުމަށް ފަހު އޭރު އޮތް ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފްގެ ލީޑަޝިޕް އުވާލައި އެ އެސޯސިއޭޝަން ހިންގުން ނޯމަލައިޒް ކޮމިޓީއަކާ ހަވާލުކޮށްފަ އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް ވީއޭއެމްގެ ރައީސްގެ ގޮތުގައި ބައިނަލްއަގުވާމީ ފަރާތްތަކުން ގަބޫލުކުރަނީ އިންތިހާބީ ލަތީފް ރައީސް އެވެ. ވީއޭއެމްގެ ލީޑަޝިޕް މައްސަލަ އަށް ހައްލެއް ނުލިބި އޮންނަތާ މިހާރު ދޮޅު އަހަރު ހަމަވަނީ އެވެ.