އެއްވެސް ކުޅިވަރު އެސޯސިއޭޝަނަކުން ގާނޫނާ ހިލާފެއްނުވޭ: މަހްލޫފް

އޭނާ ކުޅިވަރާ ބެހޭ ވަޒީރުކަމާ ހަވާލުވި ފަހުން ރާއްޖޭގެ އެއްވެސް ކުޅިވަރު އެސޯސިއޭޝަނަކުން ރާއްޖޭގެ ގާނޫނާ ހިލާފަށް ކަންތައްތަކެއް ކޮށްފައިވާކަމަށް ގަބޫލުކުރެވޭނެ ޖާގައެއް ނެތް ކަމަށާއި ކުޅިވަރު އެސޯސިއޭޝަންތަކަށް ސިޔާސީ ނުފޫޒު ނުވައްދަން މި ސަރުކާރުން ވެފައިވާ ވައުދު މިހާތަނަށް ވެސް ފުއްދަމުން އަންނަ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.


ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްްރާމްގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ މިދިޔަ ދެ އަހަރެއްހާ ދުވަސްތެރޭގައި ރާއްޖޭގެ ކުޅިވަރަށް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ވައުދުތައް ފުއްދުމުގެ ގޮތުން ވީހާވެސް ބޮޑަށް އެސޯސިއޭޝަންތަކާ ގުޅިގެން މަސައްކަތްކޮށް ސިޔާސީ ނުފޫޒުން އެސޯސިއޭޝަންތައް އެއްކިބާވެ އޮވެ މަސައްކަތްކުރާނެ ޖާގަ ދީފައިވާ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"ކުޅިވަރު އެއްވެސް އެސޯސިއޭޝަނަކަށް ސިޔާސީ ކަމެއް ވައްދާކަށް ވެސް އަޅުގަނޑު މަސައްކަތެއް ނުކުރާނަން. ވަންނަން އުޅެންޏާ އެކަމެއް ހުއްޓުވަން ވެސް އަޅުގަނޑު މަސައްކަތްކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް ސްޕޯޓްސް ކޮމިޝަނަރު ވެސް އަދި ސްޕޯޓްސް ކައުންސިލް ވެސް ޔަގީންކަން ދެން މި ޒިންމާގައި އަޅުގަނޑުމެން ދެމިތިއްބާ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނަކުން ބައިނަލްއަގުވާމީ ފެޑެރޭޝަނެއްގެ ގަވާއިދުގެ ތެރެއިން ވިޔަސް ރާއްޖޭގެ ގާނޫނާ ފުށުއަރާކަމެއް ވިޔަ ނުދޭނެކަން."

މިނިސްޓަރު ވިދާޅުވީ މިހާތަނަށް އައިއިރު އެސޯސިއޭޝަންތަކާ އެކީ އޮތް ގުޅުން ވަރަށް ވަރުގަދަ ކަމަށާއި އެސޯސިއޭޝަންތައް މިނިވަންކޮށް މަސައްކަތްކުރަން ފުރުސަތު ދޭތީ އެކަން ބަލައިވެސް ގަންނަ ކަމަށެވެ. އެ ގޮތުން ބައެއް އެސޯސިއޭޝަންތަކުގެ އިސް ފަރާތްތަކާއި ކުޅިވަރު އާއިލާގެ ގިނަ މީހުންގެ ނަޒަރުގައި މިދިޔަ ދެ އަހަރަކީ 2008 ގެ ފަހުން ސިޔާސީ ނުފޫޒުން އެއްކިބާވެ އެންމެ ރަނގަޅަށް އެސޯސިއޭޝަންތައް އޮތް އަހަރުކަން މަހުލޫފް ފާހަގަކުރެއްވި އެވެ.

"ރައީސްގެ ވައުދެއް ކުޅިވަރު ކަންތައްތަކުގެ ތެރެއަށް ސިޔާސީ ނުފޫޒު ނުވެއްދުން. އެ ގޮތަށް މި ކުރިއަށްދަނީ. އަޅުގަނޑެއް ނުބަލަން ހޮވެނީ ކާކުތޯ އަންނަނީ ކާކުތޯ. މީގެ ތެރޭގައި އެމްޑީޕީ މެމްބަރެއް ނޫނީ ޕީޕީއެމް މެމްބަރެއްތޯ ވެސް ނުބަލަން. ގުޅިގެން މި ކުރާ މަސައްކަތަކީ ކުޅިވަރުން ގައުމަށް ފައިދާ ހޯދޭނެ ގައުމު ފަހުރުވެރި ކާމިޔާބެއް ހޯދޭނެ މަސައްކަތްތައް،" މަހުލޫފް ވިދާޅުވި އެވެ.

މިދިޔަ ދެ އަހަރު ދުވަހަށް ބަލާއިރު ރާއްޖޭގެ ކުޅިވަރު ކުޅުންތެރިން ހޯދި ކާމިޔާބީގައި ސަރުކާރާއި އެސޯސިއޭޝަންތައް ގުޅިގެން ކުރި މަސައްކަތް މުހިއްމު ދައުރެއް އަދާކޮށްފައިވާކަން ކުޅުންތެރިންގެ ޝުއޫރުތަކުން ވެސް އެނގިގެންދާ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

މެމްބަރު ހަސަން ލަތީފާއި މެމްބަރު އަލީ އާޒިމާއި މިނިސްޓަރުގެ ހިޔާލުތަފާތުވުންތަކެއް

ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ސްޕޯޓްސް މިނިސްޓަރު ހަސަން ލަތީފް ކުޅިވަރާ ބެހޭ ގާނޫނަށް ހުށަަހަޅުއްވާ އިސްލާހުގެ ތެރޭގައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި ކުޅިވަރު ޖަމިއްޔާތަކުގެ އިންތިހާބު ބާއްވާނީ އިލެކްޝަން ކޮމިޝަނުން ކަމަށް ހިމަނުންވާފައިވާތީ އެކަމާ މިނިސްޓަރު މަހުލޫފް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައި ޓްވީޓްކުރައްވައިފަ އެވެ.

މަހުލޫފް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި މީގެ ކުރިން ސްޕޯޓްސް މިނިސްޓަރުކަން ކުރެއްވި ހަސަން އަށް ކުޅިވަރުގެ އިންތިހާބުތައް އިލެކްޝަން ކޮމިޝަން ދަށަށް ނުގެނެވޭނެކަން ނޭނގި އޮތުމުން އެކަމާ ކަންބޮޑުވާކަމަށެވެ.

"އެ އަށް ވުރެން ސާފުކޮށެއް ތާޑް ޕާޓީ އިންފްލުއެންސެއް ނުފެންނާނެ. ކުޅިވަރުގެ މިނިސްޓަރުކަން ކުރައްވާފައި ވަޑައިގެންނެވި ބޭފުޅެއް އެވަރުގެ އިސްލާހެއް ލެއްވިއިރު އެނގިވަޑައިނުގަންނަވާ އެކަން ނުކުރެވޭނެކަން. އެކަން ކޮށްފިއްޔާ ރާއްޖެ ހުރިހާ ކުޅިވަރަކުން ސަސްޕެންޑްވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން މިނިސްޓަރު މަހުލޫފާއި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމްއާ ވެސް ހިޔާލު ތަފާތުވުންތަކެއް ފެނިގެންދިޔަ އެވެ. އެއީ އެފްއޭއެމްގެ އިލެކްޝަނާ ގުޅުން ހުރި ކަންތައްތަކެއްގަ އެވެ. މިނިސްޓަރު މަހުލޫފް ވަނީ މަޖިލީހުގެ އެދުމަށް އެފްއޭއެމްގެ އިންތިހާބު ފަސްކުރަން އެދޭ ކަމަށް ބުނެ ސިޓީއެއް ފޮނުވައިފަ އެވެ. އެއީ އޭރު އެފްއޭއެމާ ގުޅުންހުރި މައްސަލަތަކެއް މަޖިލީހުން ބަލަމުންދިޔަ ދަނޑިވަޅެއްގަ އެވެ. އެކަމަކު ކުޅިވަރު އެސޯސިއޭޝަނެއްގެ އިންތިހާބު ފަސްކުރަން މިނިސްޓަރު ސިޓީއެއް ފޮނުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭރު ވެސް މަހުލޫފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެއްވެސް ކުޅިވަރު އެސޯސިއޭޝަނަކުން ބައިނަލްއަގުވާމީ ފެޑެރޭޝަނުގެ އުސޫލުގެ ތެރެއިން ވިޔަސް ރާއްޖޭގެ ގާނޫނާ ހިލާފަށް ކަމެއް ކުރިކަމަށް ބަޔަކު ބުނި ނަމަވެސް އޭގެ ހަގީގަތެއް ކަމަށް ދެއްކޭނެ ގޮތެއް އަދި ނެތް ކަމަށާއި އެއީ ކުޅިވަރާ ބެހޭ ކޮންމެ މައްސަލައެއް ވެސް ހައްލުކުރުމުގައި މިނިސްޓްރީ މެދުވެރިކޮށް މަސައްކަތްކުރަނީ ކުޅިވަރުގެ ރޫހުގެ ތެރެއިން އެކަން ހައްލުކުރަން ކަން ސާފުކޮށް އެނގެން އޮތް ކަމަށެވެ.

"މާދަމާ ވެސް ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކުރަންވީ އެފްއޭއެމް މި ހިސާބުން އުވާލިއްޔޭ. އެފްއޭއެމް ކަންތައް އެ ހިސާބުން ނިމޭނެ އިނގޭތޯ. އެކަމަކު ބަލަންވީ މީގެ އިން ދެން ނުކުންނަ ނަތީޖާ ކިތައް އާއިލާ އަށް ތޯ މީގެއިން އަސަރުކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމަ މިސާލަކަށް ރައީސުލް ޖުމްހޫރިއްޔާގެ ވެސް އަޅުގަނޑުގެ ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވެސް ނެތޭ ތިމަންނަ މެން ބޭނުންވާ ގޮތަށޭ (ކުޅިވަރު އެސޯސިއޭޝަން)ގެ އިންތިހާބު ބޭއްވޭނީ ބުނެވެން. އިލެކްޝަން ކޮމިޝަނުންނޭ ބޭއްވޭނީ ރައްޔިތުންގެ މަޖިލީހުންނޭ ބޭއްވޭނީ. މީގެ ކުރިން އެބަހުރި ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަން ބާއްވާފައި. އެއީކީ ކުރެވޭނެ ކަމެއް ނޫން އިނގޭތޯ."

ކުޅިވަރުގައި ހުރި މައްސަލަތައް ރަނގަޅުކުރުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށާއި އެކަމަކު އެކަން ކުރަން ޖެހޭނީ ރާއްޖޭގެ ސަރުކާރުގެ ވެސް ބަސް ހިމެނޭ ގޮތަށް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ބައިނަލްއަގުވާމީ ފެޑެރޭޝަންތަކާ އެކީ ވެފައިވާ އެއްބަސްވުމާ ހިލާފުނުވެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ކުޅިވަރުގެ މައްސަލަތައް ހިފައިގެން ކޯޓަށް ދިއުމުގެ ބަދަލުގައި ކުޅިވަރުގެ ރޫހުގެ ތެރެއިން ބައިނަލްއަގުވާމީ ގޮތުން ވެސް ކުޅިވަރުގައި އަމަލުކުރާ ތަރަހައިގެ ތެރެއިން ކަންތައްތައް ކުރުމަކީ ރާއްޖެ އަށް ވެސް އޭގެ އެންމެ ފައިދާ ބޮޑުގޮތްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.