މާޒިޔާ ޗެއާމަން ސާޖިދު (ކ) އާއި ކީޕަރު ނިކޯލާ.-- ފޮޓޯ: މާޒިޔާ
މެސެޑޯނިއާ އާއި ސާބިއާ އަދި ބޮސްނިއާގައި ގިނަ އަހަރުތަކެއް ވަންދެން ކުޅެފައިވާ ގޯލްކީޕަރު ނިކޯލަ ވުޔަނަކް ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އަށް ސޮއިކޮށްފި އެވެ.
އުމުރުން 29 އަހަރުގެ ނިކޯލަ އެންމެ ފަހުން ކުޅެފައިވަނީ ބޮސްނިއާ ދެ ވަނަ ޑިވިޝަނުގެ ކްލަބް އެވެޒްޑާ 09 އަށެވެ. އޭގެ ކުރިން ސާބިއާގެ ފުރަތަމަ ޑިވިޝަންގެ ރެޑްނިކް އާއި މެސެޑޯނިއާގެ ފުރަތަމަ ޑިވިޝަންގެ ތިން ކްލަބެއް ކަމަށްވާ ބެލަސީކާ އާއި އަކަޑް ޕަންޑޭވް އަދި ސިލެކްސް އަށް ވަނީ ކުޅެފަ އެވެ. އިސްކޮޅުގައި ހަ ފޫޓް ތިން އިންޗި ހުންނަ ނިކޯލަގެ އެންމެ ފާހަގަކޮށްލެވޭ އުސްއައްޔަކީ މީގެ ހަތަރު އަހަރު ކުރިން ޔޫރޮޕާ ލީގުގެ ކޮލިފައިންގައި ސިލެކްސް ޓީމުގައި ހިމެނިގެން ލިޗެސްޓައިންގެ ޗެމްޕިއަން އެފްސީ ވެޑަޒްއާ ދެކޮޅަށް ކުޅުނު ދެ މެޗެވެ.
ރެޑްނިކްގެ އިތުރުން ނިކޯލަ ވަނީ ސާބިއާގެ ގިނަ ޓީމުތަކަށް ކުޅެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޑިނަމޯ ވްރާންޔޭ، ޕޮޒަރެވަކް، ރަޑްނިޗީ ޕިރަޓް، ޕަރަޝިން، ސްލޯގާ ކްރަލްޔިއޭވޯ އަދި އެފްކޭ އޮބިލިކް އެވެ.
މާޒިޔާ އިން ބިދޭސީ އާ ބިދޭސީ ކީޕަރެއް ގެންނަން ނިންމީ މިިދިޔަ ސީޒަނުގައި އެ ޓީމުގެ ގޯލު ބެލެހެއްޓި އަފްގާނިސްތާންގެ ގޯލްކީޕަރު އޮވޭސް އަޒީޒީގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމުމަށް ފަހު އެވެ. ފާއިތުވި އަހަރުތަކުގައި މާޒިޔާގެ ގޯލު ބެލެހެއްޓި ބިދޭސީ ކީޕަރުންގެ ތެރޭގައި އަޒީޒީގެ އިތުރުން އިޓަލީގެ މައުރޯ ބޮއެޗިއޯ އާއި ސީރިއާގެ މަހުމޫދު އަލް ޔޫސުފް އަދި ކިރްކިސްތާންގެ ޕަވެލް މަޓިއަޝް ހިމެނެ އެވެ.
މިދިޔަ ސީޒަނުގައި މާޒިޔާއިން އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރިއިރު އެ ޓީމުގެ ފަހަތުގައި މޮޅު ކުޅުމެއް ދެއްކި ސާބިއާގެ ޑިފެންޑަރު ޕީޓަ ޕްލެނިޗްގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ.
މާޒިޔާ އަށް ސޮއިކުރުމަށް ފަހު ޕީޓަ (ވ) އެ ކްލަބްގެ ޗެއާމަން ސާޖިދުއާ އެކު.-- ފޮޓޯ: މާޒިޔާ
ސާބިއާގެ ފުރަތަމަ ޑިވިޝަނުގައި ކުޅުމަށް ފަހު ޕްލެނިޗް އެންމެ ފުރަތަމަ ބަދަލުވި އޭޝިއާގެ ކްލަބަކީ ލެބަނަންގެ ނެޖްމާ އަށެވެ. އެ ޓީމާ އެކު 2017 ވަަނަ އަހަރުގެ އޭއެފްސީ ކަޕްގައި ޕްލެނިޗް ކުޅުނެވެ. އޭގެ ފަހުން އޭނާ ފެނުނީ އިންޑޮނީޝިއާގެ ސުޕަ ލީގުންނެވެ. އޭނާ ކުޅުނީ ސުޕަ ލީގުގެ ޕީއެސްއައިއެސް ސެމަރަން އަށެވެ. އަބަހާނީ އަށް ކުޅުމުގެ ކުރިން އޭނާ ވަނީ ބޮސްނިއާ ދެ ވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ސްލޯގާ އަށް ކުޅެފަ އެވެ. ކަނާތު ފައިން ކުޅޭ ޕްލެނިޗް އަކީ ޑިފެންސްގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ކުޅުންތެރިޔެކެވެ. މާޒިޔާއާ ގުޅުމުގެ ކުރިން ޕީޓަ ވަނީ ބަންގްލަދޭޝްގެ ޗިޓަގޮން އަބަހާނީ އަށް ކުޅެފަ އެވެ.
ނިކޯލާ އާއި ޕްލެނިޗް އަކީ މާޒިޔާ އިން އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރިއިރު ވެސް ގެންނަން ނިންމާފައިވާ ކުޅުންތެރިންނެވެ. އޭއެފްސީ ކަޕް މި އަހަރުގެ މުބާރާތް ވަނީ ކެންސަލްކޮށްފަ އެވެ. އެކަމަކު އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް މާޒިޔާ އަށް ޔަގީންވެފައިވާތީ އެ ޓީމުން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާނީ އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ވެސް ވިސްނުމުގަ އެވެ.
މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ކޯޗުކަމުގައި ކުރިއަށް އޮތް ސީޒަނުގައި މާޒިޔާ ކުޅޭއިރު، އެންމެ ފުރަތަމަ ޕްރީ ސީޒަން ޕްރެކްޓިސް ފެށީ އެ ޓީމުންނެވެ. މިދިޔަ އަހަރު މާޒިޔާގައި އޮތް ސްކޮޑުގެ މެޖޯރިޓީ މި ފަހަރު ވެސް އެ ޓީމުގައި ތިބޭނެ އެވެ. ލޯކަލް ކުޅުންތެރިންގެ ތެރެއިން މާޒިޔާ އިން ގެނައީ ތަޖުރިބާކާރު އެޓޭކިން މިޑްފީލްޑަރު މުހައްމަދު އުމެއިރު އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އޮއިއްބެޓް
03 November 2020
އޮއްޕޮ ވެސް ކުޅުނު ޔޫރަޕުގެ ޓީމަކަށް
Hassan
03 November 2020
ޔޫރަޕު އެއީ އެސޮރު އުފަން ބިން.