ހަސަންގެ އިސްލާހާ މެދު ކުޅިވަރު އެސޯސިއޭޝަންތަކުން ކަންބޮޑުވުން ފާޅުކޮށްފި

ކުރީގެ ސްޕޯޓްސް މިނިސްޓަރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ކުޅިވަރާ ބެހޭ ގާނޫނަށް ހުށަަހަޅުއްވާ އިސްލާހުގެ ތެރޭގައި ހުރި ބައެއް ކަންތައްތަކާ މެދު ގައުމީ 18 ކުޅިވަރު އެސޯސިއޭޝަނަކުން ކަންބޮޑުވުންފާޅުކޮށްފި އެވެ.


އަށާރަ އެސޯސިއޭޝަންގެ ސްޓޭމްޕް ޖަހައި އާންމުކޮށްފައިވާ ބަޔާނުގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ހަސަން ހުށަހަަޅުއްވާފައިވާ އިސްލާހުގައި ހިމެނޭ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތައް އިލެކްޝަން ކޮމިޝަން ދަށަށް ގެންދިއުމުގެ މައްސަލައަަށެވެ. އިސްލާހުގެ އެ ބަޔާ މެދު އެސޯސިއޭޝަން މައިގަނޑު ގޮތެއްގައި ހަތަރު ކަމެއް ފާހަގަކުރެ އެވެ.

އެގޮތުން އެ އިސްލާހަކީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ އޮލިމްޕިކް ޗާޓަރުގެ 27.5 އާއި 27.6 އާ ހިލާފުކަން ބަޔާންކޮށްފައިވެ އެވެ. އެ އިސްލާހު ގެނެސްފި ނަމަ އޮލިމްޕިކް ޗާޓަރުގެ 27.9 އާ ރާއްޖޭން ހިލާފުވާނެ ކަމާއި އެއާ އެކު އޮލިމްޕިކް ޗާޓަރުގެ 59 ވަނަ މާއްދާގައިވާ އޮލިމްޕިކް މޫވްމަންޓް ރާއްޖޭގައި ހުއްޓި ރާއްޖެ ސަސްޕެންޑް ވެގެންދާނެކަން ވެސް ކަންބޮޑުވުންތަކުގައި ފާހަގަކޮށްފައިވެ އެވެ.

"ދުނިޔޭގެ ކުޅިވަރު ތާރީހުގައި މި ޒާތުގެ މައްސަލަތަކުގެ ސަބަބުން އެތައް ގައުމެއް ސަަސްޕެންޑްވެފައިވާކަން ފެންނަން އޮތްއިރު، މި ކަހަލަ ކަމެއްގެ ސަބަބުން ދިވެހިރާއްޖެ ސަސްޕެންޑްވުމަކީ ދިވެހިރާއްޖޭގެ ކުޅިވަރު އާއިލާ އާއި ކުޅިވަރަށް ލޯބިކުރާ އެއްވެސް ދިވެހި ރައްޔިތަކު އެދޭނެ ކަމެއް ނޫން ކަމުގައި ދެކެމެވެ،" ބަޔާނުގައުވެ އެވެ.

ކުޅިވަރު އެސޯސިއޭޝަންތަކުގެ ބަޔާނުގައި ދެން ފާހަަގަކޮށްފައިވާ ކަމަކީ ހަސަންގެ އިސްލާހުގައިވާ ކުޅިވަރު އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދާއި ހިންގާ ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ކުޅުންތެރިން ވީއްލުމާއި އިދާރީ ހިންގުމާ ބެހޭގޮތުން ހުށަހަޅާފައިވާ އިސްލާހުތަކަކީ މިހާރު ވެސް ކުޅިވަރު ގާނޫނުން ބާރު ލިބިގެން އެސޯސިއޭޝަންތަކުގައި އަމަލުކުރަމުން އަންނަ ކަންތައްތަކެއް ކަމަށެވެ.

"...ހުރިހާ އެސޯސިއޭޝަނަކުން ވެސް ކުރަމުން އަންނަ މި ފަދަ ކަންކަން ނުކުރާކަމަށް ދޭހަވާ މޭރުމުން މި ބިލުގައި ހިމަނާފައިވުމާއި އަދި ކުޅިވަރު އެސޯސިއޭޝަންތަކަކީ އެއްވެސް އަސާސެއް އަދި އުސޫލެއް ވެސް ނެތި ހިނގަމުންދާ ތަންތަންކަމަށް ދިވެހި ރައްޔިތުންނަށް ދޭހަވާ ބީދައިން މި އިސްލާހާ ގުޅޭގޮތުން ވާހަަކަ ދައްކަމުން ގެންދާތީ އެކަމާ ދިވެހި ކުޅިވަރު އާއިލާ އިން ކަންބޮޑުވާކަމާއި ހިތާމަކުރާކަން މި ފުރުސަތުގައި ފާހަގަކުރަމެވެ،" ބަޔާނުގައިވެ އެެވެ.

މި ސަރުކާރުން ކުޅިވަރު ސިޔާސީނުކޮށް ކުޅިވަރު ކުރިއަރުވަން ކުރާ މަސައްކަތްތައް އެސޯސިއޭޝަންތަކުން ވަނީ ފާހަގަކޮށްފަ އެވެ. އަދި ކުޅިވަރު ތަރައްގީކުރަން ސަރުކާރުން ކުރާ މަސައްކަތްތަކުގައި އެސޯސިއޭޝަންތަކުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީ ދީފަ އެވެ.

ހަސަންގެ އިސްލާހު ފާސްވެއްޖެނަމަ ގިނަ ކުޅިވަރުތަކަކުން ރާއްޖެ ސަސްޕެންޑްކުރާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އެސޯސިއޭޝަންތަކުން މިރޭ އާންމުކުރި ބަޔާނެއް ޓްވީޓްކުރައްވައި މިނިސްޓަރު މަހުލޫފް ވިދާޅުވީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ބަޔާނުން، އޮލިމްޕިކް ޗާޓަރާ ހިލާފުވުމުން އޮލިމްޕިކް މޫވްމަންޓުން ރާއްޖެ ސަސްޕެންޑްކުރާނެކަން އެނގޭ ކަމަށެވެ. އަދި މި ސަރުކާރުން ކުޅިވަރު ސިޔާސީ ނުކުރާކަން އެސޯސިއޭޝަންތަކުން ވެސް ގަބޫލުކުރާކަން ބަޔާނުން ހާމަވެއްޖެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ސޮއިކޮށްފައިވާ އެސޯސިއޭޝަންތަކަކީ ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ހޭންޑްބޯލް މޯލްޑިވްސް، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން، ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް، ވޮލީބޯލް އެސޯސިއޭޝަން އޮޮފް މޯލްޑިވްސް، ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ޓޭބަލްޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން، ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ސްވިމިން އެސޯސިިއޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް، މޯލްޑިވްސް ސާފިން އެސޯސިއޭޝަން، ކެރަމް އެސޯސިއޭޝަން އޮޮފް މޯލްޑިވްސް، ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން އަދި މޯލްޑިވްސް ޗެސް އެސޯސިއޭޝަނެވެ.